...

Support Us

ކޮލަމް ކަލާވެހި: "އަންޑަރސްޓޭންޑް" ނުވެގެން މިއުޅެނީ ޒުވާނުންނަކަށް ނޫނެވެ!

”އަންޑަރސްޓޭންޑް“ މިއީ ދިވެހިބަހުގެ ލަފުޒެއް ނޫނެވެ. އެއީ އިނގިރޭސި ލަފުޒެއް ތާނައިން ލިޔަން އުޅެގެން ގިނަ މީހުންނަށް ލިޔެވޭ ގޮތެވެ. އަދި މި ލަފުޒަކީ ރައްޔިތުންގެ މައްޗަށް ތިމާމެންގެ ބާރު ނުކިއްސަރުކޮށް ފޯރުވަން ބޭނުންކުރެވޭނޭ ލަފުޒެއް ކަމަށް ބައެއް މީހުންނަށް ހީވެގެން އުޅުނަސް، އެއީވެސް ކުށްހީއެކެވެ. މަގުމަތީ ބަހުރުވައިން ދަންނަވާ ނަމަ، މިއީ މަގާމުގެ ބޭނުންހިފައިގެން ތިމާމެން ”ފުއްޕަން“ ބޭނުންކުރަން އޮންނަ ލަފުޒެއްވެސް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑު މި ލިޔުން މިލިޔަނީ، އަޅުގަނޑަށް އެނގޭ ހިސާބުގައި ހިނގައިދިޔަ ކަމެއްގެ ތެރެއިން އެކަހަލަ އަޑުތަކެއް އިވުނީމައެވެ.

ދަންނަވަންތޯއެވެ! ”އަންޑަރސްޓޭންޑް“ މިލަފުޒުގެ މާނަޔެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮންނަނީ، އެއީ ދޭހަވުން ކަމަށެވެ. މީހެއްގެ އަނގައިން ބޭރުވާ ބަހެއް، ތަނެއްގައި ލިޔެވިފައި އޮންނަ އެއްޗެއް، ނުވަތަ ހިނގާ ކަމެއްގެ މާނަ ރަނގަޅަށް ދެނެގަނެ، ފަހުމުވުމެވެ. ލަފުޒުގެ މާނަ އެޔަށް ވުރެ ފުޅާވެގެންދާއިރު، ހިނގާކަމެއް ނުވަތަ ފެންނަ އެއްޗެއް ނަމަވެސް ތަފްސީރުކޮށްގަތުމެވެ. މީގެ ބޭރުން، ”އަންޑަރސްޓޭންޑް“ގެ އެއް މާނަޔަކީ ބަޔަކަށް ލިބިފައިނުވާ ބާރެއް އެއީ ލިބިފައިވާ ބާރެއްކަމަށް ގަދަކަމުން ދައްކައިގަތީމާ، އެކަން ބަލައިގަތުމެއް ނޫނެވެ. ނުވަތަ ލިބިފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުން ހިފައިގެން އާދައިގެ ރައްޔިތެއްގެ ޙައްޤުތަކަށް އަރައިގަތީމައި، ޢާންމު ރައްޔިތުމީހާ ހިންދިރުވައިލައިގެން ހުރުމެއްވެސް ނޫނެވެ. އެކަމަކު އެއީވެސް ”އަންޑަރސްޓޭންޑް“ ވުން ކަމަށް ބަޔަކު ބުނަން ފަށައިފިއްޔާ، އެހިސާބުން އަޅުގަނޑު އެކަމާ ދެކޮޅުހަދާނަމެވެ!

ދާދި އިހަކަށް ދުވަހު އަޅުގަނޑަށް ޒުވާނަކު ކިޔައިދިން ވާހަކައެކެވެ. ދަންނަވައިލާނަމެވެ.

ޒުވާނާ އުޅޭ ގެޔާ އެއްއިންވެގެން ހުންނަ ގެޔެއްގައި ކޮންމެވެސް ކަހަލަ ކަމުނުދާ ކަމެއް ހިނގައިފިއެވެ. އެހެން ކަމާއެކު، ޒުވާނާ އެތަން މިތަނާ ގުޅައިގެން އެންމެ ފަހުން ކަމާ ބެހޭ ފަރާތަކާ ފޯނުން ގުޅައިފިއެވެ. ފޯނަށް ޖަވާބުދިން މީހާގެ ބަސްމަގާއި ސުލޫކު ހުރީ ރައްޔިތުންނަށް އެހީވާން ވަޒީފާގައި ތިބޭ މީހުންގައި އެކަހަލަ ކަންކަން ހުންނަ ގޮތަކަށް ނޫނެވެ. އެޔަށްވުރެ މާ ފެންވަރު ދެރަކޮށެވެ. ގުޅަނީ މުއްސަންޖެއް ނޫންކަމާއި، އާދައިގެ ދެރަވަރުގެ ރައްޔިތެއްކަން އެނގުނީމައި ކުޑަކޮށް އުނދަގޫވެގެން މަލާމާތްވެސް ކުރާ ކަހަލަ ގޮތަކަށެވެ. އެހެންކަމާއެކު، ޒުވާނާ ފޫހިވެގެން ފޯނު ބާއްވައިފިއެވެ. އަދި  ކޮންމެވެސް ތާކަށް ގޮސްލަންވެގެން މަގުމައްޗަށް ނިކުމެއްޖެއެވެ.

އަސްތާ، ޒުވާނާޔަށް އެ ހެދުނީ ގޯހެކެވެ. އޭނާޔަށް ނިކުމެވުނީ ވަރަށް ”ވަރުގައި ހުރި“ ބިލާދަރު ފިރިހެނެއްގެ ކުރިމައްޗަށެވެ. އެމީހާޔަށް ޒުވާނާ ހަމަ ފެނުމާއެކު، ފޯނުކުރީ އޭނާތޯ ވަރަށް އާދައިގެ ހަރުކަށި ބަހުރުވައިން އަހައިފިއެވެ. އަދި ފޯނުކުރީ ކޮންބަޔެއްގެ ފަރާތުން ކޮން ކަމެއް ހިނގާތީތޯ ތަފްޞީލުކޮށް ކިޔައިދޭންވެސް ޒުވާނާޔަށް އަންގައިފިއެވެ!

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގެ މަގުމައްޗަކީ އިހަށް ކަހަލަ ތަނެއް ނޫނެވެ. މީހަކު ހުންނަ ގޮތަކުން، ލައިގެން ހުންނަ ގަމީހަކުން، އަޅައިގެން ހުންނަ ޓައީއަކުން އެއީ އަދި ކާކު ކަމެއް، ކޮން ކަމެއް ކުރާ މީހެއްކަމެއް ހަމަ ނޭނގޭނެއެވެ. ކޮން ޤައުމެއްގެ މީހެއް ކަމެއްވެސް ނޭނގޭނެއެވެ. އެހެންވީމައި، ނުދަންނަ މީހަކު އައިސް ސުވާލު ގޯންޏެއް ކުރިމައްޗަށް އަޅައިލީމައި އެހުރިހައި ސުވާލަކަށް ޖަވާބު ދޭނީ މޮޔަޔެއް ނޫންތޯއެވެ؟ އެހެން އައިސް ވާހަކަދައްކައިގަންނަ ބަޔަކާ މުޢާމަލާތު ކުރާނީވެސް އަމިއްލަ ސަލާމަތަށް ފަރުވާކުޑަކުރާ ޒާތުގެ މީހެއް ނޫންތޯއެވެ؟ އެހެން ނޫނަސް، ރަސްމީ ފަރާތަކުން އަންނަ މީހެއް ކަމަށް ވަންޏާ އެ މީހަކު ވާހަކަ ދައްކަން ފަށަންވާނީވެސް ރީތި ގޮތުގައި ސަލާން ގޮވައިފައި، އޭނާގެ އަމިއްލަ ފުރިހަމަ ނަމާއި، މަޤާމާއި، އޭނާ އެއައީ މިވެނި ތަނެއްގެ ފަރާތުންކަންވެސް ބުނެދީފައި ނޫންތޯއެވެ؟ އެހެން ނަމަވެސް، ޒުވާނާގެ ކުރިމައްޗަށް ހުށަހޮޅިގަތް މީހާގައި އެކަންކަމެއް ނެތެވެ.

ޒުވާނާ ބޭނުންވީ އެމީހާ ކިބައިން ސަލާމަތްވާށެވެ. އެހެންކަމުން، ފޯނުކުރިޔަސް ނުކުރިޔަސް ކަލެޔާ ދައްކާނޭ އިތުރު ވާހަކައެއް ނެތޭ ބުނެފައި ޒުވާނާ މަސައްކަތްކުރީ ވީހާވެސް އަވަހަކަށް އެ ގޮތެއް ނެތް، ނުކިއްސަރު މީހާގެ ކިބައިން ސަލާމަތްވާށެވެ. އެހެންނަމަވެސް، އެމީހާ ގެންދިޔައީ ޒުވާނާޔާ ބޭކާރު ސުވާލުތައް  ކުރަމުންނެވެ. ވަރަށް އާދައިގެ، ދެރަ ފެންވަރުގެ ޢިބާރާތުންނެވެ. އެބުނާ ފޯނެއް ކޮށްގެން އެ ހުށައެޅި ކަމެއް ބެލުމުގެ ބަދަލުގައި އޭނާ ބޭނުންވީ ޒުވާނާޔާ ހަނގާ ކުރެވޭތޯއެވެ!

އެހިސާބުން ޒުވާނާ އޭނާޔަށް ލިބިފައި އޮންނަ ޙައްޤެއްގެ ބޭނުން ހިފައިފިއެވެ. އޭނާ ކުރިމަތީގައި ހުރި މީހާގެ ފުރިހަމަ ނަމާއި މަޤާމުގެ ތަފްޞީލަށް އެދި އަހައިފިއެވެ. އެއީ ރަސްމީ ފަރާތެއް ނަމަ، އެ ތަފްޞީލަކީ އޭނާ ޤާނޫނީ ގޮތުން ޒުވާނާޔަށް އެ ޙާލަތުގައި ދޭންޖޭހެ މަޢުލޫމާތަކަށް ވާތީއެވެ. އެކަމަކު ޒުވާނާޔާ ސުވާލުކުރަމުން ގެންދިޔަ މީހާ އެކަމަށް ކުރީ އިންކާރެެވެ. ޤާނޫނާ ޙަވާލާދީ އެހީމާވެސް ކުރީ އިންކާރެވެ. ނަމެއް، މަޤާމެއް ނުބުންޏެވެ. ޒުވާނާ އެހިސާބުން ދުރަށް ދާން ހިނގައިގަތީމާވެސް، އެ މީހާ އޭނާގެ ފަހަތުން އަންނަން ފަށައިފިއެވެ. އަދި ހިފެހެއްޓިދާނެކަމަށްވެސް ބުނީއެވެ!

ޒުވާނާ އެހިސާބުން ބޭނުންކުރީ އޭނާ ފުރަތަމަވެސް ބޭނުންކުރަންވީ ހަތިޔާރެވެ. ފޯނު ނަގައިފައި އެމީހާ ވިޑިޔޯ ކުރަންފެށީއެވެ. އެހިސާބުންވެސް އެ މީހާ ކުޑަކޮށް ޖެހިލުންވީވެސް ކަންނޭނގެއެވެ. އޭނާ އެތާ މަގުމަތީގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ސައިކަލަށް އަރައިގެން އަވަހަށް ހިނގައްޖެއެވެ.

ޒުވާނާޔަކަށް އެ ވީގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ފޯނުކުރީ އެމީހާގެ ގެޔަކަށް ނޫނެވެ. ދައުލަތުގެ މުއައްސަސާޔަކަށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން، ރައްޔިތުންގެ މަޞްލަޙަތުތައް ބަލަހައްޓަން ބަޔަކު ތިބޭ ތާކަށެވެ. އެކަމަކު ޒުވާނާޔަށް ކުރިމަތިލާން ޖެހުނީ މުޅީން އެހެން ކަހަލަ ޒާތެއްގެ މީހަކާއެވެ!

ކަން އެހިނގި ގޮތް ޒުވާނާޔަށް ކަމުނުދާތީ، މިދެންނެވި މީހާގެ ކަންކަން ބަލަން އޭނާގެ މަތީން ހުންނާނޭ ކަމަށް ފެންނަ މީހާޔާ ގުޅާނޭ ގޮތް ޒުވާނާ ހޯދިއެވެ. އަދި އެމީހާޔާ ފޯނުން ގުޅައިފިއެވެ. އަދި ތިޔަ ފަރާތުން ފޮނުއްވީމާއި މިތަނަށް އައިކަމަށް ބުނާ މީހެއްގެ ޢަމަލުތަކާއި އަޚުލާޤާއި ސުލޫކު ހުރީ މިހައި ދަށް ފެންވަރުގަޔޭ، މީހަކު ފޮނުވިންހޭ އަހައިފިއެވެ. އަދި އާނއެކޭ، މީހަކު ފޮނުވީމޭ، ކީއްހޭ ވީ އެހީމައި، އޭނާޔާ ކުރިމަތިލީ މީހާ ”ފުއްޕި އެންމެހައި ފުއްޕުން“ ތަކަށް ޒުވާނާ ބޯނުލަނބައި، އާދެ މަސާހިބު ނުކިޔައި، ކަންތައް ކުރި ގޮތް ކިޔައިދީފިއެވެ. އަދި އެކަން މައްސަލަޔެއްގެ ގޮތުގައި ރެކޯޑުކޮށްދޭން އެދިއްޖެއެވެ. އެކަމަކު،  ދެންވެސް…އާދެ! ދެންވެސް ކަން ހިނގީ ރަނގަޅަކަށް ނޫނެވެ!

ޒުވާނާގެ ޝަކުވާ ފޯނުން އަޑުއެހި ޒިންމާދާރު މީހާގެ ޙާލުވެސް ހުރީ އެހެން ކަހަލަ ގޮތަކަށެވެ. ޒުވާނާ ހުށައެޅި ޝަކުވާ ބަލައިގަނެ، އެކަމާ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އޭނާވެސް ބޭނުންކުރީ އަދި މުޅީން އެހެން ކަހަލަ ރާގެކެވެ. ޕުރޮފެސަރުންގެ ރާގެވެ! ޒުވާނާޔަކީ އެއްޗެއް ނޭނގޭ، ރޯނުފިލައިހުރި މީހެއް ކަމަށް ބަލައިފައި، އޭނާޔަށް ކިޔަވައިދިނުމުގެ ރާގެވެ. ޒުވާނާ އެވާހަކަތައްވެސް ކެތްތެރިކަމާއެކު އަޑުއެހިއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އެއީ މައިސޯބުތަކުން ކުރެ ކުޑަތާ މައިސޯބެއްގެ ފުށްގުނައިލުމުގެ ބޭނުމުގައެވެ.

މުއައްސަސާއިން ފޯނު ނެގި ޕުރޮފެސަރު ޒުވާނާޔަށް ކިޔަވައިދެވޭތޯ އުޅުނީ ”އަންޑަރސްޓޭންޑް“ މިލަފުޒުގެ މާނަޔާއި ބޭނުމެވެ. އޭނާ ޒުވާނާޔަށް ބުނެދިން ގޮތުގައި، ޒުވާނާޔަށް ކަންކަން ”އަންޑަރސްޓޭންޑް“ ވާން ޖެހޭ މިންވަރަކަށް ކަންކަމެއް ”އަންޑަރސްޓޭންޑް“ އެއް ނުވެއެވެ! ފޯނު ކުރީ އެހެންވެގެން ކަމަށް ފެނެޔޭވެސް ބުނީއެވެ.

އެހިސާބުން އޭނާ އެބުނި ”އަންޑަރސްޓޭންޑް“ވުމަކީ ކޮބައިތޯ ބަލައިލާހިތް ޒުވާނާ ވެއްޖެއެވެ. އެހެންކަމުން އެބުނާ ”އަންޑަރސްޓޭންޑް“އަކީ ކޮބައިތޯ ޒުވާނާ އެމީހާގާތު އަހައިލިއެވެ. ޖަވާބު ތޯއެވެ؟ އައްސަވާށެވެ!

ޕުރޮފެސަރު ވެރިޔާ ބުނިގޮތުގައި ޒުވާނާގެ ގޭދޮށަށް އައިސް ސަލާން ނުގޮވައި، ތިމާ މިއީ ކާކުކަން ބުނެނުދީ، އޭނާޔާ އައްސުން ހުށަހޮޅިިގަނެގެން ސުވާލުކޮށް އެ ހެދި މީހާޔަށް ޢަމަލު އެ ކުރެވުނީ އެހައި ރަނގަޅަކަށް ނޫނެވެ. އަދި އޭނާ ކަންކުރީ ކަންކުރަން ޢާންމުކޮށް އަންގައިފައި އޮންނަ ހަމަތަކާ ”ކުޑަކޮށް“ ޚިލާފަށެވެ. އެކަންކަމާ އޭނާ އެއްބަސްވެއެވެ. އެހެންނަމަވެސް، އެމީހާ ކުރަން އައި ކަންތައް ނުކޮށް، އޭނާގެ މަސްއޫލިއްޔަތުގެ މައްޗަށް ރުޅި އިސްކޮށް، ޒުވާނާޔަށް ”ފޮޅައިލައިފައި“ އެ ދިޔަ ދިޔުން އެއީ އެމީހާޔަށް އޮންނަ އިޚްތިޔާރެކޯލައެވެ. އަދި އެހިސާބުން ނިމުނީކީ ނޫނެވެ! ޕުރޮފެސަރު ބުނި ގޮތުގައި،  ކޮންމެ ތަނެއްގައިވެސް އެކި ޒާތުގެ މީހުން އުޅޭނޭ ކަމާއި، ސުލޫކާއި އަޚުލާޤުގެ ގޮތުންވެސް ވަރަށް ދޯދިޔާ މީހުން އުޅޭނޭކަން ޒުވާނާ ދަންނަން ޖެހޭނެއެވެ. އަދި ބަލައިވެސް ގަންނަން ޖެހޭނެއެވެ. އެކަން ޤަބޫލުވެސް ކުރަން ވާނެއެވެ. އަދި އެކަން ކަމަކަށް ނުހަދައި ”އަންޑަރސްޓޭންޑް“ވުމުގެ ޤާބިލްކަމަކީ ޒުވާނާގައި ހުންނަން ވާނެ ހުނަރެކޯލައެވެ!

ނޫނެކެވެ! ސަތޭކަ، ނޫން، ހާސް ފަހަރު ނޫނެކެވެ! ”އަންޑަރސްޓޭންޑް“ނުވެގެން އެ ރޭ އެއުޅުނީ ޒުވާނާޔެއް ނޫނެވެ.  ތިމާމެންނަށް ތަހުޒީބާއި، ތަޢުލީމާއި، ސުލޫކާއި، އަޚުލާޤަކީ ކޮބައިކަން އަސާސީ ފެންވަރުން ވަކިނުވާވަރުގައި މަޑުން ގޭގައި ނުތިބެ، ނުވާވަރުން، ނެތް ފެންވަރުން، ކަންކަމާ މަތިންބައިންޖެހިގެން ޙަވާލުވެގެން އުޅެނީ ޒުވާނާއެއް ނޫނެވެ. ސިޔާސީ ކޮންމެވެސް ކަހަލަ ބާރުވެރިޔަކާ ގުޅުންތަކެއް އޮންނާތީ، ރައްޔިތުންްގެ ޚަޒާނާއިން މުސާރަ ނަގައިގެން، ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތާ ޙަވާލުވެގެން ހުރީކީވެސް ޒުވާނާއެއް ނޫނެވެ. ރަސްމީ ތަނެއްގެ ނަމުގައި، ރަސްމީ ޙައިޘިއްޔަތުން ޢާންމު ރައްޔިތެއްގެ ކުރިމައްޗަށް ޙާޟިރުވާއިރު ތިމާމީހާ ގެންގުޅެންޖެހޭ އަޚުލާޤީ މިންގަނޑުތަކަށް ނުފެތި އުޅުނީކީ ޒުވާނާއެއް ނޫނެވެ. ތިމާޔަކީ ކޮން ތާކުން، ރަސްމީ ކޮން ޙައިޘިއްޔަތަކުން، ކޮން ކަމެއް ބަލަން އައި، ފުރިހަމަ ކޮން ނަމެއް ކިޔާ، ކޮން މަޤާމެއްގައި ހުރި މީހެއްކަން ތިމާ ކުރިމަތިލާ މީހަކު ދެނެގަންނަން ބޭނުންވެއްޖިއްޔާ އެއީ ކޮންމެހެން ދޭން ޖެހޭނޭ މަޢުލޫމާތެއްކަން ނޭނގިގެން އުޅުނީ ޒުވާނާއެއް ނޫނެވެ. ޤާނޫނު ތަނެއްގައި އޮތަސް، ލިޔަން ކިޔަން އެނގުނަސް، އަދި ނޭނގުނަސް، ޤާނޫނު ”އަންޑަރސްޓޭންޑް“ނުވެގެން އުޅުނީވެސް ޒުވާނާއެއް ނޫނެވެ. އަދި ކޮންމެ ތަނެއްގައިވެސް އެކި ޒާތުގެ މީހުން އުޅޭނޭ ކަމާއި، ސުލޫކާއި އަޚުލާޤުގެ ގޮތުންވެސް ވަރަށް ދޯދިޔާ މީހުން އުޅޭނޭކަން ޒުވާނާ ދަންނަން ޖެހޭނެޔޭ ބުނި މީހާގެ ޙާލު އަދި ވަކީން ދެރަތޯއެވެ؟

އާދޭހެވެ! ކަންކަން ”އަންޑަރސްޓޭންޑް“ނުވެގެން މިއުޅެނީ އާދައިގެ ނިކަމެތި ޢާއިލާތަކުގެ ޒުވާނުންނަކަށް ނޫނެވެ! ކަންކަމާ ޙަވާލުވެގެން ތަންތާނގައި ތިބޭ، ފެންވަރެއް ނެތް، ކުފޫހަމަނުވާ މީހުންނަށެވެ. މިހާ ޞަރީޙަ ޢިބާރާތުން މިވާހަކަ މިލިޔުނީ ދޭހަޔަށް ފަަހިކޮށްލައިދިނުމުގެ ބޭނުމުގައެވެ. ހެޔޮނިޔަތުގައެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.