...

Support Us

ސުއްޓާދޫނީގެ ވާހަކަ

މިފަހަރު ލިޔެލާނީ ފުލޯކު ވާހަކަޔެކެވެ.

މަޣްފިލިސްތާނުގެ މާޙައުލު އެހައި ރަނގަޅެއް ނޫނޭ ބަޔަކު މީހުން އެބަ ގޮވައެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މުޖުތަމަޢު އޮތީ ވީދި ކުނޑިކުނޑި ވެފަޔޯލައެވެ. ވިޔަފާރިވެރީންގެ ކަމަކީ މިނެކިރުމުގައި މަކަރުހެދުމޭވެސް ބަޔަކު ކިޔައެވެ. މުދައްރިސުންގެ ކަމަކީ އައު ޖީލުތައް މަގުފުރެއްދުމޭ ކިޔާ ބަޔަކުވެސް މަދުމަދުން އުޅެއެވެ. ޙަކީމުންނާއި ބޭސްވެރީންގެ ލަނޑުދަނޑިޔަކީ ފަރުވާގެ ބުޅީގައި ގެންފި އިންސިޔަކު ދެން ދޫވިޔަނުދިނުމޭ، އެހެން ނޫންހޭ ވާނީ، ވައްކަން ކުރަން މަޝްހޫރީ ވަގުންނަށްވުރެ މަސްއޫލުވެރީންނޭ، ފޭރުމަށް މޮޅީ މަގުފާރަވެރީންނޭވެސް ކިޔާ ބަޔަކު އަޑަށް ބާރުލައިފައި ގޮވައި އެބަ ނަގައެވެ. ގޯތިގެދޮރާއި، މުދަލާއި، ފުރާނަ ރައްކާތެރި ކުރަން އެންމެ ފަރިތައީ ދެ ވައްތަރެއްގެ މީހުންނޭ، އެއީ ރިޝްވަތޭ ކިޔުނު ފަންނުގެ މާހިރުންނާއި ކަމުވޮށިގެންވާ މީހުންގެ ބޮލުގައި އޮޅުއަޅާނެ މާރުގަނޑުގަނޑު އަތަށް އަރައިފައި ތިބި މީހުންނޭ، މިއީ ތެދެކޭ ބުނެ ހުވާ ބަޔަކުވެސް މަޣްފިލިސްތާނުގައި އެބަ އުޅެއެވެ.

މަޣްފިލިސްތާނުގެ ބައިތުލްމާލޭ ކިޔުނު ތެލީގެ ފޫ ކަހައިލައި، ވާބަތްގަނޑަށް ދާންދެން ނަގަން ޖެހިއްޖެކަމަށް ބަޔަކު އެބަ ކިޔައެވެ. އަޖުނަބީ ޔަހޫދީންނާއި މަޖޫސީންނަށް ކަރައިގެ ކުދިބޮޑު އެންމެން ދަރައި ނިމުނުތާ ދުވަސްގަނޑެއް ވެއްޖެޔޭ ބުނެވޭއިރު، މިހުރިހައި ކަމަކާ ކަންބޮޑުވާ ޒާތުގެ ޒުވާން ޖީލެއް، މަޑުމަޑުން ނަމަވެސް، މަޣްފިލިސްތާނުގެ އާދައިގެ، ދެރަ، ނިކަމެތި، ފަޤީރުންގެ ގޭގެއިން މަގުމައްޗަށް ނިކުމެ، މިހިރަ މިހިރަ ވާހަކަތައް ދައްކާން ފަށައިފިއެވެ. އަދި ވަކި ވައްތަރެއްގެ މުސްކުޅީންތަކެއްވެސް އެ ވާހަކަތަކައިގެން ތެދުވެއްޖެއެވެ. އަދި އެޔާއެކު، އެ ކަރައިގެ އެ ބުނާ އަސްދަނޑިޔަކުން ބޭރަށްވެސް އެ ވާހަކަތައް ނިކުންނާން ފަށައިފިއެވެ. މިކަން މިގޮތަށް ހިނގާން ފެށުމުން، އިއްތިފާޤުން ނަމަވެސް އެންމެހައި ކަންކަމުގައި އެންމެ އިސްކޮށް ތިބި ފެހުންތެރީންނާއި، ފިލްމު ކުޅޭ މީހުންނާއި، މިޔުޒިކު ކުޅޭ މީހުން އިންތިހާ ދަރަޖަޔަށް ކަންބޮޑުވެ، މާޔޫސްވާގޮތް ވެއްޖެއެވެ. އަދި މައްސަލަޔަށް ކޮންމެވެސް ކަހަލަ ޙައްލެއް ހޯދާންވެސް ވެއްޖެއެވެ. އެ ޙައްލަކީ ކިޔުމުގައި އޮންނަ، ޢަމަލު ގައި ނޯންނަ ޙައްލަކަށް ވިޔަސް ވަރިހަމަ ކަމަށެވެ.

މައްސަލައިގެ މައިގަނޑު މައުޟޫޢުގެ މައްޗަށް މަސައްކަތު ބައްދަލުވުމާއި، ސެމިނާރާއި، މަހާސިންތާއާއި، މަޖުލިސްތައް ބާއްވައި، ކޮމިޝަންތައް ހަދައި، އެހުރިހައި ކަމަކުންވެސް މައްސަލަޔަށް އޮތް އެއްވެސް ޙައްލެއް ތިމާމެންނަށް ނުފެނުމުން، އެވެރީީން ދެން އެ ނިންމީ މަޣްފިލިސްތާނުގެ މައި ރަށުގެ ރަށްބޭރުގައި އޮންނަ މަޝްހޫރު ގާފުންޏެއްގައި އޮންނަ ބޮއްޔެއް ހޯދަން ބައެއް މީހުން ނިކުންނާށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކަރުފޮޅު ނެގީމައި ބޭހަށް ހޯދާކަމަށް ބައެއް މީހުން ބުނެއުޅޭ ފެންކައްކާ ބޮލި ހޯދައިގެން، ޙައްލު ހޯދުމުގެ ކަންކަން ބޮއްޔާ ޙަވާލު ކުރާށެވެ. އެޔަށްވުރެވެސް ޞަރީޙަކޮށް ދަންނަވާނަމަ، މަޣްފިލިސްތާނުގެ ވެރިރަށުގެ ކިބަޅިފަރާތުގައި ހުރި، އިހުގައި އެއީ ޙަކީމެއް ކަމަކު މިއަދު އެއީ ނިކަމެތީންގެވެސް އެންމެ ދެރަ ފަންތީގައި ހިމެނޭ މީހެއް ކަމުގައިވާ އަބޫޞަދަފްގެ އެހީ ހޯދާށެވެ.

އެމީހުން އަބޫޞަދަފް ގާތަށް ދިޔައެވެ. އަދި އެމީހުންނާ ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ވާހަކަ އަބޫޞަދަފް އަށް ކިޔައިދިނެވެ. އަދި މައްސަލަޔަށް ޙައްލެއް ހޯދައިދޭން އޭނާ ގާތު އެދުނެވެ. ވެދުމެއް ނުކުރާ ތާނގައި ފަނޑުފަނޑު ލަދުރަކިކަމެއްވެސް ނެތިއެވެ. އެމީހުން ދެއްްކި ވާހަކަޔާއި، ’ބޯކައިލާ‘ ރާގަކުން ހުށައެޅި ހުށައެޅުންތައްވެސް އަބޫޞަދަފް އަޑުއެހިއެވެ. ’އެރުވައިލާ‘ ގޮތަށް ކުރި ތަޢުރީފާވެސް އެކުގައެވެ.  އެމީހުންގެ ނުކުޅެދުންތެރިކަމުގެ ތެރެއިން އެ ދެއްކިހައި ކުލަވަރުން ހިނިއަންނަ ގޮތްވިޔަސް، މޫނުމައްޗަށް ކުލައެއްވެސް އަރުވައިނުލައެވެ. އަދި އެމީހުންގެ މައްސަލަޔަށް އޮތް އެއް ޙައްލު ވަގުތުން ކިޔައިދިނެވެ.

އަބޫޞަދަފް އެވެރީންނަށް ބުނެދިން އެތި، ކޮމާކޯޅިޔަށް ލައި، ތިރީގައި ލިޔެލާނަމެވެ. ވިދާޅުވާށެވެ.

”އޭ މިތިބަ ކުޅަދާނަ މީހުންތަކާއެވެ. އަމިއްލަ މޮޅުކަމާއި، ދަންނަކަން ފިސާރި ރަނގަޅަށް އެނގިގެން، އެކަމުގެ މަސްތުން ނަމަވެސް އަމިއްލަ ނަފުސަށް ކުރާ އިތުބާރުގެ ޙައްދެއް ނެތް މީހުންތަކާއެވެ. އަހާށެވެ! ޙައްލަކީ މީހެއް ނޫނެވެ. ކަމެއްވެސް ނޫނެވެ. ޙައްލަކީ ވަރަށް އާދައިގެ ދޫންޏެކެވެ. ކަލޭމެން މަޣްފިލިސްތާނުގެ ވެރި ރަށުގެ މީހުން އެޔަށް ކިޔާ ނަމުން ނަމަ، އެ ދޫންޏަށް ކިޔަނީ ސުއްޓާދޫންޏެވެ.“ އަބޫޞަދަފް އެވެރީންނަށް ބުނެދިނެވެ.

ސުއްޓާދޫންޏަކީ މަޣްފިލިސްތާނުގައި ދިރިއުޅޭ ދޫންޏެއް ނޫނެވެ. އެއީ އެހިސާގަނޑުގެ މޫސުން އަހަރުތެރޭގައި ބުރު ހަމަކުރާއިރު، އެއިން ވަކި ޚާއްޞަ ބުރެއްްގައި މަޣްފިލިސްތާނަށް ޒިޔާރަތްކޮށް އުޅޭ ދޫންޏެކެވެ. ބައެއް މީހުންގެ ބަހުރުވައިން ނަމަ، ހިޖުރަކުރާ ދޫންޏެކެވެ. އަހަރުގެ އެކި ހިސާބުގައި ދޫނީގައި ހުންނަނީ އެކި ކުލައެވެ. އަދި ދޫންޏަށް ކާން ލިބޭ އެކި އެއްޗިހީގެ ކުލަވެސް ދޫނީގެ ފަތްގަނޑުގައި ހިފާ ކަމަށް ވެއެވެ. ދުނިޔެތެރޭގައި ބުރުޖަހައިފައި ދޫނި ރާއްޖެޔަށް އަންނައިރު އެސޮރު ޢާންމު ގޮތެއްގައި އިންނަނީ ހުދު ކުލައިގައެވެ. ރާއްޖެއިން ލިބޭ ޚާއްޞަ ބާވަތްބާވަތުގެ ފަތް ކައިގެން ދެން އުދުހިފައި ދާ އިރު، ދޫނީގެ ފަތުގައި ފެހި ކުލައެއް ހުރުން އެއީ އެހައި އަޖައިބު ވާންވީ ކަމެއް ނޫނެވެ.

”ޢިއްޒަތްތެރި މަނިކުފާނުންނެވެ. އަޅުގަނޑުމެންގެ ނަސީބު ހައުދަހައި ރަނގަޅެވެ. މިއީ ސުއްޓާދޫނި މިރާއްޖެޔަށް އައިސް އުޅޭ ދުވަސްވަރެވެ. އެހެން ވީމައި، އެއިން ދޫންޏެއް ހިފައިގެން ގެންނަންވީ ތޯއެވެ؟ އެކަމަކު އެއީ ޚާއްޞަ ޙިމާޔަތެއް ލިބިގެންވާ، ދޫނިވަންތަ ޚާއްޞަ ޙައްޤުތަކެއްވެސް އެޔަށް ލިބިގެންވާ ދޫންޏެއް އިނގޭތޯއެވެ!“  އެމީހުން އަބޫޞަދަފް ގާތު ބުންޏެވެ.

”އަހަރެން ދައްކަން މިއުޅެނީ ތިޔަ ވާހަކައެވެ. ހަދަންވީ ގޮތަކީ މިއީއެވެ. އެންމެ ފުރަތަަމަ ކަލޭމެން ކުރާންވީ ކަމަކީ ވަކި ޒާތެއްގެ މީހަކު ހޯދައި މަތިކުރުމެވެ. އެ މީހަކީ ސުއްޓާދޫނި ހިފައި، ދޫނީގެ ފިޔަ ކޮށައި، ބަޔަކު އެ ދޫނީގެ މަސް ކާން ބޭނުން ނަމަ ދޫނި ކަތިލައިގެން އޭގައި ރިހަ ކައްކައިގެން އެ ރިހަ ގެންގޮސްދޭނޭ ކަމަށް އިޝްތިހާރުކޮށް، މި ކަންކަން ކުރާން ކެރޭ ފަދަ މީހަކަށް ވާން ވާނެއެވެ. އަދި އޭނާ ދޫނި ހިފުމަށް ފަހު، އޭގެ މަސް ކާން ބޭނުން ބަޔަކު އެބަ ތިބިތޯ ހަމަ އިޝްތިިހާރުކުރާއިރަށް ކަލޭމެން ގޮސް އޭނާޔާއި ދޫނި ހިފައި ހައްޔަރުކުރީމައި، ބަންދުގައި ހައެއްކަ ދުވަހު ހުންނަން ކެރޭނޭ މީހަކަށްވެސް ވާން ޖެހޭނެއެވެ.“ އަބޫޞަދަފް އެވެރީން ގާތު ބުންޏެވެ.

”އެކަމަކު އެ ހިސާބުން ކަންކަން ވާނީ ހައްތާ ގޯސް ނޫންތޯ؟ މިހައިރުވެސް އެމީހުން އެ ގެންގުޅޭ ލިސްޓު ވާނީ ދިގު ނޫންތޯ؟ ސުއްޓާދޫންޏެއް ކަތިލައިފިއްޔާ…“ އެމީހުން ވަރަށް ކަންބޮޑުވެފައި އަބޫޞަދަފް އަށް ބުނެދޭން ފެށިއެވެ.

”މިބުނާ މީހާ ކުރާނޭހައިވެސް ކަމަކީ ދޫނި ހިފައިފައި އެސޮރުގެ ފިޔަ ކޮށައިލުމެވެ. ދެން އެ ދޫނި ކޮށްޓަކަށް ލައިގެން ގެންގުޅުމެވެ. ދޫނި  ކޮންމެހެން ކަތިލާކަށް ނުޖެހޭނެއެވެ. ކުރާން ޖެހޭހައިވެސް ކަމަކީ، އޭގެ މަސް ކާން ބޭނުން ބަޔަކު ތިބި ނަމަ،  އޭގައި ރިހަ ކައްކައިގެން އެ ރިހަ ގެންގޮސްދޭނޭ ކަމަށް އިޝްތިހާރުކުރުމެވެ. އެ ހިސާބުން އެ ނިމުނީއެވެ. ކަލޭމެން ގޮސް އޭނާ ދޫންޏާއެކު ހައްޔަރު ކުރާނީއެވެ. ދެން އޭނާ ކީ އަގެއް ދީފައި ހައެއްކަ ދުވަސް ފަހުން އޭނާ ދޫކޮށްލީމައި އެ ކަން އެ ނިމުނީއެވެ.“ އަބޫޞަދަފް ވަރަށް ކެތްތެރިކަމާއެކު އެވެރީންނަށް ބުނެދިނެވެ.

”ދެން އެހިސާބުން އަޅުގަނޑުމެން މިހައިރު މި ބޮލަށް އުނދަގޫވާ ކަންކަން…؟“ އެމީހުން ކެތްނުވެގެން އަހައިލިއެވެ.

”އޭނާ ދޫނި ހަމަ ހިފާއިރަށް ކަލޭމެން އެ ވާހަކަ ނޫސްތަކަށް ދޭން ވާނެއެވެ. ފޭސްބުކުގައި ޖަހާން ވާނެއެވެ. އިންސުޓަގުރާމު ގައްޔާއި، ޓެލެގުރާމުގައްޔާއި، ދެންވެސް ހުރި ހުރިހައި ގުރާމެއްގައި އެ ވާހަކަ ޖަހާން ވާނެއެވެ. އެ ހިސާބުން ތިޔަ ބުނާ ބޮލަށް އުނދަގޫވާ ކަންކަމުގެ ވާހަކަ ދައްކާނޭ ބަޔަކު މިތާކު ނުތިބޭނެއެވެ. އެންމެންވެސް ދައްކާނީ ސުއްޓާދޫނީގެ ވާހަކައެވެ. އެސޮރު ހިފި ވާހަކައެވެ. ބައެއް މީހުން އެ ސޮރުގެ ކާޓޫނު ކުރަހާނެއެވެ. މީމާއި ފާފާއި ދާލަށް ދަންދަން ހަދާނެއެވެ. އެނިމޭ ހަދައި، ގަންޖުފަރާހުގައި އެސޮރުގެ ފޮޓޯކުރަހައިގެން ވިއްކާ ހަދާނެއެވެ…. ވިސްނިއްޖެ، ދޯއެވެ؟“ އަބޫޞަދަފް އެމީހުންނަށް ވިސްނައިދިނެވެ.

ކަން ވީވެސް އެހެންނެވެ. ދެ ގެރިން އެއް ގެރި ކަތިލައި، ކަތިލި ގެރީގެ ބޯ ނަގައި ދިރިއޮތް ގެރީގައި ހަރުކޮށްގެން އެ ޒަމާނުގައި ގަތް ގަނޑު މިޒަމާނުގައި ގަންނަނީ ސުއްޓާދޫންޏަކުން ކަން މަޣްފިލިސްތާނުގެ ގިނަ މީހުންނަށް ނުވިސްނޭ ގޮތް ވީމައި، ނުވަތަ ވިސްނަން ބޭނުން ނުވީމައި، ކުރާނީ ކީއްތޯއެވެ! ދެން އޮންނާނީ ރޯމާ ދުވާލު ދެރަ މީހާޔަށް ދެރަގޮތް، މޮޅު މީހާޔަށް އޭނާ ހިތުހުރިގޮތް ނޫންތޯއެވެ! ފަގީރު ސޮރު އޭނާޔާއި އޭނާގެ އަނބިދަރީީންގެ ފުރާނަޔާއި ޞިއްޙަތާއި އިންސާނީ ޙައްޤުތައް މަހުޖަނުގެ އަނިޔާވެރި ޙަމަލާތަކުން ޙިމާޔަތްކޮށްދޭތޯ ފަހަރަކު ތާކަށް ސަލާން ޖަހަމުން ދުވާއިރު، އެންމެން ދުވާނީ ސުއްޓާދޫނި ސަލާމަތްކުރާށެވެ. ދެރަ ސޮރުގެ ގޯތިގެދޮރާއި، މުދަލާއި، ފުރާނަ ރައްކާތެރި ކުރަން އުޅޭން ޖެހޭނީ އޭނާ އަމިއްލަޔަށެވެ. ނޫނީ ޖެހޭނީ ހަތަރުމަސްދުވަހުގެ ޔަޤީންކަން ނެތް އިންތިޒާރަކުން ކެތްކުރަން ފުޅަށްބުޑުގައި ހޫނުބޮނޑިބަތުގެ އިންތިޒާރުގައި އޮންނާށެވެ. އެކަމަކު މިކަންވެސް މަޑުމަޑުން ދެކެދެނެގަންނާނޭ ބަޔަކު މަޣްފިލިސްތާނުގައި މަޑުމަޑުން އެބަ އުފެދެއެވެ. ވިސްނޭ ޒުވާނުންގެ ތެރޭގައި އެބަ އުފެދެއެވެ.

އެ ދުވަހަކުން އަބޫޞަދަފް ދައްކާނީ ސުއްޓާދޫނީގެ ވާހަކައެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4511

2 Responses

  1. ބުނަން ވާހަކަ އެއް . ދުލާ ގަލަމުގެ މިނިވަންކަން ނެތް ޒަމާނުގައި ލިޔުނު މީހުން ލިއުނު ގޮތަށް ބުނަން ނުކެރި ލިޔާނެ ކަމެއް ނެތް . އޭރުވެސް ބިރުން ވަހީދުމެން ތިބީ ވައި އަޅުވަން. ތިޔަ ލިޔަނީ މާ އައުޓް ޑޭޓެޑް ގޮތަކަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.