...

Support Us

ހިމާރަކާއި ވިޔަޅެއްގެ ވާހަކަ

އެއްދުވަހު ފެހި ދަނޑެއްގައި ވިނަ ކަމުން ދިޔަ ހިމާރަކަށް ދުރުން ވިޔަޅެއް (ވުލްފެއް) އަންނަ ތަން ފެނުނެވެ. ވިޔަޅު އަންނަނީ ހިމާރަށް ހަމަލާދީ، ވިޔަޅުގެ ޝިކާރައަކަށް ހިމާރު ހަދާލަންކަން ހިމާރަށް ވިސްނުނެވެ.

ދެން ހިމާރު ކޮރު ޖަހަމުން ހިނގަން ފެށިއެވެ. ހިމާރާ އަރާ ވިޔަޅު ހަމަވުމުން، އަދި ވަކިން ބޮޑަށް ހިމާރު ކޮރުޖަހަން ފެށިއެވެ. ވިޔަޅު ހިތަށް އެރިއެވެ. ހިމާރު ކައިލުމުގެ ކުރިން، ހިމާރަށް ވެގެން އުޅޭ ގޮތް ބަލާލަން ވާނެއެވެ. އެހެން ހިތައި ހިމާރު ކުރެން ވިޔަޅު އެއްސެވެ.

އޭ ހިމާރާއެވެ. މާ ބޮޑަށް ކޮރު ތި ޖަހަނީ އަނެއްކާ ކީއްވީ ހެއްޔެވެ؟

ޖަވާބުގައި ހިމާރު ބުންޏެވެ. މިއުޅެނީ އަޅުގަނޑުގެ ފަޔަށް ބޮޑު ކަށްޓެއް ހެރިގެންނެވެ. އެހެންވެ، އަޅުގަނޑު ފަރިއްކުޅުއްވާލުމުގެ ކުރިން، އަޅުގަނޑުގެ ފަޔަށް ހެރިފައި އިން ކަށި ނައްޓާލެއްވުން ބުއްދިވެރި ނޫންތޯއެވެ؟ އެހެން ނޫނީ މަނިކުފާނުގެ ކަރުފުޅުގައި އެ ކަށި ޖެހިއްޖިއްޔާ މަނިކުފާނުގެ ފުރާނައަށް ނުރައްކާވެދާނެ ނޫންތޯއެވެ؟

ވިޔަޅު ހިތަށް އެރިއެވެ. ހިމާރެއް ކަމަކު އެ ބުނީ ރަނގަޅު ވާހަކައެކެވެ. ދެން ހިޔަޅު ފައި އުފުލާލައިފައި ފައިގައި އިންކަމަށް ބުނި ކަށި ހޯދަން ވިޔަޅު ފެށިއެވެ. ދަނޑިވަޅު ބަލާފައި، ވިޔަޅުގެ އަނގަޔާ ހިމާރު، އޭގެ ފައިގެ މޮށްގަނޑު ވައްދާލައި ވިޔަޅުގެ ދަތްޕިލައިގެ ދުވަސް ދުއްވާލިއެވެ. ދެން، ހިމާރު އަޅާއިތިކޮށް ވިޔަޅަށް ފިލަން ދުއްވައިގަތެވެ.

އެ ވަގުތު ވީ ތަދުން، ގުޑާނުލާ ހުރެފައި، ތަދު މައިތިރިވުމުން، ވިޔަޅު ހިތާހިތާ ބުންޏެވެ. މިއީ އަހަރެންގެ ކުށުންވީ ކަމެކެވެ. އަހަރެންގެ މައިންބަފައިން އަހަންނަށް ދަސްކޮށްދިނީ ފޭރޭ މީހެއްގެ ހުނަރެވެ. ބޭސް ފަރުވާކޮށް، ޝިފާ ލިބިދިނުމަށް އެހީވެދޭ ހަކީމެއްގެ ހުނަރެއް ނޫނެވެ! އަހަންނަށް އެނގޭ ކަމެއް ކުރަން އުޅުނު ނަމަ، މި ބޮނޑިއެއް ނުލިބުނީހެވެ!

އާދެ، ކޮންމެ މީހަކަށް ވެސް ކުރެވޭނީ އެމީހަކަށް އެނގޭ ކަމެކެވެ. އެމީހަކަށް ނޭނގޭ އެކަމުގެ ގާބިލުކަން ނެތް ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. އެމީހަކާ އެކަށީގެންނުވާ ކަމެއް ހަވާލުކުރެވިއްޖެ ނަމަ، ނަތީޖާ މާ ރަނގަޅެއް ނުވާނެއެވެ. އެހެންވުމުން، ތިމާގެ އަމިއްލަ ނަފްސާއި އަދި އެހެން މީހުން ވެސް، ހަލާކުގެ ތެރެއަށް ހުށަހެޅޭ ގޮތް ވެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.