Support Us

ކޮލަމް: ރަންދެލި

ޙައްޖާޖު ބިން ޔޫސުފާއި އަޢުރާބީ

حجاج بن يوسف الثقفي ޢިރާޤުގެ ގަވަރުނަރުކަމުގައި ހުރި ދުވަސްވަރު އުމަވީ ދައުލަތާއި ދެކޮޅަށް އެ ސަރަހައްދުގައި ވަރަށް ގިނަ ބަޣާވާތްތައް ކޮށްފައިވެއެވެ. ނަމަވެސް ޙައްޖާޖު ގެންދިޔައީ އެ ހުރިހާ ބަޣާވާތެއްވެސް ވަރަށް ހަރުކަށިކަމާއި އަދި އަނިޔާވެރިކަމާއެކު ފުނޑުފުނޑު ކުރަމުންނެވެ. އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް އޭނާއަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު އޭނާގެ ސިފައިންނަށް އަމުރުކުރީ އެ ހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން ގޮސް ބާކީ އެންމެ އަޢުރާބީއެއް ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާއަށް އިތުބާރުކުރެވޭ ކޮމާންޑަރެއް ކަމުގައިވާ قتيبة بن مسلم الباهلي އަށް ގޮވައި ގެނެސްފައި ބުންޏެވެ. "މި މީހާ، މިރޭ ކަލޭގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު، މާދަމާ އަހަރެންގެ ކުރިމައްޗަށް ގެންނާށެވެ!"

ޤުތައިބާ ބަޔާންކުރައްވާފައިވެއެވެ. ތިމަން އެ އަޢުރާބީ ގޮވައިގެން ގެއާ ދިމާއަށް މިޞްރާބުޖެހީމެވެ. ގެއަށް ދިޔަ މަގުމަތީގައި އޭނާ ވަރަށް އާދޭހާއެކު ތިމަންނާއަށް ބުންޏެވެ. "ޤުތައިބާއެވެ! ތިބާގެ ކިބައިގައި ހެޔޮކަމުގެ ކުނޑިފުކެއްވެސް ބާކީ ހުރިނަމަ އަހަރެން ވާހަކައެއް ބުނަންހެއްޔެވެ؟"

ތިމަން ބުނީމެވެ. "އާނއެކެވެ! ބުނެބަލާށެވެ! ކިހިނެއްވީ ހެއްޔެވެ؟"

އޭނާ ބުންޏެވެ. "އަހަރެންގެ އަތުގައި މީސްތަކުންގެ އަމާނާތްތަކެއްވެއެވެ. ޙައްޖާޖު، މާދަމާ އަހަރެން ޤަތުލު ކުރާނެއެވެ. މީސްތަކުންގެ އަމާނާތްތައް އެމީހުންނަށް ރައްދުކޮށް، ޙައްޤުވެރީންނަށް އެމީހުންގެ ޙައްޤު އަދާކޮށް އަދި އަހަރެންގެ މައްޗަށްވާ ލޭންދޭނުގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އަހަރެންގެ ވާރިޘުންނަށް ބުނެދީފައި އައުމަށް އަހަރެން ގެއަށް ދިއުމުގެ ހުއްދަ ތިބާއަށް ދެވިދާނެ ހެއްޔެވެ؟ ތިމަން ޢިއްޒަތްވަންތަ ރައްބު ޖާމިނުކޮށް ތިބާއަށް ވަޢުދުވަމެވެ! ތިމަން މާދަމާ އަންނާނަމެވެ."

އޭނާގެ ވާހަކަ އިވުމުން ތިމަން ވަރަށް ޢަޖައިބުވިއެވެ. އަދި ހިނިވެސްއައެވެ. އަދި ހިތަށްއެރިއެވެ. "މިއީ ކޮން ކަހަލަ ވާހަކައެއް ދައްކާ މީހެއްހެއްޔެވެ؟"

އޭނާ ތިމަންގެ މޫނަށް ބަލައިލިއެވެ. އަދި ބުނަންފެށިއެވެ. "ﷲ ތަޢާލާ، ހެކިކޮށް އަހަރެން ބުނަމެވެ. އަހުރެން މާދަމާ އެނބުރި އަންނާނަމެވެ. އަހުރެން ދިޔަދޭށެވެ!"

ނަމަވެސް ތިމަން މެދުނުކެނޑި އިންކާރުކުރަމުން ގެންދިޔައީމެވެ. "ތިހެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން، ކަލޭ ދޫކޮށްލައިފިނަމަ ކަލޭ އެނބުރި އަތުވެދާނަންހެއްޔެވެ؟"

އޭނާވެސް ހުއްޓުމެއްނެތި އޭނާގެ ބޭނުން ތަކުރާރު ކުރަމުން ގެންދިޔައެވެ. އަދި އާދޭސްކުރަމުން ގެންދިޔައެވެ. އެންމެފަހުން ތިމަންގެ ހިތުގައި އޭނާގެ މައްޗަށް ރަޙުމް އުފެދި އޭނާއަށް އިތުބާރު ކުރެވުނެވެ. އެހެންކަމުން އޭނާ ގެއަށް ދިއުމުގެ ހުއްދަ ދިނީމެވެ.

އޭނާއަށް ހުއްދަ، ހަމަ ލިބުމާއެކު ގެއަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. ނަމަވެސް އޭނާ ދިއުމާއެކު މިކުރެވުނު ކަންތަކާމެދު ތިމަންނައަށް ހިތާމަކުރެވެން ފެށިއްޖެއެވެ. ތިމަންގެ ހިތަށްއެރިއެވެ. "މިކުރެވުނީ ކީއްހެއްޔެވެ؟ އޭނާ ދޫކޮށްލީ ކީއްވެހެއްޔެވެ؟ އޭނާ އެނބުރި އައުމަކީ އެކަށީގެންވާ ކަމެއްނޫނެވެ." އަނެއްކޮޅުން ޙައްޖާޖުގެ ބިރެވެ. ޙައްޖާޖާ ޤައިދީ ޙަވާލުނުކޮށްފިނަމަ ތިމަންނައާމެދު ޙައްޖާޖު ކަންތައްކުރާނީ ކޮންގޮތަކަށް ބާވައެވެ؟ ކޮންމެއަކަސް އެ ރެއަކީ ތިމަންގެ ޙަޔާތުގައި އައި އެންމެ ނުތަނަވަސް ރެއެވެ. މުޅި ރޭ ވޭތުކުރީ ހިތާމައާއި ދުޢާގައެވެ.

އަނެއް ދުވަހު ފަތިހުފަތިހާ ތިމަންގެ ގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. ތިމަން އަވަސްއަވަހަށް ބޭރަށް ނުކުމެ ދޮރު ހުޅުވާލިއިރު އެއްކަލަ އަޢުރާބީ ދޮރުމަތީގައި ހުއްޓެވެ. އޭނާ ފެނުމުން ތިމަންގެ ހަށިގަނޑަށް އަލުން ފުރާނަ އެޅުނު ކަހަލައެވެ. ތިމަން، އޭނާއާ ސުވާލު ކުރީމެވެ. "ކަލޭ ހަމަ އައީ ހެއްޔެވެ؟" އޭނާ ޖަވާބުދިނެވެ. "އާނއެކެވެ! ތިބާގެ ކުރިމަތީގައި މިހުރީއެވެ." އަހަރެން ބުނީމެވެ. "އަދިވެސް އަހުރެންނަށް ހަމަ ޔަޤީންނުވަނީއެވެ." އޭނާ ބުންޏެވެ. "ﷲ ތަޢާލާ ކަފީލެއްކަމުގައި ހެދުމަށްފަހު ތިމަންނައަށް ނައިސް ހުރެވިދާނެ ހެއްޔެވެ؟"

ޤުތައިބާ ބަޔާންކުރައްވައެވެ. ތިމަން، އޭނާ ގޮވައިގެން ޙައްޖާޖުގެ ދަރުބާރަށް ދިޔައީމެވެ. ދޮރުމަތީގައި ހުރި ހަށިފާރަވެރިޔާ ކައިރިއަށް ޤައިދީ ދޫކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. ޙައްޖާޖަށް ތިމަން ހަމަ ފެނުމާއެކު ސުވާލުކުރިއެވެ. "ޤުތައިބާއެވެ! އަހަރަމެންގެ އެ ޤައިދީ ކޮބައިހެއްޔެވެ؟" ތިމަން ބުނީމެވެ. "އަމީރަށް ސަލާމަތްކަން ހުއްޓެވެ. ދޮރުމަތީގައި އެބަހުއްޓެވެ." ތިމަން ދޮރުކައިރިއަށް ގޮސް ޙައްޖާޖާ، އޭނާ ޙަވާލުކުރީމެވެ. އަދި ރޭގެ ހާދިޘާ ޙައްޖާޖަށް ކިޔައިދިނީމެވެ. ޙައްޖާޖު އެ ޤައިދީގެ ތިރިން މައްޗަށް، މަތިން ތިރިއަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ހީވަނީ ކޮންމެވެސް ގޮތެއް އޭނާއާ މެދު ނިންމަނީހެންނެވެ. ކުއްލިއަކަށް ޙައްޖާޖުގެ އަޑުއައެވެ. "އަހަރެން މިޤައިދީ ކަލެއަށް ދީފީމެވެ. އޭނާ އާމެދު ކަލޭ ބޭނުން ގޮތަކަށް ޢަމަލުކުރާށެވެ!"

ތިމަން ޤައިދީ ގޮވައިގެން ބޭރަށްނުކުތީމެވެ. ބޭރަށް ނުކުމެ ޤައިދީއަށް ބުނީމެވެ. "ކަލޭ ބޭނުން ތަނަކަށް ދާށެވެ. އަހަރެންގެ ކިބައިން ކަލޭ ތިވަނީ މިނިވަންވެގެންނެވެ."

އަޢުރާބީ އުޑާ ދިމާއަށް އިސްއުފުލައި ބަލައިލުމަށް ފަހު ބުންޏެވެ. "ޔާ ﷲ އެވެ! ހުރިހާ ޙަމްދަކާއި ޝުކުރެއް ހުރީ އިނބަ ރަސްކަލާނގެއަށެވެ!"

އެއަށް ފަހު އޭނާ ދެވަނަ ބަހެއް ނުބުނެއެވެ. އަދި އަވަސްއަވަހަށް އެއްފަރާތަކަށް ހިނގައިގަތެވެ. އޭނާ ޢަމަލުކުރި ގޮތާމެދު ތިމަން ވަރަށް ޙައިރާންވިއެވެ. ތިމަން، އޭނާ މަރުގެ އަނދަވަޅަކުން ސަލާމަތްކުރީމެވެ. އެކަމަކު އެންމެ ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ބުނެނުލިއެވެ. ތިމަން ހިތާ ހިތުން ބުނީމެވެ. "ކަޢުބާގެ ވެރި އިލާހު ގަންދެމެވެ! ޔަޤީނުންވެސް މި ބަދަވީ ކަލޭގެ ވާނީ މަޖުނޫނަކަށެވެ."

އަނެއް ދުވަހު އެއްކަލަ އަޢުރާބީ ތިމަންގެ ކައިރިއަށް އައެވެ. އަދި ބުނަންފެށިއެވެ. "އޭ އަޚާއެވެ! ﷲ ތަޢާލާ، އަހަރެންގެ ފަރާތުން ތިބާއަށް އެންމެ ހެޔޮވެގެންވާ ޖަޒާ ދެއްވާށިއެވެ. ﷲ ގަންދީ ބުނަމެވެ! އިއްޔެގައި އަހަރެން ކަންތައް ކުރި ގޮތް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ތިބާ ގޯސްކޮށް ހީނުކުރުން އެދެމެވެ. ތިމަން އެގޮތަށް ކަންތައްކުރީ ﷲ ގެ ޙަމްދާއި ޘަނާއާއި ޝުކުރުގައި އެހެން ފަރާތެއް ބައިވެރިކުރަން ތިމަން ނުރުހޭތީއެވެ."