Support Us

ކޮލަމް ތިންކުރު

"މޯލްޑިވްސް މީޑިއާ ކޮމިޝަން" އުފައްދަންވެއްޖެ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބަހުސް ނުކުރާ ހަނދާނެއް ނެތެވެ. ނޫސްވެރިކަމުގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ މީޑިއާ ރެގިއުލޭޓް ކުރުމެވެ. ރާއްޖެއަށް އިންޓަނެޓް ތަޢާރަފުވުމާ އެކު ނޫސްވެރިކަމުގެ ސޯބުތައް މިނިވަންކަމާ ދިމާއަށް އެނބުރެން ފެށިއެވެ. ކުދި ސޯބުތަކާއި ބޮޑެތި ސޯބުތައް އެއް އަމާޒަކަށް އެނބުރެން ފެށުމާއެކު ނޫސްވެރިކަން ބަނދެފައި އޮތް ހިލިހިލާގެ ބޮޅުތަކަށް ވާންވެ، ކެނޑެންފެށިއެވެ. މިނިވަންކަމުގެ އަޑު އިންތިހާއަށް ގަދަވިހިނދު ރައީސް މައުމޫނުގެ ސަރުކާރުން ފެށި ރިފޯމް ހަރަކާތުގެ ވަރަށް ކުރިން މީޑިއާ ޖާގަ ހޯދިއެވެ.

އިންފޮމޭޝަނާއި ރިފޯމް މިނިސްޓަރުކަން މުޙައްމަދު ނަޝީދާ ހަވާލުކުރެއްވުމާ އެކު ނޫސްވެރިކަން ރިފޯމްކުރުމުގެ މަސައްކަތް ބާރަށް ފެށުނެވެ. ހުއްދަ ނުލިބި ރެޖިސްޓްރީ ނުކުރެވި ހުރި ނޫސްތަކަށް މިނިސްޓަރ ނަޝީދުގެ ވަޒީރުކަމުގެ ފުރަތަމަ ދުވަހުވެސް ފުރުސަތު ދެއްވިއެވެ. ބްރޯޑްކާސްޓިން ޤާނޫނެއް ވުޖޫދުވަންދެން މަޑުނުކުރައްވައި، ޤަވާއިދެއްގެ ދަށުން ބްރޯޑްކާސްޓިން ލައިސަންސް ދޫކުރެއްވީވެސް މިނިސްޓަރ ނަޝީދެވެ.

މިހާރު މިފެންނަ މޯލްޑިވްސް މިޑިއާ ކައުންސިލާއި ބޯޑްކާސްޓިން ކޮމިޝަނަކީ މިނިސްޓަރު ނަޝީދުގެ މޭސްތިރިކަމުގައި އެކުލަވާލެވުނު ޤާނޫނީ ނިޒާމްތަކެވެ. އެތައް ފަރާތެއްގެ ފިއްތުމާއި ޕްރެޝަރުގައި އެމަނިކުފާނު މަސައްކަތް ކުރެއްވި ޒަމާނުގައި ބައެއް މަންޒަރުތައް ކައިރިން ފެނި ތަޖުރިބާ ކުރެވުނެވެ.

މިނިސްޓަރ ނަޝީދުގެ ބެއްލެވުމުގެ ދަށުން މީޑިއާ ރިފޯމް ކުރުމުގެ މަސައްކަތް ފެށުނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އޭރު އުމުރުން 10 އަހަރުގެ ކުއްޖާއަށް ފަހުން ވޯޓްލުމުގެ ޙައްޤު ލިބި މިހާރު އޭނާގެ އުމުރަކީ 25 އަހަރެވެ. އެ ބިލް މަޖިލީހަށް ވަދެ ޤާނޫނަކަށްވެ ނިމުނުއިރު ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރު ނިމެން ހަ ދުވަހަށް ވެއްޖެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު މަޖިލީހުން ފާސްވެ ތަސްދީޤު ކޮށްފައި ވަނީ 4 ނޮވެމްބަރ 2008 އެވެ. އޭގެ ހަ ދުވަސް ފަހުން ޤައުމުގެ ރިޔާސަތު ބަދަލުވީއެވެ. އޭރު އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ވުޖޫދެއް ނުވެއެވެ. ބްރޯޑްކާސްޓްކުމުގެ ޤާނޫނު ވުޖޫދުވީ 22 އޯގަސްޓް 2010 ގައެވެ. މީޑިއާ ކައުންސިލް ޤާނޫނަށް 12 އަހަރު، ބްރޯޑްކާސްޓިން ޤާނޫނަށް 10 އަހަރު ވީއެވެ.

ފަސްއެނބުރި ބަލާލާކަށް ނުވޭތޯއެވެ؟ މި ޤާނޫނުތަކުގެ ފޮނިމީރުކަން ލިބުނު މިންވަރެއް ވަޒަންކޮށްލާކަށް ނުވޭތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި އެ ދުވަހު ފެށި މީޑިއާ ރިފޯމް މަސައްކަތް ނިމެން އަދި ކައިރިވެސްނުވެއެވެ. ރަނގަޅު ކަންތައްތަކާއެކު ކިތަންމެ އުނިކަމެއްވެސް ފާހަގަކުރެވިއްޖެއެވެ. މިކަންކުރާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ޤާނޫނީ މާހިރުންނަށާއި ޤާނޫނު ހަދާ ފަރާތްތަކަށެވެ.

މޯލްޑިވްސް މިޑިއާ ކައުންސިލް

އެމްއެމްސީގެ ޤާނޫނަކީ ސެލްފް ރެގިއުލޭޓަރީ ނިޒާމެކެވެ. ނޫސްވެރިންނަށް އަދަބު ދީގެން ކަންކަން ހައްލުކުރުމަށްވުރެ ބޮޑަށް، ވާހަކަ ދައްކައިގެން، މަޢާފަށް އެދުމާއި މަޢާފްކުރުމަށް ހިތްވަރުދޭ ނިޒާމެކެވެ. އެއީ ނޫސްވެރިޔާ ފުލުހުންނަށް ހާޒިރުކުރުން ހުއްޓުވާފައިވާ ނިޒާމެކެވެ. ކައުންސިލަށް މައްސަލަ ހުށަހެޅުމުގައި ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް އެއްވަރަކަށް ޙައްޤުތައް ކަށަވަރުކޮށްދީފައިވެއެވެ.

ޚަބަރެއް ނުވަތަ ލިޔުމެއް ޕަބްލިޝްކުރި ފަރާތް އެމްއެމްސީއަށް ހާޒިރުކޮށް އެ ދެ ފަރާތުގެ ވާހަކަ އެއް ހާޒިރެއްގައި އަޑުއަހައިގެން ހައްލުކުރެވެއެވެ. ހައްލުނުވެއްޖެ ހާލަތުގައި ކަންކުރަންވީ ގޮތް ޤާނޫނުގައި އަދި ހެދިފައިވާ ޤަވާއިދު ތަކުގައި ބަޔާން ކޮށްފައިވެއެވެ. މިކަންކުރުމަށް އައްޔަނުކުރާ ކައުންސިލަކީ އާންމު ފަރާތްތަކާއި ނޫސްވެރިން ހިމެނޭ ގޮތަށް އިންތިޚާބު ކުރެވޭ ކައުންސިލެކެވެ. ކައުންސިލެއްގެ ދައުރަކީ ދެ އަހަރެވެ. ވިދިވިދިގެން ދެވަނަ ދައުރަށް ކުރިމައްޗެއް ނުލެވެއެވެ. މިހެން އޮތުމުން ކިތަންމެ މައްސަލައެއް އެބަ ނިކުމެއެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުންނަމަ އެމްއެމްސީގެ އިހުތިސާސްއަކީ ހަމައެކަނި ޕްރިންޓް ނުވަތަ އޮންލައިން މީޑިއާއެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ޤާނޫނުގައި ބަޔާންކޮށްފައި އޮތް އެއްޗެއް އަމިއްލައަށް ހަނިކުރަނީއެވެ. ރާއްޖޭގެ ހުރިހާ ވައްތަރެއްގެ މީޑިއާ ވެސް، އެމްއެމްސީގެ ޤާނޫނީ އިހުތިސާސުގައި ހިމެނެއެވެ. މީގެ އެންމެ ބޮޑު ހެއްކަކީ އެމްއެމްސީގެ ކައުންސިލް އިންތިޚާބްކުރުމުގައި ކޮންމެ ފަހަރަކުވެސް ބްރޯޑްކާސްޓަރުން ވޯޓް ދިނުމެވެ.

އެމްއެމްސީގެ ޤާނޫނަށް 12 އަހަރު ވެއްޖެއެވެ. އުއްމީދުކުރި މިންވަރަށް ނަތީޖާ ޙާސިލުވެއްޖެތޯއެވެ؟ އަޅުގަނޑުގެ ޖަވާބަކީ ނޫނެކެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު

މިއީ ދިވެހިރާއްޖޭގައި ބްރޯޑްކާސްކުރުމުގެ ޤާނޫނެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނެއް ނޫނެވެ. ބްރޯޑްކާސްޓިން ކޮމިޝަން ނުވަތަ ކުރުކޮށް ތިޔަ ވިދާޅުވާ "ބްރޯޑްކޮމް" އަކީ މި ޤާނޫނުގެ ދެ ވަނަ ބާބުން އުފައްދާފައިވާ ކޮމިޝަނެކެވެ. އެކަން ޤާނޫނުގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. އިހުތިސާސްއަކީ ހަމައެކަނި ބްރޯޑްކާސްޓިން ދާއިރާއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ވަރަށް ގިނަ، ބޮޑެތި ބާރުތައް ޤާނޫނުން ލިބިދީފައިވާ، މިނިވަން މުއައްސަސާއެކެވެ. ރައްޔިތުންގެ މަޖިލީހުން އިންތިޚާބްކުރާ ހަތް މެމްބަރުންގެ މައްޗަށް އެކުލަވާލައިފައިވާ ބޮޑު ބާރެކެވެ. އެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގައި ކޮމިޝަންގެ މަސްއޫލިއްޔަތު ކަނޑައެޅުމާ އެކު ފަސް ވަނަ މާއްދާގައި ވަނީ ކޮމިޝަންގެ މެމްބަރުންގެ ސިފަތަކާއި ޝަރުތުތައް ކަނޑައަޅައިފައެވެ.

ސިޔާސީ އޮއިވަރު ގަދަވެ، ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް ހޫނުވާން ފެށުމާއެކު ބްރޯޑްކޮމްގެ އަޑުގަދަވެ ނޫސްތަކަށް ޚަބަރުތައް އަރަން ފަށައެވެ. ކޮމިޝަން ހިންގަވަން ހުންނަވާ ފަރާތަށާއި މެމްބަރުންނަށް ދުލަށް އައިހާ އެއްޗެއް ގޮވަން ފަށައެވެ.

ޖޫރިމަނާކުރާ ވާހަކައާއި ލައިސަންސް ހިފަހައްޓަން އުޅޭ ވާހަކައާއި މިފަދަ ކިތަންމެ އަދަބެއްގެ އަޑު އިވެއެވެ. ބްރޯޑްކޮމް މެދުވެރިވެގެން ބްރޯޑްކާސްޓިން ދާއިރާގެ ތަރައްޤީއަށް އިންސާނީ ވަސީލަތް ބިނާކުރާ ވާހަކަ އިވެނީ ވަރަށް މަދުންނެވެ. އެކަމަށް މާސްޓަރ ޕްލޭނެއް އެބައޮތްތޯއެވެ؟ މީޑިއާ މީހަކަށް މަތީ ތަޢުލީމަށް ކިޔަވަން ސްކޯލަޝިޕެއްގެ މިންވަރު ނަމަވެސް ފަހިކޮށްދެއްވި ތޯއެވެ؟

ބްރޯޑްކާސްޓިން ޤާނޫނުގައި ބްރޯޑްކޮމްއަށް މަތިކޮށްފައި ވަނީ ހަމައެކަނި އަދަބު ކަނޑައެޅުމެއް ނޫނެވެ. ރާއްޖޭގައި ބްރޯޑްކާސްޓިން ތަރައްޤީކުރުމުގެ ހުރިހާ ބާރެއްވެސް ދީފައިވަނީ މި ކޮމިޝަނަށެވެ.

ސަރުކާރަކަށްފަހު ސަރުކާރެއް ބަދަލުވެއެވެ. ބްރޯޑްކޮމްއަށް އޮންނަ އިތުބާރު ދެމެހެއްޓޭ ގޮތެއްނުވިއެވެ. މައްސަލައަކީ އެތާނގައި ތިއްބަވާ ވެރިންތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި މައްސަލައަކީ އެބޭފުޅުންނެއް ނޫނެވެ. މައްސަލައަކީ ނިޒާމެވެ.

ކޮމިޝަނަކަށް މާލީ މިނިވަންކަމެއް ނެތެވެ. ދައުލަތުން ދެއްވި މިންވަރަކުން ފުއްދާލަނީއެވެ. ކުރިމަތިލާ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން މެމްބަރުން އައްޔަންކުރަނީ މަޖިލީހުންނެވެ. މަޖިލީހުގެ ނިޒާމާއި ކޮމެޓީތައް ހިނގަމުން އަންނަ ހަމައަށް ބަލައިލުމުން މެމްބަރުންގެ ހާލަތު އިހުސާސްވާނެއެވެ. އެތަނުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާތައް އަދާކުރުމުގައި މިފަދަ ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ.

މޯލްޑިވްސް މީޑިއާ ކޮމިޝަން

ކުރިންވެސް ދެންނެވި ފަދައިން ދިވެހިރާއްޖޭގެ މީޑިއާ ރިފޯމްކުރުމުގެ މަސައްކަތެއް އަދި ނުނިމެއެވެ. ބަދަލުވަމުން މިއަންނަ ޑިމޮކްރެޓިކް ވެށީގައި މީޑިއާގެ ދައުރު އަނެއްކާވެސް ވަރުގަދަކޮށް ހަރުދަނާކުރެވޭނީ މީޑިއާ ރިފޯމް ޕްރޮގްރާމެއް ފަށައިގެންނެވެ. މިވަގުތު އެމްއެމްސީއާއި ބްރޯޑްކޮމްގެ އިތުރުން ސަރުކާރުގެ ދެފަރާތަކުންވެސް މީޑިއާ ރެގިއުލޭޓް ކުރެއެވެ. އެއީ ހޯމް މިނިސްޓްރީއާއި ކޮމިއުނިކޭޝަން އޮތޯރިޓީއެވެ. ޖުމުލަ ހަތަރު ފަރާތަކުން ރާއްޖޭގެ މީޑިއާ ރެގިއުލޭޓްކުރެއެވެ. ރިފޯމް ޕްރޮގްރާމެއްގެ ދަށުން މިކަމަށް ނިމުމެއް ގެނެސް އެއް އޮތޯރިޓީއަށް މީޑިއާ ރެގިއުލޭޓް ކުރުން ބަދަލުކުރުމަށް ބަހުސްކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިވަނީ އެވަގުތު ޖެހިފައެވެ. މީޑިއާ ކޮމިޝަން އެކުލަވާލާނަމަ ކިތަންމެ ކަމެއް މިހާރު އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަލުކޮށް ކަށަވަރުކުރަން ޖެހެއެވެ. މީގެ ތެރެއިން ހަ ކަމެއް ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އިންތިޚާބުކުރުމުގެ ބާރު މީޑިއާތަކަށާއި މަދަނީ ޖަމުއިއްޔާތަކަށް ދިނުމެވެ. ދެވަނަ ކަމަކީ ކޮމިޝަން ހިންގަން އެންމެ މަތީގައި ހުންނަ ފަރާތާއި އޭނާގެ ނާއިބް ފިޔަވާ އެހެން މެމްބަރުން ކޮންމެ ސިޓިންއަކަށް އުޖޫރަދޭ އުސޫލަށް ބަދަލުކުރުމެވެ. ތިންވަނަ ކަމަކީ މާލީ މިނިވަކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން ކޮމިޝަނަށް އާމްދަނީ ހޯދޭގޮތަށް އިމާރާތެއް ކުރުމަށް ދައުލަތުގެ ބިމެއް ލިބުމާއި ބްރޯޑްކާސްޓަރުން އަތުން ނަގާ ފީތައް ސީދާ ކޮމިޝަނަށް ލިބުމާއި ބައިނަލްއަޤުވާމީ އެހީ ހޯދުމުގެ ބާރު ކޮމިޝަނަށް ދިނުމާއި ދައުލަތުގެ އަހަރީ ބަޖެޓުންވެސް ކޮންމެ އަހަރަކު ކޮމިޝަނަށް ބަޖެޓެއް ދިނުމެވެ.

ހަތަރު ވަނަ ކަމަކީ ކޮމިޝަންގެ ތެރޭގައި ސެލްފް ރެގިއުލޭޓަރީ ނިޒާމެއް އުފެއްދުމަށް ޤާނޫނުން ޖާގަ ދިނުމެވެ. ފަސްވަނަ ކަމަކީ ނިއު މީޑިއާގެ ވަސީލަތްތައްވެސް ރެގިއުލޭޓް ކުރެވޭނެ މަގެއް މި ޤާނޫނުން ދެއްކުމެވެ. ހަ ވަނަ ކަމަކީ މީޑިއާގެ ދާއިރާއިން ރިސާޗްތައް ހެދުމަށް ޤާނޫނުގައި ބަޔާންކޮށް އެއީ ޤާނޫނީ ގޮތުން ކޮމިޝަނަށް މަތިކުރާ މަސްޢޫލިއްޔަތަކަށް ހެދުމެވެ. މީޑިއާ ރެގިއުލޭޓްކުރަން އަދި ތަރައްޤީކުރަން އޮންނަ މުއައްސަސާއަކަށް އެކަން ރަނގަޅަށް ކުރެވޭނީ މީޑިއާ ރިސާޗްކޮށް ދިރާސާތައް ހެދީމައެވެ. މީޑިއާގެ މިސްރާބުގެ އަމާޒު ހިފަންވެސް އެނގޭނީ އޭރުންނެވެ.

މިހާރު ޢަމަލުކުރަމުން އަންނަ މީޑިއާގެ ޤާނޫނުތައް އެއްކޮށްލައި އެއް މުއައްސަސާއެއްގެ ދަށަށް މީޑިއާ ރެގިއުލޭޓްކުރުން ގެންނަންވި ވަގުތު ޖެހުނީއެވެ. ނުވަތަ މޯލްޑިވްސް މީޑިއާ ކޮމިޝަން އުފައްދަންވި ވަގުތު ޖެހުނީއެވެ. މާބޮޑުތަނުން ޚަރަދުވެސް ކުޑަވާނެއެވެ.