Support Us

ކޮލަމް: ރަންދެލި

ފޭލިގެއާއި ކޮތަރު

ޢަމްރޫ އިބްނި އަލްޢާޞް رضي الله عنه، މިސްރު ފަތަޙަ ކުރެއްވުމުގެ ހަނގުރާމަ ފެއްޓެވީ މީލާދީން 639 ވަނަ އަހަރުއެވެ. އެގޮތުން އެންމެ ފުރަތަމައިނުން ބާބިލުގެ ކިއްލާ ހިޞާރު ކުރެއްވިއެވެ. މި ހަނގުރާމައިގައި އެކަލޭގެފާނުގެ ފޭލިގެކޮޅު ޖެއްސެވީ ބާބިލުގެ ކިއްލާއާ 400 މީޓަރު ދުރުގައެވެ. ވަރަށް ފަސޭހައިން، ބާބިލުގެ ކިއްލާ ފަތަޙަކުރެއްވުމަށްފަހު، އިސްކަންދަރިއްޔާއާ ދިމާލަށް، ދަތުރު ފެއްޓެވުމަށް ޢަމުރޫ އިބްނު އަލްޢާޞް، އެކަލޭގެފާނުގެ ލަޝްކަރަށް އެންގެވިއެވެ. އެހެންކަމުން ފޭލިގެތައް ނަގައި ދަތުރަށް ތައްޔާރުވުމަށް އެ ބޭކަލުން ފެެއްޓެވިއެވެ.

ކޮންމެއަކަސް، ޢަމުރޫ އިބްނު އަލްޢާޞްގެ ފޭލިގެކޮޅު ރޫޅާލުމަށް ދިޔަ ބޭކަލުންނަށް، އެ ފޭލިގެކޮޅުގައި ކޮތަރެއް ހާލި ހަދައި ބިސްއަޅާފައިވާތަން، ފެނިލެއްވުމުން، އެ ވާހަކަ ޢަމުރޫ އިބްނު އަލްޢާޞްއަށް ދެންނެވުމުން ފޭލިގެކޮޅު ރޫޅާނުލައި ބެހެއްޓުމަށް އަމުރު ކުރެއްވިއެވެ. އަދި ކޮތަރު އޭގެ ބިސްތައް ފީކޮށް، ޅަ ކޮތަރުތައް އުދުހޭވަރަށް ބޮޑުވަންދެން ފޭލިގެ ބެލެހެއްޓުމަށް ލަޝްކަރުން ބަޔަކު، އެތަނުގައި ބޭތިއްބެވުމަށްފަހު، އެ ލަޝްކަރައިގެން އިސްކަންދަރިއްޔާ ފަތަހަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވިއެވެ.

އޭގެފަހުން، މިސްރު އެކީއެކަށް ފަތަޙަ ކުރެއްވުމަށްފަހު، މުސްލިމުން ވެރިކަން ހިންގާނެ އާ ރަށެއް ބިނާކުރެއްވުމަށް ގަސްދުކުރެއްވި ހިނދު ޚިޔާރުކުރެއްވީ، އެކަލޭގެފާނު އެންމެ ފުރަތަމަ، ފޭލިގެ ޖެއްސެވި ސަރަހައްދެވެ. އެ ރަށުގެ ނަމަކަށް ހަމަޖެއްސެވީ ފުސްތާތެވެ. ފުސްތާތުގެ މާނައަކީ ފޭލިގެއެވެ. އާދެ ކޮތަރު ބިސްއެޅި ފޭލިގެ ޖެއްސެވި ތަން އެންމެފަހުން، ވެގެން ދިޔައީ އިސްލާމީ މިސްރުގެ ވެރި ރަށަށެވެ.

މި ވާހަކައިން އެނގިގެން ދިޔައީ، ދިރޭ އެއްޗިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، އިސްލާމްދީން ބާރުއަޅާ މިންވަރެވެ. އަދި އެކަމަށް އޭރުގެ މުސްލިމުން އަހައްމިއްޔަތުކަން ދެއްވާފައިވާ މިންވަރެވެ. އެންމެ ކޮތަރެއްގެ ޙައްޤުގައި، އިސްލާމީ ލަޝްކަރުގެ ކޮމާންޑަރު، އެކަލޭގެފާނުގެ ފޭލިގެކޮޅު ދޫކޮށްލައްވާފައި، ކުރިއަށް ވަޑައިގެންނެވީއެވެ. ކީރިތި ރަސޫލާ صلّي الله عليه وسلّم ޙަދީސްފުޅު ކުރައްވާފައިވާކަމަށް ބުޚާރީއާއި މުސްލިމުގައި ރިވާކުރައްވާފައި ވެއެވެ. "ދިރޭ ކޮންމެ އެއްޗަކަށް އޯގާތެރިވުމުގައި އަޖުރެއް ވެއެވެ."

އަހުރެމެން ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތް ކުރުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 80 އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އާޚިރުގައި މިކުރާ ކަމަކީ ދިރޭތަކެތި ނައްތައިލަނީއެވެ.