Support Us

ކޮލަމް މާޒީ: ސިޔާސީންނާއި އިސްވާރުންގެ ތަފާތު ދެނެގަންނާން ޖެހެއެވެ.

ސިޔާސީންނަކީ ސިޔާސިއްޔަތުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންކަމަށް ބަސްފޮތުގައި އޮވެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއީ އިނގިރޭސިބަހުގައި އޮންނަ ޕޮލިޓީޝަނުންގެ މާނައިގައި ދިވެހިބަހުގައި ބޭނުންކުރާ ލަފުޒެކެވެ. އަދި އިސްވާރުގެ މާނައަކީ "އިސްވެ ހުންނަ މީހާ" ނުވަތަ "ވެރިޔާ" ކަމަށް ވެސް ބަސްފޮތުގައި އޮވެއެވެ. ބަސްފޮތުގައި ނެތް ނަމަވެސް އަޅުގަނޑު މި މަޒުމޫނުގެ ބޭނުމަށް ޓަކައި އިސްވާރުގެ މާނައެއް ކަމަށް މި ބަލަނީ މީހުންނަށް މަގުދައްކައި ގައުމުގެ ކަންކަން މަޞްލަޙަތު ހުރި ގޮތެއްގައި ކުރިއަށް ގެންދާން އިސްވެ އުޅޭ މީހާކަމަށެވެ. ނުވަތަ އިނގިރޭސިބަހުގައި އޮންނަ "ލީޑަރު" މި ލަފުޒުގައި ހިމެނޭ ހުރިހައި މާނައެއްގައެވެ.

އާދޭހެވެ! ސިޔާސީންނަކީ އިސްވާރުންކަމަށް ވަރަށް ގިނަ މީހުން ހީކުރެއެވެ. އަދި ކޮންމެ އިސްވާރަކީ ސިޔާސީއެއް ކަމަށް ވެސް ގިނަ މީހުން ދެކެއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. މިއީ މުޅީން ތަފާތު ދެ ގިންތިއެކެވެ. ތަފާތު ދެ ބަޔެކެވެ. ނަމަވެސް ބައެއް ސިޔާސީންނަކީ އިސްވާރުންނަށް ވެދާނެއެވެ. އަދި ބައެއް އިސްވާރުންނަކީ ސިޔާސީއަކަށް ވެސް ވެދާނެއެވެ. ހަމަ މި ފަދައިން ސީޔާސީއަކަށް ނުވާ އިސްވާރުންނާއި އިސްވާރަކަށް ނުވާ ސިޔާސީން ވެސް އުޅޭނެއެވެ.

ދިވެހިރާއްޖޭގައި ސިޔާސިއްޔަތުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޔާސީންގެ ތެރެއިން އިސްވާރުން ފެންނަނީ ވަރަށް މަދުންނެވެ. ނުފެނެޔޭ ވެސް ދެންނެވޭހާ ވަރަށް ރާއްޖޭގައި އިސްވާރުން މަދެވެ. އެހެނީ ދިވެހިރާއްޖޭގައި ނިޒާމުތައް ހަމަޖެހިފައި މި ވަނީ ސިޔާސީން އުފައްދާ ގޮތަށެވެ. އިސްވާރުން އުފައްދާ ގޮތަކަށް ނޫނެވެ. ދިގު މުއްދަތުގައި ވެރިކަން ކުރުމުގެ ފުރުޞަތު ލިބޭ މީހުން ވެސް އިސްވާރުން އުފައްދާން މަސައްކަތް ކޮށްފައިވާކަމަށް ފެންނާކަށް ނެތެވެ. އެ ފަދަ މީހުން ވެސް މަސައްކަތްކޮށްފައިވަނީ ވެރިކަން ދެމެހެއްޓުމުގެ މައްޗަށްކަމަށް ދިރާސާކުރައްވާ މުޙައްލިލުން ވިދާޅުވެއެވެ.

އާދޭހެވެ! އިސްވާރުންނަކީ ޢިލްމީ ގޮތުން ޤާބިލު، ތަޖުރިބާގެ ގޮތުން މުއްސަނދި ބަޔަކަށް ވާންޖެހޭނެއެވެ. އެހެނީ ޤައުމެއްގެ ނިސްބަތުގައި އިސްވާރުންނަކީ، އެ ޤައުމެއް ތަރައްގީކުރާނެ ގޮތާއި ރައްޔިތުންނަށް ކުރިއެރުން ލިބޭނޭ ފަދަ ތަޞައްވުރެއް އޮންނަ މީހެކެވެ. އެ ތަޞައްވުރު ހަގީގަތަށް ހެދުމުގެ ޢިލްމާއި ހުނަރާއި ތަޖުރިބާ އޭނާގެ ކިބައިގައި ހުރުން ލާޒިމުވާނެއެވެ. އިސްވާރުންގެ ނަޒަރު ބޮޑަށް އަމާޒުކުރާނީ މުޅި ޤައުމުގެ ކުރިމަގު އޮންނާންޖެހޭނޭ ގޮތުގެ މައްޗަށެވެ. އަންނާން އޮތް ޖީލުތަކުގެ މުސްތަޤުބަލު ބައްޓަންކުރާނޭ ގޮތުގެ މައްޗަށެވެ. އިންތިޚާބުތަކުގައި ވެސް އޭނާ ވާދަކުރާނީ ވަކިވަކި ފަރުންނާއި އެ ފަރުދުންގެ ޒާތީ ކަންކަމަކަށް ނޫނެވެ. އޭނާ ވާދަކުރާނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއެވެ. އިންތިޚާބުގެ ނަތީޖާއަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވާނީ އަންނާން އޮތް ޖީލުތަކުގެ މުސްތަގުބަލާމެދުގައެވެ. އެ ޤައުމެއްގެ ޤައުމިއްޔަތުގެ އަސާސްތައް ދަމަހައްޓައި ޙިމާޔާތްކުރުމުގެ ވިސްނުން އޭނާ ގެންގުޅޭނެއެވެ. އެ ބަޔެއްގެ އިޖުތިމާޢީ އަގުތަކާއި ޤައުމިއްޔަތުގެ ބަހާތަކަށް ހީނަރުކަމެއް އަތުވެދާނޭ ކަމެއް އޭނާއެއް ނުކުރާނެއެވެ. ޤައުމު ހިންގުމުގެ ބާރުވެރިކަން ލިބުނަސް ނުލިބުނަސް ޤައުމުގެ ނަމާއި ޝަރަފަށް، އަދި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށް އަދި އިޖުތިމާޢިއްޔަތާއި އިޤުތިޞާދަށް ހީނަރުކަމެއް އަތުވެދާނޭ ކަމެއް ޚާރިޖީ ގޮތުން ވެސް ނުވަތަ ދާޚިލީ ގޮތުން ވެސް އޭނާއެއް ނުކުރާނެއެވެ. އިސްވާރުންގެ މުހިންމު ބައެއް ސިފަތައް ނުވަތަ މާނަވިއްޔަތު މި ދަންނަވައިލެވުނީއެވެ.

ޤައުމީ ނިސްބަތުގައި އިސްވާރުންނަކީ ގިނަ ފަހަރަށް ސިޔާސީންނަށް ވުމަކީ ވަރަށް ކައިރި ކަމެކެވެ. އޭގެ މާނައަކީ ކޮންމެ އިސްވާރަކީ ސިޔާސީއަކަށްވުން ލާޒިމުވުމެއް ނޫނެވެ. ސިޔާސީއަކަށް ނުވި ނަމަވެސް ޤައުމުގެ ކަންކަން އިންތިޒާމުކޮށް ހިންގުމުގެ ބާރު ލިބެނީ ސިޔާސިއްޔަތުގެ ދާއިރާއިން ކަމަށް ވާތީ، ގައުމީ ކޮންމެ އިސްވާރަކީ ބޭރު ފުށުން ބަލާއިރު ސިޔާސީއަކަށް ވެދާނެއެވެ. އެއީ ސިޔާސިއްޔަތުގެ ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ މީހަކީ ބަސްފޮތް ބުނާ ގޮތުން ސިޔާސީއަކަށް ވާތީއެވެ. ނަމަވެސް ދައުލަތުގެ ބާރުތައް ހޯދުމަށް ޓަކައި އޮންނަ އިންތިޚާބުތައް ކާމިޔާބުކުރާންކަމަށް ވިޔަސް ނުކުރެވޭނެ ކަންކަން ކޮށްދޭކަށް ހަގީގީ އިސްވާރުންނެއް ވައުދެއް ނުވާނެއެވެ. އިސްވާރުން ވައުދުވާނީ އޭނާގެ ތަޞައްވުރުގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމުގެ މައްޗަށެވެ. ވާނީ އެ ފަދަ ވައުދެވެ.

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ގިނަ ރަސްރަސްކަލުންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ޒާތީ ޝަޚުސިއްޔަތާ ބެހޭ މާގިނަ މަޢުލޫމާތެއް އަޅުގަނޑަކަށް ސާފުވެފައެއް ނެތެވެ. ނަމަވެސް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ބޮޑުތަކުރުފާނަކީ ފުރިހަމަ މާނައިގެ އިސްވާރެއްކަމަށް އަޅުގަނޑަށް ދަންނަވާން ކެރެއެވެ. އަދި ދޮންބަންޑާރައިންނަކީ ވެސް އިސްވާރެއް ކަމުގައި ދެންނެވިދާނެއެވެ. އަދި އެހެން ރަސްރަސްކަލުންނާ ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމުހޫރިއްޔަތަކަށް ބަދަލުވީ ފަހުން ވެސް ވަލިއްޔުލްއަމްރު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ވަރަށް ގިނަ ބޭފުޅުން އަދާކުރައްވައިފިއެވެ. ރައީސް އަލްއަމީރު މުޙަންމަދު އަމީނެވެ. ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ރައީސް މުޙަންމަދު ނަޝީދެވެ. ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަންމަނިކެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މިހާރު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙެވެ. މި ބޭބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކިތައް އިސްވާރުންތޯ ތިޔަ ބޭފުޅުން ކަނޑައަޅުއްވާށެވެ. އަޅުގަނޑު ދަންނަވައިލައިފައި އެ ވަނީ އިސްވާރެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ސިފަތަކާއި އެ ބޭފުޅުންގެ މައިގަނޑު ސިޔާސަތުތަކެވެ. ނުވަތަ މުހިންމު ބައެއް މާނަވިއްޔަތެވެ.

ހަގީގީ އިސްވާރުންނާ ޚިލާފަށް، އިސްވާރުކަމުގައި (ލީޑާރޝިޕްގައި) އުޅޭ ސިޔާސީންގެ ކިބައިގައި އިސްވާރުކަމުގެ ނުވަތަ ޤައުމުގެ ކަންކަން އިންތިޒާމުކުރުމުގެ އެއްވެސް މަޢުލޫމާތެއް ހުނަރެއް ނުހުންނާނެއެވެ. މި ފަދަ ސިޔާސީންގެ ތަޞައްވުރަކަށް އޮންނާނީ ހަމައެކަނި ކުރިއަށް އޮންނަ އިންތިޚާބު ކާމިޔާބުކުރުމެވެ. އެ މީހުން ހަމައެކަނި ކަންބޮޑުވާނީ ކުރިއަށް އޮތް އިންތިޚާބާމެދުގައެވެ. އަންނާން އޮތް ޖީލުތަކާމެދު އެ މީހުން ޚިޔާލެއް ވެސް ނުކުރާނެއެވެ. ދައުލަތުގެ ބާރުތައް ލިބިފައިވާ ދަނޑިވަޅުތަކެއްގައި ވެސް ސިޔާސީންގެ ސިޔާސަތުތައް ބައްޓަންކުރާނީ ހަމައެކަނި ކުރިއަށް އޮންނަ އިންތިޚާބު ކާމިޔާބުކުރެވޭނެ ގޮތެއްގެ މައްޗަށެވެ. ބާރާއި ނުފޫޒުގައި ދެމި ތިބެވޭނެ ގޮތެއްގެ މައްޗަށެވެ. ޤައުމުގެ ކުރިމަގާއި ޤައުމުގެ އަސާސްތަކެއް އެ މީހުންނަށް މުހިންމެއް ނުވާނެއެވެ. އިންތިޚާބުގެ ވަޢުދުތައްވުމުގައި ވެސް އެ ވަޢުދު ފުއްދުމުގެ ނިޔަތެއް ނޯންނާނެއެވެ. ކޮންމެ ގެޔަކަށް ހެލިކޮޕްޓަރެއް ދޭން ނުވަތަ ކޮންމެ ގެޔެއްގެ ދޮރުމަތީގައި ކާރުޚަނާއެއް ބިނާކުރާން ވެސް ވަޢުދު ވެދާނެއެވެ. އާންމުންގެ ގިނަ ރައްޔިތުންނަކީ އެ ވައުދުވާ މީހެއްގެ ޢީލްމީ ޤާބިލުކަމަކަށް ނުވަތަ ތަޖުރިބާއަކަށް ނުވަތަ އެ ވައުދު ފުއްދުމުގެ އެކަށޭނަކަން ވިސްނުމަކާ ނުލައި ޖަޒުބާތުގައި ޖެހޭނެ ބައެއް ކަމަށް އެ މީހުން ބަލާނެއެވެ. ގިނައިން މަސް ބާނައި މަސް ކައްކައި ހިއްކުމުގެ މަސައްކަތްކުރާ ރަށަކަށް ދެވިއްޖެ ނަމަ، ގަރުދިޔަ މަސް ކާރުޚާނާއެއް އަޅައިދޭނަމޭ ވެސް ބުނެފާނެއެވެ. ކަނޑޫ ފަލެއް އޮންނަ ރަށެއް ނަމަ، ކަނޑޫ ކާރުޚަނާއެއް އަޅައިދޭން ވެސް ވަޢުދުވެދާނެއެވެ. އަދި ކޭބަލް ކާރުގެ ނިޒާމަކުން ނުވަތަ ކަނޑުއަޑީގެ މަގަކުން އެއް ރަށް އަނެއް ރަށާ ގުޅައިލަދޭނެ ކަމަށް ވެސް ބުނެފާނެއެވެ. އިސްވާރުންގެ ސިފައިގައި އަޅުގަނޑުމެންނަށް ފެންނަ ގިނަ ސިޔާސީންނަކީ ގުސްތަރުންނެވެ. އެ މީހުން ދައްކާނީ ވެސް މުޅީން ގުސްތަރު ވާހަކައެވެ. ސަބަބަކީ އެ މީހުންގެ ހަމައެކަނި އަމާޒަކަށް ވާނީ، މަކަރު ހަދައި އޮޅުވައިލައިގެން ވިޔަސް ނުވަތަ ނިކަމެތީންނަށް އެ ވަގުތަކު އެންމެ ބޭނުން ޖެހިފައިވާ ކުޑަކުޑަކަމެއް ކޮށްލައި ދީގެން ނަމަވެސް އިންތިޚާބު ކާމިޔާބުކުރުން ކަމަށް ވާތީއެވެ. އެއީ އިސްވާރުންނެއް ނޫނެވެ.

އަޅުގަނޑު ގާތު ސިޔާސީއަކު ބުންޏެވެ. ތިމަންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ތިން ދައުރު އަދާކޮށްފީމެވެ. ކޮންމެ ފަހަރަކު އިންތިޚާބު ކާމިޔާބު ކުރަނީ ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށްގެންނެވެ. މި ގޮތަށް އިންތިޚާބު ކާމިޔާބު ކުރެވުމުން ދައުރުގެ ފުރަތަމަ ހަތަރު އަހަރު ދުވަހު، ދާއިރާގެ މީހަކު ގުޅިޔަސް ފޯނަކަށް ޖަވާބެއް ނުދެމެވެ. ވީމާ މީހަކަށް އެހީއެއް ވާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ހަތަރުވަނަ އަހަރު (އިންތިޚާބީ އަހަރު) ލައިގަތީމާ، ތިމަންނަ ވެސް އިސްވެ ދާއިރާގެ މީހުންނަށް ގުޅަމެވެ. ބޭނުން ކަންކަން އަހައި އޮޅުންފިލުވައި އެހީތެރިވަމެވެ. މި ގޮތަށް އެހީތެރިވެދޭން ފެށުމުން ވޭތުވެ ދިޔަ ހަތަރު އަހަރުގެ މަތީން އެ މީހުން ހަނދާން ނައްތައިލައި ތިމަންނާ ހޮވައިދޭން އަނެއްކާ އަރުވައިޖަހައިގެން ދުއްވައިގަނެއެވެ. ތިން ދައުރަށް ފަހު ނާކާމިޔާބުވީ، ތިމަންނައަށް ވުރެ ބޮޑަށް ޚަރަދުކުރި އާ މީހަކު އިންތިޚާބުގައި ވާދަކުރީމައެވެ. މިއީ ހަމަ ހަގީގީ ވާހަކައެކެވެ.

އަޅުގަނޑު ވަރަށް ކުރުކުރުކޮށް މި ދަންނަވައިލީ އިސްވާރުންނާއި ސިޔާސީންގެ ބައެއް ތަފާތުތަކެވެ. އެހެންވީމާ ޤައުމީ އެކިއެކި އިންތިޚާބުތަކުގައި ވޯޓު ދޭއިރު، އިސްވާރުންނާއި ސިޔާސީންނާއި ގުސްތަރުން ދެނެގަންނާން ޖެހޭނެއެވެ. ވޯޓު ހޯދާން އަންނަ މީހުންގެ ފަސްމަންޒަރާއި ފަތި ފުށަށް ބަލާންޖެހޭނެއެވެ. އޭނާއަށް ހިންގުމުގެ ދާއިރާގައި ނުވަތަ އޭނާ އެ ކުރިމަތިލައިގެން އުޅޭ ކަމެއްގެ ދާއިރާއި ލިބިފައިވާ ޢިލްމަކާއި ހުނަރަކާއި ތަޖުރިބާ އޮޅުންފިލުވާންވާނެއެވެ. ކެންޕޭނުކުރާ މީހުންގެ ވަނަވަރު (ސީވީ) ދޭން އެދިވަޑައިގެންނެވޭނެއެވެ. އަޅުގަނޑުމެންނަށް ރަނގަޅަށް ނޭނގޭ މީހެއް ނަމަ، އޭނާއަކީ ކާކުކަން ދެނެގަނެވޭނީ އޭރުންނެވެ.

އިންތިޚާބުތަކުގައި ވާދަކުރާ މީހުން އިނބަގެ ގެއަށް އައުމުން، އޭނާގެ ތަޞައްވުރަކީ ކޮބައިތޯ އޮޅުންފިލުއްވާށެވެ! ތިމަންނަގެ ދަރީންނާއި ދަރީންގެ ދަރީންގެ މުސްތަޤުބަލާމެދު ގެންގުޅޭ ތަޞައްވުރަކީ ކޮބައިތޯ ސުވާލުކުރައްވާށެވެ. މި އިންތިޚާބަށް ކުރިމަތިލީ ކީއްވެގެން ކީއްކުރާންތޯ ވެސް އައްސަވާށެވެ! އަޅުގަނޑުމެންކުރެ ހަމަ އެކަކު ވެސް މި ކަންކަމަށް ސަމާލުކަން ނުދީ، ގުސްތަރުން ދައްކާ ގުސްތަރު ވާހަކައަށް ހެއްލިގެން، އަދި ސިޔާސީން ހުށަހަޅާ ވަގުތީ ކެހިވެރި ކަމެއްގެ މާއްދިއްޔަތަށް ގެއްލިގެން ވޯޓުދެވިއްޖެނަމަ، އެއީ ދިވެހި ޤައުމަށް ހަރާންކޯރުވުމެކެވެ. މި ދެންނެވި އަސާސްތަކަށް ނުބަލައި ވޯޓު ދީގެން އެކަށީގެން ނުވާ މީހަކު މަގާމަކަށް ގެނައުމަށް ފަހު، އެކަމުގެ ހިތާމަ ތިމާ ތަޙައްމަލުކުރާން ޖެހޭނެކަން އަޅުގަނޑުމެން ހަނދާންކުރާންވާނެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވެސް އަމުރުކުރައްވައިފައިވަނީ އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރާންކަން އަޅުގަނޑުމެން ދަންނާން ޖެހޭނެއެވެ. އިންތިޚާބުތަކުގައި ވޯޓުދިނުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. އެހާ ބޮޑު އަމާނާތެއްމެއެވެ. އަޅުގަނޑުމެން ވޯޓު ދޭންޖެހޭނީ ޤާބިލު އިސްވާރުންނަށެވެ. ނާޤާބިލު ސިޔާސީންނަކަށް ނޫނެވެ. އަދި ޣަދަރުވެރި ގުސްތަރުންނަކަށް ވެސް ނޫނެވެ.

އަދި އެއްފަހަރު އަޅުގަނޑުގެ މި ކުރަކި ޢިބާރާތްތައް އެންމެ މަތީން ފެށިގެން ވިދާޅުވެލައްވައިފާނަންތޯއެވެ! ސިޔާސީންނާއި އިސްވާރުންނަކީ ކޮބައިކަން ސާފުކުރައްވާށެވެ! އެއީ ފަރުދީ ގޮތުން އެކި އިންތިޚާބުތަކުގައި އަޅުގަނޑުމެން ވޯޓުދޭއިރު ސާފުވެފައި އޮންނާންޖެހޭނެ ކަމެކެވެ. ގައުމުގެ މުސްތަގުބަލާއި މުޖުތަމައުގެ ލާބައަށް އަޅުނގަނޑުމެން ވިސްނާނަމަ، މި ކަންކަން ސާފުކޮށް ދެނެގަންނާން އެބަޖެހެއެވެ. އެހެނީ ޤައުމީ އިންތިޚާބުތަކުގައި އަޅުގަނޑުމެން ވޯޓުދޭން ޖެހޭނީ އިސްވާރުންނަށެވެ. ތަޢުލީމާއި ތަޖުރިބާއާއި ހުނަރު ހުންނަ މީހުންނަށެވެ. ކުރިމަގުގެ ތަސައްވުރެއް އޮންނަ މީހުންނަށެވެ. އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަށް ޓަކައެވެ. ދަރީންގެ ދަރީންނަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6

One Response

  1. ޢިބްރަތްތެރި އިންފޮރމޭޓިވް ލިޔުމެއް. އަދިވެސް ގައި ހުންނަ ލިޔުންތައް ވަރަށް ޢިލްމީ. ޝުކުރިއްޔާ އަދިވެސް ޓީމު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *