Support Us

ކޮޕީ ރަޝީދު: ދިވެހި އަދަބިއްޔާތާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެއްލިގެންދިޔަ "އޮރިޖިނަލް"އެއް

"ކޮޕީއަކީ ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެއްލުނު "އަޞްލެކެވެ." ކޮޕީއެއް ނޫނެވެ." ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފު އަލީ ސިފަކުރެއްވިއެވެ.

ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ހުނަރުވެރި ފަންނާނުންގެ ތެރޭގައި ކޮޕީ މުހައްމަދު ރަޝީދު ހިމެނޭނެކަން ޔަގީނެވެ. އަރަބި، ތާނަ ލިއުއްވުމާއި ވާހަކަ ލިއުއްވުމާއި ޅެން ހެއްދެވުމުގެ އިތުރުން ތަމްސީލާއި ފިލްމު ކުޅުއްވުމުގައި ކޮޕީ ރަޝީދު ވަނީ 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކޮޕީ ރަޝީދު އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. ހަތަރު ބޭފުޅުންނާ ކައިވެނިބައްލަވައިގަތް ކޮޕީ ރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި 13 ބޭފުޅުން (ފަސް އަންހެން) އެބަތިއްބެވިއެވެ.

ކޮޕީ ރަޝީދުގެ ކަށުނަމާދު އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކޮޕީ ރަޝީދު ވަނީ އާއްމު ހިދުމަތުގެ އިނާމު ހަތަރު ފަހަރެއްގެ މަތިން ހާސިލްކުރައްވައިފައެވެ. އެއީ އަދަބިއްޔާތުގެ ދާއިރާއިންނާއި ތަމްސީލް ކުޅުމުގެ ރޮނގުންނާއި އަރަބި ތާނަ ލިއުމުގެ އިތުރުން ޅެން ހެދުމުގެ ރޮނގުންނެވެ. މިގޮތުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ކޮޕީ ރަޝީދަށް ލިބިވަޑައިގަތީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން، ތަމްސީލު ކުޅުމުގެ ރޮނގުން 1984 ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު އަދި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ކޮޕީ ރަޝީދު ވެދެވަޑައިގަތީ، އުމުރުން 18 އަހަރުގައެވެ. އޭރުއްސުރެން ފެށިގެން އަދަބީ ރޮނގުރޮނގުން ގެންދެވީ ޚިދުމަތް ކުރައްވަމުންނެވެ. ރާއްޖޭގައި ނެރުނު ބައެއް ނޫސް މަޖައްލާތަކުގައިވެސް ކޮޕީ ރަޝީދުގެ ޅެންތަކާއި ލިއުއްވުންތައް ޝާއިޢުކުރައްވަމުން ގެންދެވިއެވެ. މީގެ ތެރެއިން ދުވަހު ނޫސް "މޫންލައިޓް" އާއި "އެކުވެރިންގެ ރޫޙު" އާއި "ފަތްތޫރަ" އާއި "ހަވީރު"ގައި ޝާއިޢު ކުރައްވައިފައިވާ ލިއުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، ދީނީ، ޤައުމީ، ޢިލްމީ، އިޖުތިމާޢީ، ތިމާވެށި ފަދަ ރޮނގުތަކުން ހައްދަވައިފައިވާ ލަވަތަކާއި ޅެންތައް ހިމެނެއެވެ. މީގެ އިތުރުން، ބޮޑުބެރު ގްރޫޕްތަކަށާއި ބަނޑިޔާ ގްރޫޕްތަކަށްވެސް ކޮޕީ ރަޝީދު ވަނީ ގިނަ ލަވަތަކެއް ހައްދަވައިދެއްވައިފައެވެ.

ކޮޕީ ރަޝީދަކީ ޤައުމީ މުނާސަބަތުތަކަށާއި އެކިއެކި ޚާއްޞަ ޙަފްލާތަކަށާއި މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމްތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މަދަރުސާކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަކީ އެ މުބާރާތްތަކުގައި މަތީ ވަނަތައް ހާސިލުކޮށްފައިވާ ލަވަތަކެކެވެ. މީގެ އިތުރުން، ދީނީ ޅެންހެދުމުގެ މުބާރާތްތަކުންވެސް ކޮޕީ ރަޝީދު ވަނީ މަތީ ވަނަތައް ހާސިލު ކުރައްވައިފައެވެ. އަދި ރާއްޖޭގައި ނެރުނު ވަރަށް ގިނަ އޯޑިއޯ އަލްބަމްތަކަށްވެސް ކޮޕީ ރަޝީދު ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ. މިގޮތުން، 10 އޯޑިއޯ އަލްބަމަކަށް ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އަދި އަމިއްލަ 50 ލަވަ ހިމެނޭ އޯޑިއޯ ސީޑީއަކާއި "އަބާރަނަ" ނަމުގައި މަދަޙަ އަލްބަމެއް ވެސް ނެރުއްވައިފައިވެއެވެ.

ކޮޕީ ރަޝީދު ހެއްދެވި ޅެންތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެންދިޔަ ލަވަތަކުގެ އަލީ ރަމީޒު ކިޔައިފައިވާ "ލޯބިވަމޭ ބުނެލީމާ އެއީ ކާކުކަން" އަދި "މޫނުބުރުގާ ނެގީމާ" ފާހަގަކުރެވެއެވެ. އަދި "ފިނިރޭގެ ފަތިހޭ ހުރީހޭ ބަލަން،" "ބޭނުމޭ އިޝްގާ،" "ހިތުގެ ވޭނީ އަޑޭ،" އާއި "ކާއިނާތޭ އެކީ އަންތަރީސްވީ" ވެސް އެއީ މަޝްހޫރުކަން ހޯދި ލަވަތަކެކެވެ.

ކޮޕީ ރަޝީދު ނެރުއްވައިފައިވާ ޅެން ފޮތްތަކުގެ ތެރޭގައި "5 ބަޠަލުން"، "ކުޑަކުދިންގެ ޅެންފޮތްބައި" 1 ން 9 އަށް، އަދި "ޅެން މަޢުލޫމާތު ފޮތްބައި"، ޅެންބަހުން 1ން 12 އަށް، "އެނަމާ ކާރިޘާ" 4، އަލްއަމީރުލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ހަނދާނުގައި "ނާޞިރު 222″، "100 ޖަވާހިރު 1″ އަދި "100 ޖަވާހިރު 2″ގެ ނަމުގައި ނެރުއްވި ޅެންފޮތް ހިމެނެއެވެ. މި ދެ ޅެންފޮތުގެ އޯޑިއޯ ސީޑީވެސް ވަނީ ނެރުއްވައިފައެވެ.

ޅެންބަހުން ބައެއް ތަމްސީލުތަކާއި ޑްރާމާތައްވެސް ކޮޕީ ރަޝީދު ވަނީ ލިޔުއްވައިފައެވެ. އޭގެތެރޭގައި، "ކޯޅުން"، "އަސްލު ނަމުގެ ވަބާ"، "ހަނދާނުގެ ފަތްފުށުން"، "މިހާރު މަރުދީދާށޭ ޤައުމާއިގެން ދީނާ"، "ރ ނުކިޔޭ މައްސަލަ" މި ޑްރާމާތައް ހިމެނެއެވެ. ސިލްސިލާކޮށް ނެރުއްވި ބައެއް ދިގު ޅެން ލަވަތަކުގެ ތެރޭގައި "ވެރިން"، "މުޅި ކެޔޮޅުގެ ވާހަކަ"، "ޙަޤީޤީ ޞަފްޙާތަކުން ޖިންސުލަޠީފުންނަށް ޚާއްޞަ" އަދި "އޮނަސައްތަ މުތުގެ ގިލަފަތި" ހިމެނެއެވެ.

ކުރު ވާހަކައާއި ދިގު ވާހަކަ ލިޔުމުގެ ރޮނގުގައިވެސް ކޮޕީ ރަޝީދަކީ ވަރަށް މަޝްހޫރު ބޭފުޅެކެވެ. ކޮޕީ ރަޝީދު ވަނީ ދުއިސައްތައެއްހާ ކުރު ވާހަކަ ލިޔުއްވައިފައެވެ. އެ ވާހަކަތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއް ވާހަކައަކީ "ނުބީހެންޏާ ކަނޑާހަމަ" މި ވާހަކައެވެ. ކުރީގެ ދުވަހު ނޫސް "މޫންލައިޓް"ގައި ކޮންމެ ދުވަހަކު މި ވާހަކަ ޝާއިޢު ކުރަމުން ގެންދިޔައިރު، އެ ދުވަހެއްގެ ނޫހުގައި ޝާއިޢުކުރާ ވާހަކައިގެ ބައި ކިޔައިލުމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަކަން އެއީ، އެ ވާހަކައިގެ އަސަރުގަދަކަމުން ނޭވާ ހިފަހައްޓައިލަންޖެހޭ ކިތަންމެ ވަގުތެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިކަމުގެ ހެއްކެކެވެ. ކޮޕީ ރަޝީދު ލިޔުއްވި އެހެން ވާހަކަތަކުގެ ތެރޭގައި، "ގަބުޅިބާދަލާ ރޯގާ"، "އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ"، "ކުޅިފަސް"، "ލޯބިހޭލީ މާފަހުން"، "އާނގަވަޅު ފުރޭތަ" ފަދަ ވާހަކަތައް ހިމެނެއެވެ. އަދި ބީރުބޮލުގެ ވާހަކަތަކުގެ މައްޗަށް 13 އެޕިސޯޑުގެ ޓީ.ވީ ސިލްސިލާއެއްވެސް ލިޔުއްވައި ޑައިރެކްޓް ކުރައްވައިފައި ވެއެވެ. "އާބާރު" މަޖައްލާއިން ބޭއްވި ވާހަކަލިޔުމުގެ މުބާރާތްތަކުން ކޮޕީ ރަޝީދު ވިދިވިދިގެން ދެ އަހަރު އެއްވަނަ ހޯއްދެވިއެވެ.

ކޮޕީ ރަޝީދު ލިޔުއްވި ވާހަކަ ފޮތްތަކާއި ޅެން ފޮތްތަކުގެ އަދަދު 100 އަށްވުރެ ގިނައެވެ. ކޮޕީ ރަޝީދަކީ ކުޑަކުދިންނަށް ޚާއްޞަ މަޖައްލާއެއްގެ ގޮތުގައި ނެރުއްވި "ހިޔާ" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދު ތަޢުލީމީ ދާއިރާއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މިގޮތުން، މާލޭގެ ވަރަށް ގިނަ ސްކޫލް މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރެއްވިއިރު، މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައިވެއެވެ. ރާއްޖެތެރޭގެ ވެރިން ތަމްރީނު ކުރެއްވުމަށް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިންގެވި ކޯސްތަކުގައިވެސް ދިވެހިބަސް ކިޔަވައިދެއްވިއެވެ. ކޮޕީ ރަޝީދު ވަނީ މަދްރަސަތުލް އަޙްމަދިއްޔާއާއި، ގަލޮޅު މަދަރުސާގެ ޕްރިންސިޕަލްކަންވެސް ކުރައްވައިފައެވެ. އަދި ކުރީގެ މަދްރަސަތުލް އަޙްރާރާއި އެމް.އެލް. ސްކޫލާއި މަދްރަސަތުއްޞަބާޙުގެ ނާޒިރުގެ ނައިބުކަމާއި ނާޒިރުކަންވެސް ކުރައްވައިފައެވެ.

ކޮޕީ ރަޝީދު (މ) ބައެއް ޅެންވެރިންނާއެކު 2019 ގައި މ. މުލީގައި

ކޮޕީ ރަޝީދަކީ ތާނަ ޢަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޚާއްޞަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ ކޮޕީ ރަޝީދުގެ ޚާއްޞަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ކޮޕީ ރަޝީދު ވަނީ ހިންގަވައިދެއްވައިފައެވެ.

ތަމްސީލު ކުޅުއްވުމަކީ ކޮޕީ ރަޝީދުގެ ވަރަށް ޚާއްޞަ ފަންނެކެވެ. އެ ފަންނުގައި ކޮޕީ ރަޝީދު އެންމެ މަޝްހޫރުވެގެންދިޔައީ، މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީއާ ގުޅިގެން 1977 ވަނަ އަހަރު ބޭއްވުނު ތަމްސީލު ޝޯތަކުންނެވެ. ސްޓޭޖްމަތިން ކޮޕީ ރަޝީދު ފުރަތަމަ ފެނިގެންދިޔަ ތަމްސީލަކީ "ތިން އުނދަގޫ" މި ތަމްސީލެވެ. އުކުނޑި ކޮއްޓުމާއި، ތުނބުން ފުމުމާއި، ކަރުތެރެއިން ލައްވާ އާދަޔާޚިލާފު އަޑެއް ލެއްވުމުގެ އުނދަގޫ ހުންނަ މީހެއްގެ ރޯލު އަދާކުރައްވައި، ގިނަ ބަޔަކު ހެއްވައިލި މަޖާ ތަމްސީލަކަށް އެ ތަމްސީލު ވެގެންދިޔައީ، އެ ތަމްސީލު ގެނެސްދެއްވިލެއް ފުރިހަމަކަމުންނެވެ.

ކޮޕީ ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލު ކުޅުމަށްޓަކައި "ސީ.ޑީ.އެސް"ގެ ނަމުގައި ޚާއްޞަ ސޮސައިޓީއެއް އުފެއްދެވިއެވެ. ވަރަށް ގިނަ ފަންނާނުން ހިމެނޭ "ސީ.ޑީ.އެސް"ގެ ވަރަށް ގިނަ ޝޯތައް އޮލިމްޕަހުގައި ވެސް ބާއްވައިފައިވެއެވެ.

ކޮޕީ ރަޝީދަކީ 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ޚިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

ކޮޕީ ރަޝީދާއެކު އަޝްރަފު އަލީ (ވ)

"އެއީ ކުޅަދާނަ މުމައްސިލެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ދެވަނައެއް ފަދަ ލިޔުންތެރިއެކެވެ. ކޮންމެ ނަޒަރަކަށް އެންމެ ނަލަ ގޮތަށް ޅެމާއި ލަވަޔާއި ވާހަކަޅެމާއި ތަމްސީލު ޅެމާއި މުނާސަބީ ޅެމާއި ލަވައާއި ބަނދި ފަދަ ވަޒަންބަހުރުވައިގެ ބާވަތްތަކުން އަދަބީ ޗަމަން ފަރިކުރެއްވި ޝަރަފްވެރި ޅެންވެރިއެކެވެ. އެ އަތްޕުޅަކުން އަރަބިތާނަ އެފަދަ ދެވަނައެއް ނެތް ހައި ނަލަކޮށް ރީތިކޮށް ބޮޑުއަކުރު އަޅުވާ ކުޅަދާނަ "ކެލިގްރަފަރެކެވެ". ސަމާސާ އަދަބުގެ ތަމްސީލާއި ހެއްވާ މަޖާ ތަމްސީލު ލިޔުއްވި ލާމަސީލު ބޭފުޅެކެވެ. ތަމްސީލާއި ފިލްމާއި ޑުރާމާ ކުޅުއްވި ކުޅަދާނަ މުމައްސިލެކެވެ. ލޮބުވެތި ކޮޕީއެވެ! ތިބާގެ ތާރަފަކަށް ނުފެތޭ އެއްޗެއް ނެތެވެ. ތިބާގެ ޒިކުރާގެ މޯހިރުން ނުވިދާ އެންމެ ފަންނެއް ވެސް ނެތެވެ. "ދެފުށު ހުނަރުން ކަޅިވެފައިވާ ހުނަރުވެރިއެކެވެ." އަޝްރަފުގެ ފޭސްބުކްގައި ވިދާޅުވިއެވެ. "އާދޭހެވެ! ކޮޕީއަކީ ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެއްލުނު "އަޞްލެކެވެ." ކޮޕީއެއް ނޫނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *