Support Us

އަރުވާލުމާއި އ.ބ.ވ. އޮފީހާއި އަރުވާލި މީހުން ބެލެހެއްޓުން

އިހުޒަމާނުގައި ދިވެހިރާއްޖޭގައި ކުށްވެރިންނަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ މުހިންމު އެއް އަދަބަކީ އަރުވާލުމެވެ. އެއީ އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ފޮނުވާލުމެވެ. އެ ޒަމާނުގައި ދީ އުޅުނު އެހެން އަދަބުތަކުގެ ތެރޭގައި ގަން ހިންގުމާއި ބުރީ ހަން ނެގުމާއި އަނދަގޮނޑި ޖެހުމާއި ހައްދު ޖެހުމާއި، ތަޢްޒީރު ކުރުން ހިމެނެއެވެ. ތަންކޮޅެއް ފަހުން ގޭގައި ބަންދުކޮށް ވެސް ހެދިއެވެ.

ކުރީ ޒަމާންތަކުގައި އަރުވާލައި ހެދީ ސިޔާސީ ކުށްވެރިންނެވެ. އޭގެ ތެރެއިން މަޝްހޫރު ބޭފުޅުންގެ ތެރޭގައި އައްޑޫ މީދޫއަށް އަރުވާލެވުނު ދޮން ބަންޑާރައިންގެ ދެ ބޭފުޅުން ކަމުގައިވާ މުޙައްމަދު މުޢިއްޒުއްދީނާއި ހަސަން ނޫރައްދީނު ހިމެނެއެވެ. އަދި ފުވައްމުލަކަށް އަރުވާލެވުނު އިބުރާހީމް ފާމުލަދޭރި ކިލެގެފާނު ހިމެނެއެވެ. އެއީ ޣިއާޘުއްދީނު ރަދުންގެ ދަރިކަލެކެވެ. ވިހި ވަނަ ޤަރުނުގައި އަރުވާލެވުނު ސިޔާސީ ކުށްވެރިންގެ ތެރޭގައި މާމަކުނުދޫއަށް 1926 ގައި އަރުވާލެވުނު ބޮޑުފެންވަޅުގޭ ސީދީ ހިމެނެއެވެ. އަދި 1934 ގައި ފުވައްމުލަކަށް އަރުވާލެވުނު ޝަމްސުއްދީނު ރަދުންނާއި އޭނާގެ ދަރިކަލުން ޙަސަން ޢިއްޒައްދީނު ހިމެނެއެވެ. އެ ރަށަށް އަރުވާލެވުނު އެހެން ބޭފުޅުންގެ ތެރޭގައި ވެލާނާގޭ މުޙައްމަދު ދީދީ އާއި އިބްރާހީމް ޙިލްމީ ހިމެނެއެވެ. ހަނިމާދޫއަށް އަރުވާލެވުނު ޝަމްސުއްދީނު ހިލްމީ ވެސް އޭގެތެރޭގައި ހިމެނެއެވެ. ހަމަ އެގޮތަށް މައުމޫން ޢަބްދުލް ޤައްޔޫމް މަކުނުދޫއަށް އަރުވާލެވުނެވެ.

ވިހި ވަނަ ޤަރުނުގެ މެދުތެރެއާ ހަމައަށް އައި އިރު ސިޔާސީ ނޫން އެހެން ކުށްވެރިން ވެސް އަރުވާލަން ފަށައިފިއެވެ. އަދި ކުށްވެރިން އިތުރުވުމުގެ ސަބަބުން އެ މީހުން އަރުވާލެވޭ ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫ ފޯރަން ފެށިއެވެ. އަދި 1950ގެ އަހަރުތަކުގައި ރަށްރަށުން ޝަކުވާތައް އައްނަން ފެށިއެވެ. މި ފަދަ މައްސަލަތައް މަދުކުރުމުގެ ގޮތުން، ހުރިހާ ރަށަކަށް އަރުވާލުމުގެ ބަދަލުގައި ކަނޑައެޅޭ މަދު ރަށްރަށަށް އަރުވާލާގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ.

އެގޮތުން، މީހުން އަރުވާލަން ހަމަޖެއްސެވި ރަށްރަށަކީ ބ. ގޮއިދޫއާއި ފުޅަދޫއާއި ފެހެންދޫއެވެ. ޖަމްޢުކޮށް ކިޔާ ގޮތުންނަމަ ގޮއިފުޅަފެހެންދޫއެވެ. އެ ތިން ރަށަކީ އެހެން ރަށްރަށާ އެކަހެރިކޮށް އޮތް ޤުދުރަތީ ވަކި އަތޮޅެކެވެ. މި ތިން ރަށުގެ ތެރެއިން ގޮއިދޫ ޚާއްސަކުރެވުނީ ސިޔާސީ ކުށްވެރިންނަށެވެ. ފެހެންދޫ ޚާއްސަ ކުރެވުނީ ޒިނޭއާއި ބަދު އަޚުލާގީ ކުށްތަކަށެވެ. އަދި ފުޅަދޫ ޚާއްސަ ކުރެވުނީ މަރާއި މާރާމާރީގެ މައްސަލަތަކަށެވެ.

އަރުވާލެވޭ މީހުންނާއި ހުކުމެއްނެތި ފޮނުވާލެވޭ މީހުންގެ ކަންތައް ބަލަހައްޓަން ވެރިޔަކު ލައްވައިފައި އޭނާއަށް އޮފީހެއް ޤާއިމުކޮށްފައި ހުރެއެވެ. އޭނާގެ ރަމްޒީ ނަމަކީ އ.ބ.ވ. އެވެ. އޮފީހުގެ ނަމަކީ އ.ބ.ވ. އޮފީހެވެ. އ.ބ.ވ.ގެ މަސައްކަތުގެ ތެރޭގައި އަރުވާލެވޭ މީހުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި އެ މީހުންގެ ކާޑު ބެހުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ. މީގެ އިތުރަށް ގޮއިފުޅަފެހެންދޫއަށް އިސްކޮށްފައި ތިބޭ ނާއިބު ބޭކަލުން މަސައްކަތްކުރައްވަނީ އ.ބ.ވ. ގެ ދަށުންނެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ދޭއް ހިސާބަކީ ގޮއިފުޅަފެހެންދޫގައި އަރުވާލި މީހުންގެ މައްސަލަތައް އެންމެ ހަލަބޮލިވި ދުވަސްވަރެވެ. އޭގެ ސަބަބަކީ ދެކުނު ބަޣާވާތުގެ ގިނަ "ކުށްވެރީންތަކެއް" އަރުވާލުމެވެ. ކުށްވެރިން ގިނަވުމުގެ ސަބަބުން ވައްކަމާއި މާރާމާރީތައް އިތުރުވެ ތިން ރަށުގެ ރައްޔިޔުންނަށް ތަހައްމަލު ނުކުރެވޭ ވަރަށް އުނދަގޫ ފޯރަން ފެށިއެވެ. އެ ދުވަސްވަރު އ.ބ.ވ. އަކީ ތުއްތީދި ދޮންމަނިކުއެވެ. އޭނާއާއެކު ބ. އޭދަފުށީ ޕެންޓްލޭންޑް އަބްދުއްރަހުމާނު ހަސަން މަސައްކަތް ކުރެއްވިއެވެ. އެއީ ތިން ރަށުގެ ނާއިބުގެ ހައިސިއްޔަތުންނެވެ. އެ ދެ ބޭފުޅުންނަށް މައިތިރި ކުރެވޭ ވަރަށްވުރެން މައްސަލަ ބޮޑުވެ ބޮއްސުންލީއެވެ.

މި މައްސަލައިގެ ހައްލެއްގެ ގޮތުން އިބްރާހީމް ނާސިރުގެ ސަރުކާރުން ގޮއިފުޅަފެހެންދޫއަށް މީހުން އަރުވާލުން ހުއްޓާލެއްވީއެވެ. އަދި އެހެނިހެން ރަށްރަށަށް އަރުވާލަން ފެއްޓެވީއެވެ. އެއީ އުތުރުގެ މީހުން ދެކުނަށެވެ. ދެކުނުގެ މީހުން އުތުރަށެވެ. މާލޭ މީހުން ހުރިހާ ހިސާބަކަށެވެ. އަތޮޅުވެރިކަން ކުރާ ރަށްރަށަށް މީހަކު އަރުވައެއް ނުލައެވެ.

އަރުވާލުން ހުއްޓެން ފެށީ 1990 ހާ ހިސާބުގައެވެ. އެއީ އަރުވާލި މީހުންގެ ސަބަބުން އަތޮޅުތަކަށް ޑްރަގް ފެތުރޭކަން ފާހަގަ ކުރެވިގެންނެވެ. މިހާރު ޑްރަގާ ގުޅޭ ކުށްވެރިން ލަނީ ޖަލަށް ނުވަތަ ރިހެބިލިޓޭޝަން ސެންޓަރަށެވެ.

ރާއްޖޭގައި މިހާރު ތިބި ކުށްވެރިންގެ ގާތްގަނޑަކަށް 90 އިންސައްތަ އަކީ ޑްރަގާ ގުޅޭ މީހުންނެވެ. ވީމާ އަރުވާލުމަކީ ބޭނުން ހިފޭ އަދަބަކަށް ނުވެއެވެ.

ފޮޓޯ:
1. ގޮއިދޫ ކުޅި، ފޮޓޯ ޝަރަފު: "ނާފި"

ރިފަރެންސް
1. އޭދަފުށީ ވޮއިސް.ކޮމް/2460 (2020) "ރަހުމާނުގެ ހަޔާތުގެ ދިގު ދަތުރު،" އާރކައިވް.އެމް.ވީ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މާކުރީ ދުވަސްވަރެއްގައި ސާމިޔާ ފާށަނާ ކިލެގެ ފުވައްމުލަކަށް އަރުވާލެވުނު. އެނަން ހިމެނިފައި ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *