Support Us

ނަފުރަތުގެ ބިލް ތަސްދީގުކުރައްވައި މިއަދުން ފެށިން އަމަލުކުރަން ފަށައިފި

ނަފުރަތުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޤާނޫނުލްޢުޤޫބާތަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ޤާނޫނުލްޢުޤޫބާތަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ މި ހިނގާ ނޮވެންބަރު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނުގައި، ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ. މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ޚިލާފުނުވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެ މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ. ހަމަ އެހެންމެ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުންވެސް ކުށުގެ ގޮތުގައި ހިމަނާފައި ވެއެވެ. އަދި މިއިން ޢަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއީ ވެސް ކުށުގެ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެކެވެ.

އެހެންނަމަވެސް އެކި ކަންކަމާމެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސްނާޅާކަމުގައި ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މާއްދާގައި، ކުށް ދަރަޖަ ކުރާގޮތްތަކާއި މާނަ ކުރުންތައް ހިމަނާފައިވެއެވެ.

ދެން ގާނޫނުގައި އިސްލާޙު ހުށަހަޅާފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމަށެވެ. އެގޮތުން (ހ) ގެ 5 ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅާފައެވެ.

ހަމަ އެހެންމެ (ހ) ގެ 6ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއްކަމުގައި ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *