Support Us

ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީޔާތުގައި ރައީސް ސޯލިހާއި މުޣުނީ (3 މާރިޗު 2020)

މުޣުނީގެ ބައިނަލްއަގުވާމީ އެވޯޑް ރައީސް ސޯލިހަށް ތަހުސީސް ކުރައްވައިފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ހުކުރު ދުވަހު ލިބިވަޑައިގެންނެވި ބައިނަލްއަގުވާމީ އެވޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތަހްސީސް ކުރައްވައިފިއެވެ.

އޭޝިއާ ބައްރުގެ "މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑަ"ކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. މިއީ ދިވެއްސަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މުޣުނީއަށް މީގެ ކުރިން ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.

މުޣުނީ ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ އޭޝިއާ ބައްރުގެ "މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް" އަށް ނޮމިނޭޓްވެ ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި "އަޅުގަނޑު މި އެވޯޑް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތަޚްޞީޞް މި ކުރަނީ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމަށް ޓަކައި އަޅުގަނޑުމެންނާ މެދު އެ މަނިކުފާނު ގެންގުޅުއްވާ ތަސައްވަރާއި ބަހައްޓަވާ ފުރިހަމަ ކަށަވެތިކަމާއި ދެއްވާ ހިތްވަރުފުޅަށް ޓަކައި" ކަމަށެވެ.


މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާ އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެން ގޮސްފައިވާ ސްޕީޑާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ވަނީ ވެސް ސްޓެލްކޯއަށް ލިބިފައެވެ.