އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. އިރުވައި، މުޙައްމަދު ޢާޞިފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަން ކުރައްވައިފިއެވެ.
ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މުޙައްމަދު ޢާޞިފް ޢައްޔަން ކުރެއްވީ މިއަދުއެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މުޙައްމަދު ޢާޞިފާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، މުޙައްމަދު ޢާޞިފް ކުރެއްވިއެވެ. މުޙައްމަދު ޢާޞިފްއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މުޙައްމަދު ޢާޞިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.



advertisment