...

Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ސެޕްޓެމްބަރު 11ގެ ހަމަލާއާ ގުޅިގެން ޢިރާޤުން ދެއްކި އަގު

ދުނިޔޭގެ ސުޕަރޕަވަރެއް ކަމަށް ދަޢުވާކުރާ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޓްވިން ޓަވަރަށް ސެޕްޓެމްބަރ 11، 2001ގައި ހަމަލާދީ ގޮއްވާލި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ހިންގި އެންމެބޮޑު އެއް ޓެރަރިސްޓް ހަމަލާއެވެ. މި ލިއުމުގައި މި ހާދިސާގެ ވާހަކަ މިގެނައީ އެ ހާދިސާގެ ފަހުން ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ބަޔާން ކުރުމަށްޓަކައެވެ.

އެ ހާދިސާ ހިނގިއިރު އެމެރިކާގެ ރައީސަކަށް ހުންނެވީ ޖޯޖް ޑަބްލިއު ބުޝް ޖޫނިއަރއެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން މީޑިއާތަކުން ދިޔައީ އެ ހާދިސާއާއި ޢިރާޤުގެ އޭރުގެ ރައީސް ޞައްދާމު ޙުސެއިނާ ގުޅުވަމުންނެވެ. މީޑިއާތަކުން އެ ޚަބަރު ގެނެސްދިން ގޮތުން އެމެރިކާގެ ކޮންމެ 10 މީހަކުން ހަތް މީހަކު ގަބޫލުކުރި ގޮތުގައި، އެ ހަމަލާއާ ޞައްދާމު ޙުސެއިނާ ސީދާ ގުޅުމެއްވާނެއެވެ.

ސެޕްޓެމްބަރ 15 ވަނަ ދުވަހު ކޭމްޕް ޑޭވިޑްގައި އެމެރިކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނާއެކު ސިއްރު ބައްދަލުވުމެއް ބުޝް، ބޭއްވެވިއެވެ. އެ ބައްދަލުވުމުގައި ޢިރާޤަށް ހަމަލާ ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު އެންމެފަހުން ނިންމުނީ އެ ހާދިސާއާ ޞައްދާމު ޙުސެއިނާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތުމުން ޢިރާޤަށް ހަމަލާ ނުދިނުމަށެވެ. އެހެންނަމަވެސް ފަހުން ކަންތައް ވެގެން ދިޔައީ ކޮންގޮތަކަށް ހެއްޔެވެ؟

އޭގެ ދެ އަހަރު ފަހުން، ހަމަ އެ ހާދިސާއާ ގުޅުވައިގެން، 19 މާރިޗް 2003 ގައި، ގުޅިފައިވާ ލަޝްކަރުން ޢިރާޤަށް ވައިގެ ހަމަލާދީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޢިރާޤު ހިފިއެވެ. ޢިރާޤު ހިފިތާ އަހަރެއްހާ ދުވަސްފަހުން، ބުޝް މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި ސެޕްޓެމްބަރ 11 ގެ ހާދިސާއާ ޞައްދާމު ޙުސެއިނާ އެއްވެސް ގުޅުމެއް ނެތެވެ.

ހިތާމައަކީ އޭރު އޮތީ ޢިރާޤަށްވާނެ އެއްޗެއްވެ ނިމިފައެވެ. ހަނގުރާމައިގެ ސަބަބުން ޢިރާޤުގެ އާންމު ރައްޔިތުންގެ ތެރެއިން 461،000 މީހުން މަރުވެ، އެތައް މިލިއަން މީހުން ވަނީ ރެފިއުޖީންނަށް ވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސައިންޓިސްޓުންނާއި ދީނީ ޢިލްމުވެރިންނާއި އާދައިގެ މަސައްކަތު މީހުންނާއި މަސްވެރިންނާއި މަގުމަތި ސާފުކުރާ މީހުންނާއި ދަނޑުވެރިންނާއި މުސްކުޅިންނާއި އަންހެނުންނާއި އަދި ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެ ހިސާބުންވެސް އެމެރިކާގެ މި ކުޅިވަރު ނިމުނީއެއް ނޫނެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން މިހާތަނަށް ޢިރާޤުގެ ގުދުރަތީ މުއްސަނދިކަން ފޭރިގަނެ، އެމެރިކާ ސަރުކާރުގެ ރުހުން ލިބިފައިވާ ގައުމުތަކުގެ ވެރިންގެ ޖީބުތައް ފުރުނުއިރު ޢިރާޤު ރައްޔިތުން މިއަދު އެތިބީ ކަނު އަނދިރީގައެވެ. ކަރަންޓެއް، ސާފު ބޯފެނެއް، އެކަށީގެންވާ ޞިއްޙީ ނިޒާމެއް ނެތެވެ. ދެހާސް ތިން ވަނަ އަހަރު ޢިރާޤު ހިފުމަށްފަހު، ބުޝްގެ ސަރުކާރުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ޢިރާޤުގެ ސިޔާސީ އަދި އިޤްތިޞާދީ ހުރިހާ މުއައްސަސާއެއް އެކީއެކަށް ނައްތާލުމެވެ.

އިރާޤު ހިފިތާ ބަރާބަރު އެއް މަސްދުވަހުގެ ތެރޭގައި، ޢިރާޤުގެ ރައްޔިތުންގެ 200 އަށްވުރެ ގިނަ ކުންފުނި ޕްރައިވަޓައިޒްކޮށް ހުޅަނގުގެ އޭޖެންޓުންނަށް ވިއްކާލިއެވެ. އަދި ކުރިން އެ ކުންފުނިތަކުން ސަރުކާރަށް ދައްކަމުން އައި ޓެކްސް 45 އިންސައްތައިން 15 އިންސައްތައަަށް ކުޑަކުރިއެވެ. އަދި ބޭރުގެ ކުންފުނިތަކަށް ޢިރާޤުގެ ހަރުމުދާ 100 އިންސައްތަ މިލްކު ކުރެވޭ ގޮތަށް ބަދަލުކޮށް ޢިރާޤުގެ އެތައް މިލިއަން ރައްޔިތުންގެ ޙައްޤުތައް ރޯމާދުވާލު ފޭރިގަތެވެ. އަދި ޢިރާޤުގެ ތެޔޮ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް، ޖަމާކުރީ "ޑިވެލޮޕްމަންޓް ފަންޑު ފޮރ ޢިރާޤު" ކިޔާ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ އެކައުންޓަކަށެވެ. މި އެކައުންޓަކީ އެމެރިކާގެ ނިއުޔޯކުގެ ފެޑެރަލް ރިޒާވުން އޮޕަރޭޓްކޮށް ބަލަހައްޓާ އެކައުންޓެކެވެ. މި އެކައުންޓުން ކުރެވޭ ޚަރަދުތަކުގެ އެއްވެސް ތަފްސީލެއް ޢިރާޤުގެ ސަރުކާރަކަށް ނޭނގެއެވެ. މެއި 23، 2021ގައި ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކައުންޓުގައި ހުރި ޢިރާޤުގެ ރައްޔިތުންގެ ފައިސާގެ ތެރެއިން 150 ބިލިއަން ޑޮލަރުވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނަމުގައި މި އެކައުންޓުން ޚަރަދު ކުރަނީ އިރާޤު އާރާސްތު ކުރުމަށެވެ. ފާއިތުވި 19 އަހަރު ޢިރާޤަށް އެއްވެސް ތަރައްޤީއެއް ގެނެވުނު ހެއްޔެވެ؟

ދެހާސް ތޭރަ ވަނަ އަހަރު ފައިނޭންޝަލް ޓައިމްސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އިރާޤު ހިފިތާ އެއް އަހަރުގެ ތެރޭގައި އިރާޤު އާރާސްތުކުރުމަށް އެމެރިކާގެ ކުންފުނިތަކަށް 72 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހަވާލުކުރެވުނެވެ. އެއްވެސް މީހަކަށް ޢިރާޤުގައި ގާއިމުވެ ތިބީ، މިފަދަ ކިތައް ކޮންޓްރެކްޓަރުން ކަމެއް، އަދި އެމީހުންނާ ޙަވާލުކޮށްފައިވަނީ ކިހާ ފައިސާއެއްގެ، ކޮން މަސައްކަތެއް ކަމެއް އެނގިފައެއް ނުވެއެވެ. ޢިރާޤު ޑިވޮލޮޕްމަންޓް ފަންޑުން މި ކުންފުނިތަކަށް ދޭންވާ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާއިރު، މިއިން ޕްރޮޖެކްޓެއް ނިމުނު ކަމެއް އެނގޭކަށް ނެތެވެ. އަދި ނިމުނުކަމަށް ބުނާ ޕްރޮޖެކްޓްތަކުން ޢިރާޤު ރައްޔިތަކަށްކުރި އެއްވެސް ފައިދާއެއް ނެތެވެ. ދެހާސް ނުވަ ވަނައަހަރު، ސޮސައިޓީސް ވިތައުޓް ބޯޑާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޢިރާޤުގައި އެމެރިކާގެ 13،000 ކޮންޓްރެކްޓަރުން އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ގާއިމްވެ ތިއްބެވެ. މިއަދުވެސް އިރާޤު ރައްޔިތުން އެ ތިބީ އެންމެ އަސާސީ އެއް ޚިދުމަތް ކަމަށްވާ ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެފައެވެ. މިކަމާ ގުޅޭގޮތުން، ލިވަރޕޫލް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޭވިޑް ވައިޓް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިއީ ފަހުގެ ތާރީޚެއްގައި މިހާ ފާޅުކަން ބޮޑުކޮށް ހިންގުނު ވައްކަމުގެ އެންމެ ބޮޑު އެއް ޖަރީމާ ކަމުގައެވެ.

މި ބޮޑު ވައްކަން ކުރުމަށްފަހު، 2011 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކު އޮބާމާވަނީ އެމެރިކާ ސިފައިން ޢިރާޤުން ބާލާފައެވެ. އެމެރިކާ ސިފައިން ޢިރާޤުން ފައިބައިގެން ދިޔަ ކަމުގައިވިޔަސް، އަދިވެސް ޢިރާޤު ސަރުކާރުގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައެވެ. ޢިރާޤު މިވަނީ މިއިން ދުވަހަކު އަލުން އަމިއްލަ ފައިމައްޗަށް ނުތެދުވެވޭ ވަރު ކޮށްފައެވެ. ޢިރާޤުވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ޢިލްމީ ގޮތުންނާއި އަދި އަސްކަރީ ގޮތުން އެއްކޮށް ބަނގުރޫޓް ކޮށްލާފައެވެ. ޢިރާޤުގެ ރައްޔިތުންގެ ތެރެއިން 12 މިލިއަން މީހުން އުޅެނީ އިންތިހާއަށް ފަޤީރު ހާލުގައެވެ.

ޢިރާޤުގެ އެތައްއެތައް ޢިލްމުވެރިންނެއް މަރާލާ، ގެއްލުވާލާ އަދި ބައެއް ޢިލްމުވެރިންވަނީ ދުނިޔެއިން މޮޔަކޮށްލާފައެވެ. ތިރީގައި މި ބަޔާންކޮށްލަނީ އެފަދަ އެންމެ މީހެއްގެ ވާހަކައެވެ. މިފަދަ ކިތަންމެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި އެއް ބަޔަކު ވަނީ ގުއަންޓަނާމޯބޭ ޖަލުގައި އެއްވެސް ޝަރީޢަތަކާ ނުލައި ބަންދު ކޮށްފައެވެ.

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ޕްރޮފެސަރ ޙާމިދު ޚަލަފް އަލް އަކީލީއެވެ. ކަނާތްފަރާތުން އެ ފެންނަނީ އެމެރިކާ ސިފައިން ޢިރާޤު ހިފުމުގެ ކުރިން ޕްރޮފެސަރ ހާމިދު ހުރި ގޮތެވެ. ވާތްފަރާތުން އެ ފެންނަނީ އެމެރިކާއިން ޢިރާޤުގައި ގާއިމްކުރި އަސްކަރީ ޖަލެއްގައި އެތައް އަހަރެއް ވަންދެން ބަންދުކޮށް ދިން ލާއިންސާނީ އަނިޔާގެ ސަބަބުން ބުއްދި ގޯސްވެ، ޖަލުން ދޫކޮށްލި ފަހުން މިހާރު ޕްރޮފެސަރ ހާމިދު ހުރި ގޮތެވެ. ޕްރޮފެސަރ ޙާމިދުގެ ކުށަކީ ކޮބައިހެއްޔެވެ؟ ޢިރާޤަށް އުފަންވުން ހެއްޔެވެ؟ ނުވަތަ އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީއިން އެޓޮމިކް ކެމިސްޓްރީން ޕީއެޗްޑީއެއް ހައްދަވައި، އަދި ހަމަ އެ ޔުނިވަރސިޓީއިން ނިއުކްލިއަރ ކެމިސްޓްރީން ޕްރޮފެސަރަކަށް ވުން ހެއްޔެވެ؟ ނުވަތަ މުސްލިމަކު އެފަދަ ރޮނގަކުން އެހާ މަތީ ފާހެއް ނެގުން ހެއްޔެވެ؟

އާނއެކެވެ. ޕްރޮފެސަރ ޙާމިދު ޚަލަފް އަލް އަކީލީގެ ކުށަކީ، މުސްލިމަކު، ނިއުކްލުއަރ ކެމިސްޓްރީން ޕްރޮފެސަރަކަށް ވެވަޑައިގަތުމެވެ. އެއްވެސް މުސްލިމަކު އެފަދަ ރޮނގަކުން އެހާ މަތީ ފާހެއް ޙާޞިލްކުރުމަކީ، ހުޅަނގުގެ ގައުމުތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އެމެރިކާއިން ޢިރާޤު ހިފުމަށްފަހު ޕްރޮފެސަރ ޙާމިދު ހައްޔަރުކޮށް ދިން ލާއިންސާނީ އަނިޔާއަށް ކެތްނުކުރެވި މިއަދު އޭނާ އެވަނީ ދުނިޔެއިން މޮޔަވެފައެވެ. އޭނާގެ މުޅި ޢާއިލާވަނީ މަރާލައިފައެވެ. ގެއާއި ގެދޮރުވަނީ ސުންނާފަތި ކޮށްލާފައެވެ. ބޯ ހިޔާކޮށްލާނެ ޖިފުޓިގަނޑެއް ނެތްތާނގައި ކައިބޮއި ހަދަނީ ބަޣުދާދުގެ މަގުމަތީގައި ސަލާން ޖަހައިގެންނެވެ.

އެމެރިކާގެ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ސްޓޭންލީ ކިއުބްރިކް ބުނެފައިވެއެވެ. "ބާރުގަދަ ހުރިހާ ގައުމުތަކުންވެސް ޢަމަލުކުރަނީ ގޭންގް ސްޓާރުން ފަދައިންނެވެ. އަދި ކުދި ގައުމުތައް ޢަމަލު ކުރަނީ ކަސްބީން ފަދައިންނެވެ. ވީމާ ބާރުގަދަ ގައުމުތަކުން ކުދި ގައުމުތަކުގެ މިނިވަންކަމާއި މުއްސަނދިކަން ފޭރިގަންނަންވީއެވެ. ބާރުގަދަ ގައުމުތަކުގެ ވެރިންނަށް އިންތިޚާބުތަކުގައި ފައިސާ ހޭދަކުރާ މަހުޖަނުންނަށް ކުދި ގައުމުތަކުގެ މުއްސަނދިކަން، އެކިއެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ހަވާލުކޮށް އެ ގައުމުތައް ބަނގުރޫޓް ކޮށްލަނީއެވެ. ރައްޔިތުން ކުޅިބަލަން ތިބޭނެއެވެ. ރައްޔިތުންނަކަށް ކުރެވޭނެ މާކަ ބޮޑުކަމެއް ނޯންނާނެއެވެ. ޢިރާޤަށްވެސް ވީ އެހެންނެވެ. ލީބިޔާއަށްވެސް ވީ އެހެންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91231

One Response

  1. ދިވެހިރާއްޖެއަށްވެސް މިވަނީ ހަމަ އެހެން. މިހާރު ވެރިކަމުގެ ތިބި އެމްޑީޕީން ގައުމު ވިއްކާ ހުސްކޮށްފި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.