...

Support Us

ރާއްޖޭގައި ޒުވާނުންނަށް އިންވެސްޓް ކުރެއްވުން ކީއްތޯ: ކުރީ ލިއުމުގެ ޚުލާޞާ

މި ލިޔުން ’ޑެޑިކޭޓް‘ކުރަނީ ދިވެހި ޒުވާނުންނަށެވެ.

ރާއްޖޭގެ ސަރުކާރުގެ ކަންކަން ހިންގަން ފައިސާ ޗާޕުކުރުން ހުއްޓާލަން  އައި.އެމް.އެފް އިން ގޮވާލި ވާހަކަ މިއަދުގެ ނޫހުގައިވެސް އެބައޮތެވެ.

މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑު ރާއްޖޭގެ ޑެޕިޔުޓީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަޤާމުގައި ހުރި އިރުވެސް، އައި.އެމް.އެފް އިން ވަފުދުތައް ރާއްޖެ އައިސް މަޝްވަރާކުރިއެވެ. ޚަރަދު ކުޑަކުރަން ލަފާ ދިނެވެ. ސިޔާސީ މީހުންނާ މުސާރަވެރީންނާ ދެމެދު ގެންގުޅުނު ބޭއިންސާފު ތަފާތުގެ ވާހަކަވެސް ދެކެވުނެވެ. ރާއްޖޭގެ އެކި ޕްރޮޖެކްޓް ހޯދަން ބޭރުގެ އެހީއާއި ލޯނު ހޯދާ ވާހަކަ ދެކެވުނެވެ. ޓުއަރިޒަމް އިން ވަންނަހާ ޑޮލަރު ދަނީ ކޮންތާކަށްތޯވެސް ސުވާލު ކުރެވުނެވެ. ޑެޓް ސާރވިސް ނުވަތަ ލޯނުގެ އިންޓަރެސްޓުވެސް ނުދެއްކޭ ހިސާބަށް ދާނެކަމުގެ އިންޒާރު ދިނެވެ. އެއީ ރަނގަޅު ވާހަކަޔެކޭ ބުނެގެން އެ ދުވަސްވަރުގެ ބޮޑެތި ބޭފުޅުން އަޅުގަނޑަށް އެތެރެއިން ސިޔާސީ ހަމަލަތައް ދެއްވުން ނޫން ކަމެއް އޭރަކުވެސް ނުވިއެވެ.

އޭރުވެސް ދެއްކީ ރާއްޖޭގެ އެ ވާހަކައެވެ. މިއަދުވެސް ހަމަ އެ ވާހަކައެވެ. ޕްރޮޖެކްޓްތައް އަދިވެސް ހިންގަނީ ހިލޭ އެހީ ލިބޭ މަދު ފަހަރަކު އެއިންނެވެ. ބޮޑުބައި ލޯނުންނެވެ. ދަރަމުން މިދަނީ މުސްތަޤުބަލުގައި ބޮޑެތި މީހުންނަށް ވާން ތިބި، ދިވެހި ޢާންމުންގެ ދަރީންނެވެ.  ބަދަލެއް ނާދެއެވެ. ދެން، ދައުލަތުގެ ބޮޑެތި ބޭފުޅުން ރާއްޖެޔަށް އިންވެސްޓަރުން ހޯއްދެވުމުގެ ނަމުގައި ބޭރު ދަތުރުތައް އެބަ ކުރައްވައެވެ. އަޅުގަނޑު މިދައްކާ ވާހަކަޔަކީ، އެހެން ނުހައްދަވައި ޙަޤީޤީ އިންވެސްޓެއް ކުރައްވަން ވެއްޖެ ވާހަކައެވެ.

އެކަމަކު އަދިވެސް ފައިސާ ޗާޕު ކުރައްވަނީއެވެ. އެހެން ހެދީމައި، ދެރަ މިވަނީ ’ލައިފް ސޭވިންގްސް‘ އިން ދިރިއުޅޭ މުސްކުޅީންނަށާއި ފިކްސްޑް މުސާރައިގައި އުޅޭ މީހުންނަށެވެ. އިންފްލޭޝަން ބޮޑުވަނީއެވެ. އަސާސީ ބާވަތްތަކުގެ އަގު އަތްނުފޯރާ ހިސާބަށް ދަނީއެވެ. މިނޫން ޙައްލެއް އޮންނަން ވާނެއެވެ.

ޙައްލެއްގެ ވާހަކަ އަޅުގަނޑު ދަންނަވާފާނަމެވެ!

އަޅުގަނޑު ސަރުކާރަށް މިދަންނަވަނީ، މިރާއްޖޭގައި ޙަޤީޤީ އިންވެސްޓްމަންޓެއް ކުރައްވަން މިއަދު ބޭނުންފުޅިއްޔާ، ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރައްވާށޭ އެވެ. އެއީ ލޯނު ފައިސާއިން ކާތިބު ފެންވަރުގެ ކުދީން ތައްޔާރު ކޮށްކޮށްފައި ނެރޭ ވާހަކައެއް ނޫނެވެ. މުއްސަނދީންގެ ވިޔަފާރިތަކުގައި ހެދިގޮތެއް ހެދިގެން އުޅޭނޭ ’އަޅުން‘ ތައްޔާރު ކުރައްވާށެކޭވެސް ނޫނެވެ.

ރާއްޖޭގެ ޒުވާނުންނަށް އިންވެސްޓް ކުރައްވަން އަޅުގަނޑު މި ހުށައަޅަނީ، މިނިވަންކަމާއި، ދުރުވިސްނުމާއި، ކެރުމާ އެކު، އަމިއްލަ ވިޔަފާރިތަކާއި އިޤްތިޞާދީ އެހެނިހެން ޙަރަކާތްތައް އަމިއްލަޔަށް ހިންގައިލެވޭވަރުގެ ކުޅަދާނަ ޒުވާނުން ތައްޔާރުކުރަން އިންވެސްޓް ކުރާ ވާހަކައެވެ. އެފަދަ ޒުވާނުން މިހާރުވެސް ތައްޔާރު ކުރާ އަމިއްލަ އިންސްޓިޓިޔުޓް ތަކާއި، ކޮލެޖު ތަކަށް ހިތްވަރުދީ، އެ ތަންތަނަށް ހަރުދަނާކޮށް އިންވެސްޓް ކުރާ ވާހަކައެވެ. އެފަދަ ކޯސްތަކުގައި ބައިވެރިވާ ޒުވާނުންނަށް ހިތްވަރު ދީ،  ’އިންސެންޓިވައިޒް‘ ކުރާ ވާހަކައެވެ. ބޮޑެތި ހައެއްކަ މަހުޖަނުންގެ ނޯކިރީ ގުލާނުކުރުން ނޫން މަގެއް ނެތިފައި އެ ތިބަ އެތަކެއް ޒުވާނުންނަށް އެމީހުންގެ މިނިވަންކަމާއި، އުފެއްދުންތެރިކަމަށް ޖާގަ ދޭ ވާހަކައެވެ.

އަޅުގަނޑު މި ހުށައަޅަނީ، އަމިއްލަ ވިޔަފާރި ފަށައިގެން ހިންގަން ބޭނުންވެފައި މިހައިރުވެސް ތިބި އެތަކެއް ޒުވާނުންނަށް ރާއްޖޭގެ މާލީ ނިޒާމުން އެހީވާން ވެއްޖެ ވާހަކައެވެ. ރާއްޖޭގެ ބެންކުތަކުން މިހާރު މި ގެންގުޅޭ ބައެއް ދެކޮޅުނުޖެހޭ އުޞޫލުތައް އުވާލާށޭއެވެ. މަހުޖަނުންނާއި ފައިސާވެރީންނަށް ލުއި އިންޓަރެސްޓުގައި ލޯނާއި އޯވަރޑްރާފްޓް ދީފައި، ނުފޯރާ މީހާ ގޯތިގެދޮރު ރަހުނުކޮށްގެން އިންތިހާޔަށް ބޮޑު އިންޓަރެސްޓުގައި، އެވެސް ރުހިވަޑައިގެންފިއްޔާ، ދެއްވާ އުޞޫލު ބަދަލުކުރައްވަން ވެއްޖެ ވާހަކައެވެ. ރަހުނު ކުރާނޭ އަމިއްލަ ގޯތިގެދޮރު ނެތް، އެކަމަކު ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިކަން އަމިއްލަ ބުރަ މަސައްކަތުން ހޯދައިގެން ތިބި އެތަކެއް ޒުވާނުން އެމީހުންގެ ވިޔަފާރިތައް ފަށަން ބޭނުންވާ ’އިނީޝަލް އިންވެސްޓްމަންޓް‘ ރަހުނަކާ ނުލައި، އެއްޗަކަށް ވާ ގޮތަށް ބޮޑު ޢަދަދުން ދެއްވާށޭއެވެ. މިހާރު ދޭގޮތަށް ނަމަކަށް ނޫނޭއެވެ.

އަޅުގަނޑު މި ހުށައަޅަނީ، ޒުވާނުން ކޮންމެ ކަމެއް ކުރަން ވިޔަސް މަހުޖަނުންގެ ފައިދޮށަށް ސަލާންޖަހާ ނާށިގަނޑު ހިފައިގެން ދާން ނުޖެހޭ ވަރު ޒުވާނުންނަށް ކޮށްދެއްވާށޭއެވެ!

މިއަދުގެ ކެރޭ، ހުނަރުވެރި، އަމިއްލަ ކަށީގެ މަދުން ހިތްވަރު ނެރެގެން ޙަޤީޤީ ޤައުމީ ޚިދުމަތަށް ނިކުންނަން ތައްޔާރަށް ތިބި ޒުވާން މުޥާޠިނުންނަށާއި ތަޢުލީމީ މުއައްސަސާތަކަށް މިދެންނެވި ކަންކަން ފަހި ކޮށްދެއްވައިފި ނަމަ، ’ރާއްޖޭގައި އިންވެސްޓްކުރާނޭ ބަޔަކު ހޯއްދަވަން، ބޮޑުޚަރަދުގައި ތިޔަ ކުރައްވާ ދަތުރުފުޅުތައް ކުރައްވާކަށް ދެން ޖެހިވަޑައެއް ނުގަންނަވާނެއެވެ. މިރާއްޖޭގެ ކެރޭ ޒުވާން ދަރީން އަމިއްލަޔަށް އެކަން ކުރާނެއެވެ. އިންވެސްޓްމަންޓް އަމިއްލަޔަށް ހޯދާނެއެވެ. ރާއްޖޭގެ އެންމެނަށް ފައިދާވާ އެތައް ކަމެއް އަލުން އާރާސްތުކުރާނެއެވެ. ނަތީޖާ ނެރެމުން ކުރާނެއެވެ. އެއީ ޔަޤީން ކަމެކެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.