...

Support Us

ހިކުމަތްތެރި ބަސްކޮޅެއް: ޖާހިލު، ގޮތެއް ފޮތެއް ނެތް، މޮޔައިންނާ ޖަދަލު ނުކުރުން

ހިމާރުންގެ ބައަކާ ޖަދަލުކޮށް ވާދަކުރަން ނުހަދާށެވެ. އެހެނީ އެފަދަ ބައަކާ ޖަދަލުކޮށް ވާދަކޮށްގެން ކަލޭ ބަލިވެއްގެ ނަމަ، ކަލޭ ވާނީ ހިމާރުންގެ ބަޔަކާ ޖަދަލުކޮށް ވާދަކޮށްގެން ބަލިވި ހިމާރަކަށެވެ! އެފަދަ ބަޔަކާ ޖަދަލުކޮށް ވާދަކޮށްގެން ކަލެއަށް ކުރި ލިބިއްޖެ ނަމަ ކަލޭ ވާނީ ހިމާރުންގެ ބަޔަކު ބަލިކުރި ހިމޭރުންގެ ތެރޭ ހިމެނޭ އެންމެ މޮޅު ހިމާރަށެވެ!

އަދިވެސް މީހުން ބުނެއުޅެއެވެ. ޖާހިލުކަމާއި ސޭކުކަންމަތީ ހުރުން ޚިޔާރުކޮށްގެން ކޮންމެ މީހަކަށް ވެސް ހުރެވިދާނެއެވެ. ނަމަވެސް އޭނާގެ މޮޔަކަމާއި އެއްޗެއް އުނުގެނުމުގެ ގާބިލުކަން ނެތްކަން ތަމްސީލުކޮށް، ދެއްކުމަކީ މޮޔަކަމުގެ ތަފާތު މުޅިން އެހެން ދަރަޖައެކެވެ. މިގޮތް ޚިޔާރުކޮށްގެން، ޖާހިލު، މޮޔަ ކަންމަތީ ތިބެ، އެކަން ފާޅުކޮށް ސާބިތުކޮށްދޭ މީހުންނާ މުޚާތަބުކޮށް އެއްޗެއް ބުނުން ބުއްދިވެރިއެއް ނޫނެވެ.

ހަމަ މި މޭރުމުން އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ.

يخاطبني السفيه بكل قبح فأكره أن أكون له مجيبا

يزيد سفاهة وأزيد حلما كعود زاده الإحراق طيبا

"އެއްވެސް އަދަބުވެރިކަމެއް، ހޭވެރިކަމެއް، ނެތް މީހަކު އަހަންނާ މުޚާތަބުކޮށް، ހަޑިހުތުރު އެއްޗެއް ބުނެފިނަމަ، އޭނައަށް ރައްދެއް ދިނުމަކަށް އަހަރެންގެ ހިތެއް ނުރުހެއެވެ. އެފަދަ މީހެއްގެ އަމަލުތަކުން، އޭނަގެ އަދަބުވެރިކަމާއި ގޮތެއްނެތްކަން އިތުރަށް ފާޅުވެގެންދާނެއެވެ. އަދި އަހުރެންނަށް އުނިކަމެއް ލިބުމުގެ ބަދަލުގައި އަހުރެންގެ ރުޅިމަޑުކަމާއި ޚުލްގު ހެޔޮކަން އިތުރަށް ފެނިގެންދާނެއެވެ. މީގެ މިސާލަކީ ބޮކަރުގެ މިސާލެވެ. ބޮކަރު އެންދި ވަރަކަށް އެއިންދުވާނީ މީރުވަހެވެ. ހަމަ އެހެންމެ އަދަބު ކުޑަ، ގޮތެއްފޮތެއް ނެތްމީހަކު ކިޔާ އެއްޗަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދިކިޔެއް ހެއްޔެވެ؟ އެކަމަށް ކެތްކުރެވިއްޖެނަމަ ފެނި ފާޅުވެގެން ދާނީ ތިމާގެ އަޚުލާގުގެމާތްކަމެވެ."

ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކުން ވެސް މި މާނައަށް ބާރު ލިބެއެވެ. މިސާލަކަށް ފުރުޤާނު ސޫރަތުގެ 63 ވަނަ އާޔަތުގައި ވެއެވެ: وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الأرض هَوْناً وَإِذَا خَاطَبَهُمُ الجاهلون قَالُواْ سَلاَماً…. ރަހުމާނުވަންތަ ރަސްކަލާނގެ އަޅުންނަކީ ބިމުގައި ހިތް މަޑުމޮޅިކަމާއެކު، އެބަހީ، އެއްވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތި، ބިމުގައި ހިނގައި ބިނގައި އުޅޭ މީހުންނެވެ. ގޮތެއް ފޮތެއް ނެތް، ލަދުވެތިކަން ނެތް އަދަބުކުޑަ މީހަކު، އެިމީހުންނާ މުޚާތަބުކޮށް އެއްޗެއް

ބުނެފިނަމަ، ސުލްހަ މަސަލަސް ކަމުގެ ބަހެއް (ނޫނީ އެމީހުން ނު)ބުނާނެއެވެ.