...

Support Us

ކޮލަމް: ރަންދެލި

މައެއްގެ އަސަރު ގަދަ އާދޭސް: ލޯބިވާ ދަރީންނޭވެ!

ތުއްތުއިރު ތިޔަ ކުދީން އުޅުނީ މި މަންމައާއި ބައްޕަގެ އިނގިލިކުރީ ހިފައިގެންނެވެ. އޭރު މި މަންމައާއި ބައްޕަގެ އަތުން އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްލާކަށް ތިޔައިން ކުއްޖަކު ބޭނުމެއް ނުވެއެވެެ. އޭރު މި މަންމައާއި ބައްޕައާ ނުލައި ތިޔަ ކުދީންނަށް ބިންމަތީގައި ކޮޅަކަށް ނުތިބެވެއެވެ. އެގޮތުން މި މަންމައާއި ބައްޕަ އަސާގަނޑަކަށް ވެގެން ތިޔަ ކުދީންނަށް ހިނގަން ދަސްކޮށްދިނީމެވެ. އަދި އޯގާތެރިކަމާއެކު މަޑުމަޑުން ތިޔަ ކުދީންނާ މުޢާމަލާތުކޮށް ވާހަކަ ދައްކަން ދަސްކޮށްދިނީމެވެ. ތިޔަ ކުދީންގެ ސުވާލުތަކަށް ހިނިތުންވުމާއެކު ތަކުރާރުކޮށް ޖަވާބުދިނީމެވެ. މިއަދު، މި މަންމައާއި ބައްޕަގެ އެހީތެރިކަމާ ނުލައި އެކަނި ކޮޅަށް ހުރުމުގެ ބާރު ތިޔަ ކުދީންގެ ގައިގައި އެބަހުއްޓެވެ. އަދި މިއަދު މި މަންމައާއި ބައްޕަގެ އެހީތެރިކަމާ ނުލައި އެކަނި ހިނގަން ތިޔަ ކުދީންނަށް އެނގިއްޖެއެވެ. އަދި މިއަދު ދޫފަސޭހަކަމާއެކު ވާހަކަ ދައްކަން ތިޔަ ކުދީންނަށް އެނގިއްޖެއެވެ.

ދުވަސްތައް މާޒީވެ ހިނގައްޖެއެވެ. މިއަދު މަންމައާއި ބައްޕަ މުސްކުޅިވެ ގައިބާރު ދެރަވެއްޖެއެވެ. އެކަނި ކޮޅަށް ހުންނަންވެސް ދަތިވެއްޖެއެވެ. އަދި އަމުދުން އެކަނި ކުރިއަށް ފިޔަވަޅެއްވެސް އަޅާނެހާ ހިތްވަރެއްވެސް މި ހަށީގައި ނެތެވެ. ލޯބޯކޮށިވެ، އަޑު ކުރަކިވެއްޖެއެވެ. މިއަދު މަންމައާއި ބައްޕަ، އަސާގަނޑަކަށް ބޭނުންވީއިރު، ލޯބިން ބަލައި ބޮޑުކުރި އެއްވެސް ކުއްޖަކު ކައިރީގައި ނެތެވެ. މިއަދު މަންމައާއި ބައްޕައަށް މިޖެހުނީ ކޮންމެވެސް ފިހާރައަކުން އަސާގަނޑެއް ގަންނާށެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ ތިޔަ ކުދީން ކުޑައިރު މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް ބޭނުންވީ މިންވަރަށް މިއަދު ތިޔަ ކުދީންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް މި މަންމައާއި ބައްޕަ ބޭނުންވެއެވެ.

މަންމައާއި ބައްޕަ މުސްކުޅިވީ ދުވަހު އެކަނިކޮށްނުލާށެވެ! ތިޔަ ކުދިންގެ އަގުހުރި ވަގުތުތަކުން ކުޑަ ހިނދުކޮޅެއް، ނިކަން މި މުސްކުޅި މަންމައާއި ބައްޕައަށްޓަކައި ހުސްކޮށްބަލާށެވެ! ތިޔަ ކުދީންނަށްޓަކައި ލޮލުފިޔަނުޖަހާ ކިތައް ކިތައް ރޭ، މި މަންމައާއި ބައްޕަ ހޭދަކުރިކަން ތިޔަ ކުދިންނަށް އެނގޭ ހެއްޔެވެ؟

ލޯބިވާ ދަރީންނޭވެ! މިއަދު ތިޔަ ކުދީންގެ ބައްޕަ ހިޔަންޏާ ވާހަކަ ދައްކަނިކޮށް އަޑުއެހީމެވެ. އެ ވާހަކަ އަޑުއިވި މި މަންމަގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ތިޔަ ކުދީންގެ ބައްޕަ ހިޔަންޏާ ސުވާލުކުރިއެވެ. "އަހަރެންގެ ފަސްފަހަތުން ތިޔަ އަންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ ދަރީންވެސް އަހަރެމެން ދޫކޮށްލައިފިއެވެ." ހިނިތުންވެލާފައި ހިޔަނި ބުނާ ކަހަލައެވެ. "ކަލޭމެންގެ ދަރީންނަށްވުރެ އަހަރެން މާ ވަފާތެރިވާނެއެވެ. މިއަދު ކަލެއާއެކު ހުރީ އަހަރެން ނޫން ދެން ކާކު ހެއްޔެވެ؟ މަރުވަންދެން އަހަރެން ކަލޭ ދުލެއް ނުކުރާނަމެވެ."

ލޯބިވާ ދަރީންނޭވެ! މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ލެއްވިއެއް ކަމަކު، ބައްޕަގެ ނަފްރަތާއި ރުޅިއާ ހެދި ތިޔަ ކުދީން ނަރަކައަށް ވަންނަން ޖެހިދާނޭކަން ހަނދާން ކުރާށެވެ! ބައްޕަ އަތުގައި މުދަލެއް ނެތެއް ކަމަކު، އެ ބައްޕަގެ ހިޔަނިވެސް ތިޔަ ކުދީންނަށް ފުދޭނެއެވެ. ބައްޕައާ ނުލާ ސުވަރުގޭގެ ދޮރުކޮޅުތަކެއް، ތިޔަ ކުދީންނަށްޓަކައި ނުހުޅުވޭނެއެވެ. ތިޔަ ކުދީންގެ ބައްޕައައަކީ، ވަރަށް މާތް، މަތިވެރި އިންސާނެކެވެ. ތިޔަ ކުދީންނަށްޓަކައި އެ ބައްޕަގެ ގައިން އޮހޮރުނު، އެންމެ ދާތިއްކެއްގެ އަގުވެސް ތިޔަ ހުރިހާ ކުދީން އެންމެން އެކުވެގެން އުމުރުދުވަހު މަސައްކަތް ކުރިޔަސް އަދާނުކުރެވޭނެއެވެ.

ލޯބިވާ ދަރީންނޭވެ! ނިކަން، މި މަންމައާއި ބައްޕަ ގާތުގައި އިށީނދެ އިނދެ ތިން ހަތަރު ބަހެއް ނަމަވެސް ބުނެލަދީބަލާށެވެ! ތިޔަ ކުދީންގެ އަޑު އެހުމަށް މަންމައާއި ބައްޕަ މިވަނީ ކެތްމަދުވެފައެވެ. ކުޑަކުޑައިރު ތިޔަކުދިން އެއް ސުވާލެއް ކިތައް ފަހަރު ތަކުރާރު ކުރިން ހެއްޔެވެ؟ އޭރުވެސް އެއްވެސް ފޫހިކަމެއްނެތި އެ ސުވާލުތައް އަޑުއެހީ ލޯތްބާއި ކުލުނާއެކުގައެވެ. މިއަދުވެސް އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ބަދަލުވީ ތިޔަ ކުދީންނެވެ. އަޅެ އެއިން އެއްވެސް ކަމެއް ތިޔައިން ކުއްޖަކު ހަނދާނެއް ނުވޭހެއްޔެވެ؟ މި މުސްކުޅި މަންމައާއި ބައްޕައަށްޓަކައި އަސާގަނޑަކަށްވާނޭ ހަމަ އެއްވެސް ކުއްޖަކު ނެތީހެއްޔެވެ؟ މި މުސްކުޅި މަންމައާއި ބައްޕައަށް އަލިކަމެއް ފޯރުކޮށްދޭނޭ އެއްވެސް ކުއްޖަކު ހަމަ ނެތީހެއްޔެވެ؟ މައިންބަފައިންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާ ވަގުތަކީ ކިހާ އުފާވެރި ވަގުތުކޮޅެއްކަން އެނގޭހެއްޔެވެ؟ ﷲ ސުބުހާނަހޫ ވަތަޢާލާ އެފަދަ ވަގުތުތަކަށް ނިމުމެއް ނުގެންނަވާނެނަމަ ކޮން ފަދަ ހެއްޔެވެ؟

ލޯބިވާ ދެލޯ ފަދަ ކުދީންނޭވެ! މިއީ މަންމައާއި ބައްޕަގެ ތަރުބިއްޔަތުގެ މައްސަލައެއް ހެއްޔެވެ؟ މި މަންމައާއި ބައްޕަ ރެއާއި ދުވާލު ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ކިޔަވައިދީ، ހޯދައިދިން ޑިގްރީތަކާއި ސެޓްފިކެޓްތަކުގެ މައްސަލައެއް ހެއްޔެވެ؟ މައިންބަފައިންނާއި ދަރީންނާ ދުރުކުރާ ޑިގްރީތަކާއި ސެޓްފިކެޓްތަކުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެ ޑިގްރީތަކާއި ސެޓްފިކެޓްތައް އަންދާލައި އުކާލާށެވެ! މި ދުނިޔޭގައި މަގާމާއި އިއްޒަތާއި ޝުހުރަތާއި އަދި ލޯބި، އެއްވެސް މީހަކާއެކު ތާއަބަދު ދެމިއެއް ނޯންނާނެއެވެ. ދުނިޔޭގެ އެދުންތަކަށް ހެއްލި ގެއްލިގެން ނުދާށެވެ. މިއަދު މިތާ މިތިބީ މަންމައާއި ބައްޕައެވެ. އިއްޔެ ތިބީ ކާފައާއި މާމައެވެ. މާދަމާ ތިބޭނީ ކަލޭމެން ކުދީންނެވެ. މިވެސް ދައުރެކެވެ. އެވެސް ދައުރެކެވެ. އަންނަން އޮތީވެސް ދައުރެކެވެ. ތަފާތުވަނީ ޙާލަތާއި ވަގުތުގައި ކަންކުރާ ގޮތެވެ.

ލޯބިވާ ދަރީންނޭވެ! ގެއެއްގެ ތެރެއަށް އަންނާނެ އެންމެ ނުބައި ވަގުތަކީ، އެ ގެއެއްގެ ތެރޭގައި ދަރިން ދެކެ ބިރުން، މައިންބަފައިން އެމީހުންގެ ޟަރޫރީ ބޭނުންތަކުގެ ވާހަކަ ދެއްކުމާއި އަދި ހެޔޮ ނަޞޭހަތް ދިނުން ހުއްޓާލާނެ ވަގުތެވެ.

އޭ ލޯބިވާ ދަރީންނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މި މަންމައާއި ބައްޕަގެ އަތުގައި ހިފައިގެން، ކުޑައިރު ތިޔަ ކުދީން ގޮވައިގެން، މި މަންމައާއި ބައްޕަ ހިނގި މަގުތަކުން ތަންކޮޅަކަށް ނިކަން ހިނގައިލަދީބަލާށެވެ! އެއްދުވަހަކުން މިފަނާވަނިވި ދުނިޔެ ދޫކޮށް އަހުރެމެން ހިނގައިދާނަމެވެ. ތިޔަ ކުދީން ދޫކޮށްލާފައި އަހުރެމެން ހިނގައިދާނަމެވެ. އެ ދުވަހަކުން އެއްވެސް ކުއްޖަކު ރޮމުން ރޮމުން ނާންނާށެވެ! އެ ދުވަހަކުން މި އަތްތަކަކުން ތިޔަ ކުދީންގެ ކަރުނަ ފޮހެލައެއް ނުދެވޭނެއެވެ. އެ ދުވަހަކުން ޖެހޭނީ އަމިއްލައަށް ކަރުނަ ފޮހޭށެވެ. ލޯބިވާ ދަރީންނޭވެ. ހިލޭ މީހުން ކަރުނަ ފޮހެދޭނެ ކަމަށް ހީނުކުރާށެވެ! އެ ދުވަހުވެސް ހިލޭ މީހުން ބަލާނީ އޭގެން ވިޔަފާރިއެއް ކުރެވޭތޯއެވެ. މި މުސްކުޅި މަންމައާއި ބައްޕަގެ ހަޔާތުގައި ބާކީ އޮތް ވަގުތުކޮޅުގެ ތެރޭގައި، ތިޔަ ކުދީންނާއެކު އުޅުމުގެ ފުރުޞަތެއް ހަމަ ނުލިބޭނެހެއްޔެވެ؟

މަންމައާއި ބައްޕަ މި ދުނިޔެއިން ވަކިވެ ދިއުމަށްފަހު، މަންމައާއި ބައްޕަގެ މަތިން ހަނދާންވެއްޖެނަމަ، ހުރިހާ ކުދިން އެންމެން އެކުގައި ބައްދަލުވެ އިށީނދެލާށެވެ. ކޮންމެވެސް އެއް ކުއްޖެއްގެ މޫނުމަތިން މަންމަގެ އުފާވެރި ހިނިތުންވުން ފެންނާނެއެވެ. އަދި ކޮންމެވެސް އެއް ކުއްޖެއްގެ އަޑުން ބައްޕަގެ ވާހަކަ ދެއްކުމުގެ ރާގު އަޑު އިވޭނެއެވެ. އަދި މަންމައާއި ބައްޕަގެ ފާފަ ފުއްސަވައި ރަޙުމަތް ލެއްވުން އެދި އެންމެން އެކުގައި ދުޢާކޮށްދޭށެވެ!