...

Support Us

ކޮލަމް: ރަންދެލި

މަރުގެ މަގު

މަރުގެ މަގުގައި ހިންގި ޤަތުލުއާންމުގެ ވާހަކަ ތިބާ އަޑުއެހިން ހެއްޔެވެ؟ މަތީގައިވާ ތަސްވީރުގައިވާ އެންމެންވަނީ މިދެންނެވި މަރުގެ މަގުގައި އަންދާ އަޅިއަށް ހަދާލާފައެވެ. އަދި އެމީހުން ދަތުރުކުރި އުޅަނދުތައްވެސް އެވަނީ ބޮންއަޅާ ނައްތާލާފައެވެ.

މަތީގައި އެވަނީ 27 ފެބްރުއަރީ 1991 ގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެދުވަހު، ޢިރާޤުގެ ރައީސް ޞައްދާމު ޙުސެއިން، ޔުނައިޓެޑް ނޭޝަންސް ރިޒޮލިއުޝަން 660 އާ އެއްގޮތްވާ ގޮތުގެ މަތިން، ދެވަނަ ގަލްފު ހަނގުރާމަ ހުއްޓާލިކަން އިޢުލާންކޮށް ޢިރާޤުގެ ސިފައިން ކުވޭތުން ފޭބުމަށް އަމުރު ކުރެއްވިއެވެ. އަދި ހަމަ އެދުވަހު، ކުވޭތު ސަރުކާރުންވެސް ވަނީ ކުވެއިތުގައި ދިރިއުޅެމުން ދިޔަ ޢިރާޤުގެ ހުރިހާ ރައްޔިތުން ކުވޭތުން ފޭބުމަށް އަމުރުކޮށްފައެވެ.

އޭރު އެމެރިކާގެ ރައީސަކަށް ހުންނެވީ ޖޯޖް ޑަބްލިއު ބުޝް ސީނިއަރ އެވެ. އޭނާ ގުޅިފައިވާ އިއްތިހާދުގެ ލަޝްކަރަށް އެންގެވީ ކުވެއިތު ދޫކޮށް ފައިބައިގެންދާ އެއްވެސް މީހަކަށް، އުޅަނދަކަށް ސަލާމަތުން ޢިރާޤަށް ވަދެވިގެން ނުވާނެ ކަމުގައެވެ. އެވަގުތު ގިނަ އަދަދެއްގެ އުޅަނދުތަކުގައި ޢިރާޤު ސިފައިންނާއި ޢިރާޤުގެ އާންމު ރައްޔިތުން ދިޔައީ ކުވެއިތުގެ ޕޯޓް އަލް އަބުދަލީއިން ފުރައިގެން ޢިރާޤުގެ ބަޞަރާއަށް ދިއުމަށްޓަކާ ދަތުރުކުރަމުންނެވެ. ކޮންމެއަކަސް އެދުވަހު މި އުޅަނދުތަކުގައި ޢިރާޤަށް ދިއުމަށް ދަތުރު ކުރަމުން ދިޔަ އެންމެންނަށް އެ ދުވަސް ވެގެންދިޔައީ އެމީހުންގެ ޙަޔާތުގެ އެންމެ ފަހު ދުވަސްކަމުގައެވެ. ބުޝް ސީނިއަރގެ އަމުރަށް އެ ހުރިހާ އުޅަނދުތަކެއް ވަށާލާ ހިފެހެއްޓުމަށްފަހު، ބަރު ހަތިޔާރާއި، ހަނގުރާމަ މަތީ މަތިންދާ ބޯޓްތައް ބޭނުންކޮށްގެން ހަމަލާދީ، ބޮންއަޅާ އެ ހުރިހާ އެންމެންނާއި އުޅަނދުތައް އަންދާ އަޅިއަށް ހަދައިލިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި 2000 އަށްވުރެ ގިނަ އުޅަނދު ހަލާކުކޮށްލައި 11،000 އަށްވުރެ ގިނަ ޢިރާޤު ރައްޔިތުންގެ ފުރާނަ ދުއްވާލިއެވެ.

ޢިރާޤުގެ ސިފައިންގެ އިތުރުން، މަރުވި މީހުންގެ ތެރޭގައި ހަނގުރާމަ ފެށުމުގެ ކުރިން ކުވެއިތުގައި ދިރިއުޅެމުން ދިޔަ ޢިރާޤުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ. އޭގެތެރޭގައި އަންހެނުންނާއި، ކުޑަކުދީންނާއި، މުސްކުޅިންނާއި އަދި މަދަނީ އެތައް ބަޔަކު ހިމެނުނެވެ. މިއިން އެއްވެސް މީހަކާއި ހަނގުރާމައަކާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންނަމަވެސް، ޢިރާޤުގެ އަސްކަރިއްޔާގެ ކިބައިން ބަދަލު ހިފުމަށްޓަކާ، މި އެންމެން އެމީހުން ދަތުރު ކުރަމުންދިޔަ އުޅަނދުތަކުގެ ތެރޭގައި ތިއްބާ އަންދާ އަޅިއަށް ހަދާލިއެވެ. އެއިން މީހަކަށް ކަފުންވެސް ނަސީބެއް ނުވިއެވެ.

އެމީހުން މަރާލާފައިވަނީ އދ. މެދުވެރިވެގެން ހަނގުރާމަ ހުއްޓާލަން ދެފަރާތުން އެއްބަސްވެ، ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމަށް ފަހުގައެވެ. މީގެއިން ލިއްބައިދޭ ޢިބުރަތަކީ ކާފަރުންނަކީ އެމީހުންގެ ވަޢުދާއި އަހުދަށް ވަފާތެރިވާނެ ބައެއް ނޫންކަމާއި އަދި އެމީހުންނަކީ މުސްލިމުންނަށް ދުވަހަކުވެސް ހެވެއް އެދޭނެ ބައެއް ނޫންކަމެވެ. އެހެންނަމަވެސް، މިއަދުވެސް އެމީހުން އެދަނީ މުސްލިމުން ޓެރަރިސްޓުންނަށް ހަދާ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް މުސްލިމުންނަށް ގޮވަމުންނެވެ.

މިއަދު މުސްލިމުންގެ ސިކުނޑިތައް އެމީހުން މިވަނީ އަޅުވެތިކޮށްފައެވެ. ސިކުނޑީގެ އަޅުވެތިކަމަކީ އެންމެ ނުބައި ވައްތަރުގެ އަޅުވެތިކަމެވެ. އެ ވައްތަރުގެ އަޅުވެތިކަމުން ތިބާއަށް މިނިވަންކަމުގެ އަވާމެންދުރެއް ދައްކާނެއެވެ. އަދި މީސްތަކުންނަށް އަނިޔާކުރާ އަނިޔާވެރިންނަށް އިތުބާރާއި ލޯބިދީ އެމީހުން ހިމާޔަތް ކުރުވާނެއެވެ. އަދި އެ އަޅުވެތިކަމުން ތިބާ ސަލާމަތްކޮށް ތިބާގެ ލޯ ހުޅުވާލަދޭން މަސައްކަތްކުރާ މީހުންނަކީ ތިބާގެ ދުޝްމަނުން ކަމުގައި ހަދާލާނެއެވެ.

ނިންމާލުމުގެ ކުރިން އެއް ވާހަކައެއް ކުއްލިއަކަށް ހަނދާނަށް އަތުވެއްޖެއެވެ. މިއަދަކީ އެވާހަކަ ލިޔެލަން އެންމެ މުނާސަބު ދުވަސްވެސް މެއެވެ. އެއީ މީގެ 15 އަހަރު ކުރިން 30 ޑިސެމްބަރ 2006 ވީ ހޮނިހިރު ދުވަހެވެ. އެއީ އެ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އެ ދުވަހުގެ ފަތިހު އިސްލާމީ އުއްމަތުގެ މުސްލިމުން އުޟުހިއްޔާ ކަތިލައި ޤުރުބާންކުރާ ވަގުތާއި ދިމާކޮށް ޢިރާޤުގެ ރައީސް ޞައްދާމު ޙުސެއިން ދަންޖައްސާ ޝަހީދުކޮށްލެވުނެވެ. މާތް ﷲ އެ މަރުހޫމުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.