Support Us

ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުޞަތަށް ކުރިމަތިލި ފަރާތްތަކާ މިއަދު ވަނީ ބިން ހަވާލުކޮށްފައެވެ.

ރަށްވެހި ދަނޑުވެރިކަން ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަޙައްދު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ހަފުލާގައި މިނިސްޓަރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ވޭރާ ހާކިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ތިން ގިންތިއަކަށް ބަހާލައިގެން ތިން ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ވަނީ ހޮވައިފައެވެ. އެއީ އަންހެނުންނަށް ޚާއްޞަ ކެޓަގަރީ އާއި ޒުވާނުން/ ނުކުޅުދުންތެރިކަމެއް ހުންނަ ފަރާތްތައް އަދި އެހެނިހެން ކެޓަގަރީއެވެ. ހުޅުމާލެ ނެއިބާހުޑް ތިނަކުން ޖުމްލަ 19.8 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މި ފުރުޞަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗް.ޑީސީއާ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫޢެކެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު ބޭނުމަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށާއި މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތައް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް19ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫޢުގެ އެއް މަޤްޞަދު ކަމަށް އެޗް.ޑީސީން ބުނެއެވެ.

"އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާ ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސާރޗް އެންޑް އެގްރިކަލްޗަރ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގިފައެވެ." އެޗް.ޑީސީން ބުނެއެވެ.

މި މަޝްރޫއަކީ އެޗް.ޑީ.ސީ އާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ. އަދި މި މަޝްރޫއަށް ލިބުނު ތަރުހީބާ އެކު މި މަޝްރޫޢު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އޭރިއާއެއް އަދި މިފަދަ ބިންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެޗް.ޑީސީން ބުނެއެވެ.

"މީގެ އިތުރުންވެސް ހުޅުމާލޭގެ މާސްޓާރ ޕްލޭން އެކުލަވާލެވި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވާއިރު، މި ފަދަ ތަންތަނަކީ ވެސް ރިވިއުކުރެވި ޕްލޭން ބަދަލުކުރުމުގެ މަސައްކަތް ދަނީ މި ކުންފުނީގެ ފަރާތުން ކުރެވެމުންނެވެ. މިގޮތުން މިފަދަ ސަރަޙައްދުތަކުން ވީހާވެސް ގިނަ ފަރާތްތަކަކަށް ފައިދާ ކުރާނެ ކަންތައްތައް ހިމެނިގެން ޕްލޭން ބަދަލު ކުރެވިގެން ދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް