...

Support Us

އިޓަލީގައި އުޅެމުން އައި 44 އަހަރުގެ ދިވެހި ފިރިހެނެއް ދަންޖައްސައި މަރާލައިފައި ހުއްޓާ ފެނިއްޖެ

01:10

އިޓަލީގައި ދިރިއުޅެމުން އައި 44 އަހަރުގެ ދިވެހި ފިރިހެނެއް، މަރާލައި، އޭނާގެ ގޭގައި ދަންޖައްސައިފައި ހުއްޓައި އިއްޔެ ފެނިއްޖެއެވެ.

އިޓަލީ މީހަކާ ކައިވެނިކޮށްގެން އުޅޭ ހދ. މާވައިދުއަށް އުފަން (މިހާރު ހދ. ނޮޅިވަރަންފަރުގައި ދިރިއުޅޭ) އިމާދު މަހުމޫދުގެ ކޮއްކޮ މިއަދު ބުނީ އިމާދުގެ މަރުގެ ހަބަރު ދިނީ މިވަގުތު ނޮޅިވަރަންފަރުގައި ހުރި އިމާދު އަންހެނުން ފޯނުން ގުޅައިފައި ކަމަށެވެ.

"ބޭބެގެ އަންހެނުންނާއި (ބޭބެގެ) ބަފައިބެ މިވަގުތު ތިބީ ނޮޅިވަރަންފަރުގައި. ރަށުގައި (ހަ ކޮޓަރީގެ) ގެސްޓް ހައުސެއް ހަދައިގެން އެތަން ނިންމުމުގެ މަސައްކަތްކުރަމުން ދަނީ. ބޭބެ ރަށުގައި ހުރެފައި މި އަހަރުގެ މޭމަހު އިޓަލީއަށް އެ ދިޔައީ،" އިމާދުގެ ކޮއްކޮ މޫސާ ފަތުހީ "އަދިވެސް"އަށް ކިޔައިދިނެވެ. އިޓަލީ ޕާސްޕޯޓުވެސް އޮންނަ އިމާދު، އިޓަލީގައި އިމާދު ވަކި ވަޒީފާއެއް އަދާނުކުރާ ކަމަށް ވެސް ފަތުހީ ބުންޏެވެ.

ފަތުހީ ބުނީ ފަހަރި އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ އަށް ފޯނުކޮށްފައި، ބޭބެ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވާ ކަމަށް، ފަހަރީގެ މަންމަ ގުޅައިފައި އެންގި ކަމަށް ބުނުމުން ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ.

"(ފަހަރި ބުނި) ބޭބެގެ ފޯނުވެސް އޮތީ ފުނޑުފުނޑުކޮށްލައިފައޭ. އެކަމަކު އެއްވެސް އަނިޔާއެއް ކޮށްފައި ހުރި ކަމަކަށް ނުބުނޭ،" ފަތުހީ ކިޔައިދިނެވެ. އިމާދު ދަންޖައްސައިފައި ހުރީ ގޭގެ ބަގީޗާތެރޭގައި ކަމަށްވެއެވެ.

ފަތުހީ ބުނީ ބޭބެ މަރުގެ ހަގީގަތް ހޯދަން ބޭނުންވާ ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ކަމަށާއި ބޭބެގެ ފޮޓޯތައް ވެސް ބޭނުން ކަމަށް ފަހަރި ގާތުގައި ބުނެފައިވާ ކަމަށެވެ. އަދި ޖަނާޒާގެ ކަންތައް ބާއްވަން ހަށިގަނޑު މާލެ ގެންނަން ބޭނުން ކަމަށްވެސް ފަހަރި ގާތުގައި ބުނެފައިވާ ކަމަށެވެ.

ބޭބެގެ ކުއްލި މަރާ ގުޅިގެން ދިވެހި ސަރުކާރަށް އެކަން އެންގުމަށްޓަކައި، ފޮރިން މިނިސްޓްރީ އަށް އެތައް ފަހަރަކު ގުޅައި، މޭއިލްކޮށްފައިވާ ކަމަށާއި މެންދަމުން އަލިވެ އެކެއް ޖެހުމާ ހަމައަށްވެސް ފޮރިން މިނިސްޓްރީގެ ހަބަރެއް ނުވާ ކަމަށް ފަތުހީ ބުންޏެވެ.

"މިކަމުގައި ސަރުކާރުގެ އެހީތެރިކަން ހޯދަން ވަރަށް މަސައްކަތް ކުރެވިއްޖެ. އަދި އަލިމަގެއް ނުފެނޭ،" ފަތުހީ ބުންޏެވެ.

ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި ފަހުން ސަފާރީއެއްގައި މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ގުޅުން ބަދަހިވެ އިޓަލީގެ ސިންޒިއާ ގުއޭރާއާ އިމާދު ކައިވެނިކޮށްގެން އުޅޭތާ އަށެއްކަ އަހަރު ވެދާނެ ކަމަށް ފަތުހީ ބުންޏެވެ. އެ މީހުންގެ އެއްވެސް ކުއްޖަކު ނެތެވެ.

ފަތުހީ ބުނީ އިޓަލީގެ ލޫގޯގައި އުޅޭ އިމާދު ބުރާސްފަތި ދުވަހުގެ ރޭ ވެސް ފޯނުން ގުޅައިގެން މަންމައާ ވާހަކަ ދެއްކި ކަމަށާއި ވަރަށް އަވަހަށް ރާއްޖެ އަންނަ ވާހަކަ ބުނި ކަމަށެވެ. އަދި ފެމިލީ ވައިބަރ ގްރޫޕުގައިވެސް އަބަދުވެސް އިމާދު ވާހަކަ ދައްކައި ފޮޓޯތަކާއި ވީޑިއޯތައް ލާ ކަމަށާއި ބުރާސްފަތި ދުވަހުވެސް ވާހަކަ ދެއްކި ކަމަށެވެ.

"އެއްވެސް ކަހަލަ އެބްނޯމަލް (ތަފާތުކަމެއް) ފާހަގައެއް ނުކުރެވޭ. ހަމަ ވަރަށް ހަމަޖެހިފައި ހުރީ،" ފަތުހީ ބުންޏެވެ.

އިމާދަކީ އެއްބަނޑު އެއްބަފާ ފަސް ބެއިންގެ ތެރެއިން ދެވަނަ ކުއްޖާއެވެ. ފަތުހީ އަކީ ތިން ވަނަ ކުއްޖާއެވެ. މަންމައާއެކު ފަތުހީ ދިރިއުޅެނީ މާލޭގައެވެ.

"މަންމައަށް އެ ޚަބަރު ލިބިގެން ވަރަށް ކަންތައް ބޮޑުވި. އިމަޖެންސީގައި އައި.ޖީ.އެމް.އެޗަށް ގެންގޮސް ފަރުވާދޭން ވެސް ޖެހުނު. އެކަމަކު މިހާރު ގޭގައި އޮތީ،" ފަތުހީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް