Support Us

ކޮލަމް: ހަވާސް

ކޮލަމް ހަވާސް: ސުޒެއިން ކަމަކު ނުދޭ، މޮރެެއިރޯ މާ ރަނގަޅު- މޮރެއިރޯ ބޭރުކުރޭ، ސުޒެއިން މާ ބެސްޓް!

ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީއަށް ކުޅޭ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ފެށުމުގެ ގޮތުން ނޮވެމްބަރު 9 ގައި ލަންކާއާއި ރާއްޖެ ވާދަކުރި މެޗުގައި ލަންކާ ކޮޅަށް ރާއްޖެއިން ލަނޑުތައް ޖަހަން ފެށުމުން އުފަލުން ގޮސް ހިތަށްއެރިއެވެ.

"ސާފް ޗެމްޕިއަންޝިޕްގައި، މީގެ އެއް މަސް ކުރިން، އަލީ ސުޒެއިންގެ ކޯޗުކަމުގައި ލަންކާ އަތުން 1-0ން ރާއްޖެއަށް މޮޅުވެވުނީ ހަމަ ކިރިޔާއެވެ. އެކަމަކު ނިކަން ދެކެބަލާށެވެ. ލަންކާ މުބާރާތަށް ދާން ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ މޮޅުކަން އެހެރީއެވެ. ލަންކާ ޓީމަށް ހިންދެމިލާނެ ފުރުސަތު ވެސް ނުދީ ހަތަރު ލަނޑު ޖަހައިލީއެވެ. ކޯޗަށް ހަމަ ސާބަހެވެ."

ވެހެމުންދިޔަ ބޯ ވާރޭތެރޭގައި ކުޅެމުންދިޔަ އެ ދުވަހުގެ މެޗުގައި ލަންކާ ގޯލް ހުޅުވައިލަދިނީ ކެޕްޓަން އަކުރަމް އަބްދުލްގަނީ، އަށް ވަނަ މިނިޓުގައެވެ. އޭގެ އެއް މިނިޓް ފަހުން އަލީ ފާސިރު (ސެންޓޭ) ދެ ވަނަ ލަނޑު ޖެއްސެވެ. ދެން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) 34 ވަނަ މިނިޓުގައި ތިން ވަނަ ލަނޑު ޖަހައިފައި ވަނިކޮށް ހަތަރު ވަނަ ލަނޑު ޖެހީ 58 ވަނަ މިނިޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ގައުމީ ޓީމުގެ ކަޅު ޖާޒީ ލައިގެން، ވަރަށް ރަނގަޅަށް ތައްޔާރުވެގެން ޓީވީން މެޗު ބަލަން އިންދާ ދަގަނޑޭ ޖަހައިދިން ހަތަރު ވަނަ ލަނޑާއެކު އުފަލުން ހަޅޭއްލަވަމުން ދުއްވައިގަތީމެވެ. ހަމަ ވަގުތުން ލަންކާއަށް ދާން ވެސް ބޭނުންވިއެވެ.

"ސުޒެއިން ކަމަކު ނުދޭ، މޮރެެއިރޯ މާ ރަނގަޅު"

ރާއްޖެއިން ހަތަރު ވަނަ ލަނޑު ޖެހުމުން އެ ވަގުތު ހިތަށް އެރިއެވެ.

"އެފް.އޭ.އެމްގެ ޒުވާން ރައީސް ބައްސާމް އަދީލް ޖަލީލްގެ ވިސްނުންތެރިކަން ހާދަ މޮޅެވެ. އޮކްޓޫބަރު 1-16 އަށް ގަލޮޅު ދަނޑުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ނުގޮސް ކެޓުމުން ދިވެހިންގެ ހިތްތަކަށް ލިބިފައި އޮތް ހިތްދަތިކަން، ފިލުވައިލުމަށް އޭނާ މި ހެދީ ހާދަ މޮޅު ފަންޑިތައެއްތާއެވެ. އިޓަލީވިލާތުގެ އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރާ ގައުމީ ޓީމު ހަވާލުކޮށްލުމުން ދެ ހަފުތާ ތެރޭގައި ޓީމަށް މި ގެނައީ ހާދަހާ ބޮޑު ބަދަލެކެވެ. ދޮން މީހުން ހަމަ ތަފާތީއެވެ. އަލީ ސުޒެއިންގެ ކޯޗު ކަމުގައި ލަންކާ އަތުން އެ ދުވަހު ރާއްޖެ މޮޅުވީ ހަމަ ކިރިޔަކިރިޔާއެވެ. ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމު ދިވެއްސަކާ ހަވާލުކުރުން އެއީ ވަރަށް ދޯދިޔާކޮށް ބައްސާމް ކުރި ކަމެއްތާއެވެ. އިޓަލީ ކޯޗު މޮރިއޭރޯ ގެންނަންވިތާ ކިތަންމެ ދުވަހެކެވެ. އޭނާ ހުރި ނަމަ، ތަފާތު ބޮޑުކޮށް އިންޑިއާ ވެސް ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ދިފާއުކުރީސްކަން ކަށަވަރެވެ. އެ ފަހަރު، ތިން ވަނަ ފަހަރަށް ވީސްކަން ވެސް ކަށަވަރެވެ. އެކަމަކު ދިވެހި ކޯޗަކާ ޓީމު ހަވާލުކުރަން ހަދައިގެން ފައިނަލަށް ވެސް ނުދިޔައީއެވެ. އެކަމަކު ލަންކާ ދަނޑުގައި، ލަންކާ ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާ ކޮޅަށް ހަތަރު ލަނޑު ޖަހައިލީމާ ސާފް ޗެމްޕިއަންޝިޕްގެ ހިތްދަތިކަން މިހާރު މުޅިން ފިލައިގެން ހިނގައްޖެ ކަހަލައެވެ. ރާޖަޕަކްސަ ކަޕް ކަށަވަރުވީތާއެވެ! މިފަހަރު އަހަރުމެންގެ ފަހަރަށް ވާނެތާއެވެ."

ލަންކާ ކޮޅަށް ހަތަރު ލަނޑު ޖަހައި ރާއްޖެއިން ބޮޑު ލީޑެއް ހޯދައިފައި އޮއްވައި، ލަންކާ އިން ސުން ކަނޑުވާލީ 64 ވަނަ މިނިޓުގައި ވަސީމު ރަޒީކެވެ.

ހިތަށް އެރިއެވެ.

"ހާސްވާކަށް ނުޖެހެއެވެ. އެއީ އަދި އެހާ ބޮޑު ކަމެއް ނޫނެވެ. ލަންކާ ވެސް މަސައްކަތްކުރަންޏާ ލަނޑެއް ޖެހިދާނެއެވެ. އެއީ އެންމެ ލަނޑެކެވެ. ރާއްޖެ އެހާ ގަދަޔަށް ކުޅެމުން ދަނިކޮށް ލަންކާ އަށް ހަމަ ޔަގީނުން ވެސް އިތުރު ތިން ހަތަރު ލަނޑެއް ނުޖެހޭނެއެވެ. ހާސްވާންވީ ސަބަބެއް ނެތެވެ."

ފަހު ހާފުގައި ނުކުމެ، ތަފާތު ދައްކަމުންދިޔަ ލަންކާ ޓީމުން ދެ ވަނަ ލަނޑު ވެސް ޖަހައިފިއެވެ. ހަމަ ރަޒީކެވެ. ފުރަތަމަ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުންނެވެ.

"އެއީވެސް މައްސަލައެއް ނޫނެވެ. އެ މީހުން ވެސް މޮޅުވާން ލައްކަ މަސައްކަތް އެބަކުރެއެވެ. އެހެންވެ ހަމަ ލަނޑެއް ޖެހިދާނެއެވެ. ލަންކާ އަށް ހަމަ ޔަގީނުން ވެސް ތިން ހަތަރު ލަނޑެއް ނުޖެހޭނެއެވެ. އެހެންވެ ހާސްވާންވީ ސަބަބެއް ނެތެވެ." އަޅުގަނޑު ހިތަށް އެރިއެވެ.

އޭގެ ހަތަރު މިނިޓް ފަހުން ލަންކާ އިން ތިން ވަނަ ލަނޑު ވެސް ޖަހައި ރަޒީކް ހެޓްރިކްވެސް ހަދައިފިއެވެ. އެއާއެކު އަޅުގަނޑު ހާސްވާންފެށިއެވެ. ރާއްޖެ އެހާ ގަދަޔަށް ކުޅެކުޅެ އޮއްވައި ލަންކާ ފަހަތުން އަރައި އަށް މިނިޓުތެރޭ ތިން ލަނޑު ޖެހުމުންނެވެ. އަނެއްކާ ތިން ލަނޑު މި ޖެހީ ވެސް އެކަކެވެ.

ހިތަށްއެރިއެވެ. "ދެން ވާނީ ކިހިނެއްބާއެވެ؟ އަދުރޭ އަށް ގުޅަން ވެސް ވަގުތު ނަގާނެތީ، ކަލްކިއުލޭޓަރުން އަވަހަށް ހިސާބު ޖަހައިލީމެވެ. މެޗު ނިމެން މަދުވެގެން 18 މިނިޓް އަދިވެސް އެބައޮތެވެ. އެއީ ލައްކަ ގިނައިރެވެ. އެހެންވީމާ ލަންކާ ހުއްޓުވަން އެބަޖެހެއެވެ. ކޯޗު ހަދާނީ ކިހިނެއްބާވައެވެ؟ އޭނާ މޮޅުވާނެއެވެ. ދިވެހި ކޯޗުންނަށްވުރެ މާ މޮޅުވާނެއެވެ. ބޯ ހުންނާނެއެވެ. ލަންކާ ޓީމު ހުއްޓުވަން އެނގޭނެއެވެ."

(ލަންކާ މުބާރާތުގައި ސުޒެއިން ހުރީ އެސިސްޓެންޓް ކޯޗަކަށެވެ.)

މީހާ ދާހިތްލައި، ލޭ ހޫނުވެ، ގަޑި ބަލަން އިންދާ ހަމަނޭވައެއް ލެވުނީ ވެސް 90 މިނިޓް ކުޅެވުމުންނެވެ. އިތުރު ވަގުތު ތިން މިނިޓް ދެއްކުމުން ހިތަށް އެރީ ބޯޅަ ބޭރަށް ތަޅައިގެން ވެސް އެބައި ހަމަޖައްސާލާނެ ކަމަށެވެ. ކޮންމެ ގޮތަކުން ވެސް މި މެޗުން ރާއްޖެ މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުވާންޖެހޭތީއެވެ. އެކަމަކު އިތުރު ވަގުތުގެ އެންމެ ފަހު މިނިޓް ތެރޭގައި ރަޒީކް ހަތަރު ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އަޅުގަނޑު ވަގުތުން ޓީވީ ނިއްވާލައިފައި ޖާޒީ ވެސް ބާލައިފީމެވެ.

ފަހަތުން އަރައި ލަންކާ ހަތަރު ލަނޑު ޖަހައި އެއްވަރުކުރުމުން ހިތަށް އެރިއެވެ.

"މި ހެދީ ކޯންޗެއްހެއްޔެވެ؟ އިޓަލީ ކޯޗު މިއީ ކީއްކުރާ މީހެއްހެއްޔެވެ؟ ހަތަރު ލަނޑުގެ ލީޑެއް ލިބިފައި ވަނިކޮށް ފަހަތުން އަރައި ލަންކާ އެއްވަރުކުރީއެވެ. އިތުރަށް އެންމެ މިނިޓެއް ކުޅުނު ނަމަވެސް ލަންކާ ފައިބާނީ މޮޅުވެގެންކަން ޔަގީނެވެ. އެހާވަރު ވެގެންދިޔައިރު ވެސް މޮރެއިރޯއަކަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ދެކޮޅަށް ދުވެދުވެ ހުރީއެވެ. މިއީ ކޮން ކަހަލަ ކޯޗެއްހެއްޔެވެ؟"

ފައިނަލް ސްކޯ ބޯޑުން 4-4 ދެއްކި ނަމަވެސް ހަގީގަތުގައި އެ ދުވަހު އެއީ ލަންކާ އަތުން ރާއްޖެ ބަލިވި ބަލިވުމެކެވެ. ހަތަރު ލަނޑުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރައި ހަތަރު ލަނޑު ލަންކާ އަށް ޖެހޭނީ ރާއްޖެ ބަލިވީމައެވެ. މާ ބޮޑަށް ވެސް ބަލިވީމައެވެ. ސާފް ޗެމްޕިއަންޝިޕްގައި 1-0ން ރާއްޖެ މޮޅުވެފައި އޮއްވައި، 4-4ން އެއްވަރުވުން މިއީ ބަލައިގަންނަން ފަސޭހަ ނަތީޖާއަކަށް ނުވިއެވެ. އިޓަލީ ކޯޗު މިއީ މާ މޮޅު މީހެއް ކަމަށް ބަލަން އުނދަގޫވިއެވެ.

ދެ ވަނަ މެޗުގައި ރާއްޖެ ވާދަކުރަން ޖެހުނީ ބަންގްލަދޭޝްއާ އެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި 2-0ން ރާއްޖެ ބަލިކުރި ޓީމެކެވެ. އެހެންވެ، އިޓަލީގެ މޮޅު ކޯޗުގެ ރޭވުންތެރިކަމުން ހަދާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ރާއްޖެ ޓީމުން މާ މޮޅު ކުޅުމެއް ނުފެނުނު މި މެޗު ނިމުނީ 2-1 އިން ރާއްޖެ ބަލިވެގެންނެވެ. ހަމަ އެކަނި ބަލިވީކީ ނޫނެވެ. ބަންގާޅު ގައުމީ ޓީމު އަތުން ބަލިނުވާތާ 18 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަލިވީއެވެ.

މެޗަށްފަހު ކޯޗު މޮރެއިރޯ ބުނީ ކީކޭ ކަމަށްތޯއެވެ؟

"ސަޕޯޓަރުންނަށް އަހަރެން ބުނެލާނީ އަހަރެމެންނަށް ވަގުތު ދޭށޭ. ވަގުތު ދީފިނަމަ ކުރިއަށް އޮތް ތަނުގައި އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ޓީމެއް ބިނާކުރެވޭނޭ."

ކޯޗުގެ ވާހަކަ ރަނގަޅެވެ. އެކަމަކު ތި ގޮތަށް ވަގުތު ދެންޏާ، ފައިނަލަށް ނުދިޔަ ނަމަވެސް، ސާފް ޗެމްޕިއަންޝިޕްގައި ތަފާތު ކުޅުމެއް ދައްކައި، ލަންކާ އާއި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވިއިރު ހުރި ކޯޗަށް ފުރުސަތު ދިނަސް އޭނާ ވެސް ޓީމަށް ބަދަލުތަކެއް ގެންނާނެއެވެ. އޭނާ ވަނީ އެކަން ސާބިތުވެސް ކޮށްދީފައެވެ.

ރާޖަޕަކްސަ ޓްރޮފީގެ ގްރޫޕުގެ ފަހު މެޗަށް މިއަދު ހަވީރު ނުކުތްއިރު ރާއްޖެއަށް މަޖުބޫރުވެފައި އޮތީ ފައިނަލަށް ދާން ބޭނުން ނަމަ ސީޝެލްސް އަތުން މޮޅުވުމަށެވެ. އެއްވަރުވިޔަސް ރާއްޖެ ކަޓައި، ފައިނަލްގެ ފުރަތަމަ ޖާގަ ސީޝެލްސްއަށް ލިބޭނެއެވެ. މިއަދުގެ ފުރަތަމަ 11 އަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ދަގަނޑޭ އާއި ސެންޓޭ އާއި ފޭދޫ އިއްބެ ވެސް ތިބީ ބެންޗުގައެވެ.

ބޯކޮށް ވާރޭ ވެހި، ބޫޓު ފޮރުވޭ ވަރަށް ކިސަޑު ހެދިފައި އޮތް، ހަނޑޫ ދަނޑެއް ކަހަލަ ޗަކަ ރޭސްކޯސް ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެ، ރާއްޖެ މުބާރާތުން ކަޓައިގެންނެވެ. އަދި މެޗު ނިމުނީ ވެސް ވަރަށް ހުތުރު ގޮތަކަށެވެ. މެޗުގެ 89 ވަނަ މިނިޓުގައި ކުޅެން ނުކުތް އަސްހަދު އަލީ (އަޑުބަރޭ) އޭނާ އަށް ލިބުނު ފުރަތަމަ ބޯޅަ ކުޅުމަށްފަހު، ކުޅުމުން ބޭރުގައި، ސީޝެލްސްގެ ކެޕްޓަން ސްޓީވް މަރީގެ ކަރަށް އުޅޮނބޮށިން ދިން ހަމަލާއާ ގުޅިގެން ރަތް ކާޑަކާއެކު ދަނޑުން ވެސް ފޮނުވައިލައިގެންނެވެ.

މޮރެއިރޯ ބޭރުކުރޭ، ސުޒެއިން މާ ބެސްޓް!

ގައުމީ ޓީމު ޖާޒީ ލައިގެން ޓީމަށް ހިތްވަރުދޭން ޓީވީ ކައިރީގައި އިންދާ، އެހާ ހަޑި އަދި ލަދުވެތި ގޮތަކަށް ރާއްޖެ ކެޓުމުން މާޔޫސްވެފައި އިން ވަގުތެއްގައި އައީ ވައިބަރ މެސެޖެކެވެ. މެސެޖް ބަލާނެ މޫޑެއްވެސް ހަގީގަތުގައި ނެތެވެ.

"މޮރެއިރޯ މި ހެދީ ކޮން އެއްޗެއް؟ އެއީ ކޯންޗެއް އެނގޭ ކޯޗެއް؟ ރަނގަޅަށް އޮތް ޓީމެއް އޭނާ ހަމަ ދުއްވާލީ. އެއީ މާ މޮޅު ކޯޗެއް ނޫން. އޭނާ އަވަހަށް ބޭރުކުރަންވީ. ސުޒެއިން މާ ބެސްޓް! އިންޑިއާ އަތުން ބަލިވެ ފައިނަލަށް ނުދިޔައަސް، ރާއްޖެ ޓީމުން (ސާފް ޗެމްޕިއަންޝިޕްގައި) ތަފާތު ކުޅުމެއް ދެއްކި. ދިވެހި ދެތިން ލައްކަ ސަޕޯޓަރުންގެ ޕްރެޝަރު ބޮލަށް ލައިގެން ވެސް ރީތި، ނަލަ، އެންޓަޓެއިނިން ކުޅުމެއް ދައްކައި ލަންކާ އަތުން މޮޅުވެ އަދި ބަންގާޅު އަތުން ވެސް މޮޅުވި. (ސާފް ޗެމްޕިއަންޝިޕްގެ) އެ ހުރިހާ ރެކޯޑެއް ފުނޑިގެން އެ ދިޔައީ. ސާފް ޗެމްޕިއަންޝިޕްގެ ތަރުޖިބާގައި ލަންކާ މުބާރާތުގައި ރަނގަޅު ފައިޓެއް ދޭން ސުޒެއިނަށް ފުރުސަތު ދިން ނަމަ ރާއްޖެއަށް މާ ކާމިޔާބުވީސް. ޓީމުތަކުގެ ކުޅުން ވެސް ސުޒެއިނަށް އޮންނާނީ ތަޖުރިބާ ކުރެވިފައި. އެކަމަކު މި އިޓަލީ ކޯޗުގެ ސަބަބުން ދިވެހިންގެ އުންމީދުތައް ފެނަށް ދުއްވާލީ ރީތި ކުޅުމެއް ވެސް ނުފެނި. އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކެޓީ."

މިއީ އޭނާގެ ފުރަތަމަ މެސެޖެވެ. ދެ ވަނަ މެސެޖެއް ވެސް އެބައޮތެވެ.

"ހީވަނީ އިޓަލީ ކޯޗުގެ ތަރުޖަމާނުގެ މައްސަލައެއްހެން. ކޯޗު ބުނާ އެއްޗެއް ނޫންކަންނނޭގެ ތަރުޖަމާނު ބުނަނީކީ. ކޯޗަށާއި ތަރުޖަމާނަށް މަގޭ ސަލާމް."

އޭނާގެ އެ ދެ މެސެޖަށް އަޅުގަނޑު ވަކި ޖަވާބެއް އަދި ނުދެމެވެ. އެހާ ރީތިކޮށް އެ ހުރިހައި ވާހަކައެއް އޭނާ ބުނީމާ، އެ ވާހަކަތަކަށް ކުރެވެން ވެސް އޮތީ ކޮން އިންކާރެއް ހެއްޔެވެ؟

ލަންކާ މެޗުގެ 60 މިނިޓާ ހަމައަށް އަޅުގަނޑުވެސް ހިތަށް އެރީ ސުޒެއިނަށްވުރެ މޮރެއިރޯ މާ މޮޅު ކަމަށެވެ. ލަންކާ މެޗަށްފަހު ޚިޔާލު ބަދަލުވަމުން ބަދަލުވަމުން ގޮސް، އެއްވެސް މެޗަކުން މޮޅުނުވެ، މުބާރާތުން ކެޓުމުން އެކަން ވަނީ އެކޮޅުކޮޅުންޖެހިފައެވެ. މިފަހަރު ނޫނީ އެއްވެސް މެޗަކުން މޮޅުނުވެ ސަރަހައްދީ މުބާރާތެއް ރާއްޖެ ނިންމާލިތަނެއް ނުދެކެމެވެ.

ހިތަށްއެރިއެވެ.

"މި ފަހަރު ވެސް މިއީ އަހަރުމެންގެ ފަހަރެއް ނޫނެވެ. ދެން އަނެއްކާ ވެސް ކޮންމެވެސް އެހެން ފަހަރަކުންނެވެ. އެކަމަކު އެ ފަހަރެއް އަންނާނީ ކޮން ފަހަރަކުންބާވައެވެ؟"