Support Us

ތަރައްޤީ އަކީ މިއީ ނޫންތޯއެވެ!

އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެ މީގެ ކުރީން އޮތީ ހައުދަހައި ދަތި، ނިކަމެތި ޙާލެއްގައެވެ. ނިކަމެތި ފަޤީރު ރައްޔިތުން ތިބީ ގަދަޔަށް އަނދައަނދައިހުރި އުނދުނެއްގެ މައްޗަށް އުދައިފައި ހުރި ތަތްނުލާ ތަވައެއްގެ މައްޗަށް ކަނޑައިލައިފައި އަޅައިލި ބަދަން ޕެކެޓަކަށް ވީ ހުރިހައި ގޮތެއް ވޭވޭއެވެ. ރަނގަޅަށް، ހަމަޔަށް ހިނގާ ހަމަ އެއްކަމެއް އެއިރަކު ހަމަ ނެތެވެ. ރަދީފުގައި މާނަ ލިޔެވިފައި ނެތް އެތައް ދައްޗެއްގައި ކުދި މީދާތަކެއްހެން ޖެހި، ތާށިވެފައެވެ. ލިޔުމާއި އަނގައިންބުނުމުގެ މިނިވަންކަން ގެއްލި، މާލެ ކަހަލަ ރަށްރަށުގައި ތޮއްޖެހި، ފިތިފައެވެ. ނުވަތަ ކުދިކުދި ޖަޒީރާ ރަށްތަކުގައި ބިކަވެ، ބާކީވެފައެވެ. މިއީ ހަމަ ގައިމުވެސް އަޅުގަނޑު އަހައިފައިވާ އަޑުތަކެކެވެ.

ދެން އައީ ފާގަތި ރަބީޢަކާއި، ތަހުޒީބާއި ތަމައްދުނެވެ. ދުނިޔޭގެ ފެންވަރުގެ ތަރައްޤީއެކެވެ. ރާއްޖެ މުޅިން ބަދަލުކޮށްލި، މުޅީން އައު އެހެން ރާއްޖެޔަކަށް ރާއްޖެ ހަދައިލި ތަރައްޤީއެކެވެ. މިއީ ހަމަ ތެދު ޙަޤީޤަތެއްކަން، ބައެއް ބޭބޭފުޅުންގެ ދޫފުޅުތަކުން ވިދާޅުވާ ގޮތް އަހައިގެން، އެދުރުދައިތަޔަށްވެސް ކިޔަމަންވެގެން ހިތުދަސްފިލާ ކީގޮތަށް، އެ ބޭބޭފުޅުންގެ އަޑުދަށުން އަޅުގަނޑު ކިޔޭތޯ ބަލާނަމެވެ.

ކުރީގެ ނިކަމެތި ޙާލުގައި އަޅުގަނޑުމެން ތިބި އިރު، އަޅުގަނޑުމެންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަޔަކީ ދިރިއުޅުމުގައި ކިތަންމެ ކުޑަ ނަމަވެސް ތަކުލީފެއް އާދައިގެ ނިކަމެތި ރައްޔިތަކަށް ދިމާވެއްޖިއްޔާ، ދައުލަތުގެ އެއްވެސް ދިމާޔަކުން އެހީއަކަށް އެދެން ބޭނުންވެއްޖިއްޔާ، އޭނާ ކަން ކުރަން ޖެހޭ ނިކަމެތި ގޮތެވެ. އެއީ ކޮން ގޮތެއްތޯއޭ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑު ގާތު އެއްސެވުމުގެ ކުރީން އަޅުގަނޑު ދަންނަވާނަމަވެ. އެއީ، ދައުލަތުގެ މަތިވެރި އެކި ވަކި މަޤާމުތަކުގައި ތިއްބަވާ ޢިއްޒަތްތެރި އެކިއެކި ބޭބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަސައްކަތްކުރުމެވެ. އެ ބޭބޭފުޅުންނާ އެކި ގޮތްގޮތުން އަރިސް މީސްމީހުންނާ ގުޅައިގެން، އެ މީސްމީހުންނަށްވެސް ތަޢުރީފު ކޮށްގެންނެވެ. ގޭ ގަހުން ޖަނބުރޯލުކޮޅަކާއި ޢީދުދުވަހު ކަތިލާނޭ ދެތިން ހާލެއްވެސް ވެދުމަށް އަރުވައިގެންނެވެ. މިހެން އުޅެގެން އެއިން ބޭފުޅެއްގެ ފައިންޕުޅު ފެނިއްޖިއްޔާ، އެ ބޭފުޅަކަށްވެސް ކުކުޅުހާލުގެ ވެދުން އަރުވައި، ތަޢުރީފުގެ ބަސްތަކުން ޖިޒީ އަދާކޮށް ހެދުމަށްފަހު، އެވަގުތެއްގެ މުހުތާދުގެ ވާހަކަ ދެންނެވުމެވެ. މުހުތާދު ފުދުމާއި ނުފުދުމަކީ އެ ބޭފުޅެއްގެ މިޒާޖުފުޅު އެވަގުތަކު ހުރި ގޮތާއި، އެރުވި ވެދުމަކާއި، ދެންނެވުނު ސަނާތަޢުރީފުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއްކަން އެންމެންވެސް އޭރު ދަނެއެވެ. އެއީ އެއިރުގެ ގޮތެވެ.

އެޔާ ޚިލާފަށް، މިހައިރު އަޅުގަނޑުމެން މިތިބީ، ފާގަތި ރަބީޢާއި، ތަހުޒީބާއި، ތަމައްދުނާއި، ދުނިޔޭގެ ފެންވަރުގެ ތަރައްޤީގެ މީރުކަން ލިބިލިބި އޮތް، މުޅީން އެހެން ރާއްޖެޔެއްގައި ނޫންތޯއެވެ! ދިވެހި ރައްޔިތުންގެ މިހައިރުގެ އެންމެން ހަމަހަމަ، ޑިމޯކްރަޓިކް ދިރިއުޅުމުގައި ރައްޔިތަކަށް ކިތަންމެ ކުޑަ ނަމަވެސް ތަކުލީފެއް ދިމާވެއްޖިއްޔާ، ދައުލަތުގެ ކަމާބެހޭ ދިމާއިން އެހީއަށް އެދުމުގެ ޙައްޤު އޭނާޔަށް އޮންނަކަން އޭނާޔަށް އެނގެއެވެ. އަދި އެ އެހީއަކަށް އޭނާ ހަމަ އެދުމާއެކު، ލަހެއް، ފަހެއް، ޙުއްޖަތް ދެއްކުމެއް، ފަރުވާކުޑަކުރުމެއް، މިލިޔަނަރުންނާއި ފަޤީރުން ތަފާތުކުރުމެއް ނެތި، އޭނާޔަށް ބޭނުންވާ ޤާނޫނީ ޙައްޤާއި ޚިދުމަތް އޭނާޔަށް ވަގުތުން ލިބެއެވެ. ދައުލަތުގެ މަތިވެރި އެކިވަކި މަޤާމުތަކުގައި ތިއްބަވާ ޢިއްޒަތްތެރި އެކިއެކި ބޭބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަސައްކަތްކުރާކަށް ނުޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަހުޖަނުންގެ ޖަމުޢިއްޔާގެ ބައިވެރީންނާއި، އެފަދަ އެހެން ބޭބޭފުޅުންނާ އެކި ގޮތްގޮތުން އަރިސް މީސްމީހުންނާ ގުޅައިގެން އާދޭސްކުރާކަށް ނުޖެހެއެވެ. އެ މީސްމީހުންނަށް ސަނާ ކިޔާކަށް ނުޖެހެއެވެ. އެތައް ދުވަހަކު ގުލާނުކޮށްގެން ހޯދައިފައި ހުރި ފައިސާކޮޅުން އަތްދޮވެލައި، އަންނަ އިންތިޚާބުގައި ލާން އޮންނަ ވޯޓު ވެދުމަށް އަރުވާކަށްވެސް ނުޖެހެއެވެ. މިއަދު ގެ ތަރައްޤީގެ ހެޔޮ މޭވާޔަކީ، ކަމުވޮށިގެންވާ ބޭބޭފުޅުންނަށް ވެދުން އަރުވައި، ތަޢުރީފުގެ ބަސްތަކުން ޖިޒީ އަދާކޮށް ހަދަން ނުޖެހުމެވެ. ތިމާގެ މުހުތާދު ފުދުމާއި ނުފުދުމަކީ ތަންތަނުގައި ތިއްބަވާ ޢިއްޒަތްތެރި ބޭބޭފުޅުންގެ މިޒާޖުފުޅު އެވަގުތަކު ހުރި ގޮތާއި، އެރުވި ވެދުމަކާއި، ދެންނެވުނު ސަނާތަޢުރީފުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަން އެންމެންނަށްވެސް މިހައިރު އެނގުމެވެ. ތަރައްޤީ އަކީ މިއީ ނޫންތޯއެވެ!

ދެން އޮތީ ދައުލަތުގެ ބާރުވެރި، މިނިވަން، މުސްތަޤިއްލު މުއައްސަސާތަކުގެ ވާހަކައެވެ. ކުރީގެ ނާތަހުޒީބު، ޢައިރުތަމައްދުން ޒަމާނުގައި، އެއީ ރާއްޖޭގައި ހުރި ތަންތަނެއް ނޫނެވެ. ރައްޔިތުންގެެ ފުރާނަޔާއި، ގޯތިގެދޮރާއި، މުދަލާއި، އަމަން އަމާންކަން ރައްކައުތެރިކޮށްދޭން އެދުވަސްވަރު ތިއްބެވީ ދައުލަތުގެ އެންމެ އިސް ބޭފުޅުންނަށް ފެނިވަޑައިގެން ޢައްޔަން ކުރައްވާ ދެތިން ބޭފުޅުން ތޯއްޗެކެވެ. އެބޭފުޅުންނަކީ މިދެންނެވި ކަންކަން ކުރެއްވުމުގެ އިތުރުން، ކަސްޓަމާއި، ދަނޑުވެރިކަމާއި، ފަންޑިތަހެދުމުގެ ހުއްދަ ދޫކުރެއްވުމާއި، މިކަހަލަ އެތައް އެތައް ކަމެއްގެ އިސް ބާރުވެރިކަންވެސް ހަމަ އެއްފަހަރާ ގެންގުޅުއްވި ބޭފުޅުންނެވެ. ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމާއި، މުއްސަނދީންގެ ޢައިރު ޤާނޫނީ އަނިޔާއިން އާދައިގެ ނިކަމެތީން ސަލާމަތްކޮށްދެއްވުންވެސް… ހަމަ އެބޭފުޅުންނެވެ. އެއިން ބޭފުޅަކަށް ޝަކުވާއެއް ދަންނަވައިގެން، އާދޭހެއް ދަންނަވައިގެން، މަސް ދެމަސް ވާއިރުވެސް އަޅުއްވައިނުލައްވައި ތިއްބެވުން އެއީ ކަންކަން ހިނގާ ގޮތް ކަމަށް އެންމެން އެ ޒަމާނުގައި ޤަބޫލުވެސް ކުރަން ޖެހުނެވެ. އެއީ އެއިރުގެ ގޮތެވެ.

އެކަމަކު، މިހައިރަކު އެހެނެއް ހަމަ ހިލައި ނުވޭ ނޫންތޯއެވެ! މިހައިރު ރައްޔިތުންގެ ޚިދުމަތުގައި އެއްޗަކަށް އޮތީ ދައުލަތުގެ ބާރުވެރި، މިނިވަން، މުސްތަޤިއްލު މުއައްސަސާތައް ނޫންތޯއެވެ. އެއިން ކޮންމެ މުއައްސަސާއެއްގައި އިސް ބޭފުޅުންނަށް އެ ތިއްބެވީ، ބޭރުގެ އަގުބޮޑު އެކި ޔުނިވަރސިޓީތަކުން އެންމެ މަތީ ފެންވަރުގެ ފާސްތައް ނަންގަވައިގެން ހަމަ އިހަކަށްދުވަހު ވަޑައިގެން ބޭބޭފުޅުން ނޫންތޯއެވެ. ދުނިޔެއާއި ރާއްޖޭގެ ރައްޔިތުންނާއި، ރައްޔިތުންގެ ހަމަހަމަ ކަމާއި، ރައްޔިތުންނަށް އެކި ކަންކަމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގެ ޢިލްމާއި ތަޖުރިބާއިން ފުރިފައިވާ ޚަޒާނާތަކެއް ނޫންތޯއެވެ. މިހައިރަކު އެއީ ދައުލަތުގެ އެންމެ އިސް ބޭފުޅުންނަށް ކޮންމެވެސް ގޮތަކުން ފެނިވަޑައިގެން، ނުވަތަ ތިމާގެފުޅު ބޭފުޅުންނަށް ވާތީ، ނުވަތަ ޅިޔަންފަހަވެރި ބޭފުޅުންނަށް ވާތީ، ނުވަތަ ޕާޓީގެ އިސްފަރާތަކަށް ނިސްބަތްވާތީ ޢައްޔަން ކުރައްވާ ބޭބޭފުޅުންނެއް ނޫންތޯއެވެ.   އެއިން މުއައްސަސާޔަކަށް މުއްސަންޖަކު ލާ ސިޓީއެއްގެ ޖަވާބު ލިބޭހައި އަވަހަށް ހަމަ އެންމެ ފަޤީރު ނިކަމެތި މީހާގެ ސިޓީއަށްވެސް ހަމަ އެހައި އަވަހަށް ޖަވާބު ލިބޭ ނޫންތޯއެވެ. ޝަކުވާއެއް ދަންނަވައިގެން، އާދޭހެއް ދަންނަވައިގެން، މަސް ދެމަސް ވާއިރުވެސް އަޅުއްވައިނުލައްވައި، ޢީދުކުޅިވަރަށް ރަށްރަށަކަށް ވަޑައެއް ނުގަންނަވާ ނޫންތޯއެވެ. އަދި އާދައިގެ ރައްޔިތަކު ކޮށްލާ ޝަކުވާއެއްގެ އަނެއްކޮޅުގައި މުއްސަނދި ވިޔަފާރިވެރިޔެއްގެ މަޞްލަޙަތު ހިމެނުނަސް، އެކަމާ ޤާނޫނީ ގޮތުން އެޅުއްވުން ޙަޤީޤަތުގައި ލާޒިމުވާ  ފިޔަވަޅު ނުއަޅުއްވައެއްވެސް ހަމަ ނުތިއްބަވާ ނޫންތޯއެވެ. މިއީ ތިޔަ ޝަކުވާ ކުރާ ދިހަވަނަ ފަހަރު ކަމަށް ވިޔަސް، އޭނާ އެތައް ޤާނޫނަކީ ޤަވައިދަކާ ކަނޑައެޅިގެން ޚިލާފުވެއްޖެކަން ދިމާޔަށް ފެންނަން އޮތަސް، މިފަހަރުވެސް އޭނާޔަށް ދެވެން އޮތީ، ދޭން ފެންނަނީ، ދޭން ނިންމަނީ، ނަސޭހަތެކޭ މިހައިރަކު ހަމަ ވިދާާޅެއް ނުވެއެއް ނޫންތޯއެވެ. ތަރައްޤީ އަކީ އެއީ ނޫންތޯއެވެ!

ދެންވެސް އެކަހަލަ އެތައް އެތައް ދަލީލެއް އެބަހުއްޓެވެ. އޮންލައިން ކޮށް ލިބެން ހުންނަ ފޯމުތައް ފަސޭހައި ޑައުންލޯޑު ވުމާއި، ހަމަ އެހައި ފަސޭހައިން އެ ފޯމުތައް ފުރައިފައި އޮންލައިންކޮށް ފޮނުވާލެވުމެވެ. އިންޓަނެޓު ވިދުމުގެ ދުވެއްޔަށް ބަދަލުވުމާއި، ބަޖިޔާޔަކަށް ވުރެ އަގުހެޔޮވުމެވެ. ހޯލްޑް މިޔުޒިކުގައި ގަޑިދެގަޑިއިރު ވަންދެން ކެމްޕޭނު ނޫނީ ހިތްފަސޭހަ ރާގު އަހަން ނުޖެހޭ، އަވަސްޖަވާބުގެ ހޮޓްލައިންތަކެވެ. އެއް މަސައްކަތެއް އެއް ތާކު ކުރާ ބަޔަކަށް އުޖޫރަ ދޭ އިރު، މުއައްޒަފުންގެ މެދުގައި އިހަށްހައި ބޮޑަށް ތަފާތު ނުކުރުމެވެ. ރަސްމީބަންދު ނޫން ޚާއްޞަ ދުވަސްދުވަހު، އެވެސް ޚާއްޞަ ގަޑިތަކެއްގައި ނޫނީ، އޮފީހަށް ވަޑައިނުގަންނަވާ ބޮޑެތި މުސާރަވެރީން މިހައިރު ނުތިބުމެވެ. އަދި ހިންގަވާ ހުރިހައި ކަމެއްވެސް އަމާނާތްތެރިކަމާއެކު ހިންގެވުމެވެ. ކޮރަޕްޝަނުގެ ކަންފުޅެއްވެސް އެއްވެސް ކަމެއްގައި ނެތުމެވެ. ތަރައްޤީ އަކީ މިއީ ނޫންތޯއެވެ! އެކަމަކު އެ ތަފްޞީލް އަދި އެހެން ފަހަރަކުން ދެއްތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
131

One Response

  1. އެހާރާއި މިހާރުގެ ހާލަތު ވަރަށް ފުރިހަމަޔަށް ހާމަވާ ލިއުމެއް. ޝުކުރިއްޔާ އިބްރާހިމް ވަޙީދު. އެކަމަކު ލިއުމުގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށް ރައްޔަތުންނަށް ލިބެމުންދާ ގެއްލުން ހާމަ ކުރެއްވި ނަމަ އިތުރަށް ފުރިހަމަވީހޭ ހިތަށް ގެނެވުނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *