ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުންނާއި ވަފްދުގެ ޝަރަފުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރީއްކޮޅެއްގައި އެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފިއެވެ. މި ފަރިއްކޮޅު ބާއްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ގެކޮޅުގައެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަައިގެންނެވީ އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި މާދަމާއެވެ. ތަޤްރީރުކުރައްވާނީ ދިވެހި ބަހުންނެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގެ ތެރޭގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ޙަރަކާތްތަކުގެ ތެރެއިން ބާއްވާ އެކިއެކި މަތީ ފަންތީގެ ރަސްމިއްޔާތުތަކުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.