...

Support Us

ކޮލަމް: ރަންދެލި

އިމާމް ޝަޢަބީ ރަޙިމަހުﷲ އާއި ރޯމްގެ އެމްޕެރަރ ޖަސްޓީނިއަން

އިމާމް ޝަޢަބީ ރަޙިމަހުﷲ އަކީ އިސްލާމްދީނުގެ ކުރީގެ ޖީލުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް މަތިވެރި ޢާލިމެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވާ މި ޙާދިސާ ވިދާޅުވެ ދެއްވާފައިވަނީ މިފަދައިންނެވެ.

އެއް ފަހަރަކު، ޚަލީފާ ޢަބުދުލް މަލިކް އިބްނި މަރުވާންގެ ފަރާތްޕުޅުން ސިޓީފުޅެއް ހިއްޕަވައިގެން ސަފީރެއްގެ ގޮތުގައި އެކަލޭގެފާނު ރޯމްގެ އެމްޕެރަރ ޖަސްޓީނިއަންގެ އަރިއަހަށް ފޮނުއްވިއެވެ. އެކަލޭގެފާނު ރޯމަށް ވަޑައިގެން އެމްޕެރަރ ޖަސްޓީނިއަންއާ ބައްދަލުވެވަޑައިގަތުމުން ވަރަށް ގިނަ ސުވާލުތައް ކުރައްވައި އެހުރިހާ ސުވާލަކަށް އިމާމް ޝަޢަބީ ރަޙިމަހުﷲ ޖަވާބު ދެއްވެވިއެވެ.

އާންމު ގޮތެއްގައި މިހެން ވަޑައިގަންނަވާ ސަފީރުން އެމްޕެރަރގެ މެހުމާންދާރީގައި މާގިނަ ދުވަހަކު ނުބައިތިއްބަވައެވެ. އެހެންނަމަވެސް އިމާމް ޝަޢަބީ ރަޙިމަހުﷲ ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަންނަވަންދެން އެކަލޭގެފާނު ބެހެއްޓެވިއެވެ. އެކަލޭގެފާނު ފުރާވަޑައިގަންނަވަން ޤަސްދު ކުރެއްވި ހިނދު، އެމްޕެރަރ ޖަސްޓީނިއަން ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔައީ ޚަލީފާގެ ޢާއިލާގެ ބޭފުޅެއްތޯއެވެ؟" އިމާމް ޝަޢަބީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ އާންމު އާދައިގެ މީހަކީމެވެ."

އެމްޕެރަރ ޖަސްޓީނިއަން، ހަށިފާރަވެރިއެއްގެ ގާތު ސިއްރުން ވާހަކަފުޅެއް ދެއްކެވުމަށްފަހު، އިމާމް ޝަޢަބީ ރަޙިމަހުﷲ އަތްޕުޅަށް ކާޑެއް ދެއްވައި ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަތްޕުޅުގައިވާ ސިޓީތައް ޚަލީފާއަށް އެރުއްވުމަށްފަހު މިކާޑުވެސް ޚަލީފާގެ އަތްޕުޅަށް އަރުވާށެވެ."

އިމާމް ޝަޢަބީ ރަޙިމަހުﷲ ދިމިޝްޤަށް އެނބުރި ވަޑައިގެން އެކަލޭގެފާނުގެ އަތްޕުޅުގައިވާ ސިޓީތައް ޚަލީފާއާ ޙަވާލުކުރެއްވިއިރު، ހަނދުމަފުޅު ނެތިގެން އެމްޕެރަރ ޖަސްޓީނިއަން ދެއްވި ކާޑު ޙަވާލެއް ނުކުރެއްވުނެވެ. އޭގެ ފަހުން އިމާމް ޝަޢަބީ ރަޙިމަހުﷲ އެކަން ހަނދުމަފުޅުވެގެން ޚަލީފާ ޢަބުދުލް މަލިކް އިބްނި މަރުވާނަށް އެކާޑު ޙަވާލުކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. ޚަލީފާ ޢަބުދުލް މަލިކް އިބްނި މަރުވާނު އެ ކާޑުގައިވާ އެއްޗެއް ވިދާޅުވުމަށްފަހު، އަޅުގަނޑަށް ވިދާޅުވިއެވެ. "ކަލޭގެފާނާ މިކާޑު ޙަވާލު ކުރެއްވުމުގެ ކުރިން އެމްޕެރަރ ޖަސްޓީނިއަން އެއްވެސް އެއްޗެއް ވިދާޅުވި ހެއްޔެވެ؟"

އިމާމް ޝަޢަބީ ރަޙިމަހުﷲ ދެންނެވިއެވެ. "އާދޭހެވެ! އަޅުގަނޑަކީ ޚަލީފާގެ ޢާއިލާގެ މީހެއްތޯ އެމްޕެރަރ ޖަސްޓީނިއަން އަޅުގަނޑުގެ ގާތުން އެއްސެވިއެވެ. އަޅުގަނޑު ނޫނެކޭ ދަންނަވައި އަދި އަޅުގަނޑަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ އާންމު އާދައިގެ މީހެކޭ ދެންނެވީމެވެ."

އެއަށްފަހު އަޅުގަނޑު، ޚަލީފާ ޢަބުދުލް މަލިކް ބިން މަރުވާނާ ވަކިވެވަޑައިގެން ގަނޑުވަރުގެ ބޭރު ދޮރޯއްޓާ ހިސާބަށް ދެވުނުތަނާ، އަނެއްކާވެސް ޚަލީފާ، އަޅުގަނޑު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގެންދެވިއެވެ. އަޅުގަނޑު ޚަލީފާގެ ކުރިފުޅުމަތީގައި ހުއްޓުމުން ވިދާޅުވިއެވެ. "މިކާޑުގައިވާ އެއްޗެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތޯއެވެ؟" އަޅުގަނޑު ނޫނެކޭ ދެންނެވުމުން ކާޑުގައިވާ އެއްޗެއް ކިއުމަށް ވިދާޅުވިއެވެ. އެކާޑުގައި ލިޔެފައިވަނީ މިފަދައިންނެވެ. "މީސްތަކުންގެ ތެރޭގައި މިފަދަ މީހަކު ހުއްޓައި، އެމީހުންގެ ވެރިޔަކަށް އެހެން މީހަކު، އެމީހުން އިޚުތިޔާރު ކުރުމުން އަޅުގަނޑު މިހުރީ އަޖާއިބުވެ އަންތަރީސްވެފައެވެ."

އިމާމް ޝަޢަބީ ރަޙިމަހުﷲ، ޚަލީފާ ޢަބުދުލް މަލިކް އިބްނި މަރުވާނަށް ދެންނެވިއެވެ. "ﷲ ގަންދީ ބުނަމެވެ. ތިޔަ ކާޑުގައިވާ އެއްޗެއް އަޅުގަނޑަށް ކުރިން އެނގުނުނަމަ ތިޔަ އެއްޗެއް އަޅުގަނޑު ނުގެނައިމުހެވެ. އެހެން ނޫނަސް އެމްޕެރަރ ޖަސްޓީނިއަން އެގޮތަށް އެ ވިދާޅުވީ އޭނާއަށް މަނިކުފާނު ފެނިވަޑައިގެންފައި ނުވާތީއެވެ."

އެހިނދު ޚަލީފާ ޢަބުދުލް މަލިކު އިބްނި މަރުވާނު ވިދާޅުވިއެވެ. "އެމްޕެރަރ ޖަސްޓީނިއަން މިފަދައިން ލިޔުއްވީ ކީއްވެގެންކަން ކަލޭގެފާނަށް އެނގި ވަޑައިގަންނަވާ ހެއްޔެވެ؟"

އިމާމް ޝަޢަބީ ރަޙިމަހުﷲ ނޫނެކޭ ދެންނެވުމުން ޚަލީފާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ގާތުގައި ކަލޭގެފާނު އުޅުއްވާތީ އެމްޕެރަރ ޖަސްޓީނިއަން ޙަސަދަވެރިވެ ވަޑައިގަތީއެވެ. އެހެންކަމުން އޭނާ ބޭނުންވީ ކަލޭގެފާނާ މެދު އަޅުގަނޑުގެ ހިތް ގޯސްކުރުމެވެ. އޭނާގެ މަޤްޞަދަކީ އަޅުގަނޑު ލައްވައި ކަލޭގެފާނު ޤަތުލު ކުރުވައި، ކަލޭގެފާނުގެ ޢިލްމުވެރިކަމުން މީސްތަކުންނަށް މަންފާއެއް ނުލިބޭނޭ ގޮތް ހެއްދެވުމެވެ."

މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ޚަލީފާ ޢަބުދުލް މަލިކް އިބްނި މަރުވާނުގެ ދަރުބާރުގައި ހިނގި ކަންތައްތަކުގެ ޚަބަރު ރޯމްގެ އެމްޕެރަރ ޖަސްޓީނިއަންއަށް ލިބިވަޑައިގަތުމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ނިޔަތާ މެދު ޚަލީފާ ޢަބުދުލް މަލިކު އިބްނި މަރުވާނު އެ ވިދާޅުވީ ހަމަ ރަނގަޅަށެވެ."