Support Us

ކޮލަމް: ރަންދެލި

ކުޑަކުޑަ ސޫތްޕެއް ތިބާގެ ލޮލުގެ އެސްފިޔަތަކުގެ ތެރޭގައާއި މޫނުމަތީގައި ދިރިއުޅޭކަން އެނގޭތަ؟

މަތީގައިވާ ފޮޓޯއިން އެ ފެންނަ މަޚުލޫޤަށް އިނގިރޭސިބަހުން ކިޔަނީ "އައިލޭޝް މައިޓް" އެވެ. މި މަޚުލޫގަކީ އިންސާނުންގެ އެސްފިޔައިގައި ހާލި ހަދައިގެން ދިރިއުޅޭ ސޫތްޕެކެވެ. އާންމު ގޮތެއްގައި މިއީ އެއްވެސް ގެއްލުމެއްދޭ ސޫތްޕެއް ނޫނެވެ. މި ސޫފި އެންމެ ވައްތަރުވާނީ ވަރަށްވެސް ކުޑަކުޑަ ސިނގިރެޓަކާއެވެ. މި ސޫތްޕަކީ މައިކްރޮސްކޯޕްގެ އެހީއާ ނުލައި އިންސާނުންގެ ލޮލަށް ފެންނަ ވަރަށްވުރެ މާކުޑަކުޑަ އެއްޗެކެވެ. ގާތްގަނޑަކަށް މިލިމީޓަރެއްގެ ތިންބައިކުޅަ އެއްބައިހާ ކުޑަ މި ސޫފީގައި އަށް ފައި ލައްވާފައިވެއެވެ. އޭގެ ސަބަބުން އެސްފިޔައިގައާއި މޫނުގައި ތަތްކޮށްލައިގެން އިންނަން އެ ސޮރަށް ފަސޭހަވެގެންދެއެވެ.

މި ސޫފި ތިބާ ނިދާފައި އޮންނައިރު ތިބާގެ އެސްފިޔައިން ފައިބައި، މޫނުގެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ހަދައެވެ. އަދި މި ބާވަތުގެ ސޫފީގެ އަންހެން އެއްޗާއި ފިރިހެން އެތި ބައްދަލުވެ ދަރިމައިވެ ބިސްއަޅާ ތިބާގެ މޫނަށް ކުޑަކަމުގޮސް އަދި ބޮޑުކަމުގޮސް ހަދައެވެ. މިބާވަތުގެ އަންހެން ސޫފި، ތިބާގެ އެސްފިޔައިގައި ހާލި ހަދައި އެކަކާއި ތިނެކާއި ދެމެދުގެ ޢަދަދަކަށް ބިސްއަޅާ އޭގެ ދަރިން ބޮޑެތިކޮށް ހަދައެވެ.

މި ސޫފީގެ ޙަޤީޤީ މަސައްކަތަކީ ކޮންމެ ރެއަކު ތިބާގެ މޫނުގައި ހުންނަ މަރުވެފައިވާ ހަންކޮޅުތައް ކެއުމެވެ. އޭގެ ސަބަބުން މޫނުގެ ހަންގަނޑު ތާޒާކޮށްދީ ހަންގަނޑަށް ދިރުން ގެނެސްދެއެވެ. ޙަޤީޤަތުގައި މި ސޫފިތައް މިކުރާ މަސައްކަތަކީ، ތިބާ ނިދައިފައި އޮންނައިރު ތިބާގެ މޫނުގެ ގުދުރަތީ ކޮސްމެޓިކްސް ސާރޖަރީއެއް ހަދައިދެނީއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ.