Support Us

ކޮލަމް: ރަންދެލި

ޢަބުދުއްރަޙުމާން އިބްނު ޢައުފްގެ ވިޔަފާރި އިސްތިރާޖިއްޔަތު

ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه އަކީ، ކީރިތި ރަސޫލާﷺ ގެ މަތިވެރި ޞަޙާބީއެކެވެ. އަދި އެކަލޭގެފާނަކީ އެންމެ މުއްސަނދި އެއް ޞަޙާބީއެވެ. އެކަލޭގެފާނު ވިޔަފާރި ކުރެއްވުމުގައި ގެންގުޅުއްވި އިސްތިރާޖިއްޔަތުގެ ސަބަބުން އެކަލޭގެފާނަށް ވަރަށް ގިނަ މުދަލާއި ފައިސާ ލިބިވަޑައިގެންނެވިއެވެ. ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه ހިމެނިވަޑައިގަންނަވަނީ އެންމެ ކުރީކޮޅުގައި އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލުންގެ ތެރޭގައެވެ. އެކަލޭގެފާނަކީ ދުނިޔޭގައި ހުންނަވަނިކޮށް, ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު، ކީރިތި ރަސޫލާﷺ ދެއްވި 10 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭކަލެކެވެ.

ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه އަވަހާރަވިއިރު، އެކަލޭގެފާނުގެ މިލްކިއްޔާތުގައި ތިން ބިލިއަން، ސަތޭކަ ތިން މިލިއަން ރަން ފައުނު ހުއްޓެވެ. އޭގެ ކޮންމެ ފައުނަކީ 4.25 ގްރާމްގެ ރަނެވެ. މިއަދު ރަން ގްރާމެއް ދުނިޔޭގެ ބާޒާރުގައި ހުރީ 57.68 ޑޮލަރަށެވެ. މިހުރިހާ ރަނެއް ޑޮލަރަށް ބަދަލުކޮށްފިނަމަ، އެކަލޭގެފާނު މުޅި މިލްކިއްޔާތުގެ ޖުމްލައަކީ 760،669،420،000.00 ބިލިއަން އެމެރިކާ ޑޮލަރެވެ. މިވަގުތު ދުނިޔޭގައި ތިބި މުއްސަނދިންގެ ތެރެއިން ބިލް ގޭޓްސްއަކީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ. ބިލް ގޭޓްސްގެ މުޅި މިލްކިއްޔާތުގެ ޖުމްލައަކީ 131.8 ބިލިއަން ޑޮލަރެވެ. އެހެންކަމުން ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه ބިލްގޭޓްސްއަށްވުރެ ހަ ގުނަ މުއްސަންޖެވެ.

ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه ވިޔަފާރިކުރެއްވުމުގައި ބޭނުންފުޅުކުރެއްވީ ކޮން އިސްތިރާޖިއްޔަތެއްބާވައެވެ؟ އެ ޒަމާނުގައި އެހާ ގިނަ ފައިސާއާއި މުދާ އެކަލޭގެފާނު ހޯއްދެވީ ކިހިނެއް، ކޮންގޮތަކަށް ބާވައެވެ؟ ވިޔަފާރީގެ ދާއިރާގައި އެކަލޭގެފާނަކީ އައު ބޭފުޅެއް ނޫނެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢައުފް ބިން ޢަބުދުޢައުފަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ވިޔަފާރީގެ ވެއްޓެއްގެ ތެރޭގައެވެ. އެކަލޭގެފާނަކީ ވިޔަފާރިކުރުމުގެ ޤާބިލްކަމާއި އަދި ހުނަރު ހުރި ބޭކަލެއްކަން އެކަލޭގެފާނުގެ ބައްޕާފުޅަށް މާކުރިންވެސް އެގިވަޑައިގެންނެވިއެވެ. އެހެންކަމުން މައްކާގެ ވިޔަފާރިވެރިންގެ އެކިއެކި މަހާސިންތާތަކާއި، ސައްލާތަކުގައި ދެބަފައިކަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މާކަ ގިނަދުވަސްތަކެއްނުވެ، އެކަލޭގެފާނަކީ އޭރު މައްކާގައި ހުންނެވި އެންމެ ކާމިޔާބު ވިޔަފާރިވެރިޔާއަށް ވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވީ، އެކަލޭގެފާނުގެ ހުރިހާ މުދަލެއް މައްކާއަށް ދޫކުރައްވާފައެވެ. އެހެންކަމުން މަދީނާގައި، އެކަލޭގެފާނަށް ޖެހިވަޑައިގެންނެވީ ސުމަކުން އަލުން ވިޔަފާރި ފައްޓަވާށެވެ.

ހަދިޔާގެ ގޮތުގައި ދަނޑުބިމެއް ހުށަހެޅުއްވުމުން ޤަބޫލުފުޅެއް ނުކުރެއްވި

މީލާދީން 622 ގައި، އެކަލޭގެފާނާއެކު 70 ވަރަކަށް މުސްލިމުން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އޭރު އެއީ ހޫނު މޫސުމުގެ ދުވަސްވަރެވެ. މުހާޖިރުންނަށް އަމިއްލަ ގެދޮރު ހޯއްދެވެންދެން، އެބޭކަލުން ތިއްބެވީ އަންސާރުންގެ ބެއްލެވުމުގެ ދަށުގައެވެ. ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه އާ އަޚު ކުރެއްވީ، ސަޢުދު ބިން އަލްރަބީޢާ رضي الله عنه އާއެވެ. ސަޢުދުގެފާނަކީ މަދީނާގެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެވަގުތު ސަޢުދުގެފާނު އެކަލޭގެފާނުގެ އަޚު ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه އަށް ވަރަށް އޯގާތެރިކަމާ އަދި ތަނަވަސް ހިތްޕުޅަކާއެކު ވިދާޅުވިއެވެ. "އޭ ލޯބިވާ އަޚާއެވެ. މަދީނާގެ މީސްތަކުންގެ ތެރެއިން އެންމެ މުދާ ގިނައީ އަހުރެންގެ އަތުގައެވެ. އަހުރެންގެ ދެ އަނބިން ތިއްބެވެ. އަދި، އަހުރެންގެ އަތުގައި ގޮވާންކުރާ ދެ ދަނޑު އެބައޮތެވެ. އޭގެތެރެއިން ކަލޭގެފާނު ބޭނުންފުޅުވާ ދަނޑެއް ކަލޭގެފާނަށް ހުސްކޮށްދެއްވާނަމެވެ. އަދި ދެ އަނބިންގެ ތެރެއިން ކަލޭގެފާނު ހިތްޕުޅާވާ އަންބަކު ވަރިކުރާނަމެވެ." މިއީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވުމުގެ ކުޑަކުޑަ މިސާލެކެވެ. ސަޢުދު ބިން އައްރަބީޢާ رضي الله عنه ހުންނެވީ، މާތް ﷲ ގެ ރުއްސެވުން ހޯއްދެވުމަށްޓަކައި، އެކަލޭގެފާނުގެ މުދަލާއި ޢާއިލާ އެކަލޭގެފާނުގެ މުސްލިމް އަޚާޢަށް ދެއްވަން ތައްޔާރަށެވެ. އެހެންނަމަވެސް ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه ދެއްވީ ވަރަށްވެސް އާދަޔާ ޚިލާފު ޖަވާބެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާގެ ޢާއިލާއާއި އަދި ތިބާގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. ބާޒާރަށް ދާންވީ މަގު އަހުރެންނަށް ދައްކައިދޭށެވެ." އެކަލޭގެފާނު އެ ވިދާޅުވަނީ މަދީނާގެ "ޤައިނުޤާޢު ބާޒާރު"ގެ ވާހަކައެވެ.

ދުވަހަކުވެސް ލޯނެއް ނުނަންގަވާ

ޢަބުދުއްރަޙުމާން އިބްނު ޢައުފް رضي الله عنه އެއްވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނުނަންގަވައެވެ. އަދި ހަދިޔާގެ ގޮތުގައި އެއްވެސް އެއްޗެއް ޤަބޫލުފުޅެއް ނުކުރައްވަވައެވެ. ސަބަބަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާ، އެކަލޭގެފާނަށް ރިޒުޤު ދެއްވަވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެކަލޭގެފާނަށް އޮތުމާއި އަދި ބާޒާރަށް ނިކުމެވަޑައިގެން އެތަނުގައި ހުރި ފުރުޞަތުތައް ބައްލަވައި އޭގެތެރެއިން ވިޔަފާރިކުރައްވައިގެން ނަފާ ހޯއްދެވޭވަރުގެ ޤާބިލުކަމާއި ހުނަރު، އެކަލޭގެފާނުގެ ކިބައިގައި ހުރިކަމުގެ ޔަޤީންކަންވެސް އެކަލޭގެފާނަށް އޮތުމެވެ. އެކަލޭގެފާނަކީ ބައްޕާފުޅުގެ ފަރާތްޕުޅުން ރަނގަޅަށް ދަރިވަރުވެ ވަޑައިގެން ހުންނެވި، ހުނަރުވެރި ވިޔަފާރި ވެރިއެކެވެ. އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމުގެ ކުރިން، އެކަލޭގެފާނަކީ މައްކާގެ ޒުވާނުންގެ ތެރޭގައި އެންމެ މުއްސަނދި އަދި އެންމެ އަރާމުގައި އުޅުއްވި ޒުވާނާއެވެ. އެކަލޭގެފާނަށް ވިޔަފާރީގެ އެތައް ތަޖުރިބާއެއް ލިބިވަޑައިގެންފައި ހުންނެވުމާއެކު، ބާޒާރަށް ނުކުމެ ވަޑައިގެން، ބައްލަވާލެއްވުމުން ވިޔަފާރީގެ ފުރުޞަތުތައް އެކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.

ވިޔަފާރި ފެއްޓެވީ އާދައިގެ ގޮތަކަށް

ފުރުޞަތުތައް ހޯއްދެވުމަށް އެކަލޭގެފާނުގެ ކިބައިގައި ހުންނަ ޝައުޤެއްގެ ބޮޑުކަމުން ބާޒާރަށް ނިކުމެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ވިޔަފާރީގެ ޙިކުމަތްތެރިކަން ބޭނުންފުޅު ކުރައްވައިގެން، އޭރު ލިބެންއޮތް ފުރުޞަތެއްގެ ބޭނުންފުޅު ކުރައްވައިގެން ނަފާ ހޯއްދަވަން ފެއްޓެވިއެވެ. ބާޒާރަށް ނިކުމެ ވަޑައިގެން އެކަލޭގެފާނު ފެއްޓެވީ، ކޮން ވިޔަފާރިއެއް ހެއްޔެވެ؟ އެކަލޭގެފާނު ވިޔަފާރި ފެއްޓެވީ ވަރަށް އާދައިގެ ގޮތެއްގައެވެ. އެކަމަކު އެކަލޭގެފާނަކީ ވަރަށް ތޫނުފިލި އަދި ލިބިވަޑައިގަންނަވާ ފުރުޞަތުތައް، ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލުމުގެ ޤާބިލްކަން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ވިޔަފާރި ފެއްޓެވީ ޔޯގަޓާއި، ތެލާއި އަދި ބަޓަރުގެ ވިޔަފާރިންނެވެ.

ވިޔަފާރި ފެއްޓެވީ އެންމެ 4 ދީނާރުން

މަދީނާގައި އެންމެ ހަތަރު ދީނާރުގެ ރައުސްމާލަކުން އެކަލޭގެފާނު ފެއްޓެވި ވިޔަފާރި، އެންމެފަހުން ބަދަލުވެގެން ދިޔައީ، 760 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއަކަށެވެ. ބާޒާރަށް އެކަލޭގެފާނު ބެއްލެވިއިރު، މަދީނާގެ ހުރިހާ ވިޔަފާރިވެރިންވެސް ގަނޑުކޮށް މުދާ ގެންނަނީ ރަށުން ބޭރުންނެވެ. މިކަމާމެދު ވިސްނާވައިޑައިގެން އެ ފުރުޞަތުގެ ބޭނުން ވީއެންމެ ރަނގަޅަކަށް ހިއްޕެވުމަށްޓަކާ، ވިޔަފާރީގެ ޕްލޭންތައް އެކަށައަޅުއްވައި، މަދީނާގެ ބާޒާރުގައި ގަނޑުކޮށް މުދާ ވިއްކެވުމުގެ އަޒުމް ކަނޑައެޅުއްވިއެވެ. އަދި އެކަމަށް ބޭނުންވާނޭ ފައިސާއާއި، އެހެނިހެން ސާމާނު މަޑުމަޑުން އެއްކުރައްވަން ފެއްޓެވިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެ ޒަމާނުގައި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރަނީ ޖަމަލާއި އަހެވެ. އެހެންކަމުން ޖަމަލާއި އަހުގެ ވިޔަފާރިން ބާޒާރުގެ ރަނގަޅު ޙިއްޞާއެއް ލިބިވަޑައިގަންނަވާނެކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އެހެންކަމުން އަހާއި ޖަމަލުގެ ވިޔަފާރީގެ ތެރެއަށް ވެންނެވިއެވެ. އަދި ހަމައެކަނި އަސް ވިއްކަވައިގެން ލިބޭ ފައިދާއަށްވުރެ، އަސްދާނު ގޮނޑިއާއި އެފަދަ އެހެނިހެން ސާމާނު ވިއްކެވުމުން ލިބޭ ފައިދާ އިތުރުވާނެކަން ވިސްނިވަޑައިގެން، އަސްދާނު ގޮނޑިއާއި އެފަދަ އެހެން ސާމާނު ވިޔަފާރީގެ ތެރެއަށް އިތުރު ކުރެއްވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ވިޔަފާރީގެ ވޮލިއުމް މަތިވެ ފައިދާ އިތުރުވާން ފެއްޓިއެވެ. އެއަށްފަހު، މަދީނާގެ ބާޒާރަށް ބޭނުންވާ ގިނަ މުދާތަކެއް ޔަމަނާއި ސީރިއާއާއި އަދި ދުރު ރަށްރަށުން މަދިނާއަށް ގެންނަވައި ގަނޑުކޮށް މުދާ ވިއްކަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ގަނޑުކޮށް މުދާ ވިއްކަވަން ފެއްޓެވުމުން، މަދިނާގެ ވިޔަފާރިވެރިން، ބޮޑު ޚަރަދު ކޮށްފައި، ރަށުން ބޭރުން މުދާ ގެނައުން ހުއްޓާލައި، އެކަލޭގެފާނު އަތްޕުޅުން މުދާ ގަންނަން ފެއްޓިއެވެ. އެގޮތުން ރަށުން ބޭރުން މުދާ ގެނައުމަށްވުރެ، އެމީހުންނަށް ޚަރަދު ކުޑަވެފައި ފައިދާ ބޮޑީ، އެކަލޭގެފާނުގެ އަތްޕުޅުން މުދާ ގަތުމުންނެވެ. އެކަލޭގެފާނު ރަށުން ބޭރުން މުދާ ގެންނަވަނީ އެކަލޭގެފާނުގެ އަމިއްލަފުޅު ސަވާރީގައި ކަމުން، އެކަމުންވެސް އެކަލޭގެފާނަށް ބޮޑު ފައިދާއެއް ލިބިވަޑައިގަންނަވައެވެ. އަދި މަދީނާއިން ލިބެން ހުންނަ މުދާ ދުރުދުރު ރަށްރަށަށް ގެންގޮސް އެތަންތާނގެ ބާޒާރަށް ވިއްކަވަންވެސް ފެއްޓެވިއެވެ.

ކުރިމަގަށް ކުރާ އުއްމީދު ޙަޤީޤަތަކަށްވަނީ، ތިމާގެ ހިތުގެ ޠާހިރުކަމާއި ހަރުދަނާ އީމާނުގެ ސަބަބުންނެވެ. ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ވިޔަފާރި ކުރައްވަމުން ގެންދެވީ އަމާނާތްތެރިކަމާ އެކުގައެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ދުވަހު، ﷲ ތަޢާލާގެ ބަރަކާތާއެކު، މަދީނާގެ "ޤައިނުޤާޢު ބާޒާރުގައި" ފެއްޓެވި ވިޔަފާރި، އެކަލޭގެފާނު އުއްމީދުކުރެއްވި ވަރަށްވުރެވެސް އެތައް ގުނައެއް ކުރިއަރައި އިތުރުވެގެންދިޔައެވެ. އެކަލޭގެފާނުގެ ވިޔަފާރި ފުޅާވެގެންދިޔަ މިންވަރީ، ސީރިއާއާއި ޔަމަނު ފަދަ ރަށްރަށުން މުދާ ގެންނަވާއިރު އެއްފަހަރާ 700 ޖަމަލުގެ މުދާ އެކަލޭގެފާނު ގެންނަވައެވެ. އެކަލޭގެފާނުގެ މުދާ ގާފިލާއިން މަދީނާގެ މަގުތައް އޮންނަނީ ފުރިފައެވެ. އެކަލޭގެފާނު ގެންނަވާ މުދާތައް ބެލުމަށް މަދީނާގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކަށް ގޮވާ، ނުކުމެ އުޅޭކަމަށް ބުނެވެއެވެ. ކޮންމެއަކަސް މިފަދަ ކޮންމެ ދުވަހަކީ މަދީނާގެ ބާޒާރުގެ ކާރޫބާރު ބޮޑުވެގެންދާ ދުވަހެކެވެ.

ވިޔަފާރީގެ އިސްތިރާޖިއްޔަތު

ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ގެ ޙަޔާތްޕުޅު ދިރާސާ ކުރުމުން، އެކަލޭގެފާނު ވިޔަފާރީގެ އިސްތިރާޖިއްޔަތު ބިނާކުރައްވާފައިވަނީ ވަރަށްވެސް މުހިންމު ތިން މަބާދިޢުގެ މައްޗަށް ފާހަގަވެގެންދާނެއެވެ.

ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ގެ ވިޔަފާރީގެ އިސްތިރާޖިއްޔަތުގެ ފުރަތަމަ މަބާދިޢުއަކީ، ނަގުދު ފައިސާއެވެ. އެކަލޭގެފާނު އަބަދުވެސް މުދާ ބައްލަވައިގަންނަވަނީ އަދި މުދާ ވިއްކަވަނީ ނަގުދު ފައިސާއިންނެވެ. ދުވަހަކުވެސް ދަރަންޏަކަށް މުދަލެއް ބައްލަވައެއް ނުގަންނަވައެވެ. އަދި ދަރަންޏަށް މުދަލެއް ނުވެސް ވިއްކަވައެވެ.

ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ގެ ވިޔަފާރީގެ އިސްތިރާޖިއްޔަތުގެ ދެވަނަ މަބާދިޢުއަކީ، އެކަލޭގެފާނު ދުވަހަކުވެސް މުދާ ކޮށާރު ކުރައްވައެއް ނުހައްދަވައެވެ. ކިތަންމެ ކުޑަ ފައިދާއެއް ލިބުނު ކަމުގައިވިޔަސް އެ މުދަލެއް ވީހާވެސް އަވަހަކަށް ވިއްކަވާލެއްވޭތޯ ބައްލަވައެވެ. އަދި އެއަށްފަހު އަނެއްކާވެސް އާމުދާ ގެންނަވައެވެ. އެކަލޭގެފާނު އަބަދުވެސް އިސްކަންދެއްވަނީ ވީހާވެސް ގިނަ މުދަލެއް ދައުރުކުރައްވައި، ފައިސާ ދައުރުވާ މިންވަރު މަތިކުރައްވައިގެން ވިޔަފާރީގެ ނަފާ އިތުރު ކުރެއްވުމަށެވެ.

ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ގެ ވިޔަފާރީގެ އިސްތިރާޖިއްޔަތުގެ ތިންވަނަ މަބާދިޢުއަކީ، ހަމަހަމަކަމާއެކު ވިޔަފާރި ކުރެއްވުމެވެ. އެކަލޭގެފާނު ދުވަހަކުވެސް އެކަލޭގެފާނު ވިއްކަވާ މުދަލެއްގެ ޢައިބުކަމެއް ހުރިނަމަ އެކަމެއް ނުފޮރުއްވަވައެވެ. އެކަލޭގެފާނު ވިއްކަވާ މުދަލެއްގެ ފެންވަރު ދުވަހަކުވެސް އޮޅުވައެއް ނުލައްވަވައެވެ. އަދި ވިއްކަވާ އެއްޗެއްގައި ކިތަންމެ ކުޑަ ޢައިބުކަމެއް ހުރިކަމުގައިވިޔަސް، އެ އެއްޗެއް ގަންނަމީހާ ކުރިމަތީގައި ވިދާޅުވެ ހާމަކޮށްދެއްވައެވެ. އެގޮތުން ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ވަރަށްބޮޑަށް އިސްކަން ދެއްވިއެވެ. މިއީ ވިޔަފާރީގައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވެވި ބައެއް އިސްތިރާޖިއްޔަތާއި މަބާދިޢުތަކެވެ.

ޢަބުދުއްރަޙުމާން އިބްން ޢައުފް رضي الله عنه ގެ ޙަޔާތްޕުޅަށް ނަޒަރުކުރާއިރު، އެކަލޭގެފާނަކީ ވަރަށްވެސް ދީލަތި އަދި އެއްވެސް ހިފެހެއްޓުމެއްނެތި ޞަދަޤާތްކުރައްވާ ބޭކަލެއްކަން ހާމަވެގެންދެއެވެ. އެކަލޭގެފާނު ވަޑައިގަތީ ސިއްރާއި ފާޅުގައި ފަޤީރުންނާއި މިސްކީނުންނާއި އަދި ނިކަމެތީންނަށް ޞަދަޤާތް ކުރައްވަމުންނެވެ. ޞަދަޤާތް ކުރެއްވުމުގައި އެކަލޭގެފާނު ދެއަތްޕުޅު އަބަދުވެސް އޮންނަނީ ހުޅުވާލައްވާފައެވެ. އެކަލޭގެފާނުގެ ޙަޤީޤީ ކާމިޔާބީގެ ސިއްރަކީ އެކަލޭގެފާނުގެ ދީލަތިކަމެވެ. ޞަދަޤާތް ކުރައްވާކަށް، މުއްސަނދި މަހުޖަނަކަށް ވެވަޑައިގަންނަވަންދެން މަޑެއް ނުކުރައްވަވައެވެ. އަބަދުވެސް ގެންދެވީ ޞަދަޤާތް ކުރައްވަމުންނެވެ. ކީރިތި ރަސޫލާﷺ ސުވަރުގެ ވަޑައިގަތުމަށްފަހު، އެކަލޭގެފާނުގެ ހުވަފަތް އަނބިއަނބި ކަނބަލުންނަށް ކޮންމެ މަހަކުވެސް ފައިސާގެ އެހީ ދެއްވައެވެ. އޭގެއިތުރުން، އިސްލާމްދީން ފުޅާކުރެއްވުމަށް އެވަރަށް ޚަރަދުކުރެއްވިއެވެ. އެގޮތުން ޖިހާދު ކުރެއްވުމަށް އިސްލާމީ ލަޝްކަރަށް 500 އަސް ހަދިޔާ ކުރެއްވިއެވެ. އަދި، އެހެން ލަޝްކަރަކަށް 1500 ޖަމަލު ހަދިޔާ ކުރެއްވިއެވެ. އަދި ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ޞަޙާބީންނަށް ކޮންމެ ޞަޙާބީއަކަށް 400 ރަން ދީނާރު ދެއްވެވިއެވެ. މިއީ މިހާރު ފައިސާއިން އަގު ކުރާނަމަ އެތައް މިލިއަން ޑޮލަރެއްގެ ފައިސާއެވެ. އޭގެ ސަބަބުން ﷲ ތަޢާލާ، ހައްދެއްނެތް މިންވަރަށް އެކަލޭގެފާނަށް މުދާވެރިކަން ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
9431

One Response

  1. ގިނަ މައުލޫމާތުތަކެއް ލިބިދޭ ލިޔުމެއްކަމާ މެދަކު ދެބަހެއްނެތް. އެކަމަކު، "އިސްތިރާޖިއްޔަތު" މިއީ ކިހިނެއް، ކޮން ގޮތަކުން އައިސްފައިވާ ބަހެއްކަން އެނގިވަޑައިގަންނަވާ ބޭފުޅަކު، އޮޅުންފިލުވާލަދެއްވުން އެދެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *