Support Us

ކޮލަމް ކޯދު: އެކި ދިމަދިމާއިން ހޮވާލައިފައިވާ ހަރުބަސްކޮޅެއް

ހަނދާންކޮށްލުން މުހިއްމީ ކަލޭގެ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ ވެސް، އެއީ އުފަލެއް ކަމުގައި ވިޔަސް ނޫނީ ހިތާމައެއް ކަމުގައި ވިޔަސް، ކަލޭގެ ކުރިން، އެކިއެކި ސަގާފަތްތަކުގެ މީހުން އެކަންކަން ތަޖުރިބާކޮށް ތަހައްމުލު ކޮށްފައިވާ ކަންކަމެވެ. އެހެންވީމާ، އެކި ބަސްބަހާއި ސަގާފަތްތަކުގެ ހަރުބަސްތައް ދަސްކޮށް، އެއިން އިލްމާއި ހިކުމަތް ލިބިގަތުމަކީ ބުއްދިވެރިކަމެކެވެ.

  1. އަވަހަށް ދާން ބޭނުން ނަމަ، އެކަނި ދާށެވެ! ދުރަށް ދާން ބޭނުން ނަމަ، ބަޔަކާ އެކުގައި ދާށެވެ. (އެފްރިކާގެ ހަރުބަހެއް)
  2. ހަތް ފަހަރު ވެއްޓުނަ ދޭށެވެ. އަދި އަށް ފަހަރު ތެދުވާށެވެ! (ޖަޕާނުގެ ހަރުބަހެއް)
  3. ބުނާ ބަސް ޖެހޭނީ ކިރާށެވެ! ގުނާކަށް ނޫނެވެ. (ޔިޑިޝް ބަހުގެ ހަރުބަހެއް)
  4. ގިނަ ދުވަހު ދުނިޔޭގައި ނޫޅެވޭނޭ ކަމަށް ވަންޏާ، ހަޔާތުގެ ފުންމިނުގައި އުޅެވޭތޯ ބަލާށެވެ! (އިޓަލީ ވިލާތުގެ ހަރުބަހެއް)
  5. އެ ތަނެއްގައި ލޯބި ވެރިކަންކުރާ ނަމަ، މުސްތަހީލު ކަންކަން ވެސް ހާސިލުކުރެވިދާނެއެވެ. (އިންޑިޔާގެ ހަރުބަހެއް)
  6. އަނދިރިކަމަށް ލައުނަތް ދިނުމަށް ވުރެން، އުއްބަތިއެއް ރޯކޮށްލުން މޮޅު އިތުރުވެގެން ވެއެވެ. (ޗައިނާގެ ހަރުބަހެއް)
  7. ހެޔޮ ކަމެއް ކޮށްފައި އެ ކަން ކަނޑަށް އެއްލާލާށެވެ! (އަރަބި ހަރުބަހެއް)
  8. ބާރުގެ ބޭނުން ކުރާ މީހަކީ ބުއްދީގެ ބޭނުން ކުރަން ޖެހިލުންވާ މީހެކެވެ. (ކެންޔާގެ ހަރުބަހެއް)
  9. ހަމަހިމޭން ފެންގަނޑު ފުންވާނެއެވެ. (ލެޓިން ބަހުގެ ހަރުބަހެއް)
  10. ދަތުރު ނުކުރާ މީހަކަށް މީހުންގެ އަގު ވަޒަންކުރާކަށް ނޭނގޭނެއެވެ. (އަރަބި ހަރުބަހެއް)
  11. ހާސް ފަހަރު މިން ބަލާށެވެ. އަދި އެއް ފަހަރު ކަނޑާށެވެ! (ތުރުކީ ބަހުގެ ހަރުބަހެއް)
  12. ސަމުސަލަކަށް ޝަރުބަތުގެ މީރުކަމެއް ނޭނގޭނެއެވެ. ހަމަ އެހެންމެ، ކިތަންމެ ވަރަކަށް ކިޔެވިޔަސް، މޮޔައަކަށް ހިކުމަތުގެ ފޮނި ރަހައެއް ނުލިބޭނެއެވެ. (ވެލްޝް ބަހުގެ ހަރުބަހެއް)
  13. އެންމެ ރީތި ވައްތީނީގައި ވެސް ފަންޏެއް އިނދެދާނެއެވެ. (ޒޫލޫ ބަހުގެ ހަރުބަހެއް)
  14. ކަލޭގެ އަމިއްލަ ނަފްސު ބަދަލުކޮށްލާށެވެ! އޭރުން ކަލޭގެ ނަސީބު ވެސް ބަދަލުވެ، ރަނގަޅުވެދާނެއެވެ. (ޕޯޗުގީޒު ބަހުގެ ހަރުބަހެއް)
  15. މާ ގިނަ ކަންކަން ކުރަން ފަށައިގަންނަ މީހާއަށް ހާސިލުވެވެނީ ވަރަށް ވެސް މަދުކަމެކެވެ. (ޖަރުމަނު ބަހުގެ ހަރުބަހެއް)
  16. އެހެން މީހުންގެ ވާހަކަތައް ކަލޭ ގާތު ކިޔާ މީހާ، އެހެން މީހުން ގާތު ކަލޭގެ ވާހަކަ ވެސް ކިޔާނެއެވެ. (އިސްޕޭނު ބަހުގެ ހަރުބަހެއް)
  17. ރީތިކަން ވަނީ އެ ރީތިކަން ދެކޭ ލޮލުގައެވެ. (އިނގިރޭސި ހަރުބަހެއް)
  18. ކަލެއަށް ފަލިޖަހައި އެނބުރި ނާދެވޭހާ ދުރަށް ދަތުރުކޮށްފައި ދާން ނުހަދާށެވެ. (ޑެނިޝް ބަހުގެ ހަރުބަހެއް)
  19. ނޭނގުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ލަދުގަންނަން ޖެހެނީ ހޯދަން ނޫޅޭ ކަމާ މެދުގައެވެ. (ރޫސީ ހަރުބަހެއް)
  20. އެތްތަކުގެ މެދުގައި ކުރެވޭ ހަނގުރާމައިގައި ހިނިތައް ފުނޑުފުނޑުވެ ދެއެވެ. (ތައި ބަހުގެ ހަރުބަހެއް)
  21. ލަނޑުދަނޑިއަށް ވާސިލުވުމުގެ ކުރިން ލަނޑުދަނޑި ކަނޑައަޅާލަން ޖެހެއެވެ. (ޔޫނާނީ ހަރުބަހެއް)
  22. ހެޔޮ ނަސޭހަތް ބޮލަށް އުނދަގޫ ކުރެއެވެ. ނުބައި ނަސޭހަތް އެއް ގޮތަކަށް ވެސް ބޮލަށް އުނދަގުލެއް ނުކުރެއެވެ. (ފަރަންސޭސި ހަރުބަހެއް)
  23. މީހަކަށް މަހެއް ދީފި ނަމަ، އޭނާއަށް އެއް ދުވަހުގެ ކާނާ ދެވެއެވެ. މަސް ހިފަން މީހަކަށް ދަސްކޮށްދީފި ނަމަ، މުޅި އުމުރަށް އޭނާއަށް ކާނާ ދެވެއެވެ. (ޗައިނާ ބަހުގެ ހަރުބަހެއް)
  24. އަހަރެންގެ ހިތާމައާ މެދު އުފާނުކުރާށެވެ. އެހެނީ އަހަރެންގެ ހިތާމަ މުސްކުޅިވާ ވަގުތު ކަލޭގެ ހިތާމަ އޮންނާނީ ޅަކޮށެވެ. (އިސްޕޭނު ބަހުގެ ހަރުބަހެއް)
  25. ދުނިޔެއިން ކަލެއަށް ފެންނާނީ ކަލޭގެ ނަފްސުގެ ތެރެއިން ކަލެއަށް ފެންނަ ކަމެކެވެ. (އަފްޣާނުންގެ ހަރުބަހެއް)
  26. ކުޑަ ކުއްޖެއް ބަލާ ބޮޑުކުރަން އަވަށެއް ބޭނުންވެއެވެ. (އެފްރިކާގެ ހަރުބަހެއް)
  27. ބުނާ އެއްޗެއް ދިރާސާކުރާށެވެ. ބުނި މީހާއެއް ނޫނެވެ. (އަރަބި ހަރުބަހެއް)
  28. ދެ ނުބައި ކަމެއް ކުރުމަކުން ރަނގަޅުކަމެއް ކުރެވުނު ކަމަކަށް ނުވާނެއެވެ. (އިނގިރޭސި ހަރުބަހެއް)
  29. ބޮޑު ގޮނޑިއެއްގައި އިށީނުމަކުން ރަސްކަލަކަށް ނުވާނެއެވެ. (ސޫދާނުގެ ހަރުބަހެއް)
  30. ޅައިރު އިރުޝާދު ދިނުމަކީ ހިލައިގައި ބިންވަޅު ނެގުން ފަދަ ކަމެކެވެ. (މަޣުރިބު ކަރައިގެ ހަރުބަހެއް)
  31. ފުން ޝައްކުތައް ފުން ހިކުމަތްތަކާ ހަމައަށް ގެންގޮސް ދެއެވެ. ކުދިކުދި ޝައްކުތަކުން ލިބިގަނެވޭނޭ މާ ބޮޑު ހިކުމަތެއް ނޯވެއެވެ. (ޗައިނާ ބަހުގެ ހަރުބަހެއް)
  32. މީހަކަށް ހެޔޮ ނަސީބު ފަހަތަކުން ނުދެވެއެވެ. ނަމަވެސް، ހެޔޮ ނަސީބު އޭގެ އަހުލުވެރިޔާ ފަހަތުން ދެއެވެ. (ތުރުކީ ބަހުގެ ހަރުބަހެއް)
  33. ދެ ފޮތަށް ވުރެ މުދައްރިސެއް ހެޔޮވެ އިތުރުވެގެން ވެއެވެ. (ޖަރުމަނުގެ ހަރުބަހެއް)
  34. ރީތި އެއްޗެއް ދުވަހަކު ވެސް ފުރިހަމައެއް ނުވެއެވެ. (މިސުރުގެ ހަރުބަހެއް)
  35. އެއް ހާސް އަހަރަށް ދެމިގެންދާ ރީތި ނަން، އެންމެ ގަޑިއެއްގެ އިރުގެ ކަމަކުން ކަނޑައަޅާލެވިދެއެވެ. (ޖަޕާނު ބަހުގެ ހަރުބަހެއް)
  36. މުއްސަނދިކަން މީހާގެ އަޚުލާގު ފާސިދުކޮށްލައެވެ. (އައިސްލަންޑުގެ ހަރުބަހެއް)
  37. ކުށަކަށް އިއުތިރާފުވުމުން، އެކަން އިސްލާހުވުމުގެ ދެބައިކުޅަ އެއްބައި ހާސިލުވެެއްޖެއެވެ. (ޒޫލޫ ބަހުގެ ހަރުބަހެއް)
  38. ލޯބިވާ ހިތް އަބަދުވެސް ޒުވާންކަންމަތީ އޮވެއެވެ. (ޔޫނާނީ ހަރުބަހެއް)
  39. އަދި މާ އަވަސް ކަމަށް ހީކޮށްގެން ހުންނަ މީހާއަށް އަބަދު ވެސް ދެވޭނީ ގަޑި ޖެހިގެންނެވެ. (ޖަރުމަނު ބަހުގެ ހަރުބަހެއް)
  40. ކަލޭގެ މޫނު އިރާ ދިމާއަށް އަނބުރާލާށެވެ. އޭރުން ކަލޭގެ ހިޔަނި އޮންނާނީ ކަލޭގެ ފަހަތުގައެވެ. (ނިޔުޒީލންޑުގެ ހަރުބަހެއް)
  41. އިރު އަރާއިރު އިރު އެ އަރަނީ އެންމެނަށް ޓަކައެވެ. (ކިޔުބާގެ ހަރުބަހެއް)
  42. ދެ ބޮއްކުރައެއްގެ ފަލި އެއްފަހަރާ އެކަކަށް ވެސް ނުޖެހޭނެއެވެ. (ބަންޓޫގެ ހަރުބަހެއް)
  43. ދޮނެއް ދިނުމުގައި ދޮންދޭ މީހަކާއި އެކަން ބަލައިގަންނަށް ކޯތާފަތް ދިއްކޮށްލާ މީހަކު ހުރެއެވެ. (ފަރަންސޭސި ހަރުބަހެއް)
  44. ތެދު ބުނާށެވެ! ނަމަވެސް، އެއަށް ފަހު، މަޑުނުކޮށް އަވަހަށް ދާށެވެ! (އިސްލޮވީނިޔާގެ ހަރުބަހެއް)
  45. ނިންމާލަމުން، ހިނިތުންވެ ލުމަށްޓަކައި:

ކަލެއާ ގުޅޭ މީހަކާ ކައިވެނި ކުރެވިއްޖެ ނަމަ، ޒަވާޖީ ހަޔާތުގެ ކޮންމެ ދުވަހެއް ވެސް ވާނީ ލޯބީގެ އީދަކަށެވެ. ކަލެއާ ނުގުޅޭ މީހަކާ ކައިވެނި ކުރެވިއްޖެ ނަމަ، ޝަހީދުންގެ އީދަކަށެވެ! ބަލި މީހަކާ ކައިވެނި ކުރެވިއްޖެ ނަމަ، ކޮންމެ ދުވަހެއް ވެސް ވާނީ ބޮޑު ޖިހާދެއްކުރާ ދުވަހަކަށެވެ! ކައިވެނި ނުކޮށް ހުސްހަށިބަޔާ ހުންނަ ކޮންމެ ދުވަހެއް ވާނީ މިނިވަން އީދުގެ ދުވަހެއް ފަދަ ދުވަހަކަށެވެ! ނަމަވެސް، މިކަން ފާހަގަ ކުރެވޭނީ މިކަންކަމުން ވީއްލި މިކަންކަން ނިމުމަކަށް އަންނަ ދުވަހުއެވެ!