Support Us

އެކަށީގެންވާ ދިވެއްސަކު ވަޒީފާއަށް އެދިފައި ވަނިކޮށް ބޭރު މީހަކު ގެނައުމުގެ ފުރުޞަތު ނުދޭނަން: ރައީސް

ވަޒީފާ ބޭނުންވެގެން ޖޮބްސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާނުދީ އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ގެނައުމުގެ ފުރުޞަތު މުސްތަޤްބަލުގައި ސަރުކާރުން ނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ. އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޖޮބްސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ޤާއިމުކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް ސެންޓަރު ޤާއިމުކުރެވޭނެ ރަށަކީ އަލިފުށިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަޤްބަލުގައި ދަށްކުރުން ކަމަށެވެ. އެގޮތުން ވަޒީފާތަކަށް ބޭރުމީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެެއް ހޯދިފައިވާކަން ފާހަގަކުރައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56،000 މީހުންނަށް ރާއްޖޭގައި ވޯކް ޕާމިޓް ދީފައިވާ ކަމަށާއި ނަމަވެސް މި 2021 ވަނަ އަހަރުގެ ފުރަތަމަ ހަތްމަސް ނިމުނުއިރު ސަރުކާރުން ވޯކް ޕާރމިޓް ހުއްދަދީފައި ވަނީ 8،900 މީހުންނަށްކަން ފާހަގަކުރެއްވިއެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޮބް ސެންޓަރުގެ އެޕްލިކޭޝަންވެސް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަލިފުށީ ކައުންސިލާ ދެމެދު ސޮއިކުރެވުނެވެ.

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލްމަހު ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ޚިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތަޢާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައްވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަޤްބަލުގައި ފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް