...

Support Us

ކޮލަމް: ވިނަވި

ރާއްޖޭގައި އެންމެ ފަހުން ތަންފީޒުކުރި މަރުގެ ހުކުމަކީ ކޮބައިކަން އެނގޭތަ؟

ދިވެހިރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކުރީ، މީގެ 68 އަހަރު ކުރިން، 7 އެޕްރީލް 1953 ގައެވެ. ބަޑިޖަހައިގެން ގއ. ނިލަންދޫ ހަކީމް ދީދީ މަރާލީ ސިހުރު ހަދައިގެން ރައީސް މުޙައްމަދު އަމީން އަވަހާރަކޮށްލަން އުޅުމާއި، އަތޮޅުވެރިޔާ ވީރު ޢަލި ދީދީގެ ސައިފޮދަށް ވިހަ ހިކައެއް އަޅައިގެން އޭނާ އަވަހާރަ ކޮށްލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ވެގެންނެވެ.

މި ކަންތައްގަނޑުގައި ބައިވެރިވި ކަމަށް އިއުތިރާފުކުރުވާފައި ވަނީ ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލި ތަކުރުފާނާއި ދޮން ދިޔަގެ އަލި ތައްކާނާއި ގއ. ނިލަންދޫ ހަކީމް ދީދީއާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮން އަޙުމަދުގެ އައިސާފާނެވެ.

އެ މީހުން އެއްބަސްވެފައި ވާގޮތުން އެމީހުން ގަބުރުސްތާނުގައި ވަޅުލާފައިވާ ކުޑަ ކުދިންތަކެއް ކޮނުނެވެ. އަދި އެ ކުދިންގެ މެއިން ތެޔޮ ހޭނިއެވެ. ތެޔޮކުނޑިތައް ކާލީއެވެ. ތެޔޮ އަޅައިގެން ފުށްގަނޑެއް މޮޑެ އަމީންގެ ސޫރަ ހަދައި ސިހުރު ހަދައިގެން ކާލީއެވެ.

އަތޮޅުވެރިޔާ ވީރު އަލި ދީދީއަށް ވިހަ ހިކައެއް ލައިގެން ސައިކައްކައިގެން ބޯން ދިންކަމަށް ވެސް އެ މީހުން އެއްބަސްކުރުވިއެވެ. ކޮންމެއަކަސް ވީރު އަލި ދީދީ އަވަހާރަވީއެވެ.

(ކ-ވ) ގއ. ނިލަންދޫ ހަކީމް ދީދީ، ގއ. ވިލިނގިލީ ދޮން އަޙުމަދުގެ އައިސާފާނު، ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލި ތަކުރުފާނު، ގއ. ވިލިނގިލީ ދޮން ދިޔަގެ އަލި ތައްކާނު

މި މައްސަލައިގެ ފުރަތަމަ ތަހުގީގު ކުރެއްވީ ސީދާ ރައީސް އަމީނެވެ. ތަހުގީގު ނިންމެވީ ވެސް އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އިއުތިރާފު ހޯދި ގޮތާ މެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ހުކުމް ކުރެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ޖަލާލުއްދީނެވެ. ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ބަޑިޖަހައި ހުޅުލޭގައި ހަކީމް ދީދީ މެރުއްވީ ޓިނު އަލިފުޅެވެ.

ހަކީމް ދީދީގެ ކުރެހުމެއް. -ފޮޓޯ: ދިވެހި ބަވަނަ/ އެފް.ބީ

 

މި މައްސަލައިގައި މަރުގެ ހުކުމް އައީ ހަމައެކަނި ހަކީމް ދީދީއަށެވެ. މައްސަލައިގެ އިންޞާފުވެރިކަމާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ.