ފުރޭތައަކީ އިހުޒަމާނުގައި ދިވެހިރާއްޖެއިން ވަރަށް ގިނައިން ފެނުނު އެއްޗެކެވެ. އެއީ ޖިންނީންގެ ގިންތީގައި ހިމެނޭ އެއްޗެކެވެ. ފުރޭތަ އުޅެނީ ކަނޑާއި ފަޅުގައެވެ. އެ އެއްޗެހި މީހަކު ފަހައި ނޫން ގޮތަކަށް އެއްގަމުތެރެއަށް އަރައި ނޫޅެއެވެ. ފުރޭތައަކީ އިންސާނަކަށް ވުރެ ބޮޑު އެއްޗެކެވެ. ގިނައިން ފެންނަނީ އަލިފާން ބޯޅައެއްގެ ނުވަތަ އަލިފާން މީހެއްގެ ސިފައިގައެވެ. މި ލިޔުމުގައި މި ގެނެސްދޭ ހަޤީޤީ ވާހަކައިގައި ބަޔާންކުރާ ފުރޭތަ ފެނުނީ މީގެ 80 ވަރަކަށް އަހަރު ކުރިންނެވެ. އެ ފުރޭތަ ފެނިވަޑައިގެންނެވި ބޭފުޅާ އަދިވެސް ދުނިޔޭގައި އެބަ ހުންނެވިއެވެ. މި ވާހަކަ ކިޔައިދެއްވީ އޭނާއެވެ.
ފުވައްމުލަކު ކަރާންގޭ ޙަސަން ދީދީއަކީ މިހާރު 100 އަހަރު ވެފައިވާ ބޭކަލެކެވެ. އޭނާގެ ބައްޕައަކީ ވާރު ޢަލި ދީދީއެވެ. އެއީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައި ފުވައްމުލަކު ވާރުވެރިކަން ކުރެއްވި ބޭފުޅެކެވެ. ޙަސަން ދީދީއަކީ އޭނާގެ ޒުވާންފުރައިގައި މަސްވެރިކަމަށް ވަރަށް ލޯބި ކުރެއްވި ބޭކަލެކެވެ. ރޭދަލާ ދިޔުމަކީ އޭނާގެ ޚާއްސަ ޝައުގެކެވެ. މިގޮތުން އެއް ރެއަކު ލާނދާ ހިއްޕަވައިގެން ދާ އުއްކަވަން ނުކުންނެވިއެވެ. އަރިހުގައި މަސް ކޮލަވާދަމަން ކުއްޖަކު ގެންދެވިއެވެ.
އެދެކަލުން އަތިރިމައްޗަށް ފޭބެންނެވީ މާނޭރު ފަންނުންނެވެ. ދެން އެ ތަނުން ދާ އުކަމުން ދެކުނަށް ދުރުވީއެވެ. އެހެން ހިންގަވަނިކޮށް ކަނޑާވީ ފަރާތުން ދުރުން ވަރަށް ބޮޑު ތަރިއެއް ކަހަލަ އެއްޗެއް ފެނިއްޖެއެވެ. އެ އެއްޗެއް ދިޔައީ ބޮޑުވަމުންނެވެ. ދެ މީހުންނަށް މިސްކިތް މަގު ފަންނާ ހަމައަށް ދެވުނު އިރު އެ ބޮޑުވެގެން ގޮސް ހަނދުހާ ބޮޑުވެއްޖެއެވެ. އެހާތަނުން ޙަސަން ދީދީއަށް އެއީ ފުރޭތައެއްކަން އެނގިއްޖެއެވެ. އޭތީގެ އަތުގައި ޖެހިއްޖެއްޔާ ކާލާނެކަން އެނގޭތީ އެ ދެކަލުން އަނބުރާލައިފައި އެއްގަމަށް އަރަން މިސްރާބު ޖެއްސެވިއެވެ. އެއްގަމަށް ދުރުވީ މަސްފަތި މޫދަށް އެއްލައިލައްވައިފައެވެ. އެއީ މަސްފަތި ފަހަތުން ފުރޭތަ އަންނާނެތީއެވެ. ގޮނޑުދޮށުން މައްޗަށް އަރައި ދެ ފަސް ބެދުނު ހިސާބުގައި ޙަސަން ދީދީ، އާޔަތްތަކެއް ކިއުއްވާފައި، ދޮންވެލިން އަނު އެޅުއްވިއެވެ. ދެން އަނުގައި ނުޖެހި އޭގެ މަތިން ގިރާކުރައްވައިގެން އެއްގަމަށް ދެ ކަލުން ދުރުވީއެވެ. ގެއަށް ދުރުވެ އެތެރެއަށް ވެންނެވީ ވެސް އަނުއަޅައި އޭގެ މަތިން ގިރާކޮށްގެންނެވެ.
ކުރިން ވެސް ބަޔާން ކުރެވިފައިވާ ގޮތަށް މިއީ 80 އަހަރު ކުރީގެ ހާދިސާއެކެވެ. އޭގެ ފަހުން ފުރޭތަ ފެނުން ވަނީ މަދުވެފައެވެ. ލަފާކުރެވޭ ގޮތުން އެހެންވުމުގެ ސަބަބަކީ ރަށުތެރޭގައި އަލި ގިނަވުމެވެ. މި ހާދިސާ ހިނގި ހިސާބުގައި ލިންކް ރޯޑާއި އެއަރޕޯޓް ހެދި ފަހުން އެ ތަނުން އެއްގޮތަކަށް ވެސް ފުރޭތަ ނުފެނެއެވެ. ނަމަވެސް އޭގެ މާނައަކީ ފުރޭތަ ނުއުޅެއެކޭ ނޫނެވެ.
ބައެއް ބަސްތަކުގެ މާނަ
- ކޮލަވާދެމުން= ލާނދާ އުކަން ދާއިރު، އެހީތެރިއަކު މަސްފަތި އުފުލައިދިނުން
- އަނު= ރައްކަލެއްގެ ގޮތުން ފަންޑިތަވެރިން އަޅާ ރޮނގެއް
ރިފަރެންސް
- ވާރު ޙަސަން ދީދީ، ކަރާންގެ، ފުވައްމުލަކު (2021) "އަހަރެންނަށް ފެނުނު ފުރޭތަ،" އިންޓަރވިއު އެއް
