Support Us

މާއުނގޫދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

ށ. މާއުނގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުމުގައި، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބަލައިގަންނަ ކަމަށާއި، މަޝްރޫޢުތައް ހިންގުމުގައި ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އެ ރަށު ކައުންސިލުން ދެއްވާނެކަމުގައި ކައުންސިލުން ބުނި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މާއުނގޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، ފެނަަކަ އިންޖީނުގެ އޮފީސް އިމާރާތްކުރުމާއި، ބަނދަރުގެ މައްސަލައާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ނުފެށި ލަސްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، މާއުނގޫދޫ ގިރާސަރަޙައްދު ހިމާޔަތްްކުރުމާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި އަދި މޫދަށް އެރޭ ސަރަޙައްދަކާއި، ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ޚާއްޞަ ސަމާލުކަމެއްދީގެން ޢަމަލީ މަސައްކަތް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާއުނގޫދޫ ސްކޫލަށް ޒިޔާރަތްކުރައްވާ އެ ސްކޫލުގެ ދަރިވަރުންނާއެކު ވަގުތުހޭދަކުރައްވާފައެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ސްކޫލްގެ ޓީޗަރުންނާ ބެލެނިވެރިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ވަޢުދުކަމުގައިވާ މީހުން ބިނާކުރުމުގެ ޒިންމާ އަދާކުރައްވާ އެއްފަރާތަކީ ޓީޗަރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް