ލ. މާވަށު ކައުންސިލް އިދާރާގެ މުވައްޒިފުންގެ އިދާރީ އަދި މެނޭޖްމަންޓްގެ ހުނަރު އިތުރުކޮށް ތާޒާކުރުމުގެ ޕްރޮގްރާމެއް ހިންގައި، ބައިވެރީންނަށް ހަނދާނީ ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނުގައި މާވަށުގައި ހުރި އެހެން އިދާރަކުގެ މުވައްޒިފުންނަށް ވެސް ވަނީ ފުރުޞަތު ދީފައެވެ.
މި ސެޕްޓެންބަރު މަހު 15 އިން 16 އަށް ހިންގި މި ޕްރޮގްރާމުގެ ބައިވެރީންނަށް ހަނދާނީ ސެޓްފިކެޓް ދެއްވީ މާވަށުގެ ކައުންސިލްގެ ރައީސް އަޙުމަދު މޫސާއާއި ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް އަބޫބަކުރެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައި ވަނީ އިދާރީއްޔަތުގެ ދާއިރާއާއި ތަދުބީރުކޮށް ރާވައި ހިންގުމުގެ ދާއިރާއިން މުވައްޒިފުންނަށް ބޭނުންވާނޭ ބައެއް މަޢުލޫމާތެވެ. މަޢުލޫމާތު ދެއްވީ ކިޔަވައިދިނުމުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދިވެހީންނެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން ކައުންސިލްގެ ރައީސް ބަޔާންކުރެއްވި ގޮތުގައި މިއީ މުވައްޒިފުންގެ ހުނަރުވެރިކަން ތާޒާކުރުމުގެ ގޮތުން ހިންގާ ހަމަޖެހިފައިވާ ޕްރޮގްރާމްގެ ފުރަތަމަ ތަމްރީނެވެ. މި ފަދަ ތަމްރީނުތައް ކުރިއަށް އޮތް ތާނގައި މަދުވެގެން އަހަރަކު އެއް ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



advertisment