...

Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: މަލިންގޭ ޙަސަން ވެލާނާ މަނިކުފާނު އެނގެނީ ކިހާވަރަކަށް؟

ޙަސަން ވެލާނާ މަނިކުފާނަކީ 19 ވަނަ ޤަރުނުގައި ރާއްޖޭގައި އުފެދުނު އެންމެ ކުލަގަދަ އެއް ޝަޚުސިއްތެވެ. އޭނާގެ ދަރިފަސްކޮޅަކީ 20 ވަނަ ޤަރުނުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވިދާލި ޚާންދާނެކެވެ.

އޭނާއަކީ ޙަޟުރުމަވްތުގެ ސައްޔިދު ބާޣްލަވީގެ ކޯލާޑީ ސައްޔިދު ހޮޅިނަޚާގެ ފަސްމަންދޫ ހަކުރުތަކުރުފާނުގެ ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ ވީރު އިބުރާހީމް ދީދީގެ ވީރު ޙަސަން ދީދީގެ ޢަލީ މަލިން މަނިކުފާނުގެ މަލިންގޭ ޙަސަން ދީދީއެވެ.

ޙަސަން ދީދީ ދުނިޔެއަށް އުފަންވީ މުޢީނުއްދީން 1ގެ ރަސްކަމުގެ ފަހުކޮޅުގައި 1834 ގައެވެ. އޭނާ ވަރަށް ހަގު އުމުރުފުޅެއްގައި ބޭރު ދަތުރުކުރައްވަން ފެއްޓެވިއެވެ. އެ ދަތުރުތަކުން އުރުދޫބަހާއި ބަންގާޅީބަހާ އަދި ފުދޭވަރަކަށް އިނގިރޭސި ބަސް އުނގެނިވަޑައިގެންނެވިއެވެ. މީގެ އިތުރަށް ހަކީމީ ބޭސްވެރިކަމާއި ނިޔަމިކަމާއި ހެވިކަން ވެސް ދަސްކުރެއްވިއެވެ.

ވެލާނާމަނިކުފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ބަންޑާރަ ނެވިކަމުގެ މަޤާމުންނެވެ. އެއީ ކުޑަ ބަންޑާރައިން (1886 ން 1888 އަށް) ގެ ދައުރުން ފެށިގެންނެވެ. އަދި 1887ގައި އޭނާއަށް ވެލާނާކަން ލިބިވަޑައިގަތެވެ. އޭނާ އެ މަޤާމުގައި ޝަމްސުއްދީނު 3 ރަދުންގެ ރަސްކަމުން ދެވަނަ އަހަރާ ޖެހެންދެން ހުންނެވިއެވެ.

ހާޖީ އިމާދުއްދީނުގެ ރަސްކަމާ ޖެހެންދެން އޭނާ ބެލެވުނީ އަތިރީގޭ އާއިލާގެ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވުމާ ގުޅިގެން އޭނާއަކީ އެއްގަމުގޭ އާއިލާގެ ވާގިވެރިއަކަށް ވެދާނެ ކަމަށް ބެލެވުނެވެ. ނަތީޖާއެއްގެ ގޮތުން ޝަމްސުއްދީނުގެ ރަސްކަމުގައި އޭނާއަށް ޖެހުނީ ވެރިކަމާ ދުރުގައި ހުންނަވާށެވެ.

ވެލާނާ މަނިކުފާނު ހަތަރު ބޭފުޅަކާ ކައިވެނި ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބޭކަނބަލަކީ ބަންގާޅީއެކެވެ. ވެލާނާ މަނިކުފާނަށް ބޭފުޅުން ލިބި އާއިލާ ބޮޑަށް އޮތީ އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ ސިއްތިގެ ބަނޑުފުޅުންނެވެ. އެ ބަނޑަށް ލިބިވަޑައިގަތީ ތުއްތުދީދީއާއި މުޙައްމަދު ދީދީއާއި ޅަދީދީއެވެ.

ޙަސަން ވެލާނާ މަނިކުފާނުގެ މުހިންމު ފިރިހެން ދަރިކޮޅު އަސްފައިވަނީ މުޙައްމަދު ދީދީގެ ފަރާތުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ ނާއިބު ރައީސް އިބުރާހީމް މުޙައްމަދު ދީދީއާއި ރައީސް އިބުރާހީމް ނާސިރާއި ބޮޑުވަޒީރު އަޙުމަދު ޒަކީއާއި ބައެއް ވަޒީރުންގެ އިތުރަށް ދިވެހި ހައި ކޮމިޝަނަރ ފަރަހަނާޒް ފައިސަލްއެވެ.

ޝަމްސުއްދީން 3ގެ ރަސްކަމުގައި ވެލާނާ މަނިކުފާނު ދިރި އުޅުއްވުން ސިލޯނަށް ބަދަލުކުރެއްވިއެވެ. އަދި 1906 ގައި އޭނާ ކޮޅުނބުގެ ހޮސްޕިޓަލެއްގައި އަވަހާރަވެ ފަސްދާނުލެވިފައި ވަނީ ޕަންޗިކާވައްތޭގެ ޤަބުރުސްތާނުގައެވެ.

ފޮޓޯގައި: ޙަސަން ވެލާނާ މަނިކުފާނާއި އޭނާގެ ބައެއް ބޭފުޅުން: ވައަތް ފަރާތުގައި ކޮޅަށް ހުންނެވީ ވެލާނާގޭ މުޙައްމަދު ދީދީއެވެ. ލަފާ ކުރެވޭގޮތުން މި ފޮޓޯ ނެންގެވީ ސްޓެންލީ ގާރޑިނަރއެވެ. އޭނާއަކީ މުޙައްމަދު ދީދީގެ ގާތް ރައްޓެއްސެކެވެ. އޭނާގެ ކެމެރާ ވެސް މުޙައްމަދު ދީދީއަށް ހަދިޔާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. ބާޣްލަވީއެއް ނޫން ބާޢަލަވީ ނުވަތަ ޢަލަވީން، ނުވަތަ ހާޝިމީން، އެބައ މީހުންނަކީ، ޢަލީގެފާނުގެ ދަރިފަސްކޮޅުން ޔަމަނުގައި ވަޒަންވެރިވި މީހުން އެބައި މީހުންނަށް ހާޝިމީންނ ވެެސް ކިޔައި އުޅޭ

  2. މިކަހަލަ ތާރީޚީ މައުލޫމާތު ހިމެނޭ ލިޔުންތަކަކީ ދަރިވަރުން އެއީ ރެފަރެންސެއް ކަމަށް ބަލައިގެން އެ މައުލޫމާތުތަކަށް ރިއާޔަތްކޮށް އެހެން ލިޔުންތައް ލިޔަމުން ގެންދާނެ ލިޔުންތަކެއް ކަމަށް ދެކެމެވެ. އެހެންކަމުން، ޚާއްޞަކޮށް، މިބާވަތުގެ ލިޔުންތަކުގައި ހިމެނޭ މީހުން (ބޭފުޅުން؟)ގެ ނަން(ފުޅު)ތަކާއި ތަންތަނުގެ ނަންތައް ލިޔުއްވުމުގައި އެ ނަމެއް ލިޔެފައި އޮންނަންވީ ޞައްޙަ ގޮތަށް ލިޔުއްވުމުގެ މައްޗަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމުކަމަށް ފެންނާތީ އެ ވާހަކަ ހަަމަ ދަންނަވާލީއެވެ. މިސާލަކަށް: ބާޣްލަވީ؛ ޙަޟުރުމަވްތު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.