...

Support Us

ތަރިތަކާ ދެކޮޅަށް ބޮއްތަކުގެ ހަނގުރާމަ

މިއީ އީލްޔާ އަބޫ މާޟީގެ الضفادع والنجوم (ބޮއްތަކާއި ތަރިތައް) މި ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. އީލިޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1889ވަނަ އަހަރު، ލުބްނާން ގައެވެ. ތުއްޕުޅުއިރުގެ ކުޑަދުވަސް ކޮޅެއް މިސުރުގައި ހޭދަކުރެއްވުމަށްފަހު، 1911ވަނަ އަހަރު އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. އަދި އެރަށުގައި ބައެއް ނޫސް މަޖައްލާ ނެރުއްވައި ޝާއިއުކުރެއްވުމުގައި މަސައްކަތްކުރެއްވިއެވެ. އީލިޔާ އަކީ "މަހުޖަރުގެ" އާދެ، އަރަބި ދުނިޔެ ދޫކޮށް، އަރަބި ނޫން އެހެން ރާއްޖެތަކުގައި، ވަޒަންވެރިވި، އަރަބި ޅެންވެރީންގެ ތެރޭގައި ހިމެނުނު ޅެންވެރިއެކެވެ. އަދި މަހުޖަރުގެ ޅެންވެރިންގެ ތެރެއިން، ކުރީ ސަފުގައި ވެސް ހިމެނުނު އެންމެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ގުނާލެވޭ ޅެންވެރިއެކެވެ. އޭނާގެ ޅެންތައް އެއްކުރެވި ޝާއިޢު ކުރެވިފައިވެއެވެ. މީގެ ތެރޭގައި "ޖަދާއިލު"، "ޚަމާއިލު" އަދި "“ތިބްރު ވަ ތުރާބު"” މިތިން ދީވާނު، ޅެން ފޮތް، ހިމެނެއެވެ. އީލިޔާ އަވަހާރަވީ 1957 ގައި ނިޔޫޔޯކުގައެވެ.

الضفادع والنجوم މިޅެމުގެ މާނަ ޅެން ބަހުން ދިވެހި ކޮށްލެއްވީ އަޅުގަނޑުގެ ބައްޕަ އަލްމަރްހޫމު އަބްދުއްރަހީމް އަބްދުލް މަޖީދެވެ. އަސްލު ތަރުޖަމާގައި ނުވަވަނަ ބައިތާއި ދިހަވަނަ ބައިތާ މިދެބައިތު ވެއްޓިފައި އޮތުމުން، އެ ދެބައިތު ހިމަނައި، އެ ދެބައިތުގެ މާނަ އަޅުގަނޑު އިތުރުކޮށްލާފައި ޅެން ފުރިހަމަކޮށްލީމެވެ.

މި ޅެން ހިމެނެނީ ހަޖޫގެ ޅެމުގެ ތެރޭގައެވެ. މިޅެމަކީ ގަދައަޅައި މަސައްކަތްކޮށް މޮޅު ކާމިޔާބީތައް ހޯދައި، މީސްތަކުންނަށް ފައިދާ ހުރި ކަންތައްތައް ކުރަން ނޫޅެ، އެފަދަ ކަންކަން ކުރާކަމުގެ ދައުވާކޮށް އުޅޭ އުޅުމަށް ކިޔިފައި އޮތް ހަޖުލެކެވެ. ޅެމުގެ ވާހަކަތައް ހުށަހަޅާލެވިފައިވަނީ ކުރު ވާހަކައެއްގެ ސިފައިގައެވެ. ފެންގަނޑެއްގައި އޮތް ބޮކަކަށް ފެންގަނޑަށް، ރޭނގަނޑުގައި، އެޅިފައި އޮތް ތަރިތަކުގެ ހިޔަނި ފެނުމުން ބޮކަށް ހީވީ ބޮއްތަކާ ހަނގުރާމަކުރަން ލަޝްކަރެއް އައިސް އޮތް ކަމެވެ. ދެން ހުރިހާ ބޮއްތަކެއް ހޭލައްވައި ދުޝްމަނުންގެ ލަޝްކަރާ ކުރިމަތިލާން ގޮވިއެވެ. ފަތިސްވެ، އަލި ވިލުމުން، ތަރިތައް ފަނޑުވެ އޮބިދިޔުމުން، ބޮއްތައް ނިންމީ ދުޝްމަނުންގެ ލަޝްކަރު ބަލިވެގެން ދިޔައީކަމުގައެވެ. އަދި، އެކަމާ ފަޚުރުވެރިވެ، އުޑުން އައި ލަޝަކަރެއް ބަލިކުރި ވާހަކަ ގޮވިއެވެ. އެ ލަޝްކަރު ބަލިކޮށް ނުލެވުނު ނަމަ، ބޮއްތައް މަރައި، ބޮއްތަކުގެ ބިމަށް ވެރިވެ، އުޑުގެ ވިލާތަކުގެ ތެރިން ވެސް ތަރިތަކަށް ލިބެން ނެތް ނިއުމަތް ބޮއްތަކުގެ ދުނިޔެއިން ހޯދައި، އުފަލުގައި އެ ތަނުގައި އުޅެން ފެށީހެވެ. އެހެންވެ، ބޮއްތައް މި ހޯދި ކާމިޔާބަކީ ވަރަށް ވެސް މަތިވެރި ކާމިޔާބެއް ކަމުގައި ބޮއްތައް ދުށްޓެވެ. އަދި މި ކާމިޔާބަކީ ތާރީޚުގައި ރަން އަކުރުން ލިޔެލަން ޖެހޭ ކަމެއްކަމުގައި ބޮއްތަށް ބުންޏެވެ.

  1. صاحت الضفدع لما شاهدت في الماء حولها أظلال النجوم

އެއްރެއަކު ކަޅު އަނދިރިފޮއިގައި ފެންގަނޑެއްގައި އޮތް ބޮކެއް

އެއްލި ކަޅިއެއްގައި ދުށީ ފެންގަނޑުގެ ތެރެއިން ތަރިތަކެއް

ހިޔަނިއެޅިފައި ހުރިގޮތުން ފެންގަނޑުތެރަށް ތަރިތަކުން

ބިޔަ ނުހަނު ބޮޑު ދުޝްމަނުންގެ ހިތަށް އައޭ މީލަޝްކަރެއް

  1. يا رفاقي يا جنودي احتشدوا عبر الأعداء في الليل التخوم
  2. فاطردوهم واطردوا الليل معا إنه مثله باغ أثيم

ދެން ނުހަނު ސިހިގެން ގޮވަންފެށިއޭ އަޚުންނޭ މަގޭ

އެއްވެގެން ތައްޔާރުވާށޭ ލަސްނުކޮށް ހަމަހިނދުކޮޅެއް

އަންނަނީއޭ ފައުޖުތައް ހަމަލާދެނީއޭ ދުޝްމަނުން

ކަންތަކާ މިއޮތީ ދިމާވެފައޭ ހުރިއްޔާ ހިއްވަރެއް

  1. زعقة سار صداها في الدجى فإذا الشط شخوص وجسوم
  2. في أديم الماء من أصواتها رعدة الحمى وفي الليل وجوم

ބޮއްގޮވާ މިގޮވުން އަހާފައި ފެންގަނޑުން ބޯހިއްލަމުން

ބޮއްތަކޭ އަންނަން ފެށީ ކޮށްލަން ރަނގަޅު ހަނގުރާމައެއް

ކަރުދަމާ އަދި ލޯއަޅައިގެން ބަލަބަލާ ބޮއްތައް ތިބީ

ތަރިތަކުގެ ލަޝްކަރު އައިސް ދީފާނެ ވަރުގަދަ ހަމަލައެއް

  1. مزق الفجر جلابيب الدجى ومحا من صفحة الأرض الرسوم

ނަމަވިޔަސް ތަރިތަކުގެ އެއްވެސް ހަރަކަތެއް ގުޑުމެއްވިޔަސް

ހަމަނައިސް ހުއްޓޭ އެގޮތުގައި ވޭތުވަންދެން އިރުކޮޅެއް

އަނދިރިކަން ރޭގަނޑުގެ ފަނޑުވީމައި ފަޖުރުލައި އަލިވުމުން

މަޑުމަޑުން އަތުވެއްޖެއޭ އަލި ތަރިތަކަށްވެސް ފުހެވުމެއް

ވީހިނދުން ކަންތައް މިހެން، ތަރިތަކުގެ ލަޝްކަރު ދެރަވެގެން

ހީކުރީ ދިޔައީ ފިލައިގެން ބަލިވެގެން ނެތި ހިއްވަރެއް

  1. فمشت في سربها مختالة كمليك ظافر بين قروم
  2. ثم قالت لكم البشرى ولي قد نجونا الآن من كيد عظيم

ބޮއްތަކުގެ ލީޑަރު ގުރެއް ފަދަ ބޮއްތަކުގެ ކައިރިން ހިނގާ

ގޮންޖަހާލާފައި ފަޚުރުވެރި ބުނެލިޔޭ ގަދަ ބަސްތަކެއް

އަހަރުމެންގެ މިލަޝްކަރުގެ މޮޅުކަން އެނގޭހޭ މީހުނަށް

ފަހުލަވާނުންނޭ މިއީ މިކަހަލަ ނުވާ އަބުތާލުނެއް

ބަލިކުރީ މީހުންގެ ނޫނޭ ބައިގަނޑެއް ބިމުގައި އުޅޭ

ބަލިކުރީ އުޑުގައި އެއޮތް ތަރިތަކުގެއޭ ބޮޑު ލަޝްކަރެއް

  1. نحن لو لم نقهر الشهب التي هاجتنا لأذاقنا الحتوم

ނުކުރެވުނު ނަމައީ އެލަޝްކަރު ބަލި ގަދަފަދަވި، ދެން ހަމަ އޮތީ

ގުނެލެވުން ނެތް ގިނަ އެތައް އަނިޔާތަކާ އަދި ހިތި މަރެއް

  1. وأقامت من بعدنا من أرضنا في نعيم لم تجده في الغيوم

އަދި ފަހުން ބިމުގައި މިމޮޅު، ތަރިތައް ފަށާނޭ ހަމަ އުޅެން

ފަހިވި ނިއުމަތުގައި ހެމުން، އުޑުގައި ނުވާ އިރު އެފަދައެއް

  1. أيها التاريخ سجل أننا أمة قد غلبت حتى النجوم

ލިޔެބަލާށޭ ކުލަކުލައިން ރަންއަކުރަކުން ތާރީޚުގައި

ކިޔެވެމުންދާހެން ޒަމާނަށް ހޯދި ނަސްރާ ފަތަހައެއް

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.