Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އެމީހުން ހަނދާނެއް ނުނެތެއެވެ.

މަތީގައިވާ ފޮޓޯއަކީ ޔޫނާނީ ލަޝްކަރުގެ ކޮމާންޑަރު ސޮފިކްލޮސް، 1919 ވަނަ އަހަރު، ތުރުކީގެ ބުރުސާ ހިފުމަށްފަހު، އުސްމާނީ ޚިލާފަތުގެ ބާނީ އުސްމާން ޣާޒީގެ މަގުބަރާގެ ދޮރު ވައްޓާލުމަށްފަހު، އެތެރެއަށް ވަދެ، އުސްމާން ޣާޒީގެ މަގުބަރާގައި ނަގާފައިވާ ފޮޓޯއެކެވެ.

ފަރަންސޭސި ޖެނެރަލް ހެންރީ ޖޯސެފް ޔޫޖިން ގޮރޯޑް 23 ޖުލައި 1920ގައި، މައިސަލޫން ހަނގުރާމައިގައި ސީރިއާގެ ދިމިޝްޤު ހިސާރުކޮށް، ސީރިއާގެ އިންގިލާބީންގެ ލަޝްކަރު ބަލިކޮށްލައި، ދިމިޝްޤަށް ވަދެ، އެންމެ ފުރަތަވެސް އޭނާ ދިޔައީ ޞަލާޙުއްދީނުލް އައްޔޫބީގެ މަގުބަރާއަށެވެ. އޭނާ އެތަނަށް ވަދެ، ޞަލާޙުއްދީނުލް އައްޔޫބީގެ މަގުބަރާގައި ފައިން ޖެހުމަށްފަހު ބުންޏެވެ. "އޭ ޞަލާޙުއްދީނެވެ! ތެދުވާށެވެ! އަހުރެމެން މިތިބީ އެނބުރި އައިހެވެ. އަހުރެން މިތަނުގައި ހުރުމުން ހަނދުފަޅީގެ މައްޗަށް ޞަލީބު ހޯދި ކާމިޔާބީ މުޤައްދަސްކޮށް މަތިވެރިކޮށްދެއެވެ."

ފަރަންސޭސި ޖެނެރަލް ލުއިސް ހުބަރޓް ގޮންޒާލްވޭ ލައޫޓޭ، 1912 ގައި މޮރޮކޯގެ މަރަކޭޝްއަށް ވަދެ، އެންމެ ފުރަތަމަވެސް ދިޔައީ، ޔޫސުފް ބިން ތާޝްފީންގެ މަގުބަރާއަށެވެ. އޭނާ އެތަނަށް ވަދެ، ޔޫސްފް ބިން ތާޝްފީންގެ މަގުބަރާގައި ފައިން ޖެހުމަށްފަހު ބުންޏެވެ. "އޭ ޔޫސުފް ބިން ތާޝްފީނެވެ. އަހުރެމެން މިތިބީ އެނބުރި އައިހެވެ."

އަންދަލުސްގައި މުސްލިމުން 800 އަހަރުވަންދެން ކުރަމުންއައި ވެރިކަން ވެއްޓި، ކޮމާންޑަރ އަލްފޮންސޯ، އަބީ ޢާމިރު އަލް މަންސޫރު އަލް ޙާޖިބުގެ މަގުބަރާއަށް ގޮސް، އެ މަގުބަރާގެ މަތީގައި ފޭލިގެ ޖަހައި، އެތަނުގައި ރަނުގެ އެނދެއް ބަހައްޓައި، އޭނައާއި އޭނާގެ އަންހެނުން އެތަނުގައި ރޭކުރިއެވެ. އަދި ބުންޏެވެ. "ކަލެއަށް މިއަދު ނުފެނޭހެއްޔެވެ؟ މުސްލިމުންނާއި އަދި ޢަރަބީންގެ ބިންތައް މިވަނީ އަހުރެންގެ ބާރުގެ ދަށުގައެވެ. އަދި އަހުރެން އިށީނދެގެން މި އިނީ އެމީހުންގެ އެންމެ ވަރުގަދަ އެއް ލީޑަރުގެ މަގުބަރާގެ މަތީގައެވެ."

އެ ވަގުތު އެތަނުގައި ހުރި މީހަކު ބުންޏެވެ. "ކަލާނގެ ގަންދީ ބުނަމެވެ. މި މަގުބަރާގައިވާ މީހާ ނޭވާލާނަމަ، އަހުރެމެންގެ ތެރެއިން އެކަކުވެސް ދިރިދުނިޔޭގައި ނުބެހެއްޓީހެވެ. އަދި އަހުރެމެންނަށް މި ބިމަކަށް ނުވެސް ވަދެވުނީހެވެ."

ޔޫނާނީ ލަޝްކަރުތައް 1919 ވަނަ އަހަރު ތުރުކީއަށް ހަމަލާދީ ތުރުކީގެ ބުރުސާއަށް ވަނުމަށްފަހު، އެ ލަޝްކަރުގެ ކޮމާންޑަރު ސޮފިކްލޮސް ވެނީޒްލޮސް، އުސްމާނީ ޚިލާފަތުގެ ބާނީ އުސްމާން ޣާޒީގެ މަގުބަރާ ހޯދުމަށްފަހު، އެތަނުގެ ދޮރު ވައްޓާލައި އެތެރެއަށް ވަދެ، އޭނާގެ ކަނޑިމައްޗަށް ނަގައި، އުސްމާނު ޣާޒީގެ މަގުބަރާގައި ފައިން ޖެހުމަށްފަހު ބުންޏެވެ. "ބޮޑު ފޮށާއެޅި ވަރުގަދަ އުސްމާނެވެ. ތެދުވެގެން ދާށެވެ! ކަލޭގެ ކާފަ ދަރީންގެ ޙާލަތު ދެކި ބަލާށެވެ! ކަލޭ ބިނާކުރި ބިޔަ ގައުމު، އަހުރެމެން ހަލާކުކޮށް ސުންނާފަތި ކޮށްލައިފީމެވެ. އަދި އަހުރެން މި އައީ ކަލޭ މަރާލާށެވެ."

އަހުރެމެން ތާރީޚު ހަނދާން ނައްތާލިއަސް އެމީހުން ތާރީޚު ހަނދާން ނައްތައެއް ނުލައެވެ. އެމީހުންނަކީ ނޫ ލޯލީ، ގައިގެ ކުލަ އާއި އިސްތަށިގަނޑުގެ ކުލަ ދޮން، ތަހުޒީބުވެފައިވާ ހުޅަނގުގެ މީހުންނެވެ. އެއީ، ޢިރާޤާއި ލީބިޔާއާއި ސީރިއާއި ޔަމަނާއި ސޫދާނާއި ފަލަސްޠީނާއި އީރާނާއި ކަޝްމީރުގައި ތިބި ކަހަލަ ތަހުޒީބުނުވާ ބައެއް ނޫނެވެ. މިކަހަލަ ތަހުޒީބުނުވާ މީހުންގެ ބޮލަށް ކޮންމެ ދުވަހަކުވެސް ބޮން އަޅަންވީއެވެ. ކަތިލަންވީއެވެ. މަރަންވީއެވެ. އެކަމަކު ހުޅަނގުގެ ތަހުޒީބުވެފައިވާ ނޫ ލޯލީ، ގައިގެ ކުލައާއި އިސްތަށިގަނޑުގެ ކުލަ ދޮންމީހުންގެ އިސްތައްޓަކަށްވެސް ގެއްލުމެއްވެގެން ނުވާނެއެވެ.