...

Support Us

ކީރިތި ރަސޫލާގެ ތަރްބަވީ މަލަތަކުގެ ތެރެއިން ސަލާމަތީ ތަރްބިޔަތުގެ މަލަތައް

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ރަސޫލާ ﷺ ފޮނުއްވީ މީސްތަކުންނަށް އުނގަންނައި ދެއްވުމަށް ޓަކައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((إنما بُعِثْتُ مُعَلِّمًا– ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އެދުރުބޭކަލެއްގެ ގޮތުގައެވެ.))

ކީރިތި ރަސޫލާ ﷺ ގެ ސީރަތު ފުރިފައި ވަނީ އެކަލޭގެފާނުގެ ތަރްބަވީ ފިލާވަޅުތަކުންނާއި ތަރްބަވީ ތަމްރީނުތަކުންނެވެ. މި މަޒްމޫނުގައި ބަލައިލާނީ އެކަލޭގެފާނުގެ ތަރްބަވީ މަލަތަކުގެ ތެރެއިން ސަލާމަތީ ތަރްބިޔަތުގެ ބައެއް މަލަތަކަށެވެ.

މައްކާގެ ފަތުރަތު

މައްކާ ފަތުރަތުގެ އެންމެ ޚާޢްޞަ މަލައަކީ ސިއްރިއްޔާތުކަމާއި ވަންހަނާކަމެވެ. މި ދަންނަވާ ކަންތައްތަކުން މި މަލަތައް ފެނެއެވެ.

 

1- ކީރިތި ރަސޫލާ ﷺ ގެ ދަޢުވަތު ފެތުރުއްވުމަށް ޓަކައި މައްކާގައި މައިމަރްކަޒެއް ކަމުގައި ހައްދަވައިފައި ވަނީ އަލްއަރްޤަމު ބުނުލް އަރްޤަމުގެ ގެކޮޅެވެ. ކުރިއަށް އޮތް މަރްޙަލާއަށް ޓަކައި ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ރިސާލަތަށް އީމާންވެ ވަޑައިގެންނެވި ޞަޙާބީންނަށް ތަރްބިޔަތު ދެއްވީ އީމާންކަމުގެ ރުކުންތަކުގެ މަތީގައި ރިވެތި އަޚްލާޤުން ނަމޫނާ ދައްކަވައިގެންނެވެ. އެކަލޭގެފާނު އަރްޤަމުގެ ގެކޮޅު އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް ޓަކައި މަރްކަޒަކަށް ހެއްދެވީ ވަރަށް ގިނަ ސަބަބުތަކަކަށް ޓަކައެވެ. މި ސަބަބުތަކުގެ ތެރޭގައި މި ދަންނަވާ ސަބަބުތައް ވެއެވެ.

ހ- އަރްޤަމު އިސްލާންވެ ވަޑައިގެންފައިވާ ކަން މީސްތަކުންނަށް އެނގިފައި ނުވުން. އެހެންކަމުން ކީރިތި ރަސޫލާ ﷺ މި ގެކޮޅުގައި މީސްތަކުންނާ ބައްދަލު ކުރައްވައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރައްވައިފާނޭ ކަމަށް ޤުރައިޝުން ނުދެކެއެވެ.

ށ- އަލްއަރްޤަމު ބުނުލް އަރްޤަމަކީ ބަނީ މަޚްޒޫމު ވަންހައިގެ ބޭފުޅެއްކަމުގައި ވުން. އެއީ މުއްސަނދި، ބާރުގަދަ ޤަބީލާއެކެވެ. ބަނީ ހާޝިމު ވަންހައާ އެންމެ ބޮޑަށް ވާދަކޮށް ހަނގުރާމައިގެ ދިދަ އުފުލި ޤަބީލާއަކަށް ވެފައި ވަނީ މަޚްޒޫމު ވަންހައެވެ. އަރްޤަމުގެ ގެކޮޅުތެރޭގައި ކީރިތި ރަސޫލާ ﷺ ބައްދަލުވުންތައް ބާއްވަވައިފާނޭ ކަމަށް އެކަކުވެސް ހީއެއް ނުކުރެއެވެ. އެހެނީ އަރްޤަމުގެ ގެކޮޅުގައި އިސްލާންދީނަށް ގޮވައިލުމުގެ ކަންތައް ކުރިއަށް ދިޔުމަކީ ޢަދުއްވުންގެ ސަފުތަކުގެ ހިތުގެ ތެރޭގައި ﷲގެ ދީނަށް ގޮވައިލުމުގެ މަސައްކަތް ކުރިއަށް ދިޔުމެވެ.

ނ- އަލްއަރްޤަމު ބުނުލް އަރްޤަމު އިސްލާންވެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 16 އަހަރެވެ. ޒުވާން ތުއްޕުޅު ބޭކަލެއްގެ ގެކޮޅެއްގައި ކީރިތި ރަސޫލާ ﷺ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރައްވައިފާނެ ކަމަށް ޤުރައިޝުން ލަފައެއް ނުކުރެއެވެ. ޤުރައިޝުން އަބަދުވެސް ކަޅިއަޅައި ބަލަމުން ގޮސްފައިވަނީ ބޮޑެތި ޞަޙާބީންގެ ޙަރަކާތްތަކަށެވެ. ފާރަލަމުން ގޮސްފައި ވަނީ އެބޭކަލުންގެ ފިޔަވަޅުފުޅުތަކަށެވެ. ޤުރައިޝުންގެ ވިސްނުމުގައި އޮތީ ކީރިތި ރަސޫލާ ﷺ މިފަދަ ބައްދަލުވުންތައް ބާއްވަވާނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. ނުވަތަ އަބޫބަކްރުގެފާނުގެ ގެކޮޅުގައެވެ.

މިއިން އެނގެނީ ކީރިތި ރަސޫލާ ﷺ އަރްޤަމުގެ ގެކޮޅު ދީނަށް ގޮވައިލެއްވުމުގެ މައި މަރްކަޒެއްގެ ގޮތުގައި ހެއްދެވީ ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކަމެވެ. ޤުރައިޝުން މި ގެކޮޅަށް އަރައިގެންފައިވާ ޚަބަރު އެއްވެސް ސީރަތަކުން ފެންނާކަށް ނެތެވެ. އަދި އެކަލޭގެފާނު ބައްދަލުކުރެއްވުމެއް ބާއްވަވަނިކޮށް ޤުރައިޝުންނަށް ފެނިފައެއް ވެސް ނުވެއެވެ.

2- ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ދަޢުވަތަށް ޓަކައި ސަލާމަތީ ޖިހާޒު ބިނާކުރެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އިސްލާންދީނުގެ ދަޢުވަތު ޢަރަބީންގެ ތަފާތު ޤަބީލާތަކުގެ ތެރޭގައި ފެތުރުއްވުމަށް ޓަކައި އެކަލޭގެފާނަށް ތަބާވާ މީހުން ބިނާކުރެއްވިއެވެ. މިސާލަކަށް ބަލާނަމަ ޢަމްރު ބިން ޢަންބަސަތުގެފާނު އިސްލާންވެ ވަޑައިގަތުމުން އެކަލޭގެފާނުގެ އިސްލާންކަން ވަންހަނާކުރެއްވުމަށް ކައު ރަސޫލާ އަމުރު ކުރެއްވިއެވެ.އަދި އެކަލޭގެފާނުގެ އަހްލުންގެ އަރިހަށް ވަޑައިގެންނެވުމަށް އަމުރުފުޅު ކުރެއްވިއެވެ. މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ޛައްރިލް ޣިފާރީގެ އިސްލާންވެ ވަޑައިގަތުމަށް ބަލާއިރު އެ ވާހަކައިން ކީރިތި ރަސޫލާ ﷺ ގެ ސަލާމަތީ އިސްތިރާތީޖީ ފެނިގެން ދެއެވެ.

3- ޢަޤާބާގެ ދެވަނަ ބައިޢަތަށް ބަލާއިރު މުސްލިމުން މި ބައްދަލުވުން ތަރްތީބުކޮށްފައި ވަނީ ވަގުތަށާއި ތަނަށް ބަލައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދައަށް އަޅައިގެންނެވެ. މުޝްރިކުންނަށް އޮޅުވައިލައްވައިގެން ކީރިތި ރަސޫލާ ﷺމި އެއްބަސްވުން ބޭއްވެވިއެވެ. މި ބައިޢަތް ބާއްވަވައިފައި ވަނީ މެންދަމުގެ ފަހުގެ ވަގުތެއްގައެވެ.

4- ކީރިތި ރަސޫލާ ﷺ ގެ ޙިޖްރަކުރެއްވުމަށް ބަލާއިރު މި ހިޖްރަ ކުރައްވައިފައި ވަނީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް އަޅުއްވައިގެންނެވެ. މައްކާގެ މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ޓަކައި ފުރަތަމަ ދަތުރުފުޅު ކުރެއްވީ ދެކުނު ފަރާތަށް ޔަމަނާ ދިމާއަށެވެ. ކީރިތި ރަސޫލާ ﷺ ގެ ގެކޮޅުން ނުކުމެވަޑައިގެން މަޑުކޮށްލެއްވީ ޘައުރު ފަރުބަދައިގެ ހޮހަޅައިގައެވެ. އެއީ ޤުރައިޝުން އެކަލޭގެފާނު ހޯދަން ނުކުންނާނެތީ އެމީހުންނަށް އޮޅުވައިލެއްވުމަށެވެ. ހިޖްރައިގެ ދަތުރުފުޅު އަމާން ކުރެއްވުމަށް ޓަކައި ތަފާތު މަސައްކަތްތައް ކުރުމަށް ޤާބިލު ތަފާތު މީހުން އިސްކުރެއްވިއެވެ.

މަދީނާގެ ފަތުރަތު

1- މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު ދުޝްމަނުންގެ ކިބައިން މަދީނާ ޙިމާޔަތް ކުރެއްވުމަށާއި ރައްކައުތެރިކުރެއްވުމަށް ޓަކައި ދުޝްމަނުންނާ ބެހޭ މަޢުލޫމާތުތައް ހޯއްދެވުމަށް ބޭނުންފުޅު ވާތީ އެކަލޭގެފާނުގެ ޞަޙާބީންނަށް ސަލާމަތީ ޚާއްޞަ ތަރްބިޔަތުތަކެއް ދެއްވިއެވެ. މިސާލަކަށް، ކީރިތި ރަސޫލާ ﷺ ހިޖްރައިން ދެވަނަ އަހަރު މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޖަޙްޝްގެ ވެރިކަމުގައި މުހާޖިރުންގެ ބާރަ ބޭކަލުންގެ ސަރިއްޔާއެއް (ފައުޖެއް) ފޮނުއްވިއެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނަށް ފަތްކޮޅެއް ދެއްވައިފައި ވަކި ފަރާތަކަށް ދެ ދުވަހު ދަތުރުފުޅު ކުރައްވަން ވިދާޅުވިއެވެ. އެކަލޭގެފާނު ކަނޑައެޅުއްވި ވަކި ތަނަކާ ހިސާބަށް ވަޑައިގެންނެވުމުގެ ކުރީން އެ ފަތްކޮޅު ނުކެނޑުއްވުމަށް ވެސް ވިދާޅުވިއެވެ. މި ފަތްކޮޅުގައި ލިޔުއްވައިފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މި ފަތްކޮޅު ހުޅުއްވުމަށްފަހު ﷲގެ އިސްމުފުޅާއި ބަރަކާތުން ކުރިއަށް ވަޑައިގަންނަވާށެވެ! ކަލޭގެފާނާ އެކުގައިވާ އެއްވެސް މީހަކަށް ކަލޭގެފާނާއެކު ދިޔުމަށް މަޖުބޫރު ނުކުރައްވާށެވެ! ކަލޭގެފާނަށް ތަބާވި ބަޔަކު ގޮވައިގެން ބަޠުނު ނަޚްލާ އަށް ވަޑައިގަންނަވާށެވެ! އެތާނގައި މަޑުކުރައްވައި ޤުރައިޝުންގެ ޤާފިލާއާ ބެހޭ މަޢުލޫމާތު ހޯއްދަވާށެވެ! ކީރިތި ރަސޫލާ ﷺ ކުރަން އެންގެވި މަސައްކަތަށް ބަލާއިރު ފާހަގަ ކުރެވޭ ކަންތައްތަކެއް ވެއެވެ. ފުރަތަމަ ކަމަކީ މި ސަރިއްޔާ ފޮނުއްވީ ދުޝްމަނުންނަށް ފާރަލައި އެމީހުންނާ ބެހޭ މަޢުލޫމާތު ހޯއްދެވުމަށެވެ. މިއީ ހަނގުރާމަކުރުމަށް ނުވަތަ ކުރިމަތިލުމަށް ނުވަތަ "މައްލަވަ ކުރުމަށް" ފޮނުއްވި ބައެއް ނޫނެވެ. މިއީ މި ޒަމާނުގައި އެކިޔާ ޙަމަލާދިނުމަށް ބޭނުންވާ ޖާސޫސީ މަސައްކަތް ކުރުމެވެ. ރަސޫލާ މި ސަރިއްޔާ ފޮނުއްވީ އިސްލާމީ ދައުލަތަށް ބޭނުންވާ ދުޝްމަނުންގެ މައުލޫމާތުތަކެއް ހޯދުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ފަތްކޮޅު ވަކި ހިސާބަކަށް ދެވުމުން މެނުވީ ނުހުޅުވުމަށް އެންގެވުމުން އެނގުނީ މި ސަރިއްޔާއާ ބެހޭ މަޢުލޫމާތު ފޭދިގެން ދިޔަ ނުދެއްވުމަށް ދެއްވި އަހައްމިއްޔަތެވެ. މި ސަރިއްޔާގެ ވެރިޔާއަށް ވެސް އޭނާގެ މަސައްކަތަކީ ކޮބައިކަން ވިދާޅުވެ ނުދެއްވައެވެ. ފާހަގަ ކުރެވޭ ތިންވަނަ ކަމަކީ ޖާސޫސީ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވައިފައި ވަނީ ސީދާ އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުން ކަމެވެ. މިއިން އެނގެނީ މަޢުލޫމާތުތަކުގެ ސިއްރިއްޔާތު ދަމަހައްޓަން ޖެހޭނެކަމެވެ.

2- ބަދްރު ހަނގުރާމައަކީ ދުޝްމަނުންނާ ބެހޭގޮތުން މަޢުލޫމާތު ހޯދުމުގައްޔާއި ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދުމަށް ޓަކައި މި މަޢުލޫމާތުތަކުގެ ބޭނުން ހިފާނެ ގޮތުގައި އަގުހުރި ދަރެސްތަކަކާއި ޢިބްރަތްތަކަކާއި ޙިކްމަތްތަކެއް ހިމެނޭ ބޮޑު ދަރެސްގާހެކެވެ. ކީރިތި ރަސޫލާ ﷺ ބަސްބަސާތު ބިން ޢަމްރާއި ޢަދިއްޔު ބިން އަބިއް ޒަޣްބާއިގެފާނު އަބޫ ސުފްޔާނުގެ ޤާފިލާގެ ޚަބަރު ހޯއްދެވުމަށް ފޮނުއްވުމުން އެ ދެބޭކަލުން ވަޑައިގެން މި ޤާފިލާ ވާޞިލުވާނެ ދުވަހާބެހޭ މަޢުލޫމާތު ގެނެސްދެއްވިއެވެ. މީގެ އިތުރަށް ކީރިތި ރަސޫލާ ﷺ އާއި މާތްﷲ ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤު ޤުރައިޝުން ތިބި ހިސާބެއް ބެއްލެވުމަށް ޓަކައި ނުކުމެވަޑައިގަތެވެ. ޢަރަބީންގެ ޝައިޚަކާ ސުވާލު ކުރައްވައިގެން ޤުރައިޝުން ތިބި ހިސާބު ހޯއްދެވިއެވެ.ކީރިތި ރަސޫލާ ﷺ ގެ ޞަޙާބީން ހައްޔަރު ކުރި ދެ އަސީރެއްގެ ފަރާތުން ކީރިތި ރަސޫލާ ﷺ ޤުރައިޝުންނާ އެމީހުންގެ ލަޝްކަރުގެ ޢަދަދާއި މި ލަޝްކަރުގައި ތިބި ޤުރައިޝުންގެ ބޮޑުންގެ ނަންތައް ހޯއްދެވިއެވެ. ހަމަ އެ ނޭވާގައި ރަސޫލާ މުސްލިމުންގެ ޚަބަރުތައް މުޝްރިކުންނަށް ވަންހަނާކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި ކަޢުބު ބިން މާލިކުގެ އަރިހުން ރިވާކުރެއްވިގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އެ ހަނގުރާމައެއްގެ މަޢުލޫމާތުތައް ވަންހަނާ ނުކުރައްވާ ހަމަ އެންމެ ހަނގުރާމައެއް ވެސް ކުރައްވައިފައެއް ނުވެއެވެ. ކީރިތި ރަސޫލާ ބަދްރު ހަނގުރާމައިގައި ސަލާމަތީ ޢަމަލުތައް މި ގޮތަށް ކުރައްވައިފައި ވަނީ ކުރިއަށް އޮތް ޖީލުތަކަށް އިރްޝާދު ދެއްވުމަށް ޓަކައެވެ. ބަދްރުގައި ކީރިތި ރަސޫލާ ﷺ އާ ބައްދަލުވެ ވަޑައިގެންނެވި ޢަރަބީންގެ ޝައިޚު ތިޔައީ ކޮން ތަނެއްގެ ދެމީހެއްތޯ ސުވާލުކުރުމުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވީ ((نحن مِن ماء– އަހުރެމެންނަކީ ފެނުން އައި ބައެކެވެ.)) މިއީ އޮޅުވައިލެއްވުމަށް ދެއްވި އޭގައި ދޮގެއް ނުހިމެނޭ ބަސްފުޅެކެވެ. ރަސޫލާއަކީ ދުވަހަކުވެސް އިތުރުފުޅު ހެއްދެވި ބޭކަލެއްނޫނެވެ. ހުރިހާ ދިރޭ އެއްސެއްގެ ވެސް އަޞްލަކީ ފެނެވެ.

3- ބަދްރުގެ ދުވަހުގައި ކީރިތި ރަސޫލާ ﷺ ޖަމަލުތަކުގައި ކަރުގައި އޮތް ރަނގަބީލު ނެގުމަށް އަމުރު ކުރެއްވިއެވެ.

4- ކީރިތި ރަސޫލާ ﷺ ބަދްރަށް ވަޑައިގަންނަވަން ނުކުމެ ވަޑައިގަންނަވަމުން ޙަދީސް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފުއްދަވަން ބޭނުންފުޅުވާ މުހުތާދެއް އެބަ އޮތެވެ. ސަވާރީއެއް ލިބގެންވާ މީހަކު ތިމަންކަލޭގެފާނާއެކު އަންނާށެވެ."

5- ކީރިތި ރަސޫލާ ﷺ ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ ޢަދުއްވުންގެ ޙަރަކާތްތަކަށް ބައްލަވައިގެންނެވެ. ކީރިތި ރަސޫލާ ﷺ ދުޝްމަނުންގެ ސަފުތައް ފޫއަޅުވައިލެއްވުމަށް އިސްކަން ދެއްވިއެވެ. އަދި ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބު ކޮށްލެއްވުމަށް ޓަކައި ޖާސޫސީ މަޢުލޫމާތުތައް ބޭނުން ކުރެއްވިއެވެ.

6- ޤުރައިޝުންގެ މަޢުލޫމާތުތައް ހޯއްދެވުމަށް ޓަކައި އެކަލޭގެފާނު އެކަލޭގެފާނުގެ ބޮޑުބޭބެފުޅު ޢައްބާސުގެފާނުގެ އެހީ ހޯއްދެވިއެވެ. އެކަލޭގެފާނުގެ ރޭއްވެވުންތަކުގެ ސަބަބުން މައްކާގައި ތިބި މުސްލިމުންގެ ބާރު ވަރުގަދަވަމުން އައެވެ. ޢައްބާސުގެފާނު މަދީނާއަށް ހިޖްރަކުރައްވަން އުޅުއްވުމުން ރަސޫލާ އެކަލޭގެފާނަށް ދެންނެވިއެވެ. "ކަލޭގެފާނު މައްކާގައި ހުންނެވުން މާ ފައިދާ ބޮޑެވެ." މައްކާގައި ޖާސޫސީ މަސައްކަތްތަކުގެ އިސްވާރަކީ ޢައްބާސުގެފާނެވެ. އެކަލޭގެފާނު ފޮނުއްވަމުން ގެންދެވީ ވަރަށް ސިއްރު މަޢުލޫމާތުތަކެވެ. އަދި އެއީ ވަރަށް ތެދު މަޢުލޫމާތުތަކެއް ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *