Support Us

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ

އޭޝިއާ ބައްރުގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް

އޭޝިއާ ބައްރުގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. މިއީ ދިވެއްސަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މުޣުނީއަށް މީގެ ކުރިން ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާ އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެން ގޮސްފައިވާ ސްޕީޑާ ގުޅިގެން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ވެސް ވަނީ ސްޓެލްކޯއަށް ލިބިފައެވެ.

"ކުންފުނީގެ ކޯޕަރޭޓް ގަވަރނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެ ފުށްފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމްކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، މަސްލަހަތު ފުށޫއަރާ ފަދަ ކަންކަމުން އެކަހެރިވުމާއި، ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިންގ ނިޒާމެއް ގާއިމްކުރުން ހިމެނޭ،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ. "ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި މުވައްޒަފުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި ސްމާޓްމީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަން ކުރަމުން އަންނަ މަސައްކަތްތައް."

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާ ޕޮޑް ތައާރަފްކުރުމާއި، ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުން ހިމެނޭކަން ސްޓެލްކޯ އިން ފާހަގަކުރެއެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުންވެސް ހިމެނެއެވެ.

އަދި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ޖަނަރޭޓަރުގެ ސްޕެއަރ ގެނެސް "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރެން ވަނީ ފަށައިފައެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި، އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި، ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުވައިދިނުން ވެސް ހިމެނެއެވެ.

މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ހިދުމަތްތަކާއި، އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވާ ފުރުސަތުތައް ފާހަގަކުރެވެއެވެ.

މި އެވޯޑް ލިބުމާ ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށް ވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެ ދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ،" މުޣުނީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *