...

Support Us

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުމާލެ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. ދެވަނަ ފިޔަވަހިން ވިއްކުމަށް ހުޅުވާލައިފައިވަނީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯއްޗެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސްޓަރ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ބިން ވިއްކުމުގެ ބޭނުމަކީ، "ޒަމާނާ އެއްގޮތަށް ތަރައްޤީކުރެވޭ ގެދޮރުވެރިކަމުގެ އެކިއެކި މަޝްރޫޢުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން" ކަމަށެވެ.

"މީގެ އިތުރުން މި ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫޢުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫޢުތަކުގެ އަގު ކުޑަކުރުން ކަމުގައި ފާހަގަކުރަމެވެ. މިގޮތުން މިފަހަރު ހުޅުވާލެވޭ ފުރުޞަތުގައި އިސްކަމެއް ދެވިފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމުގައި މި ފުރުޞަތުގައި ފާހަގަކުރަމެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިނުވާ ފަރާތްތަކަށެވެ. މިގޮތުން ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ބިން ކަމުގައި ދަންނަވަމެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި އީމެއިލް މެދުވެރިކޮށް 02 ޖަނަވަރީ 2022 އިން ފެށިގެން 31 ޖަނަވަރީ 2022 ވާ ދުވަހުގެ 15:30 އާހަމައަށ ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެއެވެ. ބީލަން ފޯމަށް އެދިލެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރާނެ ގޮތް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500ރ. އަށެވެ. ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެ ފޯމެވެ. އީމެއިލް މުދުވެރިކޮށް ރަޖިސްޓަރީ ކުރާ ފަރާތްތަކާ ފޯމް ހަވާލުކުރުމަށް މި ކޯޕަރޭޝަނުން މުޢާމަލާތު ކުރާނެއެވެ."

ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 16 ގައެވެ. މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 320،000ރ. އެވެ.

  • ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް:
    • ދިވެހި ރައްޔިތެއް ކަމުގައިވުން.
    • މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން.
    • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ފަރާތަކަށްނުވުން.
    • މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށްނުވުން.
    • މި ކޯޕަރޭޝަން މެދުވެރިކޮށް ބީލަމުގެ އުސޫލުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން. މި ހާލަތުގައި، މައިންބަފައިންގެ ފަރަތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާން ހުރި ބިންތަކެއް ނުހިމެނޭނެ.
  • ގޯތި ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:
    • ހުޅުމާލެ ދެވަނަފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވަނީ 1,603.07 އަކަފޫޓާއި 2،633.82 އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ޕްލޮޓެވެ.
    • ވިއްކުމަށް ހަމަޖެހިފައިވާ ބިންތަށް ހިމެނެނީ އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް" 26 ޕްލޮޓް އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" 34 ޕްލޮޓެވެ. މިޕްލޮޓްތަކުގެ ކުރެހުން ޖަދުވަލު 04 ގައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
    • ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ 1 ޕްލޮޓެވެ.
    • ބީލަން ހުށަހެޅޭ އެންމެ ދަށްއަގު:
      • އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 3,900ރ. އެވެ.
      • އަތިރިމައްޗާކައިރިން "ބީޗް ސައިޑް" އަކަފޫޓަކަށް 3،500ރ. އެވެ.
      • ނޯޓް: އެފަރާތަކުން ހުށަހަޅާ އަގަށް ހަ ޕަސަންޓު ޖީއެސްޓީ އިތުރުކުރެވޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.