...

Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: ދިވެއްސަކު އެންމެ ފުރަތަމަ ފޮޓޯއެއް ނެގީ ކޮން އަހަރަކުކަން އެނގޭތަ؟

ދިވެއްސަކު އެންމެ ފުރަތަމަ ފޮޓޯއެއް ނެގީ 1900 ހާ ހިސާބުގައެވެ. އެއީ ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި އެ މަނިއްޕުޅެވެ. ހަމަ އެދުވަސްވަރު ރަދުންގެ ކޮއްކޯފުޅު މާންދޫގޭ ތުއްތުމަނިއްޕުޅު ވެސް ފޮޓޯ ނެންގެވިއެވެ. ދިވެއްސަކު ނެގި ދިވެއްސެއްގެ އެންމެ ފުރަތަމަ ފޮޓޯއަކީ ތުއްތު މަނިއްޕުޅު ނެންގެވި މާންދޫގޭ ދީދީގެ ފޮޓޯއެވެ.

ރަދުންނާއި އެ މަނިއްޕުޅުގެ ކޮއްކޮ ފޮޓޮގްރަފީއަށް ޝައުގުވެރިވީ، އެ ދުވަސްވަރު ކަނޑުގެ ސަރވޭއެއް ކުރައްވަން ރާއްޖެ ވަޑައިގެންނެވި ޖޭ. ސްޓެންލީ ގާޑީނަރގެ ފަރާތުންނެވެ. ގާޑިނަރަށް އެހީތެރިވާން އުޅުއްވީ ވެލާނާގޭ މުޙައްމަދު ދީދީއެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި ރައްޓެހިކަން އުފެދި ގާޑިނަރގެ ކެމެރާ ވެސް މުޙައްމަދު ދީދީއަށް ހަދިޔާ ކުރެއްވިއެވެ. އެއީ ދިވެއްސަކު އެންމެ ކުރިން ގެންގުޅުނު އަމިއްލަ ކެމެރާއެވެ.

ބޭރުން ތަމްރީން ހައްދަވައިގެން މަތީ ފެންވަރަކަށް ފޮޓޯގެ މަސައްކަތް ކުރެއްވި އެންމެ ފުރަތަމަ ދިވެއްސަކީ ކަކާގޭ ޙުސައިން ޙިލްމީއެވެ. އެއިރު އޭނާއަކީ ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރެވެ. އޭނާ ނެންގެވި ފޮޓޯއެއް ދުނިޔޭގެ ފެންވަރުގައި ވަނައަކަށް ހޮވިގެން މަޖައްލާއެއްގައި ޝާއިޢު ވެސް ކުރެވުނެވެ.

ޖެހިގެންއައި ދުވަސްވަރު މަތީ ފަންތީގެ ޢިއްޒަތްތެރިން ހޮބީއެއްގެ ގޮތުން ފޮޓޯ ނެންގެވިއެވެ. މީގެތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރައްވައި އެންމެ ބޮޑު ހޭދައެއް ކުރެއްވީ ޙަސަން އިއްޒުއްދީން، ހެންވޭރު ގަނޑުވަރު މަނިއްޕުޅެވެ. ޙަސަން ނޫރައްދީން ރަދުން ވެސް އުމުރުފުޅުން ބޮޑު ބައެއްގައި ފޮޓޯ ނެންގެވުމުގެ މަސައްކަތް ކުރެއްވިއެވެ.

ފޮޓޯގްރަފީ އާއްމު ކުރެއްވުމުގައި މޫނިމާގޭ ސީދީއާއި ވެލިދޫގޭ މޫސާ ދީދީ ފަދަ ބޭފުޅުންގެ ބޮޑު ދައުރެއް އޮތެވެ. އެ ބޭފުޅުން ފޮޓޯ ސާފުކުރާ އަނދިރި ކޮޓަރިއެއްގެ ގޮތުގައި ބޭނުންކުރެއްވީ ފެންވަޅެކެވެ. މަތި ބަންދު ކުރައްވައިގެން ފެންފަށަލައިގެ މަތީގައި ލަކުޑި ފަންގިފިލައެއް އަޅުއްވައިގެންނެވެ.

ރާއްޖޭގައި މި ޒަމާނުގެ ފެންވަރަށް ބްލެކް އެންޑް ވައިޓް ފޮޓޯ ނެގުން ތައާރަފުވީ ޢަލީ ނަޖީބާ ހިސާބުންނެވެ. އޭނާ ތަމްރީން ހެއްދެވީ ސިލޯނުންނެވެ. ރާއްޖެ ވަޑައިގެން އިތުރު މީހުން ތަމްރީނު ކުރެއްވިއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު ދަރިވަރަކީ ބާބާގޭ ތުއްތު މަނިކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފޮޓޯ ސްޓޫޑިއޯއެއް ހެއްދެވީ ވެސް ޢަލީ ނަޖީބެވެ.

ރާއްޖޭގައި 1953 ހާ ހިސާބުގައި ކުލަ ފޮޓޯ ތަޖުރިބާ ކުރެވުނެވެ. އެހެނަސް އެކަން އެއިރަކު ކާމިޔާބެއް ނުވެއެވެ. ކާމިޔާބުވީ 1975 ހާ ހިސާބުގައެވެ. އެ ދުވަސްވަރު އެހެން ވެސް ތަރައްގީތައް އައެވެ. ނަމަވެސް އެއީ މައުޟޫއުގެ ދުވަސްވަރުން ބޭރެވެ.