Support Us

ތަރައްގީގެ މަރުހަލާތަކުގައި ގައުމުތައް ކަޑައްތުކުރާ "ބަތަލުންގެ ދައުރު"

އިހުގެ ބައެއް ދިވެހި ލިޔުންތައް ބަލަމުންދަނިކޮށް ފެނުނު އިބާރާތެކެވެ. "ބަތަލުންގެ ދައުރު" މި އިބާރާތެވެ. ލިޔުންތެރިޔާގެ ލިޔުމުގައި ބަލާލެވިފައިވަނީ މަރްހޫމު އަމީން ދީދީގެ ވެރިކަން ނިމި ދިޔަގޮތުގެ މައްޗަށެވެ. އަދި ލިޔުންތެރިޔާ ދެކިލެއްވި ގޮތުގައި، މަރްހޫމު އަމީން ދީދީގެ ވެރިކަމުގެ ދައުރު ރަމްޒުކޮށްދެނީ، ތަރައްގީގެ މަރުހަލާގައި ރާއްޖެއަށް ވެސް "ބަތަލުންގެ ދައުރު" އައިސްފައިވާ ކަމެވެ. އާދެ، އެ ދީދީގެ ވެރިކަން ނިމިދިޔުން ތަމްސީލުކޮށްދިނީ، ތަރައްގީގެ މަގުގައި ރާއްޖެއަށް ވެސް މި ނަންގަތް "ބަތަލުންގެ ދައުރު" އައިކަމެވެ.

ވާހަކައައިގެން ކުރިއަށް ދިޔުމުގެ ކުރިން، ބަތަލުންގެ ދައުރަކީ ކޮބައިތޯ ބުނެ އޮޅުންފިލުވައިދޭން ޖެހެއެވެ. އެ ލިޔުންތެރިޔާ ލިޔުއްވާ ގޮތުގައި ތަރައްގީގެ މަގުގައި ގައުމުތައް ފިޔަވަޅު އަޅަމުންދާ އިރު، ވަކި މަރުހަލާއެއްގައި، ނުވަތަ ވެރިކަމުގެ ވަކި ދައުރެއްގައި ނޫނީ ދައުރުތަކެއްގައި ތަރައްގީގެ ރޮނގުން ކުރެވޭ ހުރިހާ ރަނގަޅު ކަމަކާއި ހުރިހާ ނުބައި ކަމަކީ އެވަގުތު ވެރިކަމުގެ ލަގަން އޭނާގެ އަތުގައި އޮންނަ ލީޑަރަކަށް، އިސްވާރަކަށް، ޚާއްސަވެގެންވާ ކަންކަމެވެ. އާދެ، އޭނާއަކީ ގައުމުގެ ބަތަލަށްވީމައެވެ. ވެރިކަމުގައި ހުންނަ ދުވަސް ވަރު، ކުރެވޭ ހުރިހާ ރަނގަޅު ކަމެއްގެ ރީތި ނަން ޚާއްސަވަނީ އޭނާއަށެވެ. ވެރިކަމުގެ ބާރާއި އިޚްތިޔާރު އޭނާގެ އަތްމަތީ އޮތްހާ ހިނދަކު ރައްޔިތުން ތިބެނީ ހަމްދުސަނާކިޔައި އޭނާއަށް ތައުރީފާއި ޚުޝާމަދު ކުރުމުގައެވެ. އާދެ، "ލީޑަރު ތަސްބީހަ" ކިޔުމުގައެވެ. އޭނާގެ ވެރިކަން ނިމުމަކަށް އައިސް، އޭނާގެ އާރާއި ބާރު ނެތި ދިޔުމުން، އޭނާ ބަދަލުވަނީ ޝިއްރީރަކަށެވެ. އިންތިހާއަށް ނުބައި ނުލަފާ ޝައިތޯނަކަށެވެ. ދެން އޮންނަނީ އޭނާއަށް އެއްޗެހި ކިޔުމުވެ. ހަޑިހުތުރު އެއްޗެހި ކިޔުމުވެ. ބައެއް ފަހަރު އަޚުލާގީ މިންތަކުން ބޭރުވެ ތިބެ ވެސް މެއެވެ. މި ހަގީގަތް ދިވެހި ޅެންވެރިޔަކު މިފަދައިން ބަޔާންކުރައްވައެވެ. ކުރީ އިޝާރަތްކުރި ލިޔުމުން އެ ފަށުވި ޅެންބައިތު ނަކަލުކޮށްލާނަމެވެ.

ހުންނަ މަތިވެރި ބަސްތަކުން އަމުނާލެވޭ މާފަތިތަކޭ
*ހުންނައިރު މަތިވެރި މަގާމެއްގައި ކަރަށް އުކެމުން ދަނީ

އޮއްސެމުން ދާއިރު ނަސީބުގެ ވިދަވިދާ ހުރި ތަރިތަކެއް
*އޮއްސެމުން، ނެތުމުން، ހަނދާނުން ކުރި ރަނގަޅު ކަންތައް ދަނީ

އާދެ، ދެންމެ އޮޅުންފިލުވައިދެވޭތޯ ބެލި ބަތަލުންގެ ދައުރަކީ ކޮބައިކަން މި ދެ ޅެންބައިތުގައި ޚުލާސާކޮށްލެވިފައި ވެއެވެ. އެ ދައުރެއްގައި ކުރެވޭ ހުރިހާ ރަނގަޅު ކަމަކާއި ނުބައި ކަމެއް ޚާއްސަވަނީ ވެރިޔާއަށެވެ. ވެރިކަމުގައި ހުންނައިރު ފާހަގަކުރެވެނީ ހުސް ރަނގަޅު ކަންކަމެވެ. ވެރިކަން ނިމުމުން، ފެނި ފާހަގަ ވަނީ ހުސް ނުރަނގަޅު ކަންކަމެވެ. މި ލިޔުންކޮޅުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މަރްހޫމު އަމީން ދީދީއަށް ފަހު، ހަތަރު ފަސް ވެރިކަން ނިމިދިޔައިރު ވެސް، އަޅުގަނޑުމެންނަށް ތަރައްގީގެ ބަތަލުންގެ ދައުރު ކަޑައްތު ނުކުރެވޭކަމެވެ.