އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ.ގުރުވަ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މި މަޤާމަށް ޢާހިދު ޢައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޢާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. ޢާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް ޢާހިދު ވަނީ ފުރުއްވާފައެވެ.
ޢާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ލޯ ވިތް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.



advertisment