Support Us

މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރ. މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބިންފުރިފައިވުމާއިއެކު ދިމާވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ރަށުގެ އުތުރު ފަރާތުގެ ބަނދަރު މަރާމާތުކުރުމާއި، ދެކުނުފަރާތު ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭނެ ގޮތް ހެދުމާއި، ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާއި، އައިސް ޕްލާންޓް ބޭނުންކުރުމުގައި ދިމާވެދާނެ މައްސަލައިގެ އިތުރުން، ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، ރ. މަޑުއްވަރީ އިޙްތިޞާސްގެ ތެރެއަށް އުފުލަންދޫ އިތުރުކުރުމާއި، ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ނެތުމުން ދިމާވާ ދަތިތައް ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއް ނެތުމުން ދިމާވާ ދަތިތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އަދި، މިގޮތުން މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމުކޮށްދެއްވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ސަރުކާރުން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި، މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީ ސްކޫލްގައި އަލަށް ޢިމާރާތްކުރި މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *