ހަމަހިމޭންކޮށް ދިރިއުޅެމުން އައި އުފާވެރި އާއިލާއެކެވެ. ވާރުތަވަމުން މިލްކުވަމުން އައި މުދަލާއި އަމިއްލަ ގެދޮރާއި ގޮތްފޮތް ހުއްޓެވެ. އެ ފަދަ ބަޔަކަށް ތިމަންމެން ވެސް ވާނެ ނަމައޭ ހިތަށް އަރާ އެހެން އެތައް ބަޔަކު އުޅެއެވެ.
އެއް ދުވަހަކު މި އާއިލާގައި ވާހަކަ ދެކެވުނެވެ. އަބަދު އެއް ގޮތަކަށް ތިބުމަކީ ޒަމާނީ ކަމެއްނޫނެވެ. އާ ކުލަތަކާއި ރަހަތަކާއި އިޙްސާސްތައް ބޭނުންވާނެއެވެ. އެ ކަމަށް ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހެއެވެ.
މި ޚިޔާލެއް އުފަންވީ މުޅިން ގޭގެ އެތެރެއަކުން ނޫނެވެ. ބޭރުންވެސްމެވެ. މަޑުމަޑުން މި އަޑު ގަދަވެ ވައިގައިހިފައިފިއެވެ.
އެންމެ ފަހުން ނިންމީ ގެ ރޯކޮށްލާށެވެ. މަޖާކަމަކަށްވާނެއެވެ. ކަނިތައް ބުރައިގެންދާ މަންޒަރު ރީތި މަންޒަރަކަށްވާނެއެވެ.
އަހަރެމެންގެ ހިތްވަރު ގަދަކަމާއި އުފެއްދުންތެރި ޚިޔާލު އެހެން މީހުންނަށް އެނގޭނެއެވެ. ކޮންމެ ކަމެއް ވެސް ޓޮލަރޭޓުކުރާ ބައެއްކަން ދެނެގަންނާނެއެވެ. އެކަމަކު މި ކަމަށް މަޝްވަރާއާއި ރުހުން ބޭނުންވާނެއެވެ. އެ ގޮތުން ގިނަ ކުދީންނަށް ފެންނާނީ ރަނގަޅު ގޮތެވެ.
އެންމެ ފުރަތަމަ ޤާނޫނީ ގޮތުން މަތީ ތަޢުލީމު ހޯދައިގެން ހުރި ކުއްޖާއާ ވާހަކަދެއްކުނެވެ. އޭނާ ޤާނޫނު އަސާސީއާއި މުޅި ޤާނޫނު އެއްކޮޅުން އަނެއް ކޮޅަށް ބަލައިފިއެވެ. އޭނާ ބުނީ އެއިން އެންމެ ޞަފުޙާއެއްގައި އެންމެ ފޮޅުވަތެއްގައި ވެސް އެގޭގެ ނަންވެސް ނެތް ކަމަށެވެ. އެހެންވީމާ ޤާނޫނީ ގޮތުން އެ ކަމަކަށް ކުޑަވެސް ހުރަހެއް ނެތެވެ.
ދެން ސުވާލުކޮށްލެވުނީ ދީނީ ޢިލްމުވެރިޔާއާއެވެ. އޭނާއަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒެކެވެ. އޭނާ ވިދާޅުވިއެވެ. އިތުރަށް ވިސްނުމުގެ ބޭނުމެއް ވެސް ނެތެވެ. ކީރިތި ޤުރުއާނުގެ އެއްވެސް ތަނެއްގައި ސުންނަތުގެ އެއްވެސް މަގާމެއްގައި މިގެއާ ބެހޭ އެންމެ އަކުރެއް ވެސް ނޯންނާނެއެވެ. އެއީ އެ ދެ މަސްދަރު އޮންނަނީ އަރަބި ބަހުން ވިއްޔާއެވެ. އެހެންވީމާ ދީނީ ގޮތުން ޖާއިޒެވެ. އަވަހަށް އަލިފާން ފުޅަފި ގެންނާށެވެ.
ދެން ދިވެހި ބަހުގެ ޢިލްމު އުނގެނިގެން ހުރި ކުއްޖާ ގާތު އެހުނެވެ. އޭނާ ބުންޏެވެ. ތަންދޮރު ނުދަންނަ މީހުން ފިތުނަ އުފައްދަން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކައިފާނެއެވެ. މި ގެ ރޯކޮށްލަން ޖެހޭ ވާހަކަ ބުނާ އިރަށް ބައެއް މީހުން އޭގެ ސަބަބުން ގެހަލާކު ވާނެވާހަކައާއި އަންނަން އޮތް ޖީލުތަކުގެ ކުދީން ވަރަށް ހާލުގައި އުޅެން ޖެހޭނެ ވާހަކަ އެބަ ދައްކައެވެ. އެ ހަމަ ހުސް ފިތުނައެވެ.
އަހަރެމެން ކަންކަމުގެ ހަގީގަތާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. ރޯކޮށްލުމަކީ ރޯވުމަކީ ކޮބައި ހެއްޔެވެ؟ އަހަރެމެންނަށް ކާން ބޯން ލިބެނީ ގަސްތައް ރޯވީ މައެވެ. އެއްވެސް ގަހެއް ރޯނުވެއްޖެ ނަމަ އިންސާނުން އުޅެން ޖެހޭނީ ކޮން ފަދަ ހާލެއްގައި ހެއްޔެވެ؟
ހަށިގަނޑަށް އެންމެ ރަނގަޅު ކާނާއަކީ ރޯ މޭވާއާއި ރޯ ތަރުކާރީއެވެ. އަހަރެމެން ކައިބޮއި ހަދާ މަހަކީ ރޯމަހެވެ. އަހަރުތެރޭ ލެއްވި އެންމެ ބަރަކާތްތެރި މައްސަރަކީ ރޯދަމަހެވެ.
މި ހުރިހައި ޙުއްޖަތާ އެކު ގޭގެ ނިދާކޮޓަރިޔަށް މީހަކު ވައްދައި މަންމަގެ ނިދާ އެނދުގައި ރޯކޮށްލައިގެން އާ އަހަރުގެ އުފާވެރިކަންފަށައިގަތެވެ.
2 Responses
ހޯމް ސްޓޭ ޓޫރިޒަމް ދޯ
ޢިލްމްލިބި އެހެނަސްޙިލްމް ލިބިފައި ނެތުމުގެ ނަތީޖާ މިކަމުން ފެނިގެން
މިދިޔައީ. ލިޔެފައިވާ އެއްޗެއް ކިޔަންއެނގުނަސް އެލިއުމުގައިވާ އެއްޗެއްގެ މަޠުލަބަށް ނުވިސްނޭނަމަ ވެދާނެގޮތެއް. މިހާރު މިފަށާ ހޯމްސްޓޭ ޓްއަރިޒަމަކީ މިފަދަ ކަމެއްކަމަށް އަހަރެންދެކެން….
ކޮންމެކަމެއް އަމިއްލަޔަށް ތަޖްރިބާކުރަންވެއްޖިއްޔާ އެމީހެއްގެ ގުނަވަންތަކެއް ހަމައަކަށް ނުހުންނާނެ. މިސާލަކަށް މީހަކުބުނީ އިނގިއްޔެއް ބުރިވުމަކީ ހާދަވޭނެއް އަޅާކަމެކޭ ދެން އެކަން ތަޖުރިބާކުރަން އޭނާގެ އެއްއިނގިލި ބުރިކޮށްލައި އެކަން ބަލަންވީތޯއެވެ….