Support Us

"ގަވް ޑޮޓް އެމްވީ މެސެޖު": ރައްޔިތުންނާއި ސަރުކާރާ ދެމެދު ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ވެގެންދާނެ

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތާއެކު ލިބޭ އެންމެ ބޮޑު ފަސޭހައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުންކަމުގައެވެ. އަދި މި ޚިދުމަތަކީ ރައްޔިތުންނާއި ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް ކަމަށެވެ.

މި ޚިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ޢާންމު ރައްޔިތަކު ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުމާއި ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި އަދި އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލޭނެގޮތަށް ހަމަޖެހިފައި އޮތުން ފަދަ ފައިދާތައް ހިމެނެއެވެ. މި ޚިދުމަތާއެކު އިދާރާތަކަށް ކުރާނެ ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިޓީ ބަދަލުކުރުމުގެ ނިޒާމު، ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ތެރެއިން ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ގޮތްވުމާއި ސިޓީ އާއި ޝަކުވާ ހުށަހަޅަން އޮފީހުގެ ކައުންޓަރަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭ ގޮތްވުމާއި ރައްޔިތުން ހުށަހަޅާ ސިޓީ/ޝަކުވާ ފަދަ ލިޔުންތައް މެނޭޖްކުރަން ފަސޭހަވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ މި ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރަންޖެހޭ ކަމުގައެވެ. މި ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވި އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ޤާއިމުކުރެވޭނެއެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާއިރު، ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަންކަމުގެ ތަފްޞީލުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތާއެކު ޤާނޫނީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަމަށެވެ. ހަމަ އެއާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް ފަރުމާ ކުރަމުން އަންނަކަމަށާ، ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށް ޤައުމު ގެންދިއުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި  ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެންސީއައިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *