Support Us

ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރ. ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޕްރޮޖެކްޓަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމާއި ފުޓްބޯޅަ ދަނޑުތަރައްޤީކުރުމަށް ބޭނުންވާކަމާއި، އައިސްޕްލާންޓް އަދި އޭޓީއެމްގެ ޚިދުމަތްފަދަ ކަންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ ބާރާއި އިޙްތިޔާރުގެ ބޭނުންހިފައި ރަށުގެ ތަރައްޤީއަށް މަސައްކަތްކޮށްދިނުމަށާއި ސަރުކާރުން ރަށުގެ ތަރައްޤީއަށް ހިންގާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކައުންސިލުން އެ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި އެފަދަ ޚިދުމަތްތަކާއި ޕްރޮޖެކްޓްތައް ކައުންސިލުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ އެލަވަންސް ބޮޑުކުރައްވަން ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ތަކުރާރު ކުރައްވާފައެވެ.

 

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްގެތީމުގައި ހުންނަ ބައެއް އާސާރީ ތަންތަން ކަމުގައިވާ އިހުގެ ދެ ޒިޔާރަތަކާއި މިސްކިތެއްގެ ވަޅާ އަދި އާސާރީ ވަޅެއް ބައްލަވާލައްވައިފައެވެ. ރަސްގެތީމަކީ ފޯކްލޯތަކުގައި ވާގޮތުން ކޮއިމަލާ ރަސްގެފާނު އެންމެ ފުރަތަމަ ފައިބާވަޑައިގެންނެވި ރަށެވެ. އަދި އެ ރަށުން އެކިދުވަސްވަރު ވަނީ ކުރީގެ އާސާރީ ބައެއް ތަކެތިވެސް ނަގާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *