Support Us

ބުއްދިވެރިންގެ ސިޔާސީ ބަގީޗާއިން އެއްކޮށްލި ބާގައެއް

  1. "ހުރިހާ ދިމާއަކުން ވެސް އަހަންނަށް އިވެނީ ވިސްނައި ފިކުރު ނުކުރުމަށް ގޮވާ އަޑުތަކެވެ. ދީނީ މީހާ ގޮވަނީ އަހަރެން ބުނާ އެއްޗެއް ގަބޫލުކުރާށެވެ! އެއާ މެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. އިގުތިސާދީ މީހާ ގޮވަނީ ޓެކުސް ދައްކާށެވެ! އެ ބޭނުން ކުރަނީ ކިހިނެއް ކަމާ މެދު ވިސްނައި ސުއާލުނުކުރާށެވެ! ސިޔާސީ މީހާ ބުނަނީ އަހަރުމެން ބުނާ ގޮތަށް ކަންތައް ކުރާށެވެ! އެކަމުން ފައިދާ ކުރަނީ ކޮންބަޔަކަށް ކަމާ މެދު ވިސްނާ ފިކުރު ނުކުރާށެވެ!

ނަމަވެސް އަހަރެން މި ބުނަނީ ކަލޭމެން އަމިއްލައަށް ވިސްނައި ފިކުރުކުރުމަށެވެ! އަދި އަމިއްލަ ފައިމަތީ ކަލޭމެން ކޮޅަށް ތިބުމަށެވެ! ފަލްސަފާވެރިންގެ ފަލްސަފާއެއް ކަލޭމެންނަށް ދަސްކޮށްދޭކަށެއް އަހަރެން ނޫޅެމެވެ. ނަމަވެސް، ކަލޭމެންނަށް ދަސްކޮށްދޭން އަހަރެން ބޭނުންވަނީ ކަލޭމެން ފަލްސަފާވެރިންނަށް ވެވޭނޭ ގޮތެވެ."

(އަށާރަ ވަނަ ގަރުނުގެ ފަލްސަފާވެރިއެއް ކަމުގައިވާ ޖަރުމަނުވިލާތުގެ އިމެނުއަލް ކާންޓު އޭނާގެ 'ތަންވިރީ ފިކުރަކީ ކޮބާ؟ މި ސުއާލަށް ދެވޭ ޖަވާބެއް' މި ލިޔުމުން ނެގިފައި.)

  1. އިންޑިޔާގެ މިނިވަންކަމުގެ ބަތަލު، މަހަތުމާ ގާނދީ ބުނެފައި އޮވެއެވެ: އިންސާނާ ހަލާކުކޮށްލައި އޭނާގެ ދުވަސް ދުއްވާލާ ހަތް ކަމެއް ވެއެވެ.

ފުރަތަމަ ކަމަކީ އަޚުލާގީ ހަމަތަކެއް ނެތް ސިޔާސީވެރިއަކަށް ވުމެވެ.

ދެ ވަނަ ކަމަކީ ހޭލުންތެރި ޒަމީރެއް ނެތި، މަޖާކުރަން އުޅުމެވެ.

ތިން ވަނަ ކަމަކީ މަސައްކަތެއް ނުކޮށް ފައިސާވެރިވުމެވެ.

ހަތަރު ވަނަ ކަމަކީ މަތިވެރި އަގުތައް ނުލިބި، ކަންކަން ދެނެގަނެ ހުނަރުވެރިވުމެވެ.

ފަސް ވަނަ ކަމަކީ ރީތި އަޚުލާގީ ސިފަތަކުން އެއްކިބާވެ، ވިޔަފާރިކުރުމެވެ.

ހަވަނަ ކަމަކީ އިންސާނިއްޔަތު ކަމެއް ނުލިބި، އުނގެނުމެވެ.

ހަތް ވަނަ ކަމަކީ އެހެން މީހުންނަށް އިސްކަންދީ އަމިއްލަ ނަފްސު ގުރުބާންކޮށް ނުލައި އަޅުކަން ކުރުމެވެ.

  1. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ އިނގިރޭސީންގެ ބަތަލު އަދި ބޮޑުވަޒީރު ވިންސްޓަން ޗާރޗިހލް ބުނެފައި އޮވެއެވެ. "ސިޔާސީ މައިދާނުގައި ދާއިމީ އަދުއްވެއް، ދާއިމީ ރަހުމަތްތެރިއެއް، ނުހުރެއެވެ. ސިޔާސީ މައިދާނުގައި ދާއިމީ ސިފަ ލިބިފައި އޮންނަނީ އަމިއްލަ މަސްލަހަތުތަކަށެވެ."
  2. ކީރިތި ގުރުއާނުގެ ވިހި ވަނަ ގަރުނުގެ މަޝްހޫރު މުފައްސިރުންގެ ތެރޭގައި ހިމެނުނު ޝައިޚް މަހްމޫދު ޝަލްތޫތުގެ ބަސްފުޅެއްގައި ވެއެވެ. "އަހުރެންގެ އެދުމަކީ ދީނުގެ ގޮތްތައް ސިޔާސީ ވެރިންނަށް ލިބުމެވެ. އަދި، ސިޔާސަތުގެ ގޮތްތައް ދީނީ މީހުންގެ ތެރެއަށް ނުދިޔުމެވެ."
  3. ފަރަންސޭސި އިންގިލާބުގެ ފަލްސަފާވެރި ލިޔުންތެރިއެއް ކަމުގައިވާ ވޯލްޓަޔަރ ބުނެފައި އޮވެއެވެ. "އެންމެ ރަނގަޅު ސަރުކާރަކީ އެ ސަރުކާރެއްގައި އެއްވެސް ފައިދާއެއް ނުކުރާ ވީހާވެސް މަދު އަދަދެއްގެ ބައެއް ތިބޭ ސަރުކާރެކެވެ."
  4. މުސްލިމުންގެ ދެ ވަނަ ޚަލީފާ އުމުރުގެފާނުގެ ބަސްފުޅެއްގައި އޮވެއެވެ. "މަގު ގެއްލިގެން، ފުރާތު ކޯރުގެ އައްސޭރި ފަށުގައި ކަންބަޅިއެއް މަރުވި ކަމުގައި ވިޔަސް، އެކަމާ މެދު، ގިޔާމަތް ދުވަހުން، މާތްﷲ ތިމަން ކަލޭގެފާނާ ސުއާލުކުރައްވާނެކަން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."
  5. އުރުދުންގެ މި ޒަމާނުގެ ލިޔުންތެރިއެއް ކަމަށްވާ ޖަލާލު އަލްޚަވާލިދާ ބުނެފައި އޮވެއެވެ. "ގައުމުގެ ހުރިހާ ކަމެއް ޚުލާސާކޮށްލައި ގާނޫނު ހަދާލެވެއެވެ. ދެން އެ ގާނޫނު ކުޑަ ފޮށްޓަކަށް ލެވެއެވެ. ދެން އެއަށްފަހު، އަމުރުވެރިންގެ ޖީބަށް އެ ފޮށި ލެވެއެވެ."

އަދިވެސް އޭނާ ބުނެފައި އޮވެއެވެ. "އިހުގައި އަހަރުމެންގެ މައްޗަށް ހިނގާލެވުނީ އަހަރުމެންނަކީ ތަނެއް ދޮރެއް ނުދަންނަ ޖާހިލު ބައެއްކަމުގެ ސިޔާސަތެވެ. މިހާރު އަހަރުމެންގެ މައްޗަށް ހިންގާލެވެނީ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ފަތުރާ ލެވޭ ދޮގުވެރިކަމުގެ ސިޔާސަތެވެ. މި ދެ ސިޔާސަތުގެ މައްޗަށް ބަލައިލިޔަސް ނަތީޖާ ހަމަ އެއް ގޮތެވެ. [ހުރިހާ ފައިދާއަކާ މުއްސަނދިކަމެއް އޮތީ ވެރިންނަށެވެ! ރައްޔިތުންނަށް އޮތީ ފަގީރުކަމާއި ނިކަމެތިކަމެވެ!]

  1. ވިހިވަނަ ގަރުނުގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ މިސުރުގެ މުހައްމަދު އަލްޣަޒާލީގެ ބަސްފުޅެއްގައި އޮވެއެވެ. "ޔަހޫދީ ސިޔާސީ ވެރިޔަކު، އޭނާގެ މުގައްދަސު ފޮތް [ބައިބަލް]ގައި އަތް ޖައްސާލައިގެން ހުވާކުރާ އިރު، އަރަބި ސިޔާސީ މީހަކަށް އެ ޔަހޫދީ ސިޔާސީ މީހާގެ އަނގަ ބަންދުކުރެވޭނެ ހެއްޔެވެ؟ އަރަބި ސިޔާސީ މީހަކީ އޭނާގެ މުގައްދަސު ފޮތާ މެދު [ކީރިތި ގުރުއާނާ މެދު] ލަދުގަނެ، ދީނީ މިހުރާބުގައި ނުވަތަ ދުނިޔަވީ މައިދާނުގައި އެ ފޮތުގެ ނަން ވެސް ގަންނަ މީހެއް ނޫން ކަމަށްވާ އިރުއެވެ!
  2. ފަރަންސޭސީ އަސްކަރީ ލީޑަރު އަދި އެމްޕަރަރު ނެޕޯލިޔަން ބޯނަޕާޓު ބުނެފައި އޮވެއެވެ. "ސިޔާސީ މައިދާނުގައި ބުއްދި ގަބޫލު ނުކުރާ ވާހަކަ ދެއްކުމަކީ ސިޔާސީ ގޮތުން ކުރިއަށް ދިޔުމަށް އޮތް ހުރަހެއް ނޫނެވެ!"

އަދިވެސް އޭނާ ބުނެފައި އޮވެއެވެ. "ސިޔާސީ ލީޑަރުގެ ހިތް އޮންނަން ޖެހޭނީ އޭނާގެ ސިކުނޑީގެ ތެރޭގައެވެ."

އަދިވެސް އޭނާ ބުނެފައި ވެއެވެ. "ވިސްނުން ކޮށިވެ ތަންދޮރު ނުދަތުމަކީ ސިޔާސީ މައިދާނުގައި މަސައްކަތްކުރަން އެޅޭ ހުރަހެއް ނޫނެވެ!"

[މިކަމުގެ ތެދުކަން އަޅުގަނޑުމެންގެ ސިޔާސީ މައިދާނަށް، ތައައްސުބުން އެއްކިބާވެ، ލޯ ހުޅުވާލައިގެން ބަލާލި ކޮންމެ މީހަކަށް ފެންނޭނެހެން ހީވެއެވެ!]

މީގެ އަލިގަދަ ހެކި، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ސިޔާސީ ވެރިންގެ ވާހަކަތަކުންނާއި އަދި އެއީ ބުއްދި ގަބޫލު ނުކުރާނޭ ވާހަކަތަކެއް ކަމަށް ވިޔަސް، އެފަދަ ވާހަކަތަކަކީ އެމީހުންގެ ސިޔާސީ މަގުބޫލުކަމަށް އޮތް ހުރަހަކަށް ނުވެއެވެ. މީގެ އެންމެ ފަހުގެ މިސާލަކަށް، ގައުމުތައް ދަރަނިވެރި ވުން، އަސާސީ ގޮތެއްގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުވާލުމުގެ ވާހަކަ ފުދެއެވެ.

  1. ޖަރުމަނުގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރު ބުނެފައި އޮވެއެވެ. "ސިޔާސީ ކަންކަމުގައި އަންހެނުންގެ މައްޗަށް ބުރަވާށެވެ! އޭރުން ކަލޭގެ ފަހަތުން ފިރިހެނުން އަންނާނެއެވެ."

އަދިވެސް އޭނާ ބުނެފައި އޮވެއެވެ. "ވެރިންނަށް ލިބިފައި އޮންނަ އެންމެ ހެޔޮ ނަސީބަކީ ރައްޔިތުންނަކީ ވިސްނާ ފިކުރުކުރާ ބައެއްކަމުގައި ނުވުމެވެ."

  1. ވިހި ވަނަ ގަރުނުގެ އަރަބި އަދީބެއް ކަމުގައިވާ އަދި ފަސްދޮޅަހުގެ ފަހުގެ އަހަރުތަކުގައި މިސުރުގެ އެޑިޔުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި، ތާހާ ހުސައިންގެ ލިޔުމެއްގައި އޮވެއެވެ. "ސިޔާސީވެރިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އިޚުލާސްތެރިވެވޭނީ އެންމެ ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލުމުންނެވެ!
  2. ވިހި ވަނަ ގަރުނުގެ އަރަބި ފަލްސަފާވެރި ލިޔުންތެރިއެއް ކަމަށްވާ މާލިކު ބިން ނަބީގެ ލިޔުމެއްގައި އޮވެއެވެ. "އެއްވެސް އަޚުލާގެއް ނެތް ސިޔާސީ ވެރިންނަކީ ގައުމުތަކުގެ ހަލާކުކަމުގައި ނޫނީ ނުވެއެވެ.

13. އަރަބި އަދީބެއް އަދި އަރަބި ތަމްސީލީ ލިޔުންތެރި ކަމުގެ ބައްޕަ ކަމުގައި ބެލެވޭ ތައުފިގު އަލްހަކިމު ބުނެފައި އޮވެއެވެ. "[ބިރުގަންނަ] ދަރަޖައަށް، އަހަރުމެންގެ ތެރޭ އުޅޭ ސިޔާސީވެރިން، އަހަރުމެންގެ އަދުލު އިންސާފު ހިންގުމާއި ތަނުގެ ނިޒާމާއި އަދި ތަނުގެ އާންމު އަޚުލާގާއި ކުޅެ ހަދައެވެ! މިކަމުން ރައްކާތެރިވުން، މާތްﷲގެ ހަޒުރަތުން އަހަރެން އެދެމެވެ! މިއީ ވަރަށް ވެސް ބިރުވެތި ކަމެކެވެ!"

  1. އެމެރިކާގެ ކަޅު މީހުންގެ ހައްގުތައް ލިބިދިނުމަށްޓަކައި މަސައްކަތްކުރެއްވި އަދި އެމެރިކާގެ ރައީސްކަން ވެސް ކުރެއްވި އެބްރަހަމަ ލިންކަންގެ ބަސްފުޅެއްގައި އޮވެއެވެ. "ވިޔަޅު (ވުލްފް)ގެ އަނިޔާވެރި ވަކިތަކުން ހުއިހައްޕާ މީހާ އޭނާގެ ކަންބަޅި ސަލާމަތް ކުރުމުން، ކަންބަޅީން ދެކެނީ އޭނާއަކީ ބަތަލެއް ކަމުގައެވެ. ނަމަވެސް، ވިޔަޅުތައް ދެކެނީ އޭނާއަކީ އޭނާގެ އަމިއްލަ ފައިދާއަށްޓަކައި ބާރުގެ ބޭނުންކުރާ ޑިކްޓޭޓަރެއް ކަމުގައެވެ.
  2. އަރަބި ލިޔުންތެރިއެއް ކަމުގައިވާ އަދި މިސުރުގެ ކުރީގެ ރައީސް ޖަމާލު އަބްދުއްނާސިރުގެ ޚިތާބުތައް ލިޔެދެއްވި މުހައްމަދު ހުސައިނު ހައިކަލް ބުނެފައި ވެއެވެ. "އިރާގުގެ މިސާލަކީ، ވަގުންގެ ޖަމާއަތެއް އެތަނުގެ މައްޗަށް ވެރިވެފައިވާ ބޭންކެއްގެ މިސާލެވެ. އެ ޖަމާއަތާއި ސިޔާސަތާ ވެސް، އަދި ވެރިކަން ކުރުމާ ވެސް އަދި ހިންގުމާ ވެސް އެއްވެސް ގުޅުމެއް ނެތެވެ."

މިއީ ރާއްޖެއަށް ވެސް ފެތޭ ބަހެކެވެ. ވޭތުވެ ދިޔަ ސާޅީހަކަށް ނޫނީ ފަންސާހަކަށް އަހަރު ދުވަހުގެ ކައިރި މާޒީން މި ބަހުގެ ހަގީގަތް ރާއްޖެއިން ވެސް ފެނެއެވެ. ވެރިން ދެކެނީ ތަނުގެ ހުރިހާ ޚައިރާތުތަކަކީ އެމީހުން ހިތު ހުރި ގޮތަކަށް ކަންތައް ކުރަން އޮންނަ އެއްޗެއް ކަމެވެ. އެމީހުންގެ ކިބައިގައި އެކިއެކި ކަންކަމާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލެވުމާއި ތަން ހިންގުމުގެ ހުނަރެއް ހުރިކަމެއް ފެންނަނީ ވަރަށް ވެސް މަދުންނެވެ. އަދި ރައްޔިތުންގެ ފައިސާއިން އެމީހުންގެ އަމިއްލަ އެދުންތައް ފުއްދަން ދުއްވައިގަންނައިރު ގުއިވަޅު މެއްސެއްގެ އަޚުލާގު ވެސް އެމީހުންގެ ކިބައިގައި ހުންނަތަނެއް ނުފެނެއެވެ. މެއްސަށް ވެސް، ފައްސާލީމާ ދުރަށް ދާން އެނގެއެވެ. މެހި ކާން އުޅޭ އެއްޗަކީ އޭގެ އަމިއްލަ އެއްޗެއް ނޫންކަން އެއަށް އިހުސާސުވާކަމެވެ. ނަމަވެސް، މިވަރުގެ އިހުސާސެއްވެސް ސިޔާސީ ވެރިންގެ ކިބައިގައި ހުންނަތަން ނުފެނެއެވެ. އެމީހުން ދެކެނީ ދައުލަތަކީ ވެސް ދައުލަތުގެ ހުރިހާ ފައިސާއާއި މުދަލަކީ ވެސް އެމީހުންގެ އަމިއްލަ އެއްޗެއް ކަމުގައެވެ.

  1. ނަވާރަ ވަނަ ގަރުނުގެ ކުރީކޮޅު އެމެރިކާގެ ރައީސްކަން ކުރެއްވި ތޮމަސް ޖެފާސަން ވިދާޅުވެފައި އޮންނަ ބަހެއްގެ މާނައިގައި ވެއެވެ. "ޑިމޮކުރަސީގެ ވެރިކަމުގެ ނިޒާމަކީ ޖާހިލު، ތަނެއް ދޮރެއް ނުދަންނަ، ގޮތެއް ފޮތެއް ނެތް، ބަޔަކަށް ވެރިކަން ކުރަން ލިބުން މަގުފަހިކޮށްދޭ ނިޒާމެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެ ނިޒާމުގެ ތެރެއިން ތަނުގެ ސައްތައިން ފަންސާސް އެއް މީހުން ވެގެން ތަނުގެ ސައްތައިން ސާޅީސް ނުވަ މީހުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތް މެދުވެރި ވެއެވެ.
  2. އަޔަރލަންޑުގެ އަދީބެއް ކަމުގައިވާ ޖޯޖް ބާނާޑް ޝޯ ބުނެފައި އޮވެއެވެ. "އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭ، އިރުވެސް، ލައްކަ އެއްޗެހި އޭނައަށް އެނގޭ ކަމަށް ހީކުރާ މީހަކީ ސިޔާސީ ވެރިންގެ ގޮތް ޚިޔާރުކޮށްފި މީހެކެވެ!"
  3. އަރަބި ހަޖުލުގެ ލިޔުންތެރިއެއް ކަމުގައިވާ ޖަލާލު އާމިރު ބުނެފައި އޮވެއެވެ. "އަހަރުމެންނަކީ ހަމަ ރަނގަޅަށް ވެސް، ޑިމިކުރަސީގެ އުސޫލުތަކަށް ތަބާވާ ބައެކެވެ. "އަހަރުމެންގެ ބަހުސުތައް ފެށެނީ ސިޔާސަތާއި އަދި އިގުތިސާދާ ބެހޭ ގޮތުން އަހަރުމެންގެ ޚިޔާލުތައް ފާޅުކުރުމާ ހިސާބުންނެވެ. ނަމަވެސް، އެ ބަހުސްތައް ނިމެނީ އަހަރުމެންގެ މައިންބަފައިނާ ބެހި، އެކަމުގެ ޚިޔާލުތައް ފާޅުކުރާ ހިސާބުންނެވެ!"
  4. މިޒަމާނުގެ ބަހަވީ އިލުމްގެ އެންމެ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ނޯއެމް ޗޮމްސްކީ ބުނެފައި އޮވެއެވެ. "އިންތިޚާބުތައް މެދުވެރިކޮށް، އަޚުލާގީ ގޮތުން ދަށު ދަރަޖައިގެ މީހުންގެ ކިބައިން އަހަރުމެންނަށް ސަލާމަތްވެވޭކަށް ނޯވެއެވެ…."

އާދެ، މީގެ ހެއްކެއް ބޭނުން ހެއްޔެވެ؟ މަސްތީ ހާލަތުގައި ރައްޔިތުން ތަމްސީލު ކުރާތަންތަނުގައި އެންމެ އަޑުގަދަ މީހުންގެ މައްޗަށް ނަޒަރު ހިންގާލާށެވެ! ދެން، މިފަދަ މީސް މީހުން އިންތިހާބު ކުރާ މީހުންގެ ހާލާ މެދަށް ވެސް ވިސްނާލާށެވެ!

  1. އިނގިރޭސި މަޝްހޫރު އަދީބު، އަދި އެނިމަލް ފާމުގެ މުއައްލިފު ޖޯޖް އޯވެލް ބުނެފައި އޮވެއެވެ. "ސިޔާސީވެރިންގެ ބަހުރުވަ ހަމަޖެހިފައި އޮންނަނީ ދޮގަކީ ތެދުކަމުގައި ދެއްކުމުގެ މައްޗަށެވެ. އަދި މީހުން މެރުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމުގައި ދެއްކުމަށެވެ!"