Support Us

މިއަދުގެ ހަރަކާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ރުކެއް އިންދަވަނީ -ފޮޓޯ: ސްޓެލްކޯ

"ސްޓެލްކޯ ރަށްފެހި": މި އަހަރުގެ އަމާޒަކީ 6،000 ގަސް އިންދުން

ހަ ހާސް ގަސް އިންދުމަށް އަމާޒު ހިފައި މި އަހަރުގެ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ސްޓެލްކޯ ހިދުމަތްދޭ ހުރިހާ ރަށެއްގައި "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ގަސް އިންދާ މިއީ ހަތަރު ވަނަ އަހަރެވެ. މި ހަރަކާތް މި އަހަރު ކުރިއަށް ގެންދިޔައީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައެވެ.

މި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއަރ އަހްމަދު ސަލީމެވެ. މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ސަލީމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އެ ސަރަހައްދުގައި ދިވެހި ރުއް އިންދަވައިދެއްވިއެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ވެޔޮ ވެސް ވަނީ އިންޖީނުގޭގެ ގޯތިތެރޭގައި އިންދައިފައެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އަމާޒަކީ މިއަދު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށެވެ.

މިއަދުގެ ހަރަކާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވާހަކަ ދައްކަވަނީ -ފޮޓޯ: ސްޓެލްކޯ

"ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސް އިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒު މިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5،000 ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6،000 ގަސް އިންދުން،" މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަނުކުރި ނަމަވެސް އަބަދުވެސް ގަސް އިންދުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒު ހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށްވެސް ގަސް އިންދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސް ސޯލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާ ގުޅިގެން މުޅި ރާއްޖެ ފެހިކުރުމަށް ސްޓެލްކޯ އިން 2019 ގައި ފެއްޓި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދާ ހަމައެކަނި ކުންފުންޏަކީވެސް ސްޓެލްކޯ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެއީ؛

2019 ވަނަ އަހަރު 2،000 ގަސް

2020 ވަނަ އަހަރު 3،000 ގަސް

2021 ވަނަ އަހަރު 5،000 ގަސް