ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ)ގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފު (އީސީ ޝަރީފު) މިއަދު އައްޔަން ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ގެނައި މ ބަދަލާއެކު ސްޓެލްކޯގެ އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި ހަސަން މުޣުނީ ވަނީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައެވެ. އޭނާ ހަމަޖައްސަވަނީ އެނާޖީ މިނިސްޓްރީގެ ދަށުން ހިންގާ އެނާރޖީ އޮތޯރިޓީއަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މިއަދުގެ އިރުއޮއްސުމާ ހަމައަށް މުޣުނީއަކަށް އާ މަގާމެއް ހަމައެއް ނުޖައްސައެވެ.
މުޣުނީ ވަނީ ތިމާވެއްޓާ ރައްޓެހި އަދި ދުނިޔޭގެ ފެންވަރުގައި ވެސް ކާމިޔާބު ކުންފުންޏަކަށް ސްޓެލްކޯ ހެއްދެވުމަށް ފާއިތުވި ތިން އަހަރު ބުރަ މަސައްކަތްތަކެއް ކުރައްވައި، ބައިނަލްއަގުވާމީ އެވޯޑްތަކެއް ވެސް ހޯއްދަވައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި، ޔާމީނުގެ ޕާޓީ، ޕީ.އޭގައި ވެސް ވަރަށް އިސް ދައުރެއް އަދާކުރެއްވި ޝަރީފު، އިލެކްޝަންސް ކޮމިޝަންގެ އެންމެ އިސް މަގާމަށް އައްޔަން ކުރެއްވީ ވެސް ރައީސް ޔާމީނެވެ. އެއީ 2018ގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، 6 މާޗް 2018 ގައެވެ. ރައްޔިތުންގެ މަޖިލިސްގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން، ކުރީ ދައުރުގައި ކުރެއްވި ޝަރީފު، 2019ގެ މަޖިލިސް އިންތިހާބުން ފޭލިވުމުން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އުފުއްލެވީ އެތަނުގައި ހުންނަވަނިކޮށެވެ. އެއީ އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ކުއްލިއަކަށް ބަދަލުކުރައްވައިފައެވެ. ނަމަވެސް ރިޔާސީ ދެ ވަނަ ދައުރަކަށް 2018ގައި ރައީސް ޔާމީން އިންތިހާބުވެވަޑައިނުގަތުމުން، ވޯޓު އޯލުވާލެއްވި ކަމުގެ ތުހަމަތު ޝަރީފުގެ މައްޗަށް ކުރެވިގެންދިޔައެވެ. އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އިހުތިޖާޖުވެސް ކުރިއެވެ.
ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު މަޖިލިސް އައިފަހުން، ސުޕްރީމު ކޯޓު ވެސް ހިމެނޭ ގޮތަށް، ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން ވަނީ މަޖުލިސްތެރެއިން ވަކިކޮށް، ނުވަތަ ވަކިވާން މަޖުބޫރުކުރުމުން އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް، އީ.ސީ ޝަރީފާއި އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ކަހަލަ ތުހުމަތެއްކޮށް، މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއިރު އީސީގައި ތިއްބެވި ބައެއް މެމްބަރުންގެ ދައުރު ހަމަވުމުން، ދެ ވަނަ ދައުރަކަށް ވެސް އެ ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.
"ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ" ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން ޝަރީފު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން 15 ގައެވެ.



advertisment

