Support Us

ކޮލަމް: ރަންދެލި

ޒުކިނީއާއި ޒީރޯ ޓޮލަރެންސް

ޒުކިނީއަކީ ކިއުކަމްބާ ޢާއިލާގެ ތަރުކާރީއެކެވެ. އެހެންނަމަވެސް، މިއަދު މިތަނުގައި ލިޔެވޭތޯ މިއުޅެނީ ޒުކިނީ ބޭނުންކޮށްގެން ސެލެޑެއް ހަދާ ވާހަކައެއް ނޫނެވެ. އާދެ، މިއުޅެނީ، ޒުކިނީއާ ގުޅިގެން އުފެދިފައިވާ މިސާލު ބަހަކާ ގުޅޭގޮތުން އެއްޗެއް ލިޔެވޭތޯއެވެ.

ކޮރަޕްޝަނާއި ފޭވަރިޓިޒަމްއާއި ނެޕޮޓިޒަމް އަދި ވަކިން ޚާއްސަ ގޮތެއްގައި ވަކިބައެއްގެ މައްޗަށް ހަމައެކަނި ޤާނޫނު ތަންފީޒުކުރާ ކުރުމަށް، މިސާލު ބަހެއްގެ ގޮތުގައި މިސްރުގައި "ޒުކިނީ" މި ބަސް ބޭނުންކޮށް އުޅެއެވެ. މި ބަސް އުފެދިފައިވަނީ، މަމްލޫކުން މިސްރުގައި ވެރިކަން ކުރި ދުވަސްވަރުގައެވެ. އެ ދުވަސްވަރު، ޤާހިރާގެ ވަށައިގެންވާ ބޮޑުފާރުގެ ހުރިހާ ދޮރުތަކެއް ރޭގަނޑުވާއިރަށް ބަންދުކޮށް ލައްޕަންޖެހެއެވެ. ކޮންމެއަކަސް ދޮރުތައް ލެއްޕުމަށްފަހު، އެއްވެސް ބަޔަކަށް ބޭރުން އެތެރެއަކަށް ނުވަދެވޭނެއެވެ. އަދި އެތެރޭގައި ތިބި ބަޔަކަށް ބޭރަކަށްވެސް ނުނިކުމެވޭނެއެވެ. ބޭރުގައި ތިބި ބަޔަކު ޖެހޭނީ އިރު އަރަންދެން ބޭރުގައި ތިބޭށެވެ. މިގޮތުން ބޭރުގައި އާންމުކޮށް އުޅެނީ، ދަނޑުވެރިކަން ކުރާ ފަރާތްތަކާއި، ވިޔަފާރިކަމުގައި ޤާހިރާއަށް ތަކެތި ހިފައިގެން އަންނަ ފަރާތްތަކެވެ. އެހެންނަމަވެސް، މީގެ ތެރެއިން ޒުކިނީގެ ވިޔަފާރިކުރާ މީހުންނަކީ ޚާއްސަ ބައެކެވެ. ޒުކިނީއަކީ އަވަހަށް ހަލާކުވާ ތަރުކާރީއެއް ކަމަށްވެފައި، އެމީހުންނަށް ކޮންމެ ގަޑިއެއްގައިވެސް، އެތެރެއަށް ވަދެވޭގޮތް އޮންނަނީ ހަމަޖެހިފައެވެ.

ވިޔަފާރިވެރީންގެ ތެރެއިން ވަކި ބަޔަކަށް، ޚާއްސަ އިމްތިޔާޒެއް ދެވިފައި އޮންނާތީ، އެހެން ވިޔަފާރިވެރިން ތިބެނީ މިކަމާމެދު، ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެމީހުން ދެކޭގޮތުގައި ވިޔަފާރިވެރިންނާ މެދު، ވެރިކަމުގެ ފަރާތުން ކަންތައްތައް ކުރަނީ ހަމަހަމަ އުސޫލަކުންނޫނެވެ. ވިޔަފާރިވެރީންގެ މެދުގައި ޤާނޫނީ ހަމަހަމަކަމެއް، އަމުދުންނެތެވެ. އޭގެއިތުރުން، ދޮރުފާރަވެރީންނަށް ތިބޭ މީހުން، އެމީހުންގެ ގާތްމީހުންވެސް، ޒުކިނީ ވިޔަފާރިވެރީންގެ ނަމުގައި އެތެރެއަށް ވައްދާކަން ވިޔަފާރިވެރީންނަށް އެނގެއެވެ. އެގޮތުން، އެއްރެއަކު ޒުކިނީ ވިޔަފާރިވެރީންތަކަކާއެކު އެހެންބަޔަކު ވައްދަނިކޮށް، އެވަގުތު ބޭރުގައި ތިބި ބަޔަކަށް ފެނިގެން، އޭގެތެރެއިން މީހަކު ގޮވާލިއެވެ. "ތިޔައީ ހައްތާހާވެސް ޒުކިނީދޯއެވެ؟ ޒުކިނީ ވިޔަފާރިވެރީންނަކީ ހާދަހާވާ ނަސީބުގަދަ ބައެކެވެ. އަހަރުމެންނަށް އޮތީ އިރުއަރަންދެން މިތަނުގައި ތިބުމެވެ."

އޭގެ ފަހުން، ކޮރަޕްޝަންގެ ޢަމަލެއް ފެންމަތިވާ ކޮންމެ ފަހަރަކު، އެކަމަށް މިސްރުގައި "ޒުކިނީ" މިބަސް ބޭނުންކުރަން ފެށިއެވެ. ރާއްޖޭގައިވެސް "ޒީރޯ ޓޮލަރެންސް" މިހާރު ވެފައިވަނީ މިފަދަ ބަހަކަށެވެ. އެހެނީ ވަކިބަޔަކު، ޤާނޫނާ ޚިލާފު ކޮންމެ ފަދަ ޢަމަލެއް ހިންގި ކަމުގައިވިޔަސް، އެއީ މާބޮޑު ކަމަކަށް ނުވެއެވެ. އެއީ ކިތަންމެ ބޮޑު ވައްކަމެއް ކަމުގައިވިޔަސް، ޖިންސީ ގޯނާއެއް ކަމުގައިވިޔަސް އަދި ލާދީނީ ޢަމަލެއް ކަމުގައިވިޔަސް ވަރިހަމައެވެ. ޒީރޯ ޓޮލަރެންސްގެ ވަރަށް ގިނަ މިސާލުތައް މިވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވެއެވެ.

ކޮވިޑާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރު އަމީން ރައީސުލްޖުމްހޫރިއްޔާ އަށް އަރުއްވަނީ. -ފޮޓޯ: ރައީސް އޮފީސް

އެގޮތުން، ދިވެހިރާއްޖޭގައި ކޮވިޑް ބަލި އެންމެ ބޮޑުވި ދުވަސްވަރު، އިމަޖެންސީގައި ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހިންގި ޖަރީމާގެ ވާހަކަ އަޑުނީވޭ ކުޑަކުއްޖަކުވެސް ހުންނާނެހެން ހިއެއްނުވެއެވެ. އެ ޖަރީމާގެ ފުރަތަމަ ހަރުފަތުން ފެށިގެން ނިމެންދެކަށް ހުރިހާ ކަމެއްވެސް ކޮށްފައިވަނީ، ޤާނޫނުތަކާއި ޤަވާޢިދާ މުޅިން ޚިލާފަށެވެ. އެޑްވާންސްގެ ގޮތުގައި، އެތައް މިލިއަން ޑޮލަރެއް ދޫކޮށްލިއިރު، އެ ފައިސާ ދޫކުރި ވުޒާރާގެ އެއްވެސް އިހުމާލެއް އޭގެތެރޭގައި ނުހިމެނެއެވެ. އަދި ނުވިތާކަށް އޯޑަރުކުރި ވެންޓިލޭޓަރުތައް ވީހިސާބެއް އެނގޭ މީހަކުވެސް ނެތެވެ. މި މައްސަލައިގައި އެތައްބަޔަކު ޝާމިލްވާއިރު އެކަމުގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވޭނޭ އެއްވެސް ހެއްކެތް ޤަރީނާއެއް ނެތްތާނގައި އުންސުރެއް ފަންސުރެއް، ފަންސުރުޖަހާ ދައްޗެއްހާ ހިސާބުވެސް ނެތެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާނީ، ދާދި ފަހުން ސަފާރީއެއްގައި ހިނގި ކަމަށް ބުނާ "ރޯޔަލް ރޭޕްކޭސް"ގެ މައްސަލައެވެ. ކޮންމެއަކަސް އެކަން ދިފާޢުކުރައްވަމުން ދިވެހިރާއްޖޭގެ ދާޚިލީވަޒީރު ވިދާޅުވި ކަމަށް ނޫސްތަކުންނާއި، ޓީވީ ޗެނަލްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަމަކީ ރޯމާދުވާލު ކިތަންމެ ގިނަ މީހުންގެ ތެރޭގައިވެސް ހިނގާފާނެ ވަރަށް ކުޑަކުޑަ ކަމެކެވެ. އެހެނީ އެ ޢަމަލަކީ ހިފިޔަސް، ހިފެވުނު މީހާއަށް ހިފިކަންވެސް ނޭނގޭހާ ކުޑަކުޑަ ޢަމަލެކެވެ. އހ. ކޮންމެއަކަސް މިި ވާހަކައެއް ދެއްކެވި ބޭފުޅާއަކީ ވަރަށް ހުށިޔާރުކަމާ،އި އެހާމެ ފަރިތަކަމާއެކު، ނޭނގޭހާ މޮޅަށް މިކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ވުމާއެކު، މި ލިޔާ މީހާއަށް، މިި ވާހަކައަށް ރައްދުދީ އެއްޗެއް ބުނެވޭނީވެސް ކިހިނެއް ހެއްޔެވެ؟

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާނީ ނަފްސާނީ ބަލީގެ މައްސަލައެވެ. ފަހަކަށް އައިސް، ލާދީނީ ޢަމަލުތައް ހިންގާ މީހުން ވެފައިވަނީ، ކޮންމެވެސް ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށެވެ. އެހެނީ އެފަދަ ޢަމަލެއް ހިންގައިގެން، މީހަކު ހައްޔަރުކުރިޔަސް، އެ މައްސަލައެއް ތަޙުޤީޤު ކުރުމުގެ ކުރިން، ކަމާބެހޭ އިދާރާތަކުން، ތަޙުލީލުކުރަނީ އެފަދަ މީސްމީހުންގެ ސިކުނޑިއެވެ. އޭގެ ނަތީޖާއަކަށްވަނީ އެ މީސްމީހުންނަކީ ނަފްސާނީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށްވެ، އެމީހުން އަލުން މުޖުތަމަޢަށް ދޫވެގެން ދިއުމެވެ. އޭގެތެރެއިން ބައެއް މީހުންނަށް ޖެހިފައިވާ ނަފްސާނީ ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރީ، އިމާމާ ޖަމާޢަތުގައި އިމާމުވެ ނަމާދުކުރަނިކޮށް، ސަފުތައް ފަޅާލާފައި ވަދެ، އިމާމާ ކުރިމައްޗަށް އަރާ ކުޑަކަމުދާ ހިސާބަށް އެމީހުންގެ ބަލީގެ ޙާލަތުވަނީ ގޮސްފައެވެ.

މިހެން ލިޔާންވެއްޖެއްޔާ ބޯޓަކަށް ނާރާހާ ވާހަކަ ލިޔެވިދާނެއެވެ. އެހެންވީމާ، ޒުކިނީއާއި ޒީރޯ ޓޮލަރެންސްގެ ވާހަކަ އިހަށް ކުރުކޮށްލާނަމެވެ.