Support Us

"ނޮޅިވަރަންފަރު ޔޫތު ޑިވްލޮޕްމަންޓު" ގެ ފަރާތުން ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކުރަނީ

ނޮޅިވަރަންފަރު ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ސިއްހީ މަރުކަޒަށް ފޭސް މާސްކާއި ސެނިޓައިޒަރ ހަދިޔާކޮށްފި

ހދ. ނޮޅިވަރަންފަރުގައި ކޮވިޑް19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހިލޭސާބަހަށް މަސައްކަތްކުރާ އެ ރަށު ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ނޮޅިވަރަންފަރު ސިއްހީ މަރުކަޒަށް ފޭސްމާސްކާއި ސެނިޓައިޒަރ މިއަދު ހަދިޔާކޮށްފިއެވެ.

"ނޮޅިވަރަންފަރު ޔޫތު ޑިވްލޮޕްމަންޓު" ނުވަތަ އެން.ވައި.ޑީގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 2،000 ސާޖިކަލް މާސްކާއި 12 ފޭސް ޝީލްޑާއި އިންފްރާރެޑް ތަމޯމީޓަރަކާއި 5 ލިޓަރުގެ ސެނިޓައިޒަރ ފުޅިއެކެވެ.

މި ތަކެތި އެން.ވައި.ޑީގެ ފަރާތުން ހަވާލުކޮށްދިނީ އެ ޖަމިއްޔާގެ މެމްބަރުން ކަމަށްވާ އަހުމަދު ޝާމިން (ޝާންޓޭ) އާއި އަހުމަދު އިބްރާހިމު (ގާބިލް އަހުމަދު) އެވެ. ސިއްހީ މަރުކަޒުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން އަފީފެވެ.

އެން.ވައި.ޑީގެ ރައީސް މުހައްމަދު އަލީ (ޕެލޭ) މިއަދު ވިދާޅުވީ ޖަމިއްޔާގެ ފަރާތުން މި ތަކެތި ސިއްހީ މަރުޒަކަށް ހަވާލުކުރީ ކޮވިޑްގެ ހާލަތަށް ބަލާއިރު އެ ސާމާނަކީ ސިއްހީ މަރުކަޒަށް މިވަގުތަށް އެންމެ ބޭނުންތެރި ތަކެތި ކަމަށްވާތީ ކަމަށެވެ.

"މި ހާލަތުގައި މި ޖަމިއްޔާގެ ފަރާތުން ރަށަށް ދެވޭނީ ކޮން ކަހަލަ އެހީތެރިކަމެއްތޯ ބެލިއިރު (ޖަމިއްޔާގެ) ގިނަ މެމްބަރުންނަށް ފެނުނީ ސިއްހީ މަރުޒަކަށް މި ތަކެތި ހަދިޔާކުރަން،" އާބާދީގައި ދެ ހާހެއްހާ މީހުން ހިމެނޭ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ ޕެލޭ ވިދާޅުވިއެވެ. "މި ޖަމިއްޔާއަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިވާ ޖަމިއްޔާއެއް. އަދަބުވެސް ކުރާ ކަމެއް މިއީ."

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން އެ ރަށުގައި މިވަގުތު ޕޮޒިޓިވް 30 ކޭސް އެބަތިއްބެވެ.

ދެހާސް ހަވަނަ އަހަރު އުފެދުނު އެން.ވައި.ޑީ ވަނީ، ނޮޅިވަރަންފަރުގެ ޒުވާނުންނާއި ތައުލީމާއި ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅޭ އެކި ކަންކަމުގައި ފާއިތުވި ދޮޅަހަކަށް އަހަރު ދުވަހުގެ ތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *