Support Us

އިިބްލީސް: ނުބައިކަމުގެ އަޞްލު

އިންސާނީ ތާރީޚުގައި އެންމެ މުހިއްމު ބަހާއަކީ އިބިލީސް ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. އާދަމުގެދަރީންގެ އަޚްލާޤަށް ބާރުފޯރުވާ އެންމެ ވަރުގަދަ ބާރަކީ އިބިލީހެވެ.

އިންސާނާ އެ ފިޠުރަތުގެ މަތީގައި ވާ ފިޠުރަތު އޮޅުވައިލާ ބާރަކީ އިބިލީހެވެ. ހެވާއި ނުބައި އިންސާނާއަށް އޮޅުވައިލަނީ އިބިލީހެވެ.

ޢަރަބި ބަސްފޮތްތައް ބުނާގޮތުގައި އިބްލީސް އައިސްފައިވާ މޫ ލަފްޒަކީ ((بـَلـَسَ އަދި أبلـَسَ އެވެ. މި ދެ ލަފުޒުގެ ވެސް މާނަ ވަރަށް ގާތެވެ. އިބްލީސްގެ މާނައަކީ ހެޔޮކަން ކުޑަ މީހާ އެވެ. އޭގެ މާނަތަކުގެ ތެރޭގައި ރަޙްމަތުން ނާއުއްމީދުވެފައިވާ މީހާ ވެސް ވެއެވެ. އޭގެ މާނަތަކުގެ ތެރޭގައި ހިތާމަވެރިކަން ލިބިފައިވުން ވެއެވެ.

އިބިލީހުގެ ވާހަކަ ފެށެނީ "ނަސްލީ އިމްތިޔާޒު"ގެ އަސާސުގެ މަތީންނެވެ. މި ބިމުގެ ވަޒަންވެރީންގެ މެދުގައި އުފެދިފައިވާ އޭގެ ބަލާވެރިކަން ބައެއް އިންސާނުން ދެކެފައިވާ ނަސްލީ އިމްތިޔާޒަކުންނެވެ. މި ނަސްލީ އިމްތިޔާޒުގެ ބާޠިލު ދަޢުވާތަކުގެ ސަބަބުން ދުނިޔޭގައި އެތައް ބަޔަކު އަޅުވެތި ކުރެވި އުދަނގޫތަކާއި ވޭންތައް ތަޙައްމުލު ކުރަން ޖެހުނެވެ. އެތައް ހަނގުރާމަތަކެއް ހިނގައި އެތައް ބައިވަރު ލޭތަކެއް އޮހުރުވައިފައި ވެއެވެ. މި ތަހްޒީބީ ޒަމާނުގައި ވެސް މި ޢުންޞުރިއްޔަތު އަދިވެސް ފިލައިގެން ނުދެއެވެ. މި ކަންތައްތަކުގެ ފަހަތުގައި އިބިލީހުގެ ނުބައި ރޭވުންތައް ވާ ކަން ކަށަވަރެވެ. އިބިލީސް މި ކަންކަމުން ފޮރުވިގަންނާކަށް ނޫޅެއެވެ. އޭނާ ނަބީކަމަކަށް ދަޢުވާއެއް ވެސް ނުމެކުރެއެވެ. މުޞްލިޙުންގެ ސާލުން އޭނާގެ ޝަޚްޞިއްޔަތު ފޮރުވާކަށް ވެސް ނޫޅެއެވެ.

ނުކިޔަމަންތެރިކަމުގެ ހައިސިއްޔަތު

ﷲގެ ރަޙްމަތުން އިބިލީސް ފައްސައިލެއްވީ އެކަލާނގެ ސީދާ އަމުރުފުޅަށް އެކަލޭގެ ނުކިޔަމަންތެރިވުމުންނެވެ. އިބިލީހުގެ ނަސްލީ އިމްތިޔާޒުގެ ދަޢުވާ ބިނާކޮށްފައި ވަނީ ކަމުގެ ޙަޤީޤަތުގެ މައްޗަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلاَئِكَةِ اسْجُدُوا لآَدَمَ فَسَجَدُوا إِلاَّ إِبْلِيسَ لَمْ يَكُن مِّنَ السَّاجِدِينَ* قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قال إنا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ- الأعراف: 11-12– މާނައީ: އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ أصل ކަމުގައިވާ آدم ގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: آدم ގެފާނު) صورة ކުރެއްވީމެވެ. ދެން ملائكة ންނަށް وحى ކުރެއްވީމެވެ. آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށެވެ! ދެން إبليس ފިޔަވައި، އެއުރެން سجدة ކުރިއެވެ. سجدة ކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمر ކުރެއްވިހިނދު سجدة ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.)

އިބިލީހުގެ ނަޒަރުގައި މަށްޓަށްވުރެ އަލިފާން މާ މޮޅެވެ. އެހެންވީމާ އަލިފާނުން ހައްދަވައިފައިވާ ކާއިނަކު، މަށީން ހައްދަވައިފައިވާ ކާއިނަކަށް ސަޖިދައެއް ނުކުރާނެއެވެ. ދެރަ އެއްޗަކަށް މޮޅު އެއްޗެއް ސަޖިދައެއް ނުކުރާނެއެވެ. އިބިލީހުގެ މަޤާމުގެ މަތިވެރިކަން ދައްކަންވެގެން އެކަލޭގެ ބޭނުންކޮށްފައިވަނީ "خَيْرٌ" އެވެ. މާ މޮޅެވެ. މިހެންވެ މުޙައްމަދު ނަބިއްޔާގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނުގައި އަމިއްލަ ނަފްސަށް ތާރީފު ނުކުރުމަށް މާތް ﷲ މުސްލިމުންނަށް އަމުރުކުރައްވައިފައި ވެއެވެ. މީހަކަށް އެ މީހާގެ އަމިއްލަ ނަފްސު ފެނިއްޖެނަމަ އިބިލީހުގެ ބަލީގައި ޖެހި އެ މީހަކު ހަލާކުވެދާނެތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَلاَ تُزَكُّوا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى – النجم: 32– މާނައީ: ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީ މީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.)

ނަސްލީ އިމްތިޔާޒަކީ (ޢުންޞުރިއްޔަތަކީ) އިންސާނާއާއެކު ވުޖޫދު ވެފައިވާ ބައްޔެކެވެ. އިބިލީސް ﷲގެ ރަޙްމަތުން ބޭރުކޮށްލެއްވީ އޭނާގެ ޢުންޞުރިއްޔަތުގެ ސަބަބުންނެވެ. 21ވަނަ ސައްތައިގެ އިންސާނާއަށް ބަލާއިރު މި އިންސާނާ އޭނާގެ އަޚު އިންސާނުން އަޅުވެތިކުރުމަށާއި ނަހަމަގޮތުގައި ބޭނުންކުރުމަށާއި އޭނާގެ މަޤްޞަދުތައް ނާޖާއިޒު ގޮތުގައި ފުއްދުމަށް ޓަކައި ބޭނުންކުރީ ހަމަ އެ ހައިސިއްޔަތެވެ. އިންސާނާގެ ޚަލްޤުކުރެއްވިއިރު ލަޢުނަތްލެއްވި އިބިލީސް ބޭނުންކުރިީ އަދި ކުރަމުންދަނީ މި ފަލްސަފާއެވެ. އިބިލީހުގެ ޙުއްޖަތަށްވުރެ މި އިންސާނާގެ ޙުއްޖަތް މާ ބަލިކަށްޓެވެ.އިންސާނާ މި ޢުންޞުރިއްޔަތު ބޭނުން ކުރަނީ އޭނާގެ ހެއްލުންތެރިކަން ރުއްސާށެވެ. އޭނާގެ ރައުޔުގެ ރަނގަޅުކަން ދައްކާށެވެ. އިބިލީސް އޭނާގެ ރައުޔު ރަނގަޅުކަން ދައްކަންވެގެން ﷲގެ ޙަޟްރަތުގައި ބުނީ "މަ އޭނާއަށްވުރެ މާ މޮޅެވެ." އެހެނަސް އާދަމުގެދަރީން އާދަމުގެ ދަރީން މުގުރައި ފުނޑަނީއެވެ. ޢުންޞުރުގެ ތަފާތުކަމެއްނެތެވެ. އެ ދެ މީހުން ވެސް ހައްދަވައިފައި ވަނީ މަށީންނެވެ. އެ ދެމީހުން އުފެއްދެވީ ހަމަ އެ މަށީންނެވެ. އެ ދެ މީހުންގެ ތަފާތަކީ "ހަމުގެ ކުލަ" އެވެ. ނުވަތަ "ޖިންސު" ގެ ތަފާތުކަމެވެ. ވީމާ "އޭނާއަށްވުރެ މަށަށް މޮޅުވެވޭކަށް ނެތެވެ." އިބިލީހުގެ މަސައްކަތަކީ ބަދަލުހިފުމުގެ މަސައްކަތެކެވެ. އެކަލޭގެ ﷲގެ ރަޙްމަތުން ފައްސައިލެވުނީތީ އަންނަ ރުޅިއެވެ. ހިތުގައި ވާ ޙަސަދަވެރިކަމެވެ. އިބިލީހުގެ ދާއިމީ ގޮވައްޗަކަށް ވާނީ ޖަހަންނަމައެވެ. އެކަލޭގެއާއެކު އެކަލޭގެއަށް ހެއްލި ފުރެދުނު އެންމެން އެ ޖަހަންނަމައަށް އެއްލައިލެވޭނެތެވެ.

އިބިލީހުގެ މަސައްކަތަކީ އޭނާގެ މޮޅުކަން ދެއްކޭތޯ ބެލުމެވެ. އިބިލީހަށް ވަނީ އޭނާއާ އާދަމުގެފާނުގެ ވެރިރަސްކަލާނގެއަކީ ހަމަ ﷲ ކަން ނޭނގިފައެވެ. އޭނާ ވެސް އަދި އާދަމުގެފާނު ވެސް ހެއްދެވީ ﷲކަން ނޭނގިފައެވެ. މާތްﷲ އެކަލާނގެ ތަނަވަސް ރަޙްމަތް އެންމެހާ އާދަމުގެ ދަރީންނަށް ލައްވައިފައިވާ ކަން އިބިލީހަކަށް ނޭނގުނެވެ. އެމީހުންނަށް ﷲގެ ޙަޟްރަތަށް ދެވޭނެ މަގު ވަނީ ތަނަވަސްކޮށްދެއްވައިފައެވެ. ކޮންމެ އާދަމުގެ ދަރިއަކަށް ވެސް ﷲގެ ރަޙްމަތުގެ ވެށްޓަށް ދެވިދާނެއެވެ. އެއްވެސް ހުރަހެއް ނެތެވެ. ޝައިޠާނާއަށް އޮތީ އަލުން މި އާދަމުގެދަރިޔާއަށް ވަސްވާސްދީ މަގުފުރެއްދުމެވެ. އިބިލީހުގެ މަސައްކަތް ބަޔާންކޮށް ދެއްވައި ވަޙީކުރެއްވިއެވެ. (قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ* ثُمَّ لآَتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ* قَالَ اخْرُجْ مِنْهَا مَذْؤُومًا مَّدْحُورًا لَّمَنْ تَبِعَكَ مِنْهُمْ لأَمْلأَنَّ جَهَنَّمَ مِنْكُمْ أَجْمَعِينَ- އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް تبع ވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ.)

އިބިލީސް ﷲއަށާއި ﷲގެ އަޅުންނަށް ގޮންޖަހައިފައި ވަނީ މި ބަސްތަކުންނެވެ. މާތްﷲ ޤުރްއާން ބާވައިލެއްވުމުން އިބިލީހުގެ ރުޅި ވަކިން ބޮޑަށް ގަދަވިއެވެ. ކީރިތި ޤުރްއާނުގެ ކޮންމެ އަކުރަކުން ދިހަ ސަވާބު ދެއްވާތީއެވެ. މިއީ އިބިލީހުގެ ގޮންޖެހުމަށް މާތްﷲ ދެއްވި ވަރުގަދަ މަތިވެރި ރައްދެކެވެ. އިންސާނައާ އެކު އުފަންވެފައިވާ "ނުބައިކަމުން" އިންސާނާ ސަލާމަތް ކުރެއްވުމަށް ޓަކައެވެ. ﷲއަށް ޝުކްރު ކުރަމާތޯއެވެ! އިބިލީހުގެ ގޮންޖެހުންތަކުން ސަލާމަތް ކުރައްވާނެ މަގުތައް ތަނަވަސް ކޮށްދެއްވީތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *